ރަޙިމްގެ ގުޅުމުގައިވާ ފަރާތްތަކަކީ ކޮބައިތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ރަޙިމްގެ ގުޅުން ނިސްބަތް ކުރެވެނީ ޢާއިލާގެ ކޮންބައެއް ކަމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ޢިލްމުވެރިންގެ މެދުގައި ރަޙިމްގެ ގުޅުން ކަނޑައެޅިފައިވާ ޙައްދަކީ ކޮބައިކަމާއި މެދުގައި ޚިލާފްއުފެދިފައިވެ އެވެ.
ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަވެގެންވާ ބަސްފުޅަކީ، ރަޙިމް ގުޅުން ޤާއިމްކުރުމުގައިވާ ޙައްދަކީ، އެއީ އެމީހެއްގެ މަންމަ ފަރާތުން އަދި ބައްޕަ ފަރާތުން ނަސަބުގެ ގޮތުން ގުޅިފައިވާ ފަރާތްތަކެވެ.
ވުމުން، ކައިވެނި ކުރުމުގެ ސަބަބުން އަނބިމީހާގެ ގާތް ތިމާގެ ފަރާތްތައް އަދި ފިރިމީހާގެ ގާތްތިމާގެ ފަރާތްތައް ރަޙިމްގެ ގޮތުން ގުޅިފައިވާ ފަރާތްތައް ކަމުގައި ނުހިމެނޭނެ އެވެ.
ފަހުގެ ދުވަސްތަކުގައި ދުނިޔެދުށް އެންމެ ބޮޑު އެއް ޢިލްމުވެރިޔާ العلامة الشيخ عبد العزيز بن باز -رحمه الله- ވިދާޅުވެފައިވެ އެވެ.
”ރަޙިމްގެ ގުޅުމުގައިވާ ފަރާތްތަކަކީ ތިމާގެ މަންމަ އަދި ބައްޕަ ފަރާތުން ނަސަބުގެ ގޮތުން ގުޅިފައިވާ ފަރާތްތަކެވެ. ސޫރަތުލް الأنفال އަދި الأحزاب އާޔަތުގައި ޛިކުރު ކުރެވިފައިވާ ފަރާތްތަކަކީ އެއީ އެވެ. ( وأولوا الأرحام بعضهم أولى ببعض في كتاب الله ) “ އަދި اللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. “
އެގޮތުން ރަޙިމްގެ ގޮތުން އެންމެ ގާތްވެގެންވާ ފަރާތްތަކީ : ބައްޕަ، މަންމަ، ކާފައިންނާއި މާމައިން އަދި ދަރިންނާއި ދަރިންގެ ދަރިންނެވެ. އެއަށްފަހު އެއްބަޑު އެއްބަފާ (އެއްބަޑު ނުވަތަ އެއް ބަފާ) އަޚުންނާއި، އެބައިމީހުންގެ ދަރިންނެވެ. އަދި ބައްޕަ ފަރާތުގެ ބޮޑުބޭބެ، ބޮޑު ދައިތައިންނާއި އެބައިމީހުންގެ ދަރިން އަދި މަންމަ ފަރާތުގެ ބޮޑު ބޭބެ، ބޮޑު ދައިތައިންނެވެ. އަދި އެމީހުންގެ ދަރިންނެވެ.
ފަހެ، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަ ވެގެންވާ ޙަދީޘްގައިވެ އެވެ. ސުވާލުކުރި މީހަކު ސުވާލުކޮށް ދެންނެވި އެވެ. من أبر يا رسول الله ؟ قال : ( أمك ) قال : ثم من ؟ قال : ( أمك ) قال : ثم من ؟ قال : ( أمك ) قال : ثم من ؟ قال : ( أباك ، ثم الأقرب فالأقرب ) ”ﷲ ގެ ރަސޫލާ އެވެ. އެންމެ ހެޔޮކޮށް ހިތަންޖެހެނީ ކާކަށްތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. ”ތިބާގެ މަންމައަށެވެ.“ އެއަށްފަހު ދެންނެވި އެވެ. ”އެއަށްފަހު ކާކަށްތޯ އެވެ.“ ޙަދީޘް ކުރެއްވި އެވެ. ”ތިބާގެ މަންމަ އަށެވެ.“ އެއަށްފަހު ދެންނެވި އެވެ. ”އެއަށްފަހު ކާކަށް ތޯ އެވެ.“ ހަދީޘް ކުރެއްވި އެވެ. ”ތިބާގެ މަންމަ އަށެވެ.“ އެއަށްފަހު ދެންނެވި އެވެ. ”އެއަށްފަހު ކާކަށްތޯ އެވެ. ޙަދީޘް ކުރެއްވި އެވެ. ”ތިބާގެ ބައްޕަ އަށެވެ. އަދި އެއަށްފަހު، ގާތްތިމާގެ މީހުންގެ ތެރެއިން އެންމެ ގާތް މީހުންނެވެ.“ މިޙަދީޘް الإمام مسلم ޞަޙީޙުގައި ގެންނަވާފައިވެ އެވެ.
އަދި މި މައުޟޫގައި ވާރިދުވެގެންވާ ޙަދީޘްތައް ނުހަނުގިނަ އެވެ.
ދެންފަހެ، އަނބިމީހާގެ ގާތްތިމާގެ މީހުންނަކީ އެއީ ފިރިމީހާއަށް ރަޙިމްގެ ގުޅުމުގައިވާ ފަރާތްތައް ގޮތުގައި ނުވާނެ އެވެ. އެހެނަސް އެ ފަރާތްތަކަކީ އެއަންހެންމީހާގެ ފަރާތުން ލިބޭ ދަރިންނަށް ރަޙިމްގެ ގުޅުމުގައިވާ ފަރާތްތަކެއްގެ ގޮތުގައިވާނެ އެވެ.“ ޝެއިޚްގެ ފަތުވާ ނިމުނީ އެވެ. فتاوى إسلامية 4 / 195
ދަންނަ އެވެ! ރަޙިމްގެ ގުޅުމަކީ ޤާއިމް ކުރުމަށް ދީނުގައި ނުހަނު ބާރުއަޅުވައި އެކަމަށް ޝަރީޢަތުގައި އަމުރު ކުރެވިފައިވާ ގުޅުމެކެވެ. އަދި ރަޙިމްގެ ގުޅުން ކަނަޑައިލުމަކީ ނަރަކައިގެ ޢަޛާބުގެ ތެރެއަށް ވެއްޓި ދިއުމުގެ ވަޢީދު އައިސްފައިވާ ޢަމަލެކެވެ.
رَسول الله ޙަދީޘް ކުރެއްވި އެވެ. (أكبر الكبائرِ الإشراكُ باللهِ، و قتلُ النفسِ، و عقوقُ الوالدَينِ، و شهادةُ الزُّورِ) ”އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ﷲ އަށް ޝަރީކު ކުރުމާއި، ނަފްސެއް ޤަތުލު ކުރުމާއި، މައިންބަފައިންނަށް ކިޔަމަން ނުވުމާއި، ދޮގު ހެކި ދިނުން ވެ އެވެ.“
މި ޙަދީޘްގައި މައިން ބަފައިންނަށް ނުކިޔަމަންތެރި ވުމާއި، އެ މައިންބަފައިންނާ މެދުގައި ނުބައިކޮށް މުޢާމަލާތް ކުރުމުގެ ހުރި ނުބައި ކަމާއި، އޭގެ ނުރައްކާ ބަޔާންވެގެންވަަނީ އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެއްގެ ގޮތުގަ އެވެ.
އަދިވެސް އެހެން ޙަދީޘެއްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.
(اثنانِ يُعَجِّلُهُما اللهُ في الدنيا: البغي وعقوق الوالدين)
”ދެ ފާފައެއް ވެ އެވެ. އެ ދެކަމުގެ ޢުޤޫބާތް ދުނިޔެމަތީގައި ﷲ އަވަސް ކުރައްވަ އެވެ. އެ (ދެ ފާފައަކީ) މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އަދި އަދި ބަޣްޔު (ޙައްޤަކާއި ނުލައި އަނިޔާވެރިވުމެވެ.).“
ރަޙިމްގެ ގުޅުން ޤާއިމް ކުރުންއޮތީ މިވެނި އެވެނި ކަމެއް ގޮތުގައި ޝަރީޢަތުގައި ޛިކުރުވެފައި ނުވެ އެވެ. އެހެނަސް އެތަނެއްގެ އަހުލުވެރިން ޢާދަކާދައިގެ ގޮތުން ރަޙިމްގެ ގުޅުން ޤާއިމްކުރުން ގޮތުގައި ކަނޑައެޅިފައިވާ ކޮންމެ ކަމެއް އޭގެ ތެރޭގައި ހިމެނެ އެވެ. އަދި އެތަނެއްގައި ޢާދަކާދައިގެ ގޮތުގައި ޢުރުފުގައި ގުޅުން ކަނޑާލުން ކަމުގައި ދެކޭ ކަންކަމަކީ ރަޙިމްގެ ގުޅުން ކަނޑާލުން ކަމުގައި ކަނޑައެޅިފައިވެ އެވެ.
ފަހެ، މި ގުޅުން ޤާއިމް ކުރުމާއި، ރަޙިމްގެ ގުޅުން ދެމެހެއްޓުމުގެ ތެރޭގައި، ޒިޔާރާތް ކުރުމާއި، ޞަދަޤާތް ދިނުމާއި، އެ ފަރާތްތަކަށް ހެޔޮފޯރުވުމާއި، ބަލި ޙާލުގައިވާ ނުވަތަ ބަލި ވެއްޖެހިނދު ޒިޔާރަތް ކުރުމާއި ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތަކުން ނަހީކުރުންވެސް ވެ އެވެ.
ފަހެ، މި ޒަމާނުގައި އަހަރުމެންގެ އަތްމަތީގައިވާ ފޯނަކީވެސް މިކަމަށްޓަކައި މަސައްކަތްކޮށްފި މީހަކަށް ނުހަނު އަގުހުރު ވަޞީލަތެއްގެ ގޮތުގައިވެ އެވެ.
الإمام عَبد العَزِيز بن بَاز –رحمه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ފޯނުން ގުޅައި ހެދުމުން އެއީ ރަޙިމްގެ ގުޅުން ޤާއިމްކުރުން ކަމުގައި ބެލެވޭނެ ތޯ އެވެ؟
ޖަވާބު : ”އާނއެކެވެ. އެއީ ރަޙިމްގެ ގުޅުން ޤާއިމްކުރުން ކަމުގައި ބެލެވޭނެ އެވެ.“ نور على الدرب شريط ٤١٩
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.