|

މީހަކަށް އެހީއެއް ނުވަތަ ހަދިޔާއެއް ދިނުމަށްފަހު ހެޔޮ ދުޢާއެއް ކޮށްދިނުމަށް އެދުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

شَّيخ الإِسلام ابن تَيْمِيَّة رحمه الله ވިދާޅުވެފައިވެއެވެ.

“ފަޤީރުންގެ ކިބައިން ދުޢާކޮށްދިނުމަށް ނުވަތަ ހެޔޮ ޘަނާގެ ބަސްތަކަށް އެދެފިމީހާ މި އާޔަތުން ބޭރުވާނެއެވެ”. ﴿ إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا ﴾

މާނައީ: “ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ ﷲ ގެ ވަޖުހުފުޅަށްޓަކައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް ވެސް އަދި އެކަމަށް ޝުކުރެއް ވެސް ތިމަންމެން ނޭދެމުއެވެ”. مجموع الفتاوى 11/ 111

އަދިވެސް ابن تَيْمِيَّة رحمه الله ވިދާޅުވެފައިވެއެވެ.

“ދުޢާކޮށްދިނުމަށް އެދުމަކީ އެއީ އުޖޫރައިގެ ތެރެއަށް ވަންނާނެކަމެކެވެ. ފަހެ، ﷲ އެބަޔަކަށް ހެޔޮ ޘަނާގެ ބަސްފުޅު ޛިކުރުކުރެއްވި މީހުންނަކީ މި އާޔަތުގައި ބަޔާންކުރައްވާފައިވާ މީސްތަކުންނެވެ.

﴿ إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا ﴾ “ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ ﷲ ގެ ވަޖުހުފުޅަށްޓަކައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް ވެސް އަދި އެކަމަށް ޝުކުރެއް ވެސް ތިމަންމެން ނޭދެމުއެވެ”.

 

ދުޢާކޮށްދިނުމަކީ ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން އުޖޫރައެކެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (من أسدى إليكم معروفاً فكافئوه، فإن لم تجدوا ما تكافئونه به فادعوا له) “ތިޔަބައިމީހުންނަށް ހެޔޮކަމެއް ކޮށްދިން މީހަކަށް، އެ ހެޔޮކަމާ އެއްފަދަ ބަދަލެއް ދިނުން ހުއްޓެވެ. އެ ކޮށްދިން ހެޔޮކަމާ އެއްފަދަ ބަދަލެއް ދިނުމަށް ކުޅަދާނަ ނުވެއްޖެހިނދު އޭނާއަށް ހެޔޮ ދުޢާކޮށްދިނުން ހުއްޓެވެ”.

 

ނަބިއްޔާ ﷺ ގެ އަނބިކަނބަލުން عَائِشَة -رضي الله عنهما- ބަޔަކަށް ޞަދަޤާތެއް ހޭދަކުރެއްވުމަށް ފޮނުއްވާހިނދު، (އެ ޞަދަޤާތް ހިއްޕަވައިގެން) ގެންގޮސްދެއްވާ މީހާގެ އަރިއަހުގައި ވިދާޅުވެއެވެ.

“އެމީސްތަކުން އަހަރެމެންނަށް ކޮށްދޭ ހެޔޮ ދުޢާ އަޑުއެހުން ހުއްޓެވެ. އެއީ އެބައިމީހުން އަހަރެމެންނަށް ހެޔޮ ދުޢާކޮށްދޭ ފަދައިން އެފަދައިން އެބައިމީހުންނަށް ހެޔޮ ދުޢާކޮށްދިނުމަށް ޓަކައިއެވެ. އަދި އަހަރެމެންނަށް ލިބޭ އަޖުރު ﷲ ޙަޟުރަތުގައި ރައްކާކުރެއްވިފައިވުމަށް ޓަކައިއެވެ”.

 

އުއްމަތުގެ ބައެއް ސަލަފުއް ޞާލިހުން، އެބޭފުޅުންގެ އަރިއަހުގައި މީހަކު “بارك الله فيك” ވިދާޅުވެއްޖެހިނދު (އެމީހަކަށް) ވިދާޅުވެއެވެ. وفيك بارك الله

ފަހެ، މަޚްލޫޤަކަށް ހެޔޮކަމެއް ކޮށްދީފި މީހާ، އެ މަޚްލޫޤަކީ އެއީ ނަބިއްޔެއް، ޞާލިޙު މީހެއް، ރަސްކަލުންގެ ތެރެއިން ރަސްކަލެއް ނުވަތަ މުއްސަނދިންގެ ތެރެއިން މުއްސަންޖެއް ކަމުގައި ވީނަމަވެސް، ފަހެ، އެ ހެޔޮޢަމަލު ކުރި މީހާއަށް އަމުރު ކުރެވިގެންވަނީ އެ ހެޔޮކަން ﷲ ގެ ވަޖްހުފުޅަށް އެދި ﷲ އަށް އިޚްލާޞްތެރި ގޮތުގައި އެހެޔޮކަން ކުރުމެވެ. އެއްވެސް މަޚްލޫޤެއްގެ ފަރާތުން އެކަމަށް އުޖޫރައަކަށް އެދިގެން ނުވާނެއެވެ.

އަދި ދުޢާއެއް ކޮށްދިނުމަށް ވެސް އަދި އެ ނޫންކަމަކަށް ވެސް އެދިގެން ނުވާނެއެވެ. އެއީ ނަބިއްޔެއް ނުވަތަ ޞާލިޙް މީހެއް ނުވަތަ މަލާއިކަތެއްކަމުގައި ވީނަމަވެސްމެއެވެ.

ފަހެ، ހަމަކަށަވަރުން ﷲ އެންމެހައި އަޅުތަކުންނަށް އަމުރުފުޅު ކުރައްވާފައިވަނީ ﷲ އަށް އަޅުކަން ޚާލިޞް ކުރާ ޙާލު، ﷲ އަށް އަޅުކަން ކުރުމަށެވެ”. قاعدة جليلة في التوسل والوسيلة 6-66

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply