އުފަންދުވަހަށް އެޅި ކޭކެއްކަން އެނގިހުރެ، އެ ކެއުމަކީ ކޮންކަހަލަކަމެއްތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އުފަން ދުވަސް ފާހަގަ ކުރުމަށް އަޅާ ކޭކު ނުވަތަ އެ ޙަފްލާއަށް ތައްޔާރު ކޮށްފައި ހުންނަ ކާއެއްޗެހި ކެއުމުގެ ޙުކުމާ މެދު ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ސުވާލުގައި ބުނެފައިވާ މައްސަލައަށް ޖަވާބު ދިނުމުގެ ކުރިން އުފަން ދުވަސް ފާހަގަ ކުރުމުގެ މައްޗަށް ޚުލާޞާ ބަސްތަކެއް ޛިކުރު ކުރަމެވެ. ފަހެ، އެހިނދު، އުފަން ދުވަސް ފާހަގަ ކުރުމަކީ ކޮންފަދަ ޢަމަލެއް ކަމާއި، އެކަމުގެ ޙުކުމް އަދި އެފަދަ މުނާސަބަތަކަށް ތައްޔާރު ކުރެވޭ އެއްޗެއް ކެއުމުގެ ޙުކުމް ބަޔާންވެގެންދާނެއެވެ.
އުފަން ދުވަސް ފާހަގަ ކުރުމުގެ މައްޗަށް ބުނަމެވެ.
- މާތް ނަބިއްޔާ صَلَّى اللَّهُ عليه وَسَلَّمَ ، އިސްލާމް ދީނުގައި މީސްތަކުންނަށް ޝަރީޢަތް ބަޔާން ކޮށްދެއްވުމުގައި 23 އަހަރު ދުނިޔެމަތީގައި ހޭދަ ކުރެއްވިއެވެ. ގިނަ ކައިވެނިތަކެއް ބެއްލެވިއެވެ. އަދި ދަރިކަލުންނާއި ދަރިކަނބަލުން ލިބިވަޑައިގެންނެވިއެވެ. ކާފަ ދަރިކަލުން ވެސް ލިބިވަޑައިގެންނެވިއެވެ. 23 އަހަރު ހޭދަ ކުރެއްވިހިނދު، އެންމެ ފަހަރަކު ވެސް އަމިއްލަފުޅު އުފަންދުވަސް، އަނބިކަބަލެއްގެ އުފަންދުވަސް، ދަރިކަލެއްގެ އުފަންދުވަސް ނުވަތަ ކާފަ ދަރިކަލެއްގެ އުފަންދުވަސް ފާހަގަ ނުކުރައްވައެވެ.
- ފަހެ، އަޚާގެ ހިތައް އަރާފާނެއެވެ. “އެ ޒަމާނުގައި ނެތް ކަމެއް ނުކުރާނެ ނޫން ހެއްޔެވެ”. ޖަވާބަކީ، އެއީ ހެޔޮ، ޢާއިލާއަށް ރަނގަޅު، ދަރިންނަށް އަދި މުޖުތަމަޢުއަށް ހެޔޮ، ރަނގަޅު ކަމެއް ކަމުގައިވާނަމަ އެކަން ދެނެވޮޑިގަންނަވާ ފަރާތުން އެކަން އަންގަވައި އުއްމަތަށް އެންމެ ފަހަރަކުވިޔަސް ކިޔައި ދެއްވާނެތެވެ. ޝަރީޢަތުގައި ކައިވެނީގެ ވަލީމާ “ކައިވެނި ޕާޓީ” ބޭއްވުމަށް ނުހަނު ބާރު އަޅާފައިވެއެވެ. ނަބިއްޔާ އެފަދައިން އިރުޝާދު ދެއްވިއެވެ. އެހެނަސް ކައިވެންޏަށް އަހަރު ފުރުމުން އެކަން ނުކުރައްވައެވެ. ދަރިން އުފަންވުމުން ނުކުރައްވައެވެ. އެހިނދު އެ ސުވާލަށް ޖަވާބު ލިބިގެން ދެއެވެ.
- ދީނުގައި އަދި ޝަރީޢަތުގައި އެއްވެސް މިންވަރަކަށް މި ޢަމަލުގައި ބައިވެރިވެރިވުން ހުއްދަކޮށްފައި ނުވާއިރު މިފަދަ ޢަމަލުތަކުން ދުރުވެ ރައްކާތެރިވެ ތިބުމަށް ވަނީ ބާރު އަޅުއްވާފައެވެ. ސަބަބު ދެނެގަތުމަށްޓަކައި މުސްލިމުންގެ ތެރެއަށް މި ކަންތައް ވަނީ ކިހިނަކުން ހެއްޔެވެ؟ މި ސުވާލު އަމިއްލަ ނަފުސާ ކޮށްލުން ހުއްޓެވެ. އޭގައި ދެބަސްވުމެއް ނުވާގޮތަށް އެނގި ބަޔާންވަނީ، ކާފަރުން އުފަންދުވަސް ފާހަގަ ކުރުމުން މުސްލިމުން އެކަން ކުރަން ފެށުމެވެ. ކާފަރުން “އެނިވަރސަރީ” ފާހަގަ ކުރާތަން ފެނުމުން އެކަން މުސްލިމުން ކުރުމެވެ. އިސްވެ ދިޔަ 3 ނުކުތާގައި މިއީ ކޮށްގެން ނުވާނެ ކަމެއް ކަމުގައި ބަޔާންވުމުގެ އިތުރަށް މިއީ ކާފަރުންނަށް އެމީހުން ފާހަގަ ކުރާ މިފަދަ ދުވަސްތަކާއި ޢާދަކާދަތަކުގައި މުސްލިމުން ބައިވެރި ނުވުމަށް އަންގަވާފައިވާ އަމުރުފުޅާއި ޚިލާފަށް ކުރެވޭ ކަންތަކެވެ. ޙަދީޘްގައިވެއެވެ. ނަބިއްޔާ صَلَّى اللَّهُ عليه وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ.
(لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ) البُخَاري 7320 “ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވުމުންގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯ އެވެ؟) ޙަދީޘް ކުރެއްވިއެވެ. ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟”.
އަޚާ އެވެ! މިއީ މިފަދައިން ތަބަޢަވުން ނޫން ހެއްޔެވެ؟ އަންގަވާފައިވަނީ ތަބަޢަ ނުވުމަށެވެ! ޢަމަލުތައް މިހުރީ ތަބަޢަވުމަށެވެ. ހިތާމައިގެ ބޮޑު ކަމާއެވެ!
- މިފަދައިން “އުފަންދުވަސް ފާހަގަކުރުން” ފަދަ ކަންތައްތައް މި ޒަމާނުގައި ފާޅުވުމުން މިއަދު ދުނިޔޭގެ މަތީގައި ތިއްބެވި އެންމެ ބޮޑެތި އިމާމުން، ޢިލްމުވެރިން އެކަމުގެ ޙަޤީޤަތް އަދި ޙުކުމްތައް ބަޔާންކޮށްދެއްވާފައިވެއެވެ. އޭގެ ތެރޭގައި ފަހުގެ ޒަމާނުގައި ފާޅުވި އެންމެ ބޮޑު އިމާމް، ސުންނަތުގެ ފަރުބަދައެއް ފަދަ ޢިލްމުވެރިޔާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަދި އެޒަމާނުގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ރައީސް عَبد العَزِيز بن عَبد الله بن بَاز -رحمه الله- އާއި ކުރެވުނު ސުވާލާއި އޭގެ ޖަވާބު ބަޔާންކުރަމެވެ.
ސުވާލު : ބައެއް ފަރުދުން އެބައިމީހުން އުފަންދުވަސް ފާހަގަކުރެ އެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ތިޔަ ކަންތައްތަކަކީ މުންކަރާތެވެ. އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އޭނާގެ މަންމަ ނުވަތަ އޭނާގެ އަންހެން ދަރިއަށް ނުވަތަ ފިރިހެން ދަރިއަށް (އުފަންދުވަސް) ފާހަގަ ކުރުމަކީ، ޔަހޫދީންނާއި ނަޞާރާއިންނާ އެއްވަތްތަރު ވުމުގެ ގޮތުން ކުރެވޭ ކަންތައްތަކެވެ. އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. އެކަންތަކަށް އެއްވެސް އަސާސެއް ނުވެއެވެ.
ބައްޕަގެ އުފަންދުވަސް ނުވަތަ މަންމަގެ އުފަންދުވަސް ނުވަތަ ބޮޑު ބޭބެގެ އުފަންދުވަސް ނުވަތަ އިންސާނާ އޭނާގެ އަމިއްލަ އުފަންދުވަސް ނުވަތަ އޭނާގެ އަންހެން ދަރި ނުވަތަ ފިރިހެން ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރުމަކީ، ފަހެ މިއީ ހައްތަހާވެސް މުންކަރާތްތަކެވެ. މި އެންމެހައި ކަންކަމަކީ ﷲ ގެ ޢަދުއްވުނާއި އެއްވަތްތަރުވެވޭ ކަންކަމެވެ. އެއްވެސް ޙާލެއްގައި މިއިން އެއްވެސް ދުވަހެއް ފާހަގަ ކުރުން ހުއްދައެއް ނުވާނެއެވެ. ފަހެ، އެމީހެއްގެ މައްޗަށް ބަޔާންވެގެންވަނީ މި ދޮރު ބަންދުކުރުމާއި އަލަށް ގެނެސްފައިވާ މިކަމުގެ މައްޗަށް ސަމާލުވެ އިންޒާރު ލިބިގަތުމެވެ.
އެހެނަސް ބައެއް މީހުންނަށް ނިޢުމަތްތައް ގިނަވެ، އޭނާގެ އަތްމަތީގައި މުދާވެރިކަން ގިނަވުމުން އެތަކެތި ހޭދަކުރަންވީ ގޮތެއް ނޭނގެއެވެ. ﷲ އަށް ކުއްތަންވެވޭ ގޮތުގައި އެތަކެތި ހޭދަކުރުމުގެ ތަޥްފީޤެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިސްކިތް ބިނާކޮށް ބެލެހެއްޓުމާއި، ފަޤީރުންނަށް އެހީތެރިވުން ފަދަ ކަންކަމުގައި ހޭދަކުރުމެއް ނޯވެއެވެ. އަދި އޭނާ މިފަދަ ޢީދުތަކާއި އެފަދަ އެހެނިހެން ކަންކަމުގައި އެ މުދާހޭދަކޮށް ކުޅެހަދަ އެވެ…”.
4. މާތް ނަބިއްޔާ އަހަރުމެންނަށް ނަޞޭހަތްތެރިވެ ވަޑައިގެންފައިވާ، އަދި ޢިބްރަތް ހޯދުމަށް އެންގެވި ގޮތާއި ޚިލާފަށް ކުރެވޭ ކަމެއް ކަމުގައި މެނުވީ މިކަން ނުވެއެވެ. ފަހެ، އެތައް ގިނަގުނަ ޙަދީޘެއް މިކަމުގައި ލިޔެވިދާނެއެވެ. އެފަދަ ޙަދީޘެކެވެ. ނަބިއްޔާ ﷺ އެއްދުވަހަކު ޞަޙާބީންނަށް ވަޢުޟެއް ދެއްވެވިއެވެ. އެދުވަހު އިރުއޮއްސެން ގާތްވި ހިނދު، ޙަދީޘްފުޅު ކުރެއްވިއެވެ. (ألَا إنَّه لم يَبْقَ مِن الدُّنيا فيما مَضى منها إلَّا كما بقِيَ مِن يَومِكم هذا فيما مَضى منه) “ފަހެ، ދުނިޔެއިން ފާއިތުވެ ނިމިދިޔަ ދުވަސްތަކުގެ ނިޞްބަތުން ބާކީއޮތް ދުވަސްތަކުގެ މިންވަރަކީ ތިޔަބައިމީހުންގެ މިއަދުގެ މި ދުވަހުން ނިމިދިޔަ މިންވަރުގެ ނިޞްބަތުން ބާކީއޮތް މިންވަރު ކަމުގައި މެނުވީ ނުވެއެވެ” (رواه الترمذي 2191).
الإمام ابن القيم رحمه الله ވިދާޅުވެފައިވެއެވެ. “އެމީހެއްގެ އަމިއްލަ ނަފްސަށް ނަޞޭޙަތްތެރިވުމަށް އެދޭ ބުއްދިވެރިޔާ މި ޙަދީޘްގެ މައްޗަށް ނަޟަރުހިންގައި ވިސްނުން ހުއްޓެވެ. އޭނާއަށް ބާކީ މިއޮތް ވަޤުތަށް ފާއިތުވި ދުވަސްތަކުން ޙާޞިލް ކުރެވުނީ ކޮންއެއްޗެއްކަމާއިމެދު ވިސްނާލުން ހުއްޓެވެ.
އަދި އޭނާ ދަންނަހުއްޓެވެ. ދިރިހުރި މި ދުނިޔެއަކީ ކެހިވެރި، ފޮނި ހުވަފެންތަކެއް ދެކޭ އަވާމެންދުރެއްފަދަ ތަނެކެވެ. ފަހެ، އޭނާވަނީ އެ ދުނިޔެ އެއްވެސް އަގެއް، ބުރަދަނެއްނުވާ އެއްޗަކަށް އަބަދުގެ އަބަދުގެ ނިޢުމަތް އަދި މެދުކެނޑުމެއްނެތް އޮތް ބާއްޖަވެރިކަން ވިއްކާލާފައެވެ” (الوابل الصيب 59).
އަޚާއެވެ! އަހަރުމެން ބާކީ އޮތް ޙަޔާތަކީ، އެދުވަހުގެ އިރު އޮއްސެން އޮތްފަދަ ކުޑަ ވަޤުތުކޮޅެވެ. ފަހެ، އެ ވަޤުތުގެ ތެރޭގައި މަޖަލާއި، އުފަލާއި، ޕާޓީ ބާއްވާނީ ކޮންފަދަ މީހެއް ހެއްޔެވެ؟
އަޚާއެވެ! މި ޢަމަލަކީ މުސްލިމުން ދަންނަ އެއްޗެއް ނޫނެވެ. މި ޢަމަލު މުސްލިމުންގެ ތެރެއަށް ވަދެފައިވަނީ ކާފަރުންގެ ތެރެއިންނެވެ. މުސްލިމުންގެ ތެރޭގައިވާ ބަލިކަށި، ދީނާ ބީރައްޓެހި ބަޔަކު ކާފަރުންގެ މި ޢާދަތައް މުސްލިމުންގެ ތެރެއަށް ވެއްދުން މެނުވީ މި ޢަމަލު މުސްލިމުން ނުދަނެއެވެ. ހިތާމައިގެ ބޮޑު ކަމާއެވެ!
މިއީ މި ޢަމަލުގެ ޙަޤީޤަތެވެ. މުންކަރާތެއް ކަމެވެ. ފާފަވެރި ޢަމަލެއް ކަމެވެ. ﷲ ގެ ޝަރީޢަތާއި އަދި އެއިލާހު އަހަރެމެން މި ޢާމަލުގައި ލައްވާފައިވާ ޙިކުމަތާއި ޚިލާފަށް ކުރެވޭ ޢަމަލެވެ. ކާފަރުންނަށް ތަބަޢަވުމެވެ. ފަހެ، އެހެންވުމުން މި ފަދަ މުންކަރާތް ޢަމަލެއް ފާހަގަ ކުރަން ބަޔަކު މީހުން ތައްޔާރުކުރާ ކާއެއްޗެހި ކެވޭނެ ހެއްޔެވެ؟
މިއީ ސުވާލުގެ ދެވަނަ ބައެވެ.
މި މައްސަލައިގައި މިއަދު ދުނިޔެމަތީގައިވާ ސުންނީ ސަލަފީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިން މި ސުވާލުތަކަށް ތަފްޞީލުކޮށް ޖަވާބު ދެއްވާފައިވެއެވެ.
އޭގެ ތެރޭގައި މަދީނާގެ، މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނަވައިދެއްވާ ޑރ. الشيخ سُلَيمَان الرحَيلي -حفظه الله- ހިމެނިވަޑައިގަންނަވައެވެ. ވިދާޅުވެފައިވެއެވެ.
ސުވާލު : އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި ތައްޔާރު ކުރެވޭ ކާބޯތަކެތި، އެ ޙަފްލާއަށް ޙާޟިރު ނުވެ ކެއުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު : ތިކަމުގައި ތަފްޞީލުވެއެވެ. “އެ ކާބޯތަކެއްޗަކީ އެ އެ މުނާޞަބާތަށް ޚާއްޞަކޮށް ތައްޔާރު ކުރެވޭ ކާބޯ ތަކެއްޗެއް ކަމުގައިވެއްޖެހިނދު، މިޘާލަކަށް “އުފަންދުވަހުގެ ހަދިޔާ -ކާތަކެތި-” މިފަދަ ތަކެތި ކެއުން ހުއްދައެއްނުވާނެއެވެ. ދެންއޮތީ، މި ޙަފްލާއަށް ޚާއްޞަކޮށް ތައްޔާރު ކުރެވޭ އެއްޗެއް ނޫނެވެ. މުޅި އަހަރު ދުވަސްތެރޭގައި ވެސް އެ އެއްޗެއް ތައްޔާރުކޮށް ކެއުމާއި ބުއިމުގައިވެއެވެ. ފަހެ، މިފަދަ ތަކެތި ކެއުން މައްސަލައެއް ނެތެވެ. އެހެނަސް ދަންނައެވެ. ތިބާއަށް އެ ހަދިޔާ ކުރެވުނީއެވެ.
އެހިނދު ތިބާއަށް އެދެވިގެންވަނީ އެ އެއްޗެއް އެމީހަކަށް ރައްދު ކޮށްލުމެވެ. އެއީ އެ ކާބޯތަކެތީގެ ޛާތުގައި ނޫނެވެ. އެހެނަސް އެއީ، ދީނުގައި މަނާ ކުރެވިގެންވާ ޙަފްލާ ބޭއްވުން އިންކާރު ކުރުމަށްޓަކައިއެވެ. މިޘާލަކަށް، ނަބިއްޔާ ގެ ޢީދު މިލާދު، އެމީހެއްގެ އުފަންދުވަސް، އާ އަހަރު ފާހަގަކުރުން، އެފަދަ ޙަފްލާއަށް ތައްޔާރު ކުރެވުނު ކާބޯތަކެތި ތިބާއަށް ހަދިޔާ ކުރެވުނީއެވެ. ފަހެ، ރައްދު ކޮށްލުން ހުއްޓެވެ. އެ ކާއެއްޗަކީ ޢާދަވެ ތައްޔާރު ކުރެވޭ އެއްޗެއް ކަމުގައި ވީނަމަވެސްއެވެ. އެހެނަސް މި ޙަފްލާއަށްޓަކައި އެވަނީ ގެނެސްފައިއެވެ. ފަހެ، އެ ރައްދުކޮށްލާށެވެ.
އެއީ، ކީއްވެ ހެއްޔެވެ؟
އެއީ، އެ ފަދައިން ބޭއްވޭ ޙަފްލާ އިންކާރު ކުރުމަށްޓަކައިއެވެ. އެހެނަސް، އެއީ އެ ޙަފްލާއަށް ޚާއްޞަކޮށް ތައްޔާރު ކުރެވުނު އެއްޗެއް ނޫން ކަމުގައިވުމުން، އެ ކެއުން ހުއްދަވެގެންވެއެވެ…”.
ފަހެ، އެހެން ވުމުން، އުފަންދުވަހުގެ ކޭކަކީ، އެ ޙަފްލާއަށް ޚާއްޞަކޮށް ތައްޔާރު ކުރެވޭ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ. އެކަމަށް އެ ޙަފްލާއަށް، އެ މުނާޞަބަށް ތައްޔާރު ކުރެވޭ އެއްޗެކެވެ. ވީމާ، މި ފާފަވެރި، މުންކަރު، ބިދުޢަވެރި ޢަމަލަށް ތައްޔާރު ކުރެވޭ އެއްޗެއް ކަމުގައި ވުމުން އޮތީ އެ ކެއުމާއި ބުއިމުން ދުރުވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.