ދުނިޔެ ދޫކޮށްފައިވާ މަންމަގެ ޤަބުރަށް ދަތުރު ހަދައިގެންގޮސް ޒިޔާރަތް ކުރެވިދާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ދުނިޔެ ދޫކޮށްފައިވާ މަންމަގެ ޤަބުރަށް ޒިޔާރަތް ކުރުމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.

ފުރަތަމައީ :

ޤަބުރަށް ނުވަތަ ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ ފިރިހެނުންނަށް ސުންނަތް ވެގެންވާ ޢަމަލެކެވެ. ދަލީލުތަކުން އަދި ދަލީލުތަކުގެ މައްޗަށް ބުރަވެ، ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވާ އެންމެ ޞައްޙަ ބަސްފުޅަކީ އަންހެނުނަށް ޤަބުރުސްތާނަށް ޒިޔާރަތް ކުރުން ހުއްދަވެގެންނުވުމެވެ.

ޙަރާމްވެގެންވާ ކަމަށް ބުނެފައިވާ ޤައުލުތަށް ވަރަށް ޞަރީޙަވެގެންވެ އެވެ. އެ ފަދަ ދަލީލުތަކުގެ ތެރޭގައި :

އިމާމް أبو داود 3236، ابن عباس ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (لعن رسول الله صلى الله عليه وسلم زائرات القبور) ”ޤަބުރުތަކަށް ޒިޔާރަތް ކުރާ އަންހެނުންނަށް ﷲ ގެ ރަސޫލާ ލަޢުނަތް ލެއްވި އެވެ.“

އަދި الترمذي 1056 أبي هريرة رضي الله عنه ގެ އަހިރުން ރިވާކޮށްފައިވެ އެވެ. (أن رسول الله صلى الله عليه وسلم لعن زوارات القبور) ”ހަމަކަށަވަރުން ޤަބުރުތަކަށް ޒިޔާރަތްކުރާ އަންހެނުންނަށް ﷲ ގެ ރަސޫލާ ލަޢުނަތް ލެއްވި އެވެ.“

އަދިވެސް މި މާނައިގައިވާ އެހެނިހެން ޙަދީޘްތަކެވެ.

ވުމުން މި ނުކުތާގެ މައްޗަށް ބިނާކޮށް އެހެން ނުކުތާތައް ބަލަމެވެ.

ދެވަނައީ :

ޤަބުރަށް ޒިޔާރަތް ކުރުމުގެ ޤަޞްދުގައި ދަތުރުކޮށް ދަތުރުހަދައި ގޮސްގެން ނުވާނެ އެވެ. މާނައަކީ : ރަށެއްގައި އުޅޭމީހަކު އެހެން ރަށެއްގެ ޤަބުރުސްތާނުގައި ވަޅުލާފައިވާ މަންމައަށް ނުވަތަ އެ ނޫންވެސް ފަރާތަކަށް ޒިޔާރަތް ކުރުމުގެ ޤަޞްދުގައި ދަތުރުކޮށް ހަދައި ދަތުރުކޮށް ގޮސްގެން ނުވާނެ އެވެ. އިމާމް البخاري އަދި مسلم ރިވާކޮށްފައިވާ ހަދީޘްގައިވެ އެވެ. ( لا تشد الرحال إلا إلى ثلاثة مساجد : المسجد الحرام ، ومسجدي هذا ، والمسجد الأقصى ) ”-ﷲއަށް ކުއްތަންވުމުގެ ޤަޞްދުގައި- ތިން މިސްކިތަކަށް މެނުވީ ދަތުރުކޮށްގެން ނުވާނެ އެވެ. މަސްޖިދުލް ޙަރާމް، ތިމަން ނަބިއްޔާގެ މިސްކިތް އަދި މަސްޖިދް އަލް-އަޤްޞާ އެވެ.“

މި މައުޟޫގައި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ފިޤުހުވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި الشيخ ابن عثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޤަބުރު ތަކުގެ ތެރެއިންވާ އެއްވެސް ޤަބުރަކަށް (ކޮންމެފަދަ ޤަބުރެއް ކަމުގައިވީނަމަވެސް) ޒިޔާރަތް ކުރުމުގެ ޤަޞްދުގައި އެއްވެސް އިންސާނަކު ދަތުރުކޮށް ދިއުން ހުއްދައެއް ނުވާނެ އެވެ.“

ވުމުން މި ނުކުތާވެސް އެކަމުގައި ދަންނަން ޖެހެ އެވެ.

ތިންވަނައީ :

އާޚިރަތް މަތިން ހަނދާން ކުރުމާއި، އެ ޤަބުރުތަކުގައިވާ އަހުލުވެރިން ފަދައިން ދުނިޔެ ދޫކޮށް އެ މަޤާމަށް ދާނެކަން ހަދާންކޮށް އެކަން ނަފްސަށް ގެނެސްގަތުމަށްޓަކައި ޤަބުރުސްތާނަށް ޒިޔާރަތް ކުރުމެވެ. މިއީ އަޞްލު ނިޔަތް އޮންނަން ޖެހޭ ގޮތެވެ. އަދި މިއީ އެސަބަބަކަށްޓަކައި ޤަބުރަށް ޒިޔާރަތް ކުރުމަށް މާތް ނަބިއްޔާ މިސްތަކުންނަށް ބަޔާންކޮށްދެއްވި ސަބަބުކަމުގައިވެ އެވެ. ޙަދީޘްފުޅުން ޘާބިތުވެފައި ވެއެވެ. (كنت نهيتكم عن زيارة القبور ألا فزوروها فإنها تذكركم الآخرة) ”ތިމަން ނަބިއްޔާ ތިޔަބައިމީހުނަށް ޤަބުރުސްތާނަށް ޒިޔާރަތް ކުރުން ނަހީކުރެއްވީމެވެ. ފަހެ ތިޔަބައިމީހުން މިހާރު ޤަބުރުސްތާނަށް ޒިޔާރަތް ކުރާށެވެ. އެއީ ތިޔަބައިމީހުނަށް ޤިޔާމަތް ހަނދުމަކޮށްދޭނެ ކަމެކެވެ.“ މިޙަދީޘްފުޅު الإمام مُسلم ރިވާކުރައްވާފައި ވެއެވެ.

ހަތަރުވަނައީ :

އިސްވެ ބަޔާންވެގެންވާ ނުކުތާ ތަކުގެ މައްޗަށް ޤަބުރުސްތާނަށް ޒިޔާރަތް ކޮށްފި މީހާއަށް، ސުންނަތްވެގެންވަނީ އެތަނުގައިވާ އަހުލުވެރިންނަށް ދުޢާކޮށްދިނުމެވެ. އެގޮތުން ހަމައެގޮތަށް ޤަބުރުސްތާނަށް ޒިޔާރަތްކުރާ މީހާ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މިއުއްމަތުގެ އަހުލުވެރިންނަށް އަންގަވާ ދެއްވާފައިވާ އަދި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޤަބުރުސްތާނަށް ޒިޔާރަތް ކުރެއްވުމަށްފަހު ޙަދީޘްފުޅު ކުރެއްވި ދުޢާ ކިޔުން ސުންނަތް ވެގެން ވެއެވެ. (السلام عليكم دار قوم مؤمنين وإنا إن شاءالله بكم لاحقون، يرحم الله المستقدمين منا ومنكم والمستأخرين، نسأل الله لنا ولكم العافية، اللهم لا تحرمنا أجرهم، ولا تفتنا بعدهم، واغفر لنا ولهم) އެ ދުޢާއަކީ މިއެވެ.

ފަހެ، އެހިނދު ޤަބުރުސްތާނުގައިވާ އަހުލުވެރިންނަށް އަދި އޭނާގެ ނަފްސަށް އަޖުރާއި ޘަވާބު ޙާޞިލްވެ އެ ޒިޔާރަތަކީ ސުންނަތް ވެގެންވާ ދީނުގައި ޝަރުޢުވެގެންވާ ޒިޔާރަތެއް ކަމުގައިވެ އެވެ.

ފަސްވަނައީ : ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަށްފަހު، އެތަނުގައިވާ ޚާއްޞަ ޤަބުރެއް ކައިރިއަށް ދިއުން އެހިނދު މަނާކަމެއް ނެތެވެ. ދަންނަ ހުއްޓެވެ! އެމީހަކު އަޞްލު ޤަޞްދު ކަމުގައިވަނީ ޚާއްޞަ ޤަބުރަކަށް ޒިޔާރަތް ކުރުމެއް ނޫނެވެ. އެހެނަސް ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަށްފަހު، އެތަނުގައި ޚާއްޞަ ޤަބުރެއް އޮތުމުން އެ ޤަބުރުކައިރީގައި މަޑުކޮށް ދުޢާ ކުރުމެވެ. އެއީ މަންމަ ކަމުގައިވާނަމަ ނުވަތަ އެހެން ފަރާތެއް ކަމުގައިވާނަމަ އެ ފަރާތަށް ދުޢާކޮށް ﷲ އަށް ދެންނެވުމެވެ. އެހިނދު މި ޢަމަލުގައި މަނާކަމެއް ނެތެވެ. މަންމަގެ ފާފަ ފުއްސެވުމަށް، އަދި އެހެން އެފަދަ ދުޢާ ކުރުމުގައި މައްސަލައެއް ނުވެ އެވެ.

ހަވަނައީ : ނިންމާލުމުގެ ކުރިން ބަޔާން ކުރަމެވެ.

ބައެއް މީހުންނަށް ވިސްނިފައިވާ އެއްޗަކީ، މަންމަ ނުވަތަ ބައްޕަ ދުނިޔެ ދޫކުރުމަށްފަހު، އެ ޤަބުރަސް ޒިޔާރަތް ކުރުމަކީ އެއީ މަންމަ އަދި ބައްޕައަށް އިޙްސާންތެރި ވުމުގެ ގޮތުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ.

ފަހެ، މި މައްސަލައިގެ ޙައްޤު ބަހަކީ ކޮބައިކަން އިސްވެ ބަޔާން ކުރެވިއްޖެ އެވެ. އެއީ ވަކި ޚާއްޞަ ޤަބުރަކަށް ޒިޔާރަތް ކުރުމުގެ ނިޔަތުގައި ދަތުރު ކުރުމެއް ނުވާކަމެވެ. އަދި ވަކި ޚާއްޞަ ޤަބުރަކަށް ޒިޔާރަތް ކުރުމަށް ޤަބުރުސްތާނަށް އެ ނިޔަތުގައި ދިއުމެއް ނުވާކަމެވެ.

الشيخ ابن عثيمين رحمه الله – ވިދާޅުވެފައިވެ އެވެ. ”ޤަބުރުސްތާނުގައިވާ އަހުލުވެރިންނަށް ޒިޔާރތް ކުރުމުގެ މަޤްޞަދަކީ އެފަރާތްތަކަށް ދުޢާ ކޮށްދިނުމެވެ. ދުޢާ ކުރާ މީހާ ކޮންމެ ހިސާބެއްގައި (ކޮންމެ ތަނެއްގައި) ހުއްޓަސް އޭނާގެ ދުޢާ ﷲ ގެ ޙަޟުރަތަށް ވާޞިލްވާނެތެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިންނެވެ. (إذا مات الإنسان انقطع عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له) ”އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެ އެވެ. ދެމިހުންނާނެ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ.“ ފަހެ، ތިބާއަށް އޮތީ ތިބާވީ ކޮންމެ ތަނެއްގައިމެ، މައިންބަފައިންނަށް ދުޢާ ކުރުމެވެ. ކައިރީގައި ނުވަތަ ދުރުގައިހުރި ކަމުގައިވީނަމަވެސް މެވެ. ޤަބުރަށް ޒިޔާރަތް ކުރުމުގެ ޙާޖަތެއް ނެތެވެ. އާނއެކެވެ. ވަޅުލެވިފައިވާ އެ ބިމުގައި ތިބާ ހުރެފައި، އެ (އެތަނަށް ޙާޖަތެއް ޖެހިގެން) ތިބާއަށް އާދެވުނީ އެވެ. އެހިދނު ބައްޕަގެ ޤަބުރަށް ޒިޔާރަތް ކުރުން މައްސަލައެއްނެތެވެ. އެހެނަސް ދަތުރު ހަދައިގެން ޤަބުރަށް ޒިޔާރަތް ކުރުމަށް އައުމަކީ ދީނުގައި ނަހީވެގެންވާ ކަމެކެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts