ޖުނުބުވެރިވެފައިވާ ޙާލުގައި ހުންނަ އަންހެނާ ހިނައިގަންނަ ހިނދު، ގަތާފައި ނުވަތަ ހުޅިޖަހާފައި ހުންނަ އިސްތަށިގަނޑުގެ މައްޗަށް ޢަމަލު ކުރާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ސުވާލު :  ޖުނުބުވެރިވުން، ޙައިޟު އަދި ނިފާސް، މި 3ކަމަކީވެސް ބޮޑު ޙަދަޘަވެރި ކަމުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ. އެހެން ވުމުން ހިނގައިގަތުން ވާޖިބުވެގެންވެ އެވެ. 

ހިނައިގަތުމުގެ ދެ ސިފައެއް ވެ އެވެ. ހުއްދަވެގެންވާ ގޮތަކާއި އަދި އެންމެ ފުރިހަމަ ސުންނަތުގައި ބަޔާންވެގެންވާ ދަރުމަ އާއި ޘަވާބު ލިބެނިވި ގޮތެވެ. 

ހުއްދަވެގެންވާ ހިނައިގަތުމަކީ : ބޮޑު ހަދަޘަ އެރިގަތުމުގެ ނިޔަތާއެކު މުޅި ހަށިގަނޑުގައި ފެންޖައްސާލުމެވެ. ފަހެ، އެހިނދު އެވަނީ ހިނައިގަނެވިފަ އެވެ. 

ދެވަނަ ގޮތަކީ މާތް ނަބިއްޔާ ގެ ސުންނަތުން ޘާބިތުވެގެންވާ ސިފައިގައި އެ ތަފްސީލުގެ މައްޗަށް ހިނައިގަތުމެވެ. 

އޭގެ ސިފަތައް ތިރީގައި ބަޔާން ކުރަމެވެ. 

  1. ނިޔަތް ގަތުން (ބޮޑު ޙަދަޘަވެރިކަމުން) ޠާހިރުވުމުގެ ނިޔަތް އޮތުމެވެ. 
  1. ނަޖިސް ނުކުންނަ ދެ ދޮރު ދޮވެ ސާފު ކުރުމެވެ. 
  1. ނަމާދަށް ވުޟު ކުރާ ފަދައިން ފުރިހަމަ ވުޟޫއެއް ކުރުމެވެ.  
  1. ބޮލަށްވާ ގޮތަށް ތިން ފަހަރަށް ފެން އޮއްސާލުމެވެ. 
  1. ހަށިގަނޑުގެ ކަނައަތްފަރާތަށް ފެން އޮއްސާލުމެވެ.  
  1. ހަށިގަނޑުގެ ވައަތްފަރާތަށް ފެން އޮއްސާލުމެވެ.  ބަޔާންކޮށްފައިވާ ސިފަތައް الامام مسلم  ޞަޙީޙުގައި 1190 ގައި ބަޔާންކޮށްފައިވެ އެވެ. 

(ހަށިގަނަޑަށް ފެން އޮއްސާ ލުމުގައި ކަނައަތްފަރާތް އިސްކޮށްފައިވަނީ ސަބަބަކީ ނަބިއްޔާ ގެ ޢާންމުކޮށް ޠަހާރަތުގައި ކަނައަތްފަރާތް އިސްކުރައްވަ އެވެ.) 

ދަންނަ އެވެ. މި ހިނައިގަތުމުގައި ކުރި ވުޟޫ އަކީ، އެ ވުޟޫ ގެއްލޭ ކަމެއް ދިމާނުވާނަމަ އެ ވުޟޫއިން އެމީހަކަށް އެހެނިހެން އަޅުކަން ކުރުން ހުއްދަވެގެންވާ ވުޟޫ އެކެވެ. ނަމާދު ކުރުމާއި މުޞްޙަފް އުފުލައި ޤުރުއާން ކިޔެވުމާއި އެންމެހައި ޢަމަލުތަކެއް ކުރުމަށް މި ވުޟޫ ފުދޭނެ އެވެ.  

ފައިދާއެއް : ޖުނުބުވެރިވެފައިވާ ޙާލުގައި ހުންނަ އަންހެނާ ހިނައިގަންނަ ހިނދު، ގަތާފައި ނުވަތަ ހުޅިޖަހާފައި ހުންނަ އިސްތަށިގަނޑުގެ މައްޗަށް ލުއި ޙުކުމެއް ބިނާވެގެންވެ އެވެ. އެއީ الامام مسلم  ޞަޙީޙުގައި أم سلمة -رضي الله عنها-  ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގެ މައްޗަށެވެ. ޙަދީޘްގައިވެ އެވެ. 

سألت النبي صلى الله عليه وسلم عن ذلك فقالت : إِنِّي امْرَأَةٌ أَشُدُّ ضَفْرَ رَأْسِي فَأَنْقُضُهُ لِغُسْلِ الْجَنَابَةِ ؟ قَالَ : لا ، إِنَّمَا يَكْفِيكِ أَنْ تَحْثِي عَلَى رَأْسِكِ ثَلاثَ حَثَيَاتٍ ، ثُمَّ تُفِيضِينَ عَلَيْكِ الْمَاءَ فَتَطْهُرِينَ 

 ތިމަން ކަމަނާ ނަބިއްޔާ  ﷺ  ގެ އަރިހުގައި ސުވާލު ދެންނެވީމެވެ. ”ތިމަން ކަމަނާ ނުހަނު ގަދައަށް އިސްތަށިގަނޑު ގަތާފައި ބަހައްޓަމެވެ. ފަހެ، ޖުނުބުވެރި ކަމުން ހިނައިގަންނަހިނދު، ކޮންމެ ފަހަރަކު އެ މޮހެލަންވީ ހެއްޔެވެ؟ ޙަދީޘް ކުރެއްވި އެވެ. ނޫނެކެވެ. ކަމަނާގެ އިސްތަށިގަނޑަށް ދެއަތްފުރާ 3 ފެންގޮށި އޮއްސާލުމުން އެކަން ކަމަނާއަށް ފުދޭނެކަން ކަށަވަރެވެ. ދެން އެއަށްފަހު މުޅި ހަށިގަނޑަށް ފެން އޮއްސާލުން ހުށިކަމެވެ. ފަހެ، އެއިރުން ކަމަނާ ހުންނާނީ ޙަދަޘައިން ޠާހިރުވެފަ އެވެ.“ 

މާނައަކީ : ގަތާފައި ހުންނަ ނުވަތަ ހުޅިޖަހާފައި ހުންނަ ބައިގެ އިސްތަށިތައް މޮހާލައި އެކުއެކީގައި ދޮވުން ލުއިވެގެންވާ ކަމެވެ. އެހެނަސް ގަތާފައި ހުންނަ ބައި ނުމޮހައި، މުޅި ބޯ އެކުއެކީގައި ޝާމިލްވާ ގޮތަށް އިސްތަށިތަކުގެ ބުޑުތަކަށް ފެން ވާޞިލްވާ ގޮތަށް ބޮލަށް ފެން އަޅާ ލުމެވެ. މުހިންމީ ބޮލުގެ އިސްތަށިގެ ބުޑުތަކަށް ފެން ދާނެގޮތަށް ބޮލަށް ފެން އެޅުމެވެ. ބައެއް އަންހެނުން 3 ފެންގޮށިން ފުދެ އެވެ. އެހެން އަންހެނުންނަށް އެވަރުން ފެން ވާޞިލްވާނުވާނެހެން ހީވާހިނދު އެއަށްވުރެ ގިނައިން އަޅައި ފެން ވާޞިލް ކޮށްދޭނީ އެވެ  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts