ގޮޅާ، ބޮލިފަދަ އެއްޗެއް މަރުނުވަނީސް އަލިފާނަށް ލުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ދިރޭ އެއްވެސް އެއްޗެއް އެ އެއްޗެއް ދިރިހުއްޓާ އަލިފާނަށް ލައިގެން ނުވާނެ އެވެ. ފަހެ، އެއީ މާތް ނަބިއްޔާ صلى الله عليه وسلم ނަހީ ކުރައްވާފައިވާ ޢަމަލެކެވެ.

އެ ގޮތުން މަސް ނުވަތަ އިހި ނުވަތަ ގޮޅާ ކަމުގައިވީނަމަވެސް އެ ދިރިހުއްޓާ އެ މަރު ނުވަނީސް އަލިފާނަށް ލައިގެން ނުވާނެ އެވެ.

އޭގެ ބަދަލުގައި އެ މަރުވެ އެއިން ދިރުން ދިއުމުން އެއަށްފަހު އަލިފާނަށް ލާންވީ އެވެ. ނުވަތަ އަލިފާން ބޭނުންކޮށް އެ ފިހަންވީ އެވެ.

އެހެނަސް އޭގައި ދިރިހުރިހައި ހިނދެއްގައި އަލިފާނަށް ލައިގެން ނުވާނެ އެވެ.

މި މައްސަލައިގައި ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި رَسُولُ ﷲ صلى الله عليه وسلم އަށް ހިނިތަކެއް އަލިފާނުން އަންދާފައިވާތަން ފެނިވަޑައިގެންނެވި އެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. من حرقَ هذه ”މި އެއްޗެހި އަލިފާނުން އެންދީ ކާކުހެއްޔެވެ؟“

ބައެއް ޞަޙާބީން ދެންނެވި އެވެ. نحن ”އަހަރެމެންނެވެ.“

ޙަދީޘް ކުރެއްވި އެވެ. إنه لا ينبغي أن يعذِّبَ بالنارِ إلا ربُّ النارِ ”ހަމަކަށަވަރުން އަލިފާނުގެ ވެރި އިލާހު ނޫން އެހެންފަރާތެއް އަލިފާނުން ޢުޤޫބާތް ދީގެން ނުވާނެ އެވެ.“ صحيح أبي داود 5268

ހަމަ އެފަދައިން އެއީ އެއްގަމުގައި ދިރިއުޅޭ ސޫފާސޫފި ކަމުގައިވީނަމަވެސް، އެތަކެތި މަރަން ހުއްދަ ޙާލަތުގައި މެރުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެނަސް މަރަން ޖެހިއްޖެހިނދުވެސް އަލިފާން ބޭނުންކޮށް އެފަދައިން އެއަށް އަނިޔާ ދީގެން ނުވާނެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. “ ”މި ސޫފާ ސޫފިތަކަކީ އެއިން އިންސާނުންނަށް ގެއްލުންލިބޭ ހިނދުގައި މަރާލުން ހުއްދަވެގެންވާ އެއްޗެކެވެ. އެހެނަސް އަލިފާނުން އަންދައިގެން ނުވާނެ އެވެ.“ الفتاوى 5-301

މީހަކު ސުވާލުކޮށް ބުނެފާނެ އެވެ. ގޯޅާފަދަ ތަކެއްޗަކީ އެ މެރުމަށްޓަކައި އޭގައިވާ ހަރު ބޮލި މުގުރައިފިހިނދު، އެ ކެއުމަށް ބޭނުން ނުކުރެވޭވަރު ވެދާނެ އެއްޗެކެވެ. ވުމުން އެ މެރުމަށްޓަކައި ޢަމަލު ކުރާނީ ކިހިނެތް ހެއެްޔެވެ؟ އަދި އޭތި މޫދުން ނަގައި އެއްގަމުގައި ބޭއްވުމަކުންވެސް އެ މަރެއް ނުވެ އެވެ.

ބުނަމެވެ. މި ޒަމާނުގައި ލިބިފައިވާ އެކިއެކި ވަޞީލަތްތަކުން މިއީ ނުހަނު ލުއިވެގެންވާ ކަމެވެ. ސަބަބަކީ ފްރިޖްފަދަ އެއްޗެއްގެ ގަޑު ކުރާ ބަޔަށް އެ ލުމުން އެއެއްޗެއް މަރުވާނެ އެވެ، މަރު ވުމުން އެ ނަގައި އަލިފާނަށް ލުމަކުން މައްސަލެއް ނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply