އެއްޗެއް ނުވަތަ ކަމަކީ ސުންޕާ ކަމުގައި ބުނުމުގެ ހުކުމަކީކޮބާތޯއެވެ؟

ސުވާލު: ގަސްތަކާއި، މަސްތަކާއި ދުވަސްތައް އަދި ލޮލަށާއި އަތްތިލައަށް ނުވަތަ ނިޔަފަތިތަކަށް ނިޞްބަތްކޮށް އެއީ ގެއްލުމާއި ނުރައްކަލަށް ހުށަހަޅައިދޭ ކަންތައް، ސުންޕާ ކަމުގައި ބުނުމުގެ ހުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ގަސްތަކާއި، މަސްތަކާއި ދުވަސްތައް އަދި ލޮލަށާއި އަތްތިލައަށް ނުވަތަ ނިޔަފަތިތަކަށް ނިޞްބަތްކޮށް އެއީ ގެއްލުމާއި ނުރައްކަލަށް ހުށަހަޅައިދޭ ކަންތައް، ސުންޕާ ކަމުގައި ބުނުމުގެ މައްޗަށް ޖަވާބުގައި ބުނަމެވެ. 

މިފަދަ ޝިރުކީ ، ޚުރާފީ ބުނުން ތަކާއި ވިސްނުންތަކުން އަޅަމެން ސަލާމަތް ކުރައްވާނދޭވެ. 

صحيح البخاري ގައި أبو هريرة -رضي الله عنه- ގެ އަރިހުން އިމާމް البخاري ގެނެސްދެއްވާފައިވާ ޙަދީޘެއްގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.  

لا عَدْوَى ولا طِيَرَةَ، ولا هامَةَ ولا صَفَرَ، ”ޢަދްވާ އެއް، ޠިޔަރާ އެއް، ހާމާ އެއް، ޞަފަރް އެއް ނުވެ އެވެ.“ 

މި ޙަދީޘްގައި މިވަނީ ގިނަ އެއްޗެހިތަކެއް ނަފީކުރައްވާފައެވެ.  

އޭގެ ތެރެއިން طِيَرَة (ޠިޔަރާ) ހިމެނެއެވެ. ޖާހިލިއްޔަ ޒަމާނުގައި މީހަކު ކަމެއް ކުރުމުގެ ކުރިން ޠިޔަރާ ބަލައި އުޅެއެވެ.  

އެއީ ދޫންޏެއް ފައްސައިލުމެވެ. ފަހެ، އެދޫނި އުދުހިގަންނަނީ މިސާލަކަށް ކަނާތްފަރާތަށްނަމަ، އޭނާ އެކަމަކާއިގެން ކުރިޔަށް ދެއެވެ.  

އަދި ދޫނި އުދުހިގަންނަނީ ވާތްފަރާތަށް ނަމަ، އެއީ ނުބައި ފާލެއް ކަމުގައި ދެކި އޭނާ އެކުރަން އުޅުނު ކަން ނުކޮށް ދޫކޮށްލައެވެ.  

އެއީ ދަތުރެއްކަމަށްވިޔަސް، ކައިވެންޏެއް ކަމަށްވިޔަސް، ނުވަތަ އެނޫން އެހެން ކަމަކަށްވިޔަސް މެއެވެ. މިކަން އެއިރު އާންމުވެގެން ދިޔައީ ދޫނި ފެއްސުމުން ކަމަށްވާތީ ދޫންޏަށް ކިޔޭ ޢަރަބި ނަން ކަމުގައިވާ طَيْر އިން ނަގައިގެން މިކަމަށް طِيَرَة އޭ ކިޔުނީއެވެ.  

ނަން އުފެދުނީ މިބުނި ފަދައިން ކަމަށްވިޔަސް، މިބާވަތުގެ އެންމެހާ ޢަމަލުތަކަށް އިސްލާމްދީނުގައި ކިޔެނީ މިނަމެވެ.  

އެހެންކަމުން، ޠިޔަރާއަކީ އިސްލާމްދީނުގައި ”ފެންނަ އެއްޗެއް، ނުވަތަ އިވޭ އަޑެއް އެއީ ނުބައި ފާލެއް (އަބާއްޖަވެރިކަމުގެ ޢަލާމާތެއް) ކަމުގައި ދެކި، އޭގެ މައްޗަށް އުފެދޭ ހީއެއްގެ މައްޗަށް ބިނާކޮށް ކަމެއް ކުރުން، ނުވަތަ ނުކޮށް ދޫކޮށްލުމެވެ.“  

އޭގެ ބައެއް މިސާލުތަކަކީ ކަޅު ބުޅަލެއް މަގުހުރަސް ކުރުމުން އެއީ ނުބައި ފާލެއް ކަމުގައި ދެކުމާއި، ލޮލުގެ ވަކި ތަނެއް ނުހުއްޓާ ތެޅެމުންދިޔުމަކީ ރަނގަޅު ކަމަކަށް ނުވަތަ ނުބައިކަމަކަށްވާ ޢަލާމާތެއްކަމުގައި ދެކުމާއި، ހަށިގަނޑުގެ ވަކި ތަނެއްގައި ކަޅުތިލައެއް ހުރުމަކީވެސް އެފަދަ ކަމެއްކަމުގައި ދެކުމާއި، އިނގިލިތަކާއި ނިޔަފަތްތަކުގެ ބަށްޓަމާއި ދިގުމިނުން ހެޔޮ ފާލާއި ނުބައި ފާލު ނެގުން ފަދަ ކަންކަމެވެ.  

މިފަދަ ކަންކަމަކީ އުފާވެރިކަމަށް ނުވަތަ ހިތާމަވެރިކަމަށްވާ ޢަލާމާތްތަކެއް ކަމުގައި ހެދުމަކީ ޠިޔަރާގެ ތެރެއިން ހިމެނޭ ކަންކަމެވެ. 

މިބާވަތުގެ ގިނަ ކަންތައްތަކެއް ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން ޤަބޫލުކުރަމުން ދިޔައެވެ.  

އެކަންތައްތަކުގެ މައްޗަށް ބިނާކޮށް އެމީހުންގެ ޙާޖަތްތައް ފުއްދުން ހުއްޓާލައި ކުރަން އުޅޭ ކަންކަން ނުކޮށް ދޫކޮށްލައި އުޅުނެވެ. އެހެންވެ،  

ނަބިއްޔާ صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވުނު ހިނދު އެކަލޭގެފާނު މި ޢަމަލު އެކުއެކީގައި ބާޠިލް ކުރައްވައި، އިސްވެދިޔަ ޙަދީޘްގައިވާ ފަދައިން އެއީ ނެތް އެއްޗެއް ކަމުގައި ބަޔާންކޮށްދެއްވިއެވެ.  

މީގެ އިތުރުން، ޠިޔަރާ ހެދުމާއި އެ ޤަބޫލުކުރުމުގެ ނުބައިކަން ބަޔާންކުރައްވައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. الطيرة شرك الطيرة شرك މާނައީ: ”ޠިޔާރާއަކީ ޝިރުކެކެވެ. ޠިޔަރާއަކީ ޝިރުކެކެވެ.“ 

އަދިވެސް ޙަދީޘް ކުރެއްވި އެވެ. (من ردته الطيرة عن حاجته فقد أشرك) މާނައީ: ”ޠިޔަރާގެ ސަބަބުން (އެބަހީ: ފެންނަ އެއްޗެއް ނުވަތަ އިވޭ އަޑެއް އެއީ އަބާއްޖަވެރިކަމުގެ ޢަލާމާތެއްކަމުގައި ދެކުމުގެ ސަބަބުން) އެމީހެއްގެ ޙާޖަތް ނުފުއްދައި ދޫކޮށްފި މީހާ، ފަހެ ހަމަކަށަވަރުން ޝިރުކު ކޮށްފިއެވެ.“ 

ސަބަބަކީ، އެމީހަކު އެހިނދު ޤަބޫލުކުރަނީ ﷲ މެނުވީ އެހެން ފަރާތެއް އެމީހަކަށް ފައިދާއެއް އަދި ގެއްލުމެއް ނިޔާކުރުމުގައި ބައިވެރިވެގެންވާ ކަމެވެ.  

ޙަދީޘްގައިވާ ولا هامَةَ ”އަދި ހާމަ އެއް ނުވެ އެވެ.“ އެއީ ޚާއްޞަ ދޫންޏެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެ ދޫނި ގެއެއްގެ މަތީގައި ޖައްސައިއިނދެ، އޭގެ އަޑުނެރެ ގޮވައިފި ކަމުގައިވާނަމަ އެގޭގައިވާ މީހެއް މަރުވާނެ އެވެ.  

މިކަމަކީ ވެސް ބާޠިލް އެއްޗެއްކަން ނަބިއްޔާ ﷺ ވަނީ ބަޔާންކޮށްދެއްވާފަ އެވެ.  

ޙަދީޘްގައިވާ ولا صَفَرَ، “ އަދި ޞަފަރް އެއް ނުވެ އެވެ.  

މިއީ ޞަފަރު މަހުގެ ވާހަކައެވެ. ޖާހިލއްޔަތުގެ އަހުލުވެރިން ޤަބޫލުކުރާ ގޮތުގައި އެއީ ސުންޕާ މައްސަރެކެވެ.  

އެ ގޮތުގައި އެމައްސަރުގައި ކައިވެންޏެއް ނުކުރާނެ އެވެ. ނުވަތަ ދަތުރެއް ކުރަން ނުފަށާނެ އެވެ.  

ވިޔަފާރިއެއް ނުފަށާނެ އެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އެހިނދު ސުންޕާކަން ލައިގަނެ، ކުރިއެރުމެއް ނުލިބޭނެ އެވެ. ފަހެ، މިކަންވެސް ނަބިއްޔާ صلى الله عليه وسلم ވަނީ ބާޠިލް ކުރައްވާ އެއީ ޝިރުކުރު ކުރުމުގެ ޢަމަލެއްކަން ބަޔާން ކުރައްވާފަ އެވެ.  

މުސްލިމުން ދަންނަންޖެހެ އެވެ. ﷲ ތަޢާލާ ސަބަބެއް ކަމުގައި ލައްވާފައިނުވާ ސަބަބެއް އެމީހަކު ސަބަބެއް ކަމުގައި ހޯދުމަކި ނުހަނު ނުރައްކާ ބޮޑުވެގެންވާކަމެކެވެ. އެއީ ޝިރުކުގެ ތެރެއިން ހިމެނޭ ކަމެކެވެ. 

ސުވާލެއް ކުރަމެވެ. ފިރިމީހާއަކީ އަނބިމީހާއަށް މަކަރުވެރި މީހެއްކަމަށް ހެދުމަކީ އެއީ އިނގިއްޔަށާއި ނިޔަފައްޗަށް އޮތް ކަމެއް ހެއްޔެވެ؟  

އެއީ އެކަމަށް ލައްވާފައިވާ ސަބަބެއް ނުވަތަ ޢަލާމާތެއް ހެއްޔެވެ؟ އިނގިއްޔާއި ނިޔަފަތި މީސްތަކުންނަށް ގެއްލުމާއި އަބާއްޖަވެރިކަމަށް ހުށަހެޅުމަށް ލިބިގެންވާ އާރާއި ބާރަކީ ކޮބައިހެއްޔެވެ؟  

އަދިވެސް މިފަދަ ޤަބޫލުކުރުންތަކުގެ ޚުޠޫރަތްތެރިކަން ބަޔާންވެދިއުމަށްޓަކައި ބުނަމެވެ. 

ދުވަސްތަކާއި، ގަސްތަކާއި، އިނިގިއްޔާއި ނިޔަފަތި، ނުވަތަ އެ ނޫންވެސް ތަކެއްޗަށް ނިޞްބަތްކޮށް އެއީ އަޘަރު ކުރުވާ އެއްޗެއް ކަމުގައި ބުނާ ބަސްތަކުގެ ތަފްޞީލުގެ މައްޗަށް ބުނެވެ އެވެ.  

1. އެ ދުވަހަކީ އޭގެ ޒާތުގައި އަޘަރުކުރުވާ ދުވަހެއް ކަމުގައި، އެ ދުވަހަކީ ހިނގަމުންދާ ޙާދިޘާތަކަށް އަޘަރު ކުރުވާ ދުވަސްތަކެއް ކަމުގައި، ނުވަތަ އެ ގަހަކީ އޭގެ ޛާތުގައި އަޘަރުކުރުވާ އެއްޗެއް ކަމުގައި ޤަބޫލުކޮށްފި މީހާ، ނުވަތަ ވަކި ވަތްތަރެއްގެ އިނގިއްޔެއް، ނިޔަފައްޗަކީ އޭގެ ޛާތުގައި އަޘަރުކުރުވާ އެއްޗެއް ކަމުގައި ޤަބޫލުކޮށްފި މީހާ އެހިނދު އެވަނީ ބޮޑު ޝިރުކު ކޮށްފަ އެވެ. 

(ބޮޑު ޝިރުކަކަށް ވެފައިވާ ސަބަބަކީ، މި ޤަބޫލުކުރުމަކީ ޙަޤީޤަތުގައި، ﷲ ފިޔަވައި، ތަދުބީރު ކުރުމާއި، ރޭވުމާއި ހިންގެވުމުގައި ބައިވެރިވާ އެހެން ފަރާތެއް ވާކަމަށް ޤަބޫލު ކުރުން ކަމުގައި ވާތީއެވެ. ތަޥްޙީދުއް ރުބޫބިއްޔަތުގައި އެވަނީ އެހިނދު ޝިރުކު ކޮށްފަ އެވެ.)  

ކަންތައްތައް މިންވަރު ކުރެއްވުމާއި، ފައިދާ ލިއްބައި ދިނުމާއި ގެއްލުން ދެއްވުމާއި އެއީ ﷲ ތަޢާލާއަށް ޚާއްޞަވޮޑިގެންވާ އެ އިލާހުގެ ޛާތުފުޅަށް ލިބިވޮޑިގެންވާ ޙައްޤެކެވެ. ފަހެ، މިފަދަ މީހާ ދެކެނީ ﷲ ތަޢާލާއަށް މިކަމުގައި އެހެން ބައިވެރިޔަކުވާ ކަމަށެވެ.  

ވުމުން އަތާއި، އިނގިއްޔާއި ނިޔަފަތި ވަކި ގޮތަކަށް ވުމުން، އެއީ ކަންތައްތަކުގައި އަޘަރުކުރުމަށް މުސްތަޤިއްލު އާރާއި ބާރު ލިބިގެންވާ އެއްޗެއް ކަމުގައި ޤަބޫލު ކުރުމަކީ ﷲ ފިޔަފައި ތަދުބީރު ކުރުމަށް އެހެން ފަރާތެއް އެކަމުގައިވާ ކަމުގައި ދެކުމެވެ.  

ﷲ ވަޙީ ކުރެއްވި އެވެ. قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ 

ނަބިއްޔާ ވިދާޅުވާށެވެ! ތިޔަބައިމީހުން ޚަބަރުދީބަލާށެވެ! اللَّه، ތިމަންނަބިއްޔާއަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެހެއްޔެވެ؟ ނުވަތަ އެކަލާނގެ، ތިމަންނަބިއްޔާއަށް ރަޙްމަތަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ ރަޙްމަތް (އަޔަނުދީ) އެތަކެއްޗަށް ހިފެހެއްޓިދާނެ ހެއްޔެވެ؟ ނަބިއްޔާ ވިދާޅުވާށެވެ! ތިމަންނަބިއްޔާއަށް اللَّه ފުދެއެވެ. ވަކީލު ކުރާމީހުން ވަކީލު ކުރާހުށީ އެކަލާނގެއަށެވެ! 

ވުމުން، ރަޙްމަތާއި ގެއްލުން އެއީ ﷲއަށް މިލްކުވޮޑިގެންވާ ކަމެކެވެ. އެއީ ﷲ ސަބަބެއް ގެ ގޮތުގައި ލައްވާފައިވާ ސަބަބުތަކުގެ މައްޗަށް ޤަބޫލުކުރަން ޖެހޭ ކަމެކެވެ.  

2. އެ އަތް، އިނގިލި އަދި ދުވަސްތަކާއި މަސްސަރަކީ ނުބައިކަންކަން މެދުވެރިވުމަށް ވާ ސަބަބެއް ކަމުގައި ދެކުމަކީ އެއީ ކުޑަ ޝިރުކެވެ. ސަބަބަކީ، އެއީ ﷲ ސަބަބެއް ކަމުގައި ލައްވާފައިނުވާ ކަމެއް ސަބަބެއް ކަމުގައި ދެކުމެވެ. މިޘާލަކަށް އަތުގައި ވަކި ސިފައެއްގެ ނިޔަފަތި، އަތުގެ އިނގިލި ވަކި ގޮތެއްގައި ހުރުމުން ގެއްލުންތައް ކުރިމަތިވާނެ ސަބަބެއް ކަމުގައި ބުނުމެވެ. އެހެނަސް މިއިން އެއްވެސް ކަމަކީ ސަބަބެއް ކަމުގައި ﷲ ކަޢުނީ ގޮތުންވެސް އަދި ޝަރުޢީ ގޮތުންވެސް ލައްވާފައިވާ ކަމެއް ނޫނެވެ.  

(މިތަނުގައި ކުޑަ ޝިރުކަކަށްވާ ސަބަބަކީ، ﷲ ތަޢާލާ ސަބަބެއް ކަމުގައި ލައްވާފައިވާ ނުވާ ސަބަބެއް ސަބަބެއްގެ ގޮތުގައި އެމީހަކު ހަދާފައި ވުމެވެ.  

އިރުވަރު ބެލުމާއި، ފާލު ބެލުމާއި، މިފަދަ އެންމެހައި ޢަމަލުތަކަކީ ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުން ޤަބޫލުކުރި ޤަބޫލު ކުރުންތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ. އަދި ނަބިއްޔާ ވަނީ އެ އެންމެހައި ކަންތައްތައް ބާޠިލް ކުރައްވާފަ އެވެ.  

މި ޤަބޫލު ކުރުން ތަކަކީ މާތް ނަބިއްޔާ صلى الله عليه وسلم އެއީ ޝިރުކުގެ ޢަމަލުތަކެއް ކަމުގައި ބަޔާން ކުރައްވާފައިވާ ކަންކަމެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply