އުހުތުން

މޫނު ނިވާކޮށްފައިވާ އަންހެނެއް މަރުވުމުން މޫނު ބެލުމަށްޓަކައި ކަޝްފުކުރުމުގެ ޙުކުމް

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ނަބިއްޔާ ﷺ ގެ ބައެއް އަޞްޙާބު ބޭކަލުންގެ މޫނުފުޅު، ހިނެވުމަށްފަހު ކަޝްފު ކުރެއްވިކަން ސުންނަތުން ޘާބިތުވެއެވެ.

އެގޮތުން عثمان بن مظعون رضي الله عنه އަވަހާރަފުޅުވި ހިނދު ޞަޙާބީގެ މޫނުފުޅު ކަޝްފު ކުރައްވާ މޫނުފުޅަށް ބޮސް ދެއްވިކަން ޘާބިތުވެގެންވެއެވެ.

ހަމައެފަދައިން ރަސޫލާ ﷺ އަވަހާރަފުޅުވި ހިނދު، ޞަޙާބީ أبو بكر رضي الله عنه ރަސޫލާ ﷺ ގެ އަރިއަހަށް ވަދެވަޑައިގެން މިފަދައިން ކަންތައް ކުރެއްވިކަން ޘާބިތުވެގެންވެއެވެ.

އަދި ހަމައެފަދައިން، ކޮންމެ ޞަޙާބީ ބޭކަލަކަށް މިފަދައިން ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި ޘާބިތުވެގެންނުވެއެވެ.

ވުމާއެކު، މި ޢަމަލަކީ ކުރުން ހުއްދަވެގެންވާ ކަމެއް ކަމުގައި ވެއެވެ.

އެހެނަސް މިކަން ޢިއުލާނުކޮށް، މީހުން އެއްތަނަކަށް ޖަމަޢަކޮށްގެން ކުރަންއޮތް ކަމެއް ނޫނެވެ. މިޘާލަކަށް “މޫނު ދައްކަން ބާއްވާފައި ބޭއްވުން” ނުވަތަ “މޫނު ބަލަން ބަޔަކު އަންނަންދެން ބޭއްވުން” މިފަދަ ޢަމަލު ތަކަކީ ޘާބިތު ޢަމަލުތަކެއް ނޫނެވެ.

ހަމައެފަދައިން މޫނު ދެއްކުމަށްޓަކައި މައްޔިތާގެ ޖަނާޒާ ފަސްކުރުން ވެސް އެދެވިގެން ނުވެއެވެ.

އެހެނަސް ޙާޖަތެއް ނުވަތަ މަޞްލަޙަތެއް އޮވެގެން މައްޔިތާއަށް ގެއްލުމެއް ނުވާ ހިނދެއްގައި ލަސްކުރުން ހުއްދަވީ ނަމަވެސް، މައްޔިތާއަށް މަންފާ ކުރާނީ ޖަނާޒާ އަވަސްކުރުމުންނެވެ.

ފަހެ، މިފަދައިން މޫނު ބެލުން ހުއްދަވާނީ ދުނިޔެމަތީގައި ވެސް ބެލުން ހުއްދަ މީހުންނަށެވެ. އެއީ ދިރިހުރި ޙާލުގައި އިންސާނާގެ ހަށިގަނޑު ޙުރުމަތްތެރިވެގެންވާ ފަދައިން އެ ޙުރުމަތް މަރުވުމަށް ފަހުގައި ވެސް ލިބިގެންވާތީއެވެ. އެޙުރުމަށްތެރިކަން ދޭން ޖެހޭނެއެވެ.

ވުމާއެކު، ހިލޭ ފިރިހެނަކަށް ހިލޭ އަންހެން މައްޔިތެއްގެ މޫނު ބެލުމެއް ނުވެއެވެ. އަންހެނެއްގެ މޫނު ބެލުން ހުއްދަވެގެންވާނީ ގާތް ތިމާގެ މީހުންގެ ގެތެރެއިން މަޙްރަމުންނާއި އަދި އަންހެނުންނަށެވެ.

އެހެންވުމުން މި ޒަމާނުގައި ފާޅުކުރާ ޝިޢާރުތައް ކަމުގައިވާ “ދަޥްލަތަށް ޚިދުމަތްކުރި” ނުވަތަ “މުޖުތަމަޢުއަށް ފައިދާ ހޯދައިދިން” މިފަދަ ބަސްތައް ބުނެ، އެ މައްޔިތާގެ މޫނު ކަޝްފުކޮށް ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން ވަދެ، ޢަމަލު ކުރާ މި ސިފަތަކަކީ ހުއްދަވެގެންވާނެ ޢަމަލުތަކެއް ނޫނެވެ.

އޭގެ އިތުރަށް ދެ ޖިންސު އެކުވުމާއި، މައްސުނިވުން އޮވެއްޖެހިނދު އޭގެ ނުބައިން މާބޮޑަށް ބޮޑުވެގެންވެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply