music kulhumuge hukumakee koba

މިއުޒިކު ކުޅުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

الحمد لله رب العالمين. والصلاة والسلام على رسول الله، و على آله و أصحابه ومن تبعهم إلى يوم الدين.

ދަންނާށެވެ! އިސްލާމް ދީނަކީ ޢަދުލާއި އިންސާފަށް ޙުކުމްކޮށްފައިވާ އެންމެ މަތިވެރި މާތްވެގެންވާ ޝަރީޢަތެވެ. މި ޝަރީޢަތުގައި އެންމެހައި ހެވާއި ލާބައެއް އަދި ދެ ދުނިޔޭގެ އެންމެހައި ބާއްޖަވެރިކަމެއް ބަޔާންވެގެންވެ އެވެ. ﷲ ވަޙީ ކުރައްވާފައިވެ އެވެ.

﴿ وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ﴾ ”އަދި ނަބިއްޔާގެ ވެރި އިލާހުގެ ބަސްފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި ފުރިހަމަވެއްޖެ އެވެ.“ ﷲ ﷻ ބާވައިލެއްވި އެންމެހައި ޚަބަރު ތަކަކީ ތެދުބަސްފުޅެވެ. އަދި އެންމެހައި ޙުކުމްތަކަކީ ޢަދުލުވެރި ޙުކުމްތަކެވެ. ﷲ ގެ ޙުކުމްފުޅުތަކުން ބޭރުވެގަތުމަކީ އެއީ ތިމާގެ އަމިއްލަނަފްސަށް ނުވަތަ އަނެކާއަށް އަނިޔާވެރިވެރި ވުމެވެ.

ﷲ ﷻ  ބާވައިލެއްވި ޝަރީޢަތަކީ އެންމެހައި ޒަމާނަކަށް، އެންމެހައި ވަޤުތުތަކަށް ފުދިގެންވާ، ޝާމިލްވެގެންވާ ޝަރީޢަތެކެވެ. އެއްވެސް ޒަމާނަކަށް އެކަށީގެން ނުވާ ޝަރީޢަތެއްކަމުގައި ޤަބޫލުކޮށްފި މީހާ އެވަނީ ﷲ ގެ ޝަރީޢަތަކީ އުނި އެއްޗެއް ކަމުގައި ބުނެފަ އެވެ. މި ޝަރީޢަތް ބާވައިލެއްވިފައިވަނި އެންމެހައި އިންސާނުންގެ ޙަޔާތް ބާއްޖަވެރި ކުރުމަށާއި، ﷲ ރުއްސަވާ ވޮޑިގެންވާ މަގަށް ވާޞިލްކޮށްދިނުމަށެވެ. އެމަގަށް ވާޞިލް ވުމަށްޓަކައި، ﷲ ލޯބިވެވޮޑިގެންނަވާ، ރުއްސަވާވޮޑިގަންނަވާ އެންމެހައި ކަމެއް ޙަލާލުކުރައްވާ އެކަންތައްތަކަށް އަމުރުފުޅު ކުރެއްވި އެވެ. އަދި ﷲ ނުރުއްސަވާ، ކޯފާވެވޮޑިގަންނަވާ އެންމެހައި ކަންތައްތަކެއް ޙަރާމް ކުރައްވާ އެކަންތަކެއް ނަހީ ކުރެއްވި އެވެ. މިފަދައިން މުއުމިނު އަޅާ ޤަބޫލުކުރުމަކީ އޭނާގެ އީމާންކަން ދަލީލުކޮށްދޭ ބުރުހާނެކެވެ. ﷲ ﷻ ވަޙީ ކުރައްވާފައިވެ އެވެ. ﴿  فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا  ﴾ ”ނަބިއްޔާގެ ވެރިއިލާހު ޤަންދެއްވައި ވަޙީ ކުރައްވަމެވެ. އެބައިމީހުންގެ ދެމެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ނަބިއްޔާ ޙުކުމްވެރި ކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވެތެވެ. އެހިނދު ނަބިއްޔާ ނިޔާކުރެއްވި ގޮތާއި މެދު އެބައިމީހުންގެ ހިތްތަކުގައި ދަތިކަމެއްވާ ކަމުގައި އެބައިމީހުން ނުދެކޭނެތެވެ. އަދި އެބައިމީހުން އެ ނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންގަތުމަކުން ކިޔަމަން ވާނެ އެވެ.“

ޝަރީޢަތުގެ ޙުކުމް ބަޔާންވެގެން ދިއުމުން، އެއީ ތިމާއަށް ބުރަ، ދަތި، އުނދަގޫ އަދި ކުރުމަށް ހިތްނޭނދޭ ކަމުގައިވީނަމަވެސް، އެއީ ﷲ ގެ ޙުކުމް ކަމާއި ރަސޫލާ ﷺ ކަނޑައަޅުއްވާފައިވާ ޙުކުމް ކަމުގައި ބަޔާންވެ ދިއުމުން، އީމާން ކަމުގެ އަހުލުވެރިން އެޙުކުމް ފުރިހަމައަށް ޤަބޫލުކޮށް، އެކަމަށް ހިތުގައި އެއްވެސް ބުރައެއް ނޯންނާނެ ގޮތުގައި އީމާންވާނެ އެވެ. އީމާންކަމުގެ އަހުލުވެރިންގެ މިޘާލަކީ މިފަދަ އެވެ.

އަދިވެސް ވަޙީ ކުރައްވާފައިވެ އެވެ.﴿ وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ﴾ ”އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެބައިމީހުންނަށް އެކަމުގައި އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ ދަންނާށެވެ. ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ.“

ފަހެ، އިސްލާމް ދީނުގައި މިފަދައިން ބަޔާންވެގެންވާ އެއް ޙުކުމަކީ، މިއުޒިކާއި މިއުޒިކީ އެންމެގައި އާލާތްތަކެއް އޭގެ އަޞްލުގައި ޙަރާމްވެގެންވާ ތަކެއްޗެއް ގޮތުގައި ކަނޑައަޅާފައިވުމެވެ. މިކަމަށް ޝަރީޢަތުގައި ނުހަނު ސާފު ދަލީލުތައް ބަޔާންވެގެންވެ އެވެ.

ފަހެ، މި ލިޔުމުގައި 3 ބައެއްގައި 3 ކަމަކަށް ޝަރީޢަތުގެ ޙުކުމްތައް ބަޔާން ކުރަމެވެ. ފަހެ، ފުރަތަމަ ދެބައި ފަހުމް ވެއްޖެ މީހާއަށް އެންމެ ފަހުބައި ފަހުމްވެ، އެ އޮޅުވާލައިވާ އޮޅުވާލުން ކަޝްފުވެ ހާމަވެދިއުން ނުހަނު ފަސޭހަވެގެންދާނެ އެވެ.

ފުރަތަމައީ : މިއުޒިކްގެ ޙުކުމެވެ.

ސާފު ޞަރީޙަ ނައްޞުން އިސްލާމް ދީނުގައި މިއުޒިކް ޙަރާމްވެގެންވާކަން އޭގެ އެއްވެސް ޝައްކެތްނެތް މިންވަރަށް ބަޔާންވެގެންވެ އެވެ. ޤުރުއުން އަދި ސުންނަތުން އަދި މާތް މަތިވެރި ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވަޑައިގެންނެވި ތާބިޢީ ބޭކަލުންނާއި އުއްމަތުގެ ޤަރުނުތަކުގައި ފާޅުވި ސުންނަތުގެ އިމާމުންގެ ބަސްފުޅުތައް މިކަމުގައި ނުހަނު ގިނަ އެވެ.

ﷲ ﷻ ވަޙީކުރެއްވި އެވެ. ﴿ وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ ﴾ ”ޢިލްމުލިބިގެން ނުވާ ޙާލުގައި، ﷲ ގެ މަގުން މީސްތަކުން އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުން ކުރުމަށްޓަކައި ”ލަހްވަލް-ޙަދީޘް“ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިންވެ އެވެ. އިހާނެތިކަންދެނެވި ޢަޛާބު އެބައިމީހުންނަށް ހުއްޓެވެ.“

الإِمَام ابْن القَيِّم (751 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله މި އާޔަތުގައިވާ ”ލަހްވަލް-ޙަދީޘް“ އަކީ މިއުޒިކްކަން ބަޔާންކުރައްވާ، އުއްމަތުގެ ސަލަފުއްނާއި ޚަލަފުންގެ ގިނަ ގުނަ ތަފްސީރު ގެންނަވާފައިވެ އެވެ. ވިދާޅުވެފައިވެ އެވެ. ”ފަހެ، ޞަޙާބީންނާއި އަދި ތާބިޢީ ބޭކަލުންގެ ތަފްސީރު މިމައްސަލައިގައި ފުދެ އެވެ. (އެ އެންމެހައި ބޭކަލުން) އެއީ މިއުޒިކް ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ހަމަކަށަވަރުން މިފަދައިން ابن عبَّاس އަދި ابن مسعود ގެ އަރިހުން ޞައްޙަވެގެންވެ އެވެ. އަދި ابن عمر ގެ އަރިހުންވެސް އެފަދައިން ޞައްޙަވެގެންވެ އެވެ. (އަދިވެސް ވިދާޅުވެފައިވެ އެވެ.) ”މިފަދައިން مجَاهِد، عِكرمَة، مَكحُول އަދި قَتَادَة (މި އެންމެހައި ތާބިޢީ ބޭކަލުންގެ އަރިހުން) ޞައްޙަވެގެންވެ އެވެ.“ إغَاثَة اللهفان 1-420

ބުނަމެވެ. މިއުޒިކް ޙަރާމްވެގެންވާކަމަށް މި ދަލީލު އެކަނިވެސް ފުދެ އެވެ. އޭގެ އިތުރަށް ޤުރުއާންގެ ތަރުޖަމާގެ ލަޤަބް ލިބިވަޑައިގެންނެވި ޞަޙާބީގެ އިތުރުން އެހެނިހެން ޞަހާބީން ވިދާޅުވަފައިވުމުން އޭގެ ޙުކުމް ސާފުވެގެންވާ ކަމުގެ ބޮޑުކަމާ އެވެ!

صحيح البخاري 5590 ގައި ޞަޙާބީ أبو مالك الأشعري އަރިހުން ރިވާކުރެވިގެންވާ ޙަދީޘްގައިވެ އެވެ. (لَيَكونَنَّ مِن أُمَّتي أقْوامٌ، يَسْتَحِلُّونَ الحِرَ والحَرِيرَ، والخَمْرَ والمَعازِفَ) ”ހަމަކަށަވަރުން ޒިނޭ ކުރުން، ފަށުވި ފޭރާން (ފިރިހެނުންނަށް ހުއްދަކުރުމާއި)، ބަގުރާ އަދި މިއުޒިކް ޙަލާލު ކުރާނެ ބަޔަކު ތިމަން ނަބިއްޔާގެ އުއްމަތުގައި ފާޅުވާނެ އެވެ.“

މިއުޒިކީ އާލާތްތައް ހުއްދަކުރާނެ ބަޔަކު އުއްމަތުގައި ވާނެކަމަށް، އިސްވެ ބަޔާންވެގެންދިޔަ ޙަދީޘްފުޅާއި މެދުގައި ވާހަކަފުޅު ދައްކަވަމުން الحافظ ابن كَثِير رحمه الله ވިދާޅުވެފައިވެ އެވެ. ”(މިއުޒިކްގެ އާލަތްތަކުގެ ތެރެއިން) ތާރަ ފިޔަވައި އެހެން އެއްވެސް އާލަތެއް މީގެއިން އިސްތިސްނާވެގެން ނުވެ އެވެ. އެކަންވަނީ ޢީދު ފަދަ އުފާ ތަކުގަ އަދި މާތްވެގެންވާ މީހަކު ޣާއިބްވުމަށްފަހު، އެނބުރި އައުމުން އެކަމުގެ އުފަލުގައި އަދި ކައިވެނީ އުފާތަކުގައި ޖާރިޔާއިންނަށް ޚާއްޞަވެގެންނެވެ. އެއީ އެކަމުގެ މައްޗަށް ޙަދީޘްތައް ދަލީލުކޮށްދޭ ފަދައިންނެވެ….. ފަހެ، ބައެއް ޙާލަތްތަކުގައި އެކަން ހުއްދަވެގެން ވުމަކީ ހުރިހައި ޙާލަތެއްގައި އެކަން ހުއްދަވުމެއް ނޫނެވެ.“ مُلحَكتاب الكلام على مسألة السَّماع لابن القيِّم ص473

ފަހެ، މި ޙަދީޘްގައި އެންމެހައި މިއުޒިކީ އާލަތްތަކަކީ އޭގެ އަޞްލުގައި ޙަރާމްވެގެންވާ ތަކެއްޗެއްކަން މި ޙަދީޘްގެ ނައްޞުން ދޭހަވެގެންދެ އެވެ. އެއީ، ޝަރުޢުގައި ޝަރުޠުތަކާއެކު އިސްތިސްނާވެގެންވާ އެއްޗެއް ފިޔަވަ އެވެ.

މިއުޒިކާއި ބެހޭގޮތުން الإِمام القَاسم بن مُحمد بن أبي بكر الصديق رضي الله عنه އަރިއަހުގައި މީހަކު ސުވާލު ދެންނެވި އެވެ. އެހިނދު ވިދާޅުވި އެވެ. ތިބާއަށް މައްޗަށް އެކަން ތިމަންނަ މަނާ ކުރަމެވެ. އަދި އެކަމަކީ ތިބާ ކުރުމަށް ތިމަން ނުރުހޭ ކަމެކެވެ. އެހިނދު އެމީހަކު ދެންނެވި އެވެ. އެއީ ޙަރާމްވެގެންވާ ކަމެއް ހެއްޔެވެ؟ ވިދާޅުވި އެވެ. ތިމަންގެ އަޚާގެ ދަރިކަލުންނެވެ. ބާޠިލުގެ ތެރެއިން ޙައްޤަކީ ކޮބައިކަން ﷲ ވަކިކޮށްދެއްވައިފިހިނދު، ތިބާ މިއުޒިކު ވައްދާނީ އެ ދެކަމުންކުރެ ކޮން ކަމެއްގެ ތެރެއަށް ހެއްޔެވެ؟ (ރިވާޔަތުގައި ވެ އެވެ.) އެމީހާ ދެންނެވި އެވެ. މިއުޒިކު ވާހުށީ ބާޠިލްގެ ތެރެއިންނެވެ. އެހިނދު القَاسم بن مُحمد ވިދާޅުވި އެވެ. ”ޙައްޤު ގޮތަށް ފަހުގައި، ވާނީ މަގުފުރެދުން ނޫން ކޯންޗެއް ތޯ އެވެ.“ ذم الملاهي لابن أبي الدنيا 44

الإمام شيخ الإسلام ابن تيمية (728 ގައި ދުނިޔެ ދޫކުރެއްވި) رحمه الله ވިދާޅުވެފައިވެ އެވެ. ”ޞަޙާބީންނާއި، ތާބިޢީން ތެރޭގައި ހިމެނިވަޑައިގަންނަވާ، މިޘާލަކަށް عَبد الله بن مَسعود، عبد الله بن عمر، عَبد الله بن عَبَّاس، جَابر بن عَبد الله އަދި މިނޫންވެސް ޞަލަފުއް ޞާލިޙުންގެ އިމާމުންގެ އަރިހުން ފާޅުވެ ބަޔާންވެގެންވަނީ މިއުޒިކު އިންކާރުކުރައްވާފައި ވުމެވެ. އަދި މިފަދައިން (ޞަޙާބީންގެ ޖީލަށް ފަހު) ފާޅުވި ހެޔޮވެގެންވާ 3 ޤަރުނުގައި އިސްލާމްދީނަށް ފާޅުވި އިމާމުންގެ (ބަސްފުޅުތައްވަނީ އެފަދައިންނެވެ.)“ الإستقامة

الإِمَام ابْن القَيِّم (751 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله ވިދާޅުވެފައިވެ އެވެ. ”ދީނީ ޝަރުޢީ ޢިލްމުގެ ވަސް ދުވި މީހެއްވެސް، މިއުޒިކް ޙަރާމް ކަމުގައި ބުނުމާމެދު ޝައްކެތްވެސް ނުކުރާނެ އެވެ. (މިއުޒިކް އާ މެދު) އެންމެ ދަށް ދަރަޖައިން ބުނެވޭނީ އެއީ ބަގުރާ ބޯމީހުންނާއި ފާސިޤުންގެ ޝިޢާރެކެވެ.“ إغاثة اللهفان 1 -265

ޝައްކެތްވެސް ނެތެވެ! މިއުޒިކަކީ ފާސިޤު ފާޖިރު، ޙަޔާތެއް ނެތިފައިވާ، ޝަޢިޠާނީ ބައިގަނޑުގެ އެއްޗެކެވެ.

އިސްވެ ބަޔާން ކުރެވުނު ދަލީލުތަކަކީ މި މަޢުޟޫގެ ޙަޤީޤަތް ސާފުވެ ބަޔާންވެ، ހައްޤު ހޯދުމުގެ ޤަޞްދު އޮތް މީހަކަށް ފުދޭނެ މިންވަރެއް ކަމުގައި ދެކެމެވެ.

ދެވަނައީ : މިއުޒިކީ އެންމެހައި އާލާތްތަކުގެ މައްޗަށް ބަޔާންވެގެންވާ ޙުކުމެވެ.

މި މައުޟޫގައިވެސް، އުއްމަތުގެ ސަލަފުއް ޞާލިޙުންގެ އަރިހުން ބަޔާންވެގެންވާ ބަސްފުޅުތަކުގައި އެއްވެސް ޝައްކެތް ނުވާ މިންވަރަށް މި ކަމުގެ ޙުކުމް ވަނީ، ޙުއްޖަތާއި ދަލީލާއި، ބަސްފުޅުތަކުން ބަޔާންްވެގެންނެވެ. އެފަދަ ބައެއް ބަސްފުޅުތައް ބަޔާން ކުރަމެވެ.

الإمام البَغَوي رحمه الله (516 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) ވިދާޅުވެފައިވެ އެވެ. ފުމޭ އޮނު (ދުންމާރި) އަދި މިއުޒިކް ކުޅުމަށް ބޭނުންކުރާ އެންމެހައި އާލާތެއް އަދި މިއުޒިކަކީ އެއްވެސް ޚިލާފެއްނުވާ ގޮތުގައި ޙަރާމްވެގެންވާ އެއްޗެއް ގޮތުގައި އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެ އެވެ.“ شرح السنة (12/383)

الإمام شيخ الإسلام ابن تيمية رحمه الله (728 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) ވިދާޅުވެފައިވެ އެވެ. ”ހަތަރު އިމާމުން ދެކިވަޑައިގެންފައިވާ ގޮތުގައި، މިއުޒިކް ކުޅުމަށް ގެންގުޅޭ އެންމެހައި އާލާތްތަކަކީ ޙަރާމް ތަކެއްޗެވެ.“ مجموع فتاوى ج 11 ص 576

މި އެންމެހައި ބަސްފުޅުތަކެއްގައިވެސް ބަޔާންވެގެންވަނީ އެންމެހައި މިއުޒިކީ އާލާތްތަކެއް ޝަރީޢަތުގައި ޙަރާމްވެގެންވާކަމެވެ.

الإِمَامُ ابن رَجَب الحَنْبَلِي (795 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله ވިދާޅުވެފައިވެ އެވެ .“މިއުުޒިކަކީ ޙަރާމްވެގެންވާ އެއްޗެއްކަމާއި އަދި މުނިފޫހިފިލުވުމަށް ގެންގުޅޭ (މިއުޒިކީ) އާލާތްތައް ޙަރާމްވެގެންވާ ކަމުގައި އުއްމަތުގެ ސަލަފުންގެ ފަރާތުން ވާރިދުވެގެންވާ އަޘަރުތައް ނުހަނު ގިނަގުނަ އެވެ.“ نزهة الأسماع 66

އަދިވެސް ވިދާޅުވެފައިވެ އެވެ. ”أبوبكر الآجري އަދި އެހެނިހެން ޢިލްމުވެރިން މިކަމުގެ މައްޗަށް އިޖްމާޢު ޛިކުރުކޮށްފައިވެ އެވެ.“ نزهة الأسماع 66

އަދިވެސް ވިދާޅުވެފައިވެ އެވެ. ”މި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ އެއްވެސް ބޭފުޅަކު އެއްވެސް މިއުޒިކީ އާލަތެއް ހުއްދަކުރައްވާފައިވާކަން އެނގިގެން ނުވެ އެވެ. އެހެނަސް އެބޭކަލުންނަށް ފަހުގައި ފާޅުވި އެބައެއްގެ ބަސްތައް ބެލެވިގެންނުވާ ޞޫފީން އަދި ޟާހިރީން ބައެއްމީހުން ހުއްދަކުރި އެވެ.“ نزهة الأسماع 60

الإمام الألباني (1420 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ޢިލްމުވެރިންނާ ފިޤުހުވެރިން އިއްތިފާޤުވެވަޑައިގެންފައިވަނީ މިއުޒިކީ އެންމެހައި އާލާތްތަކަކީ ޙަރާމްވެގެންވާ އެއްޗެހިތަކެއް ކަމުގަ އެވެ. އެއީ ނަބަވީ ޙަދީޘްތަކާއި އަދި ސަލަފީ އަޘަރުތަކަށް ތަބަޢަވުމަށްޓަކަ އެވެ.“ تحريم آلات الطرب ١٠٥

والله تعالى أعلم.

وصلى الله على نبينا محمد وعلى آله و صحبه وسلم.

Similar Posts

Leave a Reply