ކުރިމަތިފަރާތުން ފައިބާ ތަކެތީގެ ސަބަބުން ވުޟޫ ގެއްލޭނެ ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ތިޔަ ސުވާލަށް ޖަވާބު ދިނުމުގައި ދެ މޭރުމަކުން ބަލަން ޖެހެ އެވެ.
އެންމެ ފުރަތަމަ މޭރުމަކީ :
ފަރުޖުން ނުކުންނަ ތިފަދަ ލޮދި ފަަދަ ތަކެތީގެ ސަބަބުން ޙަދަޘަވެރި ވާނެ ހެއްޔެވެ؟ އެބަހީ، ވުޟޫ ގެއްލޭނެ ހެއްޔެވެ؟ ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނެތި އިޖުމާޢުވެވަޑައިގެންފައި ވާކަން ކަށަވަރީ ދެ ދޮރުންކުރެ ދޮރަކުން ނާދިރު ޙާލަތެއް ނުވާ ގޮތުގައި ނުކުންނަ އެއްޗެއް ނުކުމެއްޖެހިނދު، ވުޟޫ ގެއްލޭނެ ކަމެވެ.
އެއީ ނަޖިހެއް ނުވަތަ ނަޖިހެއް ކަމާއި މެދުގައި ޚިލާފް އުފެދިފައިވާ އެއްޗެއް ނުކުތް ކަމުގައިވީނަމަވެސް އެވެ. މިކަމުގައި އެއްވެސް ޚިލާފެއް ނެތެވެ.
ޚިލާފް އޮތީ އިންސާނެއްގެ ހަށިގަނޑުން ޢާންމުކޮށް ނުނިކުންނަ ނާދިރު އެއްޗެއް ނުކުމެއްޖެނަމަ ވުޟޫ ގެއްލޭނެ ކަމާއި މެދުގަ އެވެ. الإمام مالك -رحمه الله- އާ ޚިލާފަށް ޖުމްހޫރުން ދެކިލައްވަނީ މިޙާލުގައިވެސް ވުޟޫ ގެއްލޭނެ ކަމެވެ.
އެހެނަސް މިފަދައިން ނުކުންނަ ތަކެއްޗާއި ޚިލާފަށް އަންހެނުންގެ ކުރިމަތި ފަރާތުން ނުހުންނަ هواء (ވައި) އިސްތިސްނާ ވާނެ އެވެ. އެއްވެސް ޙާލެއްގައި އެއީ ފުރަގަސް ފަރާތުން ނުކުންނަ ފަދަ ވައެއް ނޫނެވެ.
ދެން މި ދަނޑިވަޅުގައި ތަފްސީލުކޮށްދިނުމުގެ ގޮތުން ބުނަމެވެ. އިސްތިޙާޟާގެ ލޭ ނުވަތަ ކުޑަކަމުދާ ތަކެތި އަބަދު ބޭރުވެ (ކުޑަ ކަމު ދިއުމަށްފަހު ތިކިތިކި ޖަހައި، ހުއްޓުމެއް ނުވާ ގޮތުގައި ކުޑަކަމުދާ ތަކެތި ބޭރުވުން) މި ބަލީގައި ސަބަބުންވެސް ނުކުންނަ ތަކެތީގެ ސަބަބުންވެސް ވުޟޫ ގެއްލޭނެ އެވެ. (އިސްތިޙާޟާ ގެ ޙުކުމުގައިވާ އަންހެނާ ޢަމަލުކުރަންޖެހޭ ގޮތް މީގެ ކުރީގައި ސުވާލުތަކުގައި ބަޔާން ކުރެވިފައިވާނެ އެވެ.)
ދެވަނަ މޭރުމަކީ : އަންހެނާގެ ފަރުޖުން ނުކުންނަ ލޮދިފަދަ ތަކެއްޗަކީ ނަޖިހެއްތޯ ނުވަތަ ޠާހިރު އެއްޗެއްތޯ ބެލުމެވެ. ފޭރާމުގައި އެފަދަ އެއްޗެއް ހޭކިފައި ހުރެ، ނަމާދު ނުވަތަ ޠަވާފްފަދަ އަޅުކަމެއް ކޮށްފިނަމަ ޞައްޙަވާނެތޯ ނުވަތަ ނޫންތޯ އެވެ؟
މިކަމުގައި ޖުމްހޫރު ޢިލްމުވެރިން الحنفية، الشافعية އަދި ޝާފިޢީ މަޛްހަބުގައި އައިސްފައިވާ ޞައްޙަ ޤައުލަކީ އެއީ ޠާހިރު އެއްޗެއްކަމުގައި ވުމެވެ.
އެހެނީ الشيخ ابن العُثيمين -رحمه الله- ވިދާޅުވަނީ މި ބާބުގައި އަޞްލަކީ ދަލީލަކުން އެއީ ނަޖިސް އެއި ނަޖިސް އެއްޗެއްކަމުގައި ބަޔާންވުމަށް ދާންދެން އެއީ ޠާހިރު އެއްޗެއް ކަމުގައި ދެކުމެވެ. ފަހެ، އެއީ ނަޖިހެއް ކަމަށް ކަނޑައަޅާނެ އެއްވެސް ދަލީލެއް ނުވެ އެވެ.
އަޚާ އެވެ! މި މައުޟޫގައި އިތުރު ފައިދާއަށްޓަކައި މީގެ ދުވަސްތަކެއް ކުރިން މަދީނާގައި ދިރިއުޅުއްވާ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހަރެމެންގެ ޝެއިޚް ޑޮކްޓަރ. الشيخ عَرفاَت بن حَسن -حفظه الله- އަރިހުގައި ކުރެެއްވި ސުވާލެއް ބަޔާންކޮށްލަމެވެ.
ސުވާލު : އަހަރުމެންގެ ޝެއިޚް އެވެ. ﷲ سبحانه وتعالى ޝެއިޚް ރައްކާތެރިކުރައްވާށި އެވެ ﷲ އަހަރެމެންނާއި އަދި ޝެއިޚް ދީނުގައި ޘާބިތުކޮށްދެއްވާށި އެވެ.
އުޚްތެއް އެ އުޚްތުގެ ކުރިމަތިފަރާތުން (ފަރުޖުން) ދިޔާކޮށް ހުންނަ އެއްޗެއް ވަރަށްވެސް ގިނައިން ފައިބާތީވެ އެކަމާ ސުވާލުކުރެ އެވެ. އަދި މި އެއްޗެއް ބޭރުވާން ވަކި ޚާއްޞަ ވަޤުތެއް ނޯވެ އެވެ.
މިގޮތުން ސުވާލުކުރެ އެވެ. ވުޟޫއަށް މިއިން އަޘަރު ކުރާނެތޯ އެވެ؟ ނުވަތަ މި ކަމުގައި އުޚްތަށް ޚާއްޞަވެގެންވާ ޙުކުމެއްވޭތޯ އެވެ؟ ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށި އެވެ.
ޝެއިޚް ވިދާޅުވެފައިވެ އެވެ. : އެއީ ލޭ ތޯ އެވެ؟
ސުވާލު ކުރާ މީހާ : ލެއެއް ނޫނެވެ.
ޝެއިޚް ވިދާޅުވެފައިވެ އެވެ. : އެހެންވުމުން އެއީ ކޮންކަހަލަ އެއްޗެއްތޯ އެވެ؟
ސުވާލު ކުރާ މީހާ : ލެއެއް ނޫނެވެ
ސުވާލު ކުރާ މީހާ : ހުދުކުލައިގައި ހުންނަ އެއްޗެކެވެ. ނުވަތަ އެއްވެސް ކުލައެއް އޭގައެއް ނުހުރެ އެވެ.
ޝެއިޚް ވިދާޅުވެފައިވެ އެވެ. : ދާއިމީކޮށް ބޭރުވަނީތޯ އެވެ؟ އެކަމުގައި އަންހެނުންނާ ބެހޭ ޑޮކްޓަރަށް ދެއްކި ހެއްޔެވެ؟
ސުވާލު ކުރާ މީހާ : ދާއިމީކޮށް ނުފެނެ އެވެ. އަދި ނުކުންނަ ހިނދު އެއެއްޗެއް ހުންނަނީ ވަރަށް އޮލަކޮށެވެ.
ޝެއިޚް ވިދާޅުވެފައިވެ އެވެ. : އަންހެނުންނާ ބެހޭ ޑޮކްޓަރު ބުނީ ކީކޭތޯ އެވެ؟ ޙައިޟުގެ ދުވަސްތައް ނޫން ދުވަސްތަކުގައިވެސް އެއެއްޗެހި ފެނޭ ހެއްޔެވެ؟
ސުވާލު ކުރާ މީހާ : އުޚްތު ޑޮކްޓަރަކަށް ނުދައްކަ އެވެ. ބައެއްފަހަރު ޙައިޟުގެ ދުވަސްތަކުގައި ނޫނަސް އެ އެއްޗެއް ފެނެ އެވެ.
ޝެއިޚް ވިދާޅުވެފައިވެ އެވެ. : ކޮންމެ ގޮތެއްވިޔަސް، ޙައިޟުގެ ދުވަސްތަކުގައި ނޫންގޮތަށް އެ އެއްޗެއް ފެނުމުން، ނުކުންތަން ދޮވެލުމަށްފަހު ވުޟޫކުރުން ހުއްޓެވެ. އުޚްތުގެ މައްޗަށް ހިނައިގަތުމެއް ނުވެ އެވެ. އެހެނަސް އުޚުތުގެ މައްޗަށް އޮތީ ވުޟޫ ކުރުމެވެ. އަދި ގިނަ މިންވަރަށް ބޭރުވާނަމަ، އަދި އެކަން ދަތި އުނދަގޫ ކަމަކަށްވެއްޖެ ހިނދުގައި، އޭގެ ޙުކުމަކީ، އަބަދާ އަބަދު ކުޑަކަމުދާ ތަކެތި ފައިބާ މީހާގެ ޙުކުމެވެ. ޔަޢުނީ،
މީގެ މާނައަކީ : އުޚްތަށް އެއީ ބުރަ ކަމެއްގޮތުގައި ވެއްޖެ ހިނދު، ކޮންމެ ނަމާދަކަށް ވުޟޫ ކުރާނީ އެވެ. އެގޮތުން ނަމާދުގެ ވަޤުތު ވަނުމުން، އެ ނަމާދުގެ ވަޤުތުގެ ކުރީކޮޅު ވުޟޫ ކުރުމަށްފަހު، އެ އެއްޗެއް އޭގެ ފަހުގައި ނުކުތް ކަމުގައިވިޔަސް ނަމާދުކޮށް ނިންމާނީ އެވެ. މީގެ މާނައަކީ، މެންދުރު ނަމާދަށް ވުޟޫ ކުރުމަށްފަހު، މެންދުރު ނަމާދުގެ ސުންނަތްތައް އަދި މެންދުރު ނަމާދު ކުރާނީ އެވެ. އަދި އަޞްރު ވަޤުތު ވަނުމުން އަޞްރު ނަމާދަށް ވުޟޫ ކުރާނީ އެވެ. މިފަދައިންނެވެ. ކޮންމެ ނަމާދަކަށް އެ ނަމާދުގެ ވަޤުތު ވަނުމުން ވުޟޫކޮށް ނަމާދު ކުރާނީ އެވެ.
އަދި ޢިލްމުގެ އަހުލުވެރިންގެ ތެރެއިން އެއްބަޔަކު ދެކިވަޑައިގަންނަވަނީ، ނަމާދު ވަޤުތު ވަނުމަށްފަހު ވުޟޫކޮށް އެގޮތުގައި، އެހެން ޙަދަޘަވެރިކަމެއް ކުރިމަތި ނުވާކަމަށް ވާނަމަ އެ ވުޟޫގައި ދެމިހުރެވޭނެ ކަމެވެ. އެއީ އެގޮތުގައި މެންދުރު ވަޤުތު، އަޞްރު ވަޤުތު އަދި މަޣްރިބް ވަޤުތު ވަންނަ ހިނދުގައިވެސް އެވެ. ކުރިމަތި ފަރާތުން ބޭރުވާ އެ ހުދުކުލައިގެ ފެން ނޫން ޙަދަޘަވެރިކަމެއް ކުރިމަތި ނުވާ ހިނދެއްގައި އެކަމުގައި މައްސަލައެއް ނުވެ އެވެ. އެ އަންހެނާއަކީ އުޛުރުވެރި ޙާލުގައިވާ އަންހެނެކެވެ.
އުޚްތަށް އޮތީ އަންހެނުންނާ ބެހޭ ޑޮކްޓަރަށް ދެއްކުމެވެ. ފަހަރެއްގައި އެއީ ބަލިކަމެއްގެ ސަބަބުން މެދުވެރިވާ ކަމެއްގެ ގޮތުގައިވެ، ބޭސްފަރުވާ ކުރެވޭ ކަމެއްގެ ގޮތުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. بارك الله فيك.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.