ޢަޒުލުކުރުން ؛ އަންހެން މީހާގެ ފަރުޖުން ބޭރަށް މަނި ދޫކޮށްލުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޢަޒުލް ކުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

ފުރަތަމައީ : ޢަޒުލް ކުރުމަކީ ކޮބައިކަމެވެ.

ފިޤުހު ޢިލްމުވެރިންގެ އަރިހުގައި ޢަޒުލް ކުރުމަކީ އެއީ، އަންހެން މީހާގެ ކުރިމަތި ފަރާތް ބޭނުންކޮށް އެއް ޚިތާނު ގުނަވަނުގެ ތެރެއަށް އަނެއް ޚިތާނު ގުނަވަން ވަދެ، އަދި މަނި ފޭބުމަށް ގާތްވާހިނދު ފިރިހެނާގެ ޚިތާނު ގުނަވަން ބޭރަށް ނެރެ އަންހެން މީހާގެ ފަރުޖުން ބޭރަށް މަނި ދޫކޮށްލުމެވެ.

ދެވަނައީ : ޢަޒުލް ކުރުމުގައި މިނިވަން އަންހެނާ އަދި އަޅު އަންހެނާ ތަފާތުވެގެންވާކަން :

މިނިވަން އަންހެނާގެ ފަރާތުން މިފަދައިން ޢަމަލުކުރުމަށް އިޒުނަ އަދި ހުއްދަ ލިބިގެން މެނުވީ ނުކުރެވޭނެ ކަމުގެ މައްޗަށް ޢިލްމުވެރިން ޢިޖްމާޢުވަޑައިގެންފައިވެ އެވެ. ސަބަބަކީ، ޖިމާޢުވެ ލައްޒަތް ޙާޞިލު ކުރުމަކީ އެ އަންހެނާއަށްވެސް ލިބިގެންވާ ޙައްޤެކެވެ.

ވުމުން، ޖިމާޢުވުމުގެ ފުރިހަމަ ލައްޒަތް ޙާޞިލްވާނީ ޖިމާޢުވުމާއެކު ޢަޒުލް ނުކުރުމުންމެވެ. އެބަހީ، ޢަޒުލްކޮށްފިހިނދު، އެންމެ ފުރިހަމަ އަދި ޖިމާޢުވުމުގައި ލިބިގެންދާ އެންމެހައި ލައްޒަތެއް ޙާޞިލްވެވޭނީ ޢަޒުލް ނުކުރުމުންނެވެ.

މިނިވަން އަންހެނާގެ ރުހުމާއި އަދި އިޛުނަ ލިބިގެން މެނުވީ ނުކުރެވޭނެކަން ބަޔާންކޮށް އިޖްމާޢު ނަޤުލު ކުރައްވާފައިވާ ޢިލްމުވެރިންގެ ތެރޭގައި، ابن عبد البر (التمهيد) ގައި، ابن هبيرة (الإفصاح) ގައި، އަދި ابن بطال (شرح البخاري) މިފަދައިން ޛިކުރު ކުރެއްވި އެވެ.

ތިންވަނައީ : މި މައްސަލައިގައި، އިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވަނި، މިނިވަން އަންހެނާގެ ކިބައިން ހުއްދަ ލިބުމަށްފަހުގައި، އެފަދައިން ޢަޒުލުކުރުމާއި މެދުގަ އެވެ.

ޢިލްމުވެރިންގެ ޚިލާފަށް ބަލާއިރު އެކި ޤައުލުތަކުގެ މައްޗަށް ބުނެވެ އެވެ.

ފުރަތަމަ ޤައުލު : ގިނަ ޢިލްމުވެރިން، އޭގެ ތެރޭގައި ގިނަ ޞަހާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުން އަދި އެހެނިހެން ޢިލްމުވެރިންވެސް ވިދާޅުވެފައިވަނީ، ޢަޒުލު ކުރުން ހުއްދަވެގެންވާ ކަމުގަ އެވެ. އެބަހީ، އެއީ މުބާޙު ވެގެންވާ ޢަމަލެއް ކަމުގަ އެވެ.

އެބޭކަލުން މިފަދައިން ވިދާޅުވެފައިވަނީ ދަލީލުތަކެއްގެ މައްޗަށެވެ.

جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا قَالَ: «كُنَّا نَعْزِلُ وَالقُرْآنُ يَنْزِلُ لَوْ كَانَ شَيْءٌ يُنْهَى عَنْهُ لَنَهَانَا عَنْهُ القُرْآنُ) ޞަޙާބީ جَابِرِ بْنِ عَبْدِ اللَّهِ ވިދާޅުވިކަމަށް ރިވާވެގެންވެ އެވެ: ގުރްއާން ބާވައިލެއްވެމުން ދިޔަ ޒަމާނުގައި އަހަރުމެން ޢަޒުލުކޮށް އުޅުނީމެވެ. އެއީ ނަހީވެގެންވާ ކަމަކަށް ވީނަމަ، ގުރްއާނުން އަހަރެމެންނަށް އެ ކަން ނަހީ ކުރީސްކަން ކަށަވަރެވެ.“ މި ޙަދީޘް އިމާމް البخاري (5208) مسلم (1440) ރިވާކުރެއްވި އެވެ.

އަދިވެސް އެބޭކަލުން މިފަދައިން ވިދާޅުވެފައިވާ ދަލީލުތަކުގެ ތެރޭގައި أَبِي سَعِيدٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُ ގެ އަރިހުން އިމާމް البخاري (2229) އަދި مسلم (1438) ރިވާކުރައްވާފައިވާ ޙަދީޘް ވެ އެވެ.

«ذُكِرَ العَزْلُ لِرَسُولِ اللَّهِ ﷺ فَقَالَ: وَلِمَ يَفْعَلُ ذَلِكَ أَحَدُكُمْ؟ – وَلَمْ يَقُلْ: فَلَا يَفْعَلْ ذَلِكَ أَحَدُكُمْ -؛ فَإِنَّهُ لَيْسَتْ نَفْسٌ مَخْلُوقَةٌ إِلَّا اللَّهُ خَالِقُهَا

”ރަސޫލު ﷲ ﷺ ގެ އަރިހުގައި ޢަޒުލު ކުރުން ޒިކުރު ކުރެވުނެވެ. ފަހެ ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”ތިޔަބައިމީހުންގެ ތެރެއިން މީހަކު އެފަދައިން ކަންކުރަނީ ކީއްވެހެއްޔެވެ؟“ -އަދި ނަބިއްޔާ ޙަދީޘެއް ނުކުރައްވައެވެ: ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު އެހެން ނަހަދާށެވެ- (އެހެނަސް ދެން ނަބިއްޔާ ޙަދީޘް ކުރެއްވީ:) ”އެހެނީ ހަމަކަށަވަރުން ޚަލްގު ކުރެއްވުމަށް އޮތް ފުރާނަތަކުގެ ތެރެއިން، ﷲ ޚަލްގު ނުކުރައްވާ (ދޫކޮށްލައްވާނެ) އެއްވެސް ފުރާނައެއް ނުވެއެވެ.“ (އެބަހީ: ﷲ ވަނީ ވުޖޫދުގައި ވާނެ ޚަލްގުތަކުން ކަނޑައަޅުއްވައި ނިންމަވާފައެވެ. އަދި އެއްވެސް މީހަކަށް އެކަން ހުއްޓުވުމަކީ އޮތް ކަމެއް ނޫނެވެ.)

މިއީ އެބޭކަލުން މިފަދައިން ވިދާޅުވެފައިވާ ބައެއް ދަލީލުތަކެވެ. އެބަހީ، ޢަޒުލު ކުުރުމަކީ ހުއްދަވެގެންވާ ކަމެއް ކަމެވެ.

މި ދަލީލުތަކުން ބަޔާންވެގެންވާ ޙުކުމަކީ ނަބިއްޔާ ﷺ  ޞަރީޙަކޮށް އެކަން ނަހީ ކުރައްވާފަ ނުވާކަމެވެ. އެހެނަސް އެކަން ދޫކޮށްލުން އަޥްލާވެގެންވެ އެވެ.

އަދިވެސް މި ޤަވްލަށް ބާރުދެނިވި އެހެން ޙަދީޘަކީ އިމާމް مسلم ޞަޙީޙުގައި 1439 ގައި ރިވާކޮށްފައިވެ އެވެ. أنَّ رَجُلًا أَتَى رَسُولَ اللهِ صَلَّى اللَّهُ عليه وَسَلَّمَ، فَقالَ: إنَّ لي جَارِيَةً، هي خَادِمُنَا وَسَانِيَتُنَا، وَأَنَا أَطُوفُ عَلَيْهَا، وَأَنَا أَكْرَهُ أَنْ تَحْمِلَ، فَقالَ: اعْزِلْ عَنْهَا إنْ شِئْتَ، فإنَّه سَيَأْتِيهَا ما قُدِّرَ لَهَا، فَلَبِثَ الرَّجُلُ، ثُمَّ أَتَاهُ، فَقالَ: إنَّ الجَارِيَةَ قدْ حَبِلَتْ، فَقالَ: قدْ أَخْبَرْتُكَ أنَّهُ سَيَأْتِيهَا ما قُدِّرَ لَهَا.

މީހަކު ރަސޫލާ ﷺ  ގެ އަރިހަށް ވަޑައިގެންނެވި އެވެ. އަދި ވިދާޅުވި އެވެ. ތިމަންނަ ގެންގުޅޭ ޖާރިޔާއެކެވެ. އެއީ ތިމަންގެ ޚާދިމެވެ. އަދި ފެންގެނެސްދޭ ފަރާތެވެ. ތިމަންނަ އެ އަންހެން މީހާއާ އެއްދާން ކުރަމެވެ. އެހެނަސް އެ ޖާރިޔާ މާބަނޑުވުމަކަށް ނޭދެމެވެ. އެހިނދު ނަބިއްޔާ ﷺ  ހަދީޘް ކުރެއްވި އެވެ. ”ތިބާ ބޭނުން ކަމުގައިވާނަމަ ޢަޒުލް ކޮށްލާށެވެ.“ ފަހެ، ހަމަކަށަވަރުން ﷲ ޤަދަރުގައި ނިޔާ ކުރައްވާފައިވާ ދަރިއެއް އެ އަންހެން މީހާއަށް ލިބޭނެ އެވެ. ފަހެ، އެމީހާ ދުވަސްތަކަކަށް ފަހުގައި އެނބުރި ވަޑައިގެންނެވި އެވެ. އަދި ވިދާޅުވި އެވެ. ތިމަންގެ ޖާރިޔާ މާބަނޑުވެއްޖެ އެވެ. އެހިނދު ނަބިއްޔާ ޙަދީޘްފުޅު ކުރެއްވި އެވެ. އެ އަންހެން މީހާގެ މައްޗަށް ﷲ ޤަދަރުގައި ކަނޑައަޅުއްވާފައިވާ ދަރިއެއް އެ އަންހެން މީހާއަށް ލިބޭނެ ކަމުގެ ޚަބަރު ދެއްވީމެއް ނޫން ހެއްޔެވެ؟

މި ޙަދީޘާއި އަދި މި ނޫން ޙަދީޘްތަކުގެ މައްޗަށް ބިނާކޮށް ޖުމްހޫރު ޢިލްމުވެރިން އަދި ގިނަ ފުޤަހާއިން ވިދާޅުވެފައިވަނީ، ދަލީލުތަކުން ބަޔާންވަނީ ޢަޒުލް ކުރުން ހުއްދަވެގެންވާ ކަމުގަ އެވެ.

މިފަދައިން ވިދާޅުވެފައިވާ ޞަޙާބީ ބޭކަލުންގެ ތެރޭގައި سعد بن أبي وقاص، ابن مسعود، أبة أيوب الأنصاري، أبي بن كعب، خباب، ابن عباس، الحسن بن علي، جابر، أنس، އަދި أبو سعيد الخدري ހިމެނިވަޑައިގަންނަވަ އެވެ.

އަދި މި ޤައުލަކީ ހަތަރު މަޛްހަބުގެ އެންމެހައި އިމާމުން أبو حبيفة، مالك، الشافعي އަދި أحمد ގެ އެއް ރިވާޔަތުގައި ބަޔާންކޮށްފައިވާ ގޮތެވެ.

މި މައްސަލައިގައި شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ޢަޒުލް ކުރުން ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ޙަރާމް ކުރެއްވި އެވެ. އެހެނަސް އެއީ އަންހެން މީހާގެ އިޛުނައާ އެކު ހުއްދަވެގެންވާކަމެއް ކަމުގައި ހަތަރު މަޛްހަބުގެ އިމާމުން ވިދާޅުވެފައިވެ އެވެ.“

މައްސަލައިގެ ދެވަނަ ޤައުލު :

ޢަޒުލު ކުރުމަކީ ކަރާހާތް (މަކްރޫހަވެގެންވާ) ޢަމަލެއް ކަމެވެ.

އެއީ ކަރާހާތްތެރިވެގެންވާ ޢަމަލެއް ކަމުގައި ނަބިއްޔާ ﷺ  ގެ ހަތަރު ޚަލީފާއިން أبو بكر، عُمر ، عُثمان، އަދި علي ވިދާޅުވެފައިވާކަމުގައި ވާރިދުވެގެންވެ އެވެ.

މި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތައް އިމާމް ابن أبي شيبة، مصنف ގައި އަދި سعيد بن منصور، سنن ގައި ޛިކުރު ކުރެއްވި އެވެ.

އަދި ހަތަރު މަޛްހަބުގެ އެހެނިހެން އިމާމުންނާއި ޚިލާފަށް، الإمام أحمد އަރިހުން ރިވާޔަތެއް މިފަދައިން ބަޔާންވެގެންވެ އެވެ.

ޢަޒުލް ކުރުމަކީ ކަރާހަތްތެރިވެގެންވާ ޢަމަލެއް ކަމުގައި އެ ބޭކަލުން ނަންގަވާފައިވާ ދަލީލިތަކުގެ ތެރޭގައިވެ އެވެ.

جذامة الأسدية بنت وهب ގެ ޙަދީޘެވެ. ހަދީޘްގައިވެ އެވެ. سألوه عن العَزْلِ فقال رسولُ اللهِ صلَّى اللهُ عليه وآلِه وسلَّم ذلك الوَأْدُ الخَفِيُّ

”ނަބިއްޔާ ﷺ  އަރިހުގައި ޢަޒުލް ކުރުމާއި މެދުގައި ސުވާލު ދެންނެވުނެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. ”އެއީ، ވަންހަނާވެގެންވާ ގޮތުގައި ދަރިއަކު ވަޅުލުމެވެ. (މެރުމެވެ.) ”

އެބޭކަލުން ވިދާޅުވި އެވެ. ޢަޒުލު ކުރުން މިވަނީ ދަރިއަކު ދިރިހުއްޓާ ވަޅުލުމާއި އެއްވަތްތަރު ކުރެވިގެންނެވެ.

އެގޮތުން، ދަރި ލެއްވުމަށްޓަކައި ﷲ ލައްވާފައިވާ ދަރިފަނި ބޭކާރުކޮށް ގެއްލުވާލުމުން އެއީ ވަންހަނާވެގެންވާ ގޮތުގައި މެރުން ކަމުގައިވުމެވެ.

އަދިވެސް މިއީ ކަރާހަތްތެރި ޢަމަލެއް ކަމުގައި އެބޭކަލުން ވިދާޅުވެފައިވާ ދަލީލިތަކުގެ ތެރޭގައިވެ އެވެ.

ޢަޒުލް ކުރާ މީހާ އެފަދއިން ޢަމަލު ކުރަނީ، ދަރިން ނުހޯދުމުގެ ބޭނުމުގަ އެވެ. މިއީ ނަސްލު ހުއްޓުވާ ލުމެކެވެ. އެގޮތުން އެއީ މަކްރޫހަވެގެންވާ ޢަމަލެއް ކަމުގައިވެ އެވެ.

އަދި މި ޢަމަލަކީ އަންހެން މީހާއަށް ލިބޭ ފުރިހަމަ ލައްޒަތުން މަޙްރޫމު ކޮށްލުވާ ކަމެއްކަމުގައިވެ އެވެ. ފަހެ، އެގޮތުންވެސް އެއީ އެދެވިގެންވާ އަދި ކުރުމަށް އޮތް ކަމެއް ނޫނެވެ.

އަދި އަޒުލް ކުރުމަކީ ދެމަފިރިން ހެޔޮ ރިވެތި ގޮތުގައި ދިރިއުޅުން ހޭދަކުރުމާއި ގުޅޭ ކަމެއް ނޫންކަމުގައި ވުމުން މި އެންމެހައި ގޮތްތަކުން އެއީ ކަރާހަތްތެރި ޢަމަލެއް ކަމުގައިވެ އެވެ.

އަދިވެސް މި ޢަމަލަކީ ކަރާހަތްތެރި ވެގެންވާ ޢަމަލެއްކަމުގައި ވިދާޅުވި ޢިލްމުގެ އަހުލުވެރިން ބަޔާންކުރެއްވި އެވެ.

ޝަރީޢަތުގައި ކައިވެނީގެ އެއް މަޤްޞަދަކީ، ދަރިން ހޯދުމެވެ. އަދި ޝަރީޢަތުގައި އެކަމަށް ނުހަނު ބާރުއަޅުވައި ހިތްވަރު ދެއްވާފައިވެ އެވެ.

ޙަދީޘްގައިވެ އެވެ. عن معقل بن يسار قال :جاء رجل إلى رسول الله  فقال: يا رسول الله إني أصبت امرأة ذات حسب وجمال ولكنها لا تلد، أفأتزوجها؟ فنهاه. ثم أتاه الثانية، فقال مثل ذلك فنهاه. ثم أتاه الثالثة، فقال مثل ذلك، فقال  : (تزوجوا الودود الولود فإني مكاثر بكم)

معقل بن يسار ވިދާޅުވި އެވެ. رسول الله ﷺ ގެ އަރިއަހަށް މީހަކު އައިސް ދެންނެވި އެވެ. ﷲ ގެ رسول އާ އެވެ. ޙަސަބާއި ނަސަބުގެ ޝަރަފުވެރި އަދި ރީތި އަންހެނެއް (ކައިވެނިކުރުމަށް) ހޯދައިފީމެވެ. އެހެނަސް އެއީ ދަރިންނުވިހާ އަންހެނެކެވެ. ފަހެ، އަހަރެން އެ އަންހެނާއާ ކައިވެނި ކުރަމު ހެއްޔެވެ؟

ފަހެ، އެހިނދު ނަބިއްޔާ ﷺ  އެކަން ނަހީކުރެއްވި އެވެ. އެއަށްފަހު ދެވަނަ ފަހަރަށް ވަޑައިގެން އެފަދައިން ދެންނެވުމުން ނަހީ ކުރެއްވި އެވެ. އަދި އެމީހަކު رسول الله ﷺ  އަރިއަހަށް ވަޑައިގެން ތިންވަނަ ފަހަރަށް އެފަދައިން ދެންނެވި އެވެ. އެހިނދު، ޙަދީޘްފުޅު ކުރެއްްވި އެވެ.

”ތިޔަބައިމީހުން ގިނަގިނައިން ދަރިންވިހާ އަދި ފިރިންދެކެ ނުހަނު ލޯބިވާ އަންހެނުންނާ ކައިވެނި ކުރާށެވެ. ފަހެ، ތިޔަބައިމީހުންގެ ޢަދަދު ގިނަކަމަށްޓަކައި (އެހެން އުއްމަތްތަކުގެ މައްޗަށް) ފަޚުރުވެރިވަޑައިގަންނަވާނެ ފަރާތެއް ކަމުގައި ހަމަކަށަވަރުން ތިމަން ނަބިއްޔާ ވާހުށީމެވެ.“

މި ޙަދީޘް އިމާމް أبو داود 2050 އަދި އިމާމް النسائي 3227 ރިވާކުރެއްވި އެވެ.

އެބޭކަލުން ވިދާޅުވި އެވެ. ޝަރީޢަތުގައި ބާރުއަޅާފައިވަނީ ގިނަގިނައިން ދަރިން ވިހާ އަންހެނުންނާއި ކައިވެނި ކޮށް، ނަސްލު ގިނަކުރުމަށެވެ. ފަހެ، ޢަޒުލް ކުރުމަކީ މި މަޤްޞަދާ ޚިލާފްވެގެންވާ ޢަމަލެއް ކަމުގައިމެނުވީ ނުވެ އެވެ.

ފަހެ، މި އެންމެހައި ސަބަބުތަކަށް ތަކައި ޢަޒުލް ކުރުން ކަރާހަތްތެރިވެގެންވެ އެވެ.

ތިންވަނަ ޤައުލު :

ޢަޒުލުކުރުން މުޠްލަޤުކޮށް ޙަރާމްވެގެންވުމެވެ. އެއްވެސް ޙާލެއްގައި ޢަޒުލް ކުރުން ހުއްދައެއް ނުވާނެ އެވެ.

މި ޤައުލަކީ އިމާމް ابن حزم ވިދާޅުވެފައިވާ ބަސްފުޅެކެވެ.

އިމާމް ابن حزم ލިޔުއްވިފޮތް، المحلى ގައި ޢަޒުލް ކުރުން މުޠްލަޤްކޮށް ޙަރާމްވެގެންވާ ކަމުގައި ވިދާޅުވެފައިވެ އެވެ.

ޢަޒުލް ކުރުން އެއީ ޙަރާމް ކަމެއްގެ ގޮތުގައި އެބޭކަލުން ދަލީލު ކުރެއްވި ޙަދީޘްތަކުގައި ވާރިދުވެގެންވާ ލަފްޟުތަކުގެ މައްޗަށް ބުރަވެވަޑައިގެންނެވެ.

އެގޮތުން، ކަރާހަތްވެގެންވާ ޢަމަލެއް ކަމުގައި ވިދާޅުވި ބޭކަލުން ނެންގެވި ދަލީލިތަކުގެ މައްޗަށް މި ޤައުލުގެ އަހުލުވެރިން މާނަ ކުރެއްވީ އެއީ ޙަރާމްވެގެންވާ މާނައިގަ އެވެ.

އެގޮތުން جذامة الأسدية بنت وهب ގެ ޙަދީޘެވެ. ހަދީޘްގައިވެ އެވެ. سألوه عن العَزْلِ فقال رسولُ اللهِ صلَّى اللهُ عليه وآلِه وسلَّم ذلك الوَأْدُ الخَفِيُّ

”ނަބިއްޔާ ﷺ  އަރިހުގައި ޢަޒުލް ކުރުމާއި މެދުގައި ސުވާލު ދެންނެވުނެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. ”އެއީ، ވަންހަނާވެގެންވާ ގޮތުގައި ދަރިއަކު ވަޅުލުމެވެ. (މެރުމެވެ.) ”

މި ފަދަ ޙަދީޘްތަކެވެ.

މީހަކު ސުވާލުކޮށް ބުނެފާނެ އެވެ. އެހެން ކަމުގައިވުމުން، ހުއްދަ ކަމުގައި ވާރިދުވެފައިވާ ނަބިއްޔާ ﷺ  ގެ ބަސްފުޅުތަކުގެ މައްޗަށް މި ބޭކަލުން ވިދާޅުވީ ކީކޭ ތޯ އެވެ؟

މިކަމުގެ ޖަވާބަކީ، އެބޭކަލުން އެފަދަ އެންމެހައި ހަދީޘްތަކެއްގެ މައްޗަށް ވިދާޅުވަނީ، އެ ދަލީލުތައް ވަނީ މަންސޫޚު ކުރެވިގެން ކަމެވެ.

އެގޮތުން جذامة الأسدية بنت وهب ގެ ޙަދީޘުންވަނީ އެހެން ޙަދީޘްތައް މަންސޫޚުވެފަ އެވެ.

ފަހެ، އެހިނދު މިބަސްތަކުގެ މައްޗަށް އޮތް ޖަވާބަކީ، އެއީ، މަންސޫޚުކަމުގައި ޙުކުމް ކުރެވޭނީ، ޙަދީޘްތައް ޖަމްޢު ކުރުމަށް ޢުޛުރުވެރިވާ ހިނދުގަ އެވެ. އަދި މަންސޫޚު ކުރެވޭނީ ކުރިން އިސްވި ޙަދީޘްތަކަކީ ކޮބައިކަމާއި އަދި ފަހުން ބަޔާންވި ޙަދީޘްތަކަކީ ކޮބައިކަންވެސް އެނގި ބަޔާން ވުމުންނެވެ.

އެހެނަސް ޢަޒުލް ކުރުމާއި މެދުގައި ވާރިދުވެގެންވާ ޙަދީޘްތަކުގައި މިފަދައިން، ކުރީގެ ބަސްފުޅުތަކަކީ މިއީ ކަމާއި ފަހުގެ ޙަދީޘްފުޅުތަކަކީ މިއީކަމުގައި ބުނެވޭކަށެއް ނެތެވެ.

އަދިވެސް ބުނެވެ އެވެ. ޙަދީޘްތައް ޖަމްޢު ކުރުމަށް މިތަކުގައި އެކަށީގެންވެ އެވެ.

އެީ، جذامة الأسدية بنت وهب ގެ ޙަދީޘްގައި ބަޔާންވެގެންވަނީ އެއީ ”ކުޑަ މަރު“ ކަމުގަ އެވެ. އަދި މި ޙަދީޘްގެ ބައެއް ލަފްޟުތަކުގައި ޔަހޫދީން ޤަބޫލުކާ ގޮތް ބަޔާންވެގެންވެ އެވެ. އެއީ، އެބައިމީހުން ދެކެނީ، ޢަޒުލް ކުރުމަކީ އެއްވެސް ގޮތަކަށް މާބަނޑުވާނެ ގޮތެއް ނޫން ކަމެވެ. އެއްވެސް ޙާލެއްގައި މާބަނޑު ނުވާނެ ކަމުގައި ދެކެ އެވެ. ފަހެ، އެހިނދު ނަބިއްޔާވަނީ އެބައިމީހުން އެ ޤަބޫލުކުރާ ޤަބޫލުކުރުން ދޮގު ކޮރައްވާފައި އެވެ. އެކަން ބަޔާންވެގެންދަނީ ޞަޙާބީ أبو سعيد الخدري -رضي الله عنه- އަރިހުން ރިވާވެގެންވާ އެހެން ރިވާޔަތެއްގަ އެވެ. ޙަދީޘްގައިވެ އެވެ. ”މީހަކު ބުންޏެވެ. ތިމަންނަ ގެންގުޅޭ ޖާރިއާއެއްވެ އެވެ. އަދި ތިމަން އެ ޖާރިޔާގެ ފަރާތުން ދަރިއަކު ބޭނުން ނުވެ އެވެ. އަދި ޢަޒުލް ކުރަމެވެ. އަދި ފިރިހެނަކު އަންހެނެއްގެ ކިބައިން އެދޭ އެދުން ތިމަންވެސް ބޭނުންވެ އެވެ. (އެބަހީ ޖިމާޢުވުމަށް ބޭނުންވެ އެވެ.) އަދި ހަމަކަށަވަރުން ޔަހޫދީން ބުނެ އެވެ. ހަމަކަށަވަރުން އެއީ ނަފްސެއް މެރުމެވެ. އެހިނދު ނަބިއްޔާ ﷺ  ހަދީޘްފުޅު ކުރެއްވި އެވެ. ”ޔަހޫދީން ދޮގުބަސް ބުނެފި އެވެ. ﷲ ދަރިއަކު ޚަލްޤު ކުރައްވަން ބޭނުންފުޅުވެއްޖެހިނދު، އެކަމުން ދުރުވެގެން ދިއުމަކީ ތިބާއަށް ކުރެވޭނެ ކަމެއް ނޫނެވެ.“

މި ހަދީޘް އިމާމް أبوداود، النسائي އަދި أحمد ރިވާކުރެއްވި އެވެ. އަދި އިމާމް الألباني ޞައްޙަ ކުރެއްވި އެވެ.

ވުމާއެކު، ޙަދީޘްއިން ބަޔާންވަނީ، ޢަޒުލް ކުރުމަކީ މާބަނޑުވުން އެކުއެކީގައި ނައްތާލާނެ ޢަމަލެއް ނޫން ކަމެވެ. އެހެނަސް އެއީ މާބަނޑުވުން ދަށްކޮށްދޭނެ ކަމެއްގެ ގޮތުގައިވެ އެވެ.

އަދިވެސް ބުނެވެ އެވެ. އެއީ ހަރާމް ކަމެއްގެ ގޮތުގައި ވިދާޅުވި ބޭކަލުން ނެންގެވި ދަލީލު ކަމުގައިވާ ذلك الوَأْدُ الخَفِيُّ

”އެއީ، ވަންހަނާވެގެންވާ ގޮތުގައި ދަރިއަކު ވަޅުލުމެވެ.“

މިފަދައިން ބަޔާންކުރެއްވުމުގެ މުރާދަކީ ކަރާހަތްތެރިވުމުގެ ބާބުގެ ދަށުންނެވެ. އެއީ، ޙުރުމަތް ވުމުގެ ބާބުގެ ދަށުން ނޫނެވެ. ސަބަބަކީ، ގިނަ ޙަދީޘްތަކެއްގައި ހުއްދަ ކުރައްވާފައި ވުމާއި އަދި ސުވާލު ކުރުމުން ނަބިއްޔާ އެކަން މަނާ ނުކުރައްވާ ޙަދީޘްކުރެއްވުމެވެ.

މައްސަލައިގެ އެންމެ ޢަދުލުވެރި ރާޖިޙް ޤައުލާއި މެދުގައި ބުނަމެވެ.

ޢަޒުލް ކުރުމަކީ މަކްރޫހަވެގެންވާ ޢަމަލެކެވެ. ފަހެ، މިއީ ނަބިއްޔާގެ ހަތަރު ޚަލީފާއިންގެ އަރިހުން ބަޔާންވެގެންވާ ބަސްފުޅު ކަމުގައިވެސްވެ އެވެ. އަދި އެއީ ކަރާހަތްތެރި ކަމެއްގެ ގޮތުގައި ހިމެނޭ ސަބަބަކީ ޙަދީޘްފުޅުގައި ذلك الوَأْدُ الخَفِيُّ

”އެއީ، ވަންހަނާވެގެންވާ ގޮތުގައި ދަރިއަކު ވަޅުލުމެވެ. (މެރުމެވެ.) ”

މިފަދައިން، އެކަން ނުކުރުމަށް އިރުޝާދު ދެއްވާފައިވުމެވެ.

އެހެނަސް ދަންނަންޖެހެ އެވެ. ޙާޖަތެއް މެދުވެރިވެ، ޢަޒުލް ކުރުން އެއްވެސް މަކްރޫހަކަމެއް ނެތި ހުއްދަވުންވެ އެވެ. މިޘާލަކަށް އަންހެނަކު ގާތުން ކިރު ދޭ ދުވަސްތަކުގައި، މާބަނޑުވެއްޖެހިނދު ބަނޑުގައިވާ ދަރިއަށް ގެއްލުމެއް ނުވަތަ ގާތުން ކިރު ބޮމުންދާ ދަރިއަށް ގެއްލުން ކުރިމަތިވެދާނެ ކަމަށް ބިރުވެތިވާހިނދު ޢަޒުލް ކުރުމުގައި ކަރާހަތްތެރި ކަމެއް ނެތެވެ.

އަދި މިއީ ނަސްލު ހުއްޓުވުން ކަމުގައި ނުބުނެވޭނެ ކަމުގައި ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑު ސަލަފީ އިމާމް ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.

އަދި ބައެއްފަހަރު ޢަޒުލް ކުރުން އެއީ ޙަރާމް ކަމެއްގެ ގޮތުގައިވެ އެވެ. އެގޮތުން ދަރިން ހޯދުމުގެ މައްޗަށް ރުޅިވެރިކަމާއި ނަފްރަތުކޮށް އެކަމުގެ މައްޗަށް ޢަޒުލް ކުރުމެވެ. ނުވަތަ ފަޤީރުވެދާނެ ކަމުގެ މައްޗަށް ބިރުން ޢަޒުލް ކުރުމެވެ. މިއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އަދި މިފަދަ ވިސްނުމެއްގެ މައްޗަށް ބިނާކޮށް ޢަޒުލް ކުރުން ޙަރާމްވެގެންވެ އެވެ. ފަހެ، މިއީ ޢާލަމް ތަކުގެ ވެރި އިލާހުގެ މައްޗަށް ނުބައިކޮށް ހީކުރުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply