ކުޑަކުދިން ކުޅުމަށް ބުދުފަދަ ކުޅޭތަކެތި ދިނުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޖަވާބު : ”ބުދު ގެންގުޅުން، މި މަޢުޟޫގައި ކޮށްފައިވާ ސުވާލަކީ ކުޑަކުދިން ކުޅުމަށް އެކުދިންގެ އަތަށް މި ޒަމާނުގައި ދެވޭ ބުދުތައް، މި މާނައިގައި ކަމުގައި ދެކެމެވެ.

އަޚާ އެވެ! މި މައްސަލައިގައި ގިނަ ޢިލްމުވެރިންގެ ބަސްފުޅު އަދި ރައްކާތެރި ކަމުގެ ބަސްފުޅު، ބުދުތައް ގެންގުޅުމާއި ބުދުތަކާއި އަދި ޞޫރަ ކުރެވިފައިވުން، މި އެންމެހައި ޢަމަލުތަކަކީ ޙަރާމްވެގެންވާ ނަހީކުރެވިގެންވާ އެތައް އެތައް ގިނަ ގުނަ ޙަދީޘްތަކެއްވެ އެވެ. ފަހެ، ދެބަސް ވުމެއް ނެތި، ރައްކާތެރި އަދި ސަލާމަތްކަން ލިބިގެންވާ ޢަމަލަކީ މިތަކެތިން ދުރުވުމެވެ.

މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަދި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ الإمام العلامة ابن باز رحمه الله ވިދާޅުވެފައިވެ އެވެ.

”بسم الله، الحمد لله، والصلاة والسلام، على رسول الله وعلى آله وأصحابه ومن اهتدى بهداه، أما بعد:

އަންހެންކުދިން ކުޅެހެދުމަށްޓަކައި، ޞޫރަ ކުރެވިފައިހުންނަ ތަކެތި ގެންގުޅުމާއި މެދުގައި ޢިލްމުވެރިން ދެބަސްވަޑައިގެންފައިވެ އެވެ. ޢިލްމުގެ އަހުލުވެރިންގެ ތެރެއިން އެއްބަޔަކު އެ ހުއްދަ ކުރި އެވެ. ސަބަބަކީ އެއީ، އަންހެންކުދިން، ކުޑަކުދިން ގެންގުޅުމާއި އަދި ކުޑަކުދިން ޅަފަތުގައި ގެންގުޅުން ތަރުބިއްޔަތު ކޮށްދޭ ކަމަށްވާތީ އެވެ. އަދި އެބައިމީހުން މިކަމުގެ ޙުއްޖަތެއްގެ ގޮތުން ގެންސްފައިވަނީ عائشة رضي الله عنها އަރިހުގައި ކުޅުމަށްޓަކައި އެފަދަ ތަކެއްޗެއް ހުރުމެވެ. އަދި ނަބިއްޔާ ﷺ އެކަމަށް އިޤްރާރުވަޑައިގެންފައި ވުމެވެ.

އެހެނިހެން ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ ޙަރާމް ވެގެންވާ ކަމެއްގެ ގޮތުގަ އެވެ. އަދި އެއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ ނަބިއްޔާ ﷺ އަރިހުން ޞޫރަކުރުން ނަހީކުރައްވާފައިވާކަން ޘާބިތުވެފައިވުމެވެ. އަދި ޞޫރަކުރެވިފައިވާ ތަކެތި ގެންގުޅުން ނަހީ ކުރައްވާފައިވުމެވެ. އަދި (އެކަން ޙަރާމް ކުރެވިގެންވާ ސަބަބުތަކުގެ ތެރޭގައި) ޞޫރަ ނައްތާލެއްވުމަށް ރަސޫލާ ﷺ އަމުރުފުޅު ކުރައްވާފައި ވުމެވެ. علي رضي الله عنه އަށް ޙަދީޘް ކުރެއްވި އެވެ. (لا تدع صورة إلا طمستها ولا قبراً مشرفاً إلا سويته) ”އެއްވެސް ޞޫރައެއް، އޭގެ ސިފަ ގެއްލުވާފައިމެނުވީ ދޫނުކުރައްވާށެވެ. އަދި ބިންމަތިން އުފުލިފައިވާ އެއްވެސް ޤަބުރެއް ބިމާ ހަމަކުރުމަށްފަހުގައި މެނުވީ ދޫނުކުރައްވާށެވެ.“ އަދިވެސް ނަބިއްޔާ ﷺ އަރިހުން ޘާބިތުވެފައިވަނީ، ގޭތެރޭގައި ޞޫރަބެހެއްޓުން ނަހީކުރެވިފައިވުމާއި އަދި އެތަކެތި ގެންގުޅުން ނަހީކުރެވިފައިވުމެވެ. މިއީ ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިންގެ ބަސްފުޅުކަމުގައި ބަޔާންކޮށްފައިވެ އެވެ.

(ޢިލްމުގެ ގިނަ އަހުލުވެރިން) ވިދާޅުވެފައިވެ އެވެ. عائشة رضي الله عنها އަރިހުގައިވި މި ތަކެއްޗަކީ ދީނުގައި މި ޙުކުމް މަންސޫޚު ވުމުގެ ކުރީގައި އަދި ނަހީ ކުރެއްވުމުގެ ކުރީގައި ގެންގުޅުއްވި ތަކެއްޗެވެ. އެހެނަސް މަންސޫޚު ކުރެވުނު ފަހުގައި، އަދި ނަހީ ކުރެއްވުމުގެ ފަހުގައި، އެކަމަށް ނަބިއްޔާ ﷺ އިޤްރާރުވެ ވަޑައިއެއްނުގަންނަވަ އެވެ.

ފަހެ، އެހެންވުމުން މިކަންތަކުން އެނގި ބަޔާންވެގެންދަނީ، މިތަކެތި ބެހެއްޓުމުން ދުރުވުމެވެ. އަދި މި ނޫންތަކެތި ބޭނުން ކުރުމެވެ. ފަހެ، ކުޅެހެދުމަށް ބޭނުންކުރާ ތަކެތި ކަމުގައިވާ ކުރީޒަމާނުގައި ފޮތިން ނުވަތަ ކަފައިން ހަދާފައިހުންނަ ޞޫރަކުރެވިފައި ނުހުންނަ، ތަކެތިފަދަ އެއްޗެހި ބޭނުން ކުރުމެވެ. އަދި ﷲ ޚަލްޤުކުރައްވާފައިވާ ތަކެއްޗާއި އެއްގޮތަށް ހުންނަ ތަކެތި ބޭނުން ނުކުރުމެވެ. މިއީ އެންމެ ރައްކާތެރި އަދި ސަލާމަތްކަމުގައިވާ ގޮތެވެ.

އެހެނަސް ކުޅުމަށްޓަކައި ހަދާފައިހުންނަ މިފަދަ ތަކެތި ޙަރާމްއޭ ބުނުމަކީ އެއާއި މެދު ވިސްނާލަން ޖެހޭނެ ކަމެކެވެ.

އަދި ސުވާލު ކުރި ފަރާތަށް އަޑުއިވިގެންދިޔަ ފަދައިންނެވެ. އެގޮތުން އެންމެ ރައްކާތެރިކަން ބޮޑުވެގެންވާ އަދި ސަލާމަތްތެރިކަން ބޮޑުވެގެންވާ ގޮތަކީ މި އެވެ. އަދި ޝައްކު ކުރެވޭ ކަންތައްތައް ޝައްކު ނުކުރެވޭ ކަންތައްތަކުގެ މައްޗަށް ގެންދިއުމަށްޓަކަ އެވެ. ފަހެ، މިފަދަ ތަކެތި ދޫކޮށްލުން އައުލާވެގެންވެ އެވެ.

އަދި އަންހެން ކުދިން ކުޅުމަށްޓަކައި ހަދާފައިހުންނަ މިނޫންތަކެތި ބޭނުން ކުރުމެވެ. ލަކުޑިން ނުވަތަ ކަފައިން ތައްޔާރުކޮށްފައިހުންނަ ތަކެތި ބޭނުން ކުރުމެވެ. والله أعلم ފަހެ، އަހަރެން ދެކޭ ގޮތަކީ، ޕްލާސްޓިކުން ތައްޔާރު ކުރެވިފައިވާ މިފަދައިން ސޫރަކުރެވިފައި ހުންނަ ބުދުތަކަކީ ނަހީކުރެވިގެން ތަކެއްޗެކެވެ.

އެތަކެތީގެ ބޮލާއި އަތްފައި އަދި އެހެނިހެން ތަންތަންވެސް ސޫރަ ކުރެވިފައި ވުމުންނެވެ. އަދި މިތަކެއްޗަކީ ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ނަހީ ކުރެވިގެންވާ ޙުކުމްގެ ތެރެއަށް ވަންނަ ތަކެއްޗެކެވެ. ފަހެ، މިކަންތައްތަކުން ދުރުވެ ވަކިވެ ހުރުމަކީ އެންމެ ރައްކާތެރިވެގެންވާ ގޮތެވެ.“ (ފަތުވާ ނިމުނީ އެވެ.)
އަޚާ އެވެ! އިސްވެ ދިޔަ ބަސްފުޅުގައި އެކަން ހުއްދަކުރާ ނުވަތަ ހުއްދަވެގެންވާކަމަށް ބުނާ މީހުން ގެނެސްފައިވާ ދަލީލުތަކަކީ ނަބިއްޔާގެ އަނބިކަނބަލުން عَائِشَة رضي الله عنها އެފަދަ އެއްޗެއް ގެން ގުޅުމެވެ. ޝެއިޚްވަނީ އެކަމުގައި ބަސްފުޅެއް ވިދާޅުވެފަ އެވެ.
އެއީ ކުރީގެ ޙުކުމް ކަމުގައިވެ، ފަހުން އެ ޙުކުމް މަންސޫޚުވެފައިވުމެވެ.
ބުނަމެވެ.
އެއީ މަންސޫޚު ނުވާ ކަމެއް ކަމުގައި ބުނަމާ ހިނގާށެވެ. ފަހެ، އެހިނދު އެއީ ޙަޤީޤަތުގައިވެސް މޫނުލެވި، ޞޫރަލެވި، އަތްފައި ލެވި، މިއަދު އޭގެ ސަބަބުން އެތައް މައިންބަފައިންނާއި ދަރިންތަކެއް ފިތުނަވެރި ޚާލަތަށް ގޮސްފައިވާފަދަ ބުދުތައް، ޖަނަވާރުތައް، އިންސާނުންގެ ޞޫރަ ލެވިފައިވާ ތަކެތި ގެންގުޅުން ހެއްޔެވެ؟

ފަހެ، عَائِشة ގެންގުޅުއްވި އެ ކުޅޭތަކެތި ބަޔާންވެގެންވަނީ ކިހިނަކުން ހެއްޔެވެ؟
މަދީނާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މުޙައްދިޘް الشَّيخ العَلاَّمَة عَبد المحسِن العبَّاد حفظه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : އެކިއެކި ޖަނަވާރުތަކުގެ ޞޫރައިގައި ހަދާފައި ހުންނަ ބުދުތައް ކުޑަކުދިން ކުޅެއުޅުމަށްޓަކައި ގަނެފައިދިނުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ މީގެ ބޭނުމަކީ، ކުޑަކުދިން މުނިފޫހި ފިލުވުމަށާއި، ކުޑަކުދިން ތަރުބިއްޔަތު ކުރާ ގޮތް ދަސްކޮށް އޭގެ ޢިލްމު ހޯދުމަށެވެ.

ޖަވާބު : ”ތިޔަ ބުދުތައް، ކުޑަކުދިންގެ ޞޫރައިގައި ތައްޔާރުކޮށްފައިހުންނަ ތަކެތި ނުވަތަ އެނޫންތަކެތީގެ ޞޫރައިގައި ތައްޔާރުކޮށްފައި ހުންނަ ތަކެތި އިންސާނުން ބޭނުން ކުރުމެއް ނުވެ އެވެ. ފަހެ، عَائِشَة ގެ އަރިއަހުން ވާރިދުވެގެންވާ އެއްޗަކީ، عَائِشَة އެތަކެތި ގެންގުޅުއްވި ކަމަށް ވާރިދުވެގެންވާ ތަކެއްޗަކީ ތިފަދަ އިންސާނުންގެ ޞޫރަތަކުގައި ހުރި ތަކެއްޗެއް ނޫނެވެ. އެހެނަސް އެކަމަނާ ގެންގުޅުއްވި އެއްޗަކީ ދަޑިން (ވަކަރު ކޮޅުތަކެއް) އެކަތި އަނެކަތީގެ ތެރެއަށް ކަނޑައި ވެއްދޭ ގޮތަށް ތައްޔާރުކޮށް އެފަދައިން އަތުރާލެވޭ އެއްޗެކެވެ. އެއީ ތިފަދައިން ފުރިހަމަ އިންސާނެއްގެ ސޫރައިގައި ނުވަތަ ޖަނަވާރެއްގެ ސޫރައިގައި ތައްޔާރުކޮށްފައިވާ އެއްޗެއް ނޫނެވެ.“

މި މައްސަލައިގައި މިއަދު ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާކޮމެޓީގެ މެންބަރު الشَّيخ صَالح الفَوزَان حفظه الله އަރިހުގައި މިފަދަ ބުދުތައް ގެންގުޅުމާއި އޭގެ މައްޗަށް ދަރިން އަހުލުވެރި ކުރުމާއި މެދުގައި ސުވާލު ދެންނެވުނުހިނދު ވިދާޅުވެފައިވެ އެވެ.

ސުވާލު : ކުޑަކުދިން ގޭތެރޭގައި ކުޅެން ގެންގުޅޭ ހަށިގަނޑު ލާފައި ހުންނަ ތަކެއްޗާއި މެދުގައި އަހަރެން ސުވާލު ކުރުމަށް ބޭނުންވެ އެވެ. މި ތަކެތި އަހެއް ނުވަތަ ޖަމަލެއްގެ ސިފަ އެއްގަވެ އެވެ. އަދި ބައެއް އެއްޗެހި ހުންނަނީ ހަށިގަނޑު ހުންނަ (އިންސާނުންގެ ސިފައިގައި) ފަދަ ބުދުތަކެއްގެ ގޮތުގަ އެވެ. އެއްގޮތަކީ ޖަނަވާރު ތަކެއްގެ ސޫރައިގައި ވުމެވެ. ނުވަތަ އިންސާނުންގެ ސޫރައިގައި ވުމެވެ.

މިފަދަ ތަކެތި ގޭތެރޭގައި ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު : ތިޔަ ތަކެތި ހުއްދައެއް ނުވާނެ އެވެ. ތިޔައީ ބުދުތަކެވެ. ތިޔަބައިމީހުންގެ ދަރިން ބުދުތަކާއި ޞޫރަތަކުގެ މައްޗަށް ތަރުބިއްޔަތު ކުރުން ތިޔަބައިމީހުންނަށް ހުއްދައެއް ނުވާނެ އެވެ. ޞޫރަ ނުހުންނަ ކުޅެން ބޭނުންކުރާ އެހެނިހެން ތަކެތި ވެ އެވެ. ޞޫރަ ނުހުންނަ ވަރަށްވެސް ގިނަ އެހެނިހެން ތަކެކި ވެ އެވެ. މިޘާލަކަށް ކާރުތަކާއި، އެކިއެކި ކުޅެން ބޭނުންކުރާ ހަތިޔާރު ތަކާއި، އަދި ފުރާނަ ލެވިގެންވާ ތަކެތީގައި ސިފައިގައި ނުހުންނަ، ޖަނަވާރުތަކުގެ ސިފައިގައި ނުހުންނަ ކުޅެން ބޭނުންކުރާ ތަކެތި ހުރެ އެވެ. އާނއެކެވެ.“

https://goo.gl/H62U73

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts