ސަންދޯއްތެރެއަށް ހުވަދު އެޅުމަކީ ހުއްދަކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ދެވަނައީ، ސަންދޯއްތެރެއަށް ހުވަދު އެޅުމާއި މެދުގަ އެވެ.
ސުވާލުގެ ޖަވާބު ވަރަށްވެސް ސާފުކޮށް ބަޔާންވެދިއުމަށްޓަކައި މިތަނުގައި ނުކުތާއެއް ފާހަގަ ކުރަމެވެ.
އެއީ ނަބިއްޔާ ﷺ ގެ ޒަމާނުގައި މީސްތަކުން ވަޅުލުމުގެ ކަންތައް އޮތީ ކިހިނަކުން ކަމެވެ.
އާދެ! އެއީ ލަޙްދުގައި ވަޅުލުމެވެ. އަދި މިއީ މިޒަމާނުގައިވެސް މުސްލިމުންގެ ތެރޭގައި މައްޔިތުން ވަޅުލެވެމުންދާ ގޮތެވެ. އެގޮތުން މައްޔިތާގެ ހަށިގަނޑު ވަޅުތެރޭގައި ބޭއްވުމެވެ.
ލަޙްދުގެ ސިފައަކީ، ކައްވަޅު ކޮނުމަށްފަހު، ކައްވަޅުގެ ޤިބްލައަށްވާ ދިމާލުން ކުރިމައްޗަށް މައްޔިތާ ބޭއްވޭވަރަށް ވަޅެއް ކޮނެލުމެވެ. އެތަނުގައި މައްޔިތާގެ ކަނައަތްފަރާތަށްވާ ގޮތަށް ޤިބްލައަށް މައްޔިތާ ބޭއްވުމެވެ. އެއަށްފަހު މައްޔިތާގެ ބުރަކަށްޓަށްވާ ގޮތަށް އަސްލު ކައްވަޅާއި ލަޙްދު ދިމާވާގޮތަށް ގާތައް ނުވަތަ ލަކުޑިނަމަވެސް ޖަހާފައި ބައްދާލުމެވެ. އަދި ކޮނެފައިވާ ވަޅުތެރެއަށް ވެލި އަޅާލުމެވެ.
މިއީ މައްޔިތުން ވަޅުލުމުގައިވާ އެންމެ ހެޔޮ އަދި އެންމެ މޮޅުއިތުރުވެގެންވާ ސިފަ އެވެ.
މި ސިފައަކީ ﷲ އެކަލާނގެ ނަބިއްޔާ ﷺ ފަސްތާނުވެޑުވުމަށް އިޚްތިޔާރު ކުރެއްވި ސިފަވެސް މެ އެވެ.
އިމާމް مسلم (966) ރިވާކޮށްފައިވާ ޞަޙާބީ سَعْدَ بْنَ أَبِي وَقَّاصٍ ގެ ޙަދީޘްގައިވެ އެވެ. ޞަޙާބީ އަވަހާރަފުޅު ވުމުގެ ކުރިން ވިދާޅުވި އެވެ. (الْحَدُوا لِي لَحْدًا ، وَانْصِبُوا عَلَيَّ اللَّبِنَ نَصْبًا ، كَمَا صُنِعَ بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ”ރަސޫލާ ﷺ ފަސްތާނުވެޑުވެވުނު ގޮތަށް ތިމަން ޞަޙާބީވެސް (ފަސްތާނުލުން ހުއްޓެވެ.) ތިމަން ޞަޙާބީއަށް ލަޙްދުވަޅެއް ކޮނުން ހުއްޓެވެ…“
ދެވަނަ ސިފައަކީ، ޝައްޤުގައި ވަޅުލުމެވެ. ޝައްޤަކީ، ކައްވަޅު ކޮނުމަށްފަހު، އެކައްވަޅުގެ އެންމެ ތިރިން މައްޔިތާގެ ކަނައަތްފަރާތަށް އަރިމައްޗަށް ބޭއްވޭވަރަށް ކައްވަޅުގެ މެދުން ކުޑަ ވަޅެއް ކޮނެލައި، މައްޔިތާ އެތަނުގައި ޤިބްލައަށްވާގޮތަށް ބޭއްވުމެވެ.
އަދި އެވަޅުގެ މަތީގައި ކުޑަވަޅު ނިވާކުރެވޭ ގޮތަށް ބޮޑު ކައްވަޅުގެ ތެރޭގައި ލަކުޑިތަކެއް ފަދައިން އެއްޗެއް ބަހައްޓައި ޝައްޤުވަޅު ނިވާކޮށްލުމެވެ. އަދި ކައްވަޅުގެ ތެރެއަށް ވެލި އަޅައި ނިވާކޮށްލުމެވެ.
ވުމުން، ސުވާލަކީ، ފޮއްޓެއްނެތި، ސަންދޯކެއްނެތި ވަޅުލުމަކީ އެއީ އެންމެ ކުރީންސުރެވެސް އިސްލާމް ދީނުގައި ވަޅުލެވެމުންދާ ގޮތްކަމުގައިވީހިނދު، އެ ހުވަދު އެޅަން އޮންނާނީ ކޮން ސަންދޯކެއް ހެއްޔެވެ؟
ނުވަތަ މައްޔިތާ ވަޅު ތެރޭގައި ބޭއްވުމަށްފަހު، ވަޅުތެރެއަށް އަޅަނީ ހެއްޔެވެ؟ ފަހެ، މިއީވެސް ކުރައްވާފައިވާ ކަމެއް ނޫނެވެ. އެބަހީ، އެކަން ކުރުމަށް ކުޅަދާނަކަން އޮވެ އެހެނަސް އެއީ ކުރައްވާފައިވާ ކަމެއް ނޫނެވެ.
ފަހެ، އެހިނދު ބަޔާންވެގެންވަނީ، މައްޔިތާގެ ހަށިގަނޑާއި ކަފުނުން ބޭރަށް ހުވަދު އެޅުން މިއީ، ދީނުގައި އޮތް ކަމެއް ނޫން ކަމެވެ.
އަލް-ޙާފިޝް النووي رحمه الله – ވިދާޅުވެފައިވެ އެވެ. ”ލަޙްދު ވަޅުގައި އަދި ޝައްޤު ވަޅުގައި ވަޅުލުން ހުއްދަވެގެންވާކަމުގެ މައްޗަށް އެންމެހައި ޢިލްމުވެރިން އިޖްމާޢުވަޑައިގެންފައިވެ އެވެ. އެހެނަސް ބިންގަނޑަކީ ހަރު ބިމެއް ކަމުގައިވެ، ވެލިގަނޑު (ބިންދައިގެން) ފައިބައި ނުދާނަމަ، ފަހެ، އެހިނދު ލަޙްދު ހެޔޮކަން ބޮޑުވެގެންވެ އެވެ. އަދި ބިންގަނޑަކީ މަޑު، ބިންގަނޑު (ބިންދައިގެން ފައިބާނަމަ) ޝައްޤުގައި ވަޅުލުން ހެޔޮކަން ބޮޑެވެ.“ المجموع 5/252
ވުމުން، މިއަދު މި ގެންގުޅޭ ސަންދޯއް މިއީ ޙަޤީޤަތުގައި ނަޞާރާއިންނާއި އިސްލާމް ދީނާއި ޚިލާފް މިއްލަތްތަކުގެ އަހުލުވެރިން އެމީހުންގެ ތެރެއިން މީހަކު މަރުވުނުން ވަޅުލުމަށް ގެންގުޅޭ ވަޞީލަތެކެވެ.
މުސްލިމުން ދަންނައެއްޗެއް ނޫނެވެ.
ރާއްޖެފަދަ، ބިންގަނޑު މަޑު، ބިނަދައިގެން ގޮސްދާނެ ފަދަ ވެލިގަނޑުގައި ޝައްޤުގައި ވަޅުލެވޭނެ އެވެ.
ވުމުން، ސަންދޯއްތެރެއަށް ހުވަދު އަޅާނީ ކިހިނެތް ހެއްޔެވެ؟ އެއީ އޭގެ އަސްލުގައިވެސް ނެތް ކަމެކެވެ.
އަދިވެސް ބަޔާން ކުރަމެވެ.
މައްޔިތާގެ ހަށިގަނޑުގައި ހުވަދުލުން އަދި ކަފުނުގައިވެސް ހުވަދުލުން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި އިމާމް البخاري (1265) އަދި مسلم (1206) ޞަޙާބީ عَبْدِ اللَّهِ بْنِ عَبَّاسٍ -رَضِيَ اللَّهُ عَنْهُمَا- ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތް ހިމެނެ އެވެ.
قَالَ: «بَيْنَمَا رَجُلٌ وَاقِفٌ بِعَرَفَةَ، إِذْ وَقَعَ عَنْ رَاحِلَتِهِ فَوَقَصَتْهُ – أَوْ قَالَ: فَأَوْقَصَتْهُ -، فَقَالَ رَسُولُ اللَّهِ ﷺ: اغْسِلُوهُ بِمَاءٍ وَسِدْرٍ، وَكَفِّنُوهُ فِي ثَوْبَيْنِ، وَلَا تُحَنِّطُوهُ، وَلَا تُخَمِّرُوا رَأْسَهُ؛ فَإِنَّهُ يُبْعَثُ يَوْمَ القِيَامَةِ مُلَبِّياً
ޞަޙާބީ ވިދާޅުވި އެވެ. ”އަރަފާތުގައި މީހަކު މަޑުކުރަނިކޮށް، އޭނާގެ ސަވާރީ މަތިން ވެއްޓި ކަރު ބިނދައިގެން ގޮސް (ނިޔާވިއެވެ.) ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”ފެނާއި ކުންނާރު (ގަހުގެ ފަތުން) އޭނާ ހިނަވާށެވެ. އަދި އޭނާ (ލައިގެން ހުރި) ދެ ފޭރާމުގައި އޭނާ ކަފުން ކުރާށެވެ. އެކަމަކު އޭނާ ގައިގައި ހުވަނދު ނުލާށެވެ….“
ޙަދީޘްގައި އޭނާގެ ހަށިގަނޑުގައި ހުވަދު ނުލުމަށް ޙަދީޘްކުރެއްވީ އެއީ އިޙްރާމުގައި ދުނިޔެ ދޫކުރެއްވި ބޭކަލެއްގެ ގޮތުގައިވުމެވެ.
އެބަހީ، އެއީ އިޙްރާމުގައިވާ ފަރާތެއް ނޫންކަމުގައިވެއްޖެހިނދު ހުވަދުލާށެވެ.
އެހެނަސް ކައްވަޅުތެރެއަށް ހުވަދު އެޅުމެއް ނުވެ އެވެ.
އަދި މިއަދު މި ބޭނުންކުރާ ސަންދޯއްތެރެއަށްވެސް ހުވަދު އެޅުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.