ގެނބިގެން މަރުވާ މީހުންނަށް ޝަހީދެކޭ ބުނުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

މޫދަށް އެރިގެން މޫދުގައި އޮއްވާ މަރުވާ މީހާއަކީ ޝަހީދެއްކަމުގައި ބުނެވޭނެ ހެއްޔެވެ؟ އަދި އަލިފާނުން އަދައި މަރުވާ މީހާއަކީ ޝަހީދެއް ކަމުގައި ބުނެވޭނެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބުގައި ބުނެމެވެ.

ވަރަށް މުހިންމު ވެގެންވާ ޤަވާޢިދެއް ދަންނަންޖެހެ އެވެ.

ސަބަބަކީ، ފަހަކަށް އައިސް މިފަދަ ބަސްތަކެއް އޭގެ ޙައްޤު މައުޟޫއިން ނެރެފައި ވުމެވެ.

ޞައްޙަވެގެންވާ ޙަދީޘްގައިވެ އެވެ.

الشُّهَدَاءُ خَمْسَةٌ: المَطْعُونُ، والمَبْطُونُ، والغَرِيقُ، وصَاحِبُ الهَدْمِ، والشَّهِيدُ في سَبيلِ اللَّهِ،

މި ޙަދީޘް އިމާމް البُخَارِي 652 ގައި ރިވާކޮށްފައިވެ އެވެ.

”ޝަހީދުން 5 ކެވެ. (ޙަދީޘްގައ ޛިކުރު ވެގެންވާ އެކަކީ) ”ޣަރަޤުވެގެން މަރުވާ މީހާ އެވެ.“

އަދި ބައެއް ރިވާޔަތްތަކުގައިވެ އެވެ. وَصَاحِبُ الْحَرِيقِ شَهِيدٌ ”އަދި އަނދައިގެން މަރުވާ މީހާއަކީ ޝަހީދެކެވެ.“

ދީނުގައި ކަނޑައެޅިފައިވާ ޤަވާޢިދުގެ އިމުގެ ތެރެއިން، ޙަދީޘް ފަހުމްވެ ދަންނަންޖެހެ އެވެ.

”ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން އަހަރެމެން ބުނަންޖެހޭނެ އެވެ. އެއީ ޣަރަޤުވެގެން މަރުވާ މީހާއަކީ ޝަހީދެއް ކަމެވެ. އަލިފާނުން އަނދައިގެން މަރުވާ މީހާއަކީ ޝަހީދެކެވެ.

އެހެނަސް އޭގެ މާނައަކީ ވަކި މީހެއް، ވަކި ޚާއްޞަ ޝަޚްޞިއްޔަތަކަށް ނިސްބަތްކޮށެއް ނޫނެވެ. މިޘާލަކަށް އިބްރާހީމް ކިޔާ މީހެއް، ޒައިދު، ޢަމްރު ކިޔާ މީހެއް ޢަރަޤުވެ އެފަދައިން މަރުވުމުން އެމީހާއަށް ޚާއްޞަކޮށް އެއީ ޝަހީދެއް ކަމުގައި ބުނުމެއް ނުވެ އެވެ.

މިއަދު މައްކާގައި ދިރިއުޅުއްވާ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيْخُ مُحَّمَدُ بِنْ عُمَر بَازْمُوْل حفظه الله ނުހަނު ގިނަ ދަލީލުތައް ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ.

”މި އެންމެހައި ސަބަބުތަކަށްޓަކައި أهل السنة و الجماعة ގެ ޢަޤީދާއަކީ ހަނގުރާމައެއްގައިވެސް ޤަތުލުގެވެންދާ ޚާއްޞަ މީހަކަށް ނިޞްބަތްކޮށް އެއީ ޝަޙީދެއް ކަމުގައި ނުބުނެވޭނެ އެވެ. އެހެނަސް ބުނެވޭނީ : ޝަހީދެއްކަމުގައި ވެދާނެ ކަމަށް އުއްމީދު ކުރުމެވެ. ސަބަބަކީ ޝަޙިދެއްކަމުގައި ވުމަށް އެންމެހައި ޝަރުތުތަކެއް އޭނާއަށް ލިބިފައިވާކަމެއް ނޭނގެ އެވެ. އަދި ޝަހީދެއްކަމުގައި ވުމަށް މަނާވެދާ ކަންތައްތަކުން އޭނާ އެއްކިބާވެފައިވާކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެ އެވެ.

އިމާމް ބުޚާރީ ގެ ޖާމިޢުގައި ޖިހާދު (ބަޔާންކޮށް ލިޔުއްވާފައިވާ) ފޮތުގައި ބާބެއް ބަންނަވާފައިވެ އެވެ. (ބާބުގައިވެ އެވެ.) ”ވަކިޚާއްޞަ މީހަކަށް އެއީ ޝަހީދެކޭ ނުބުނެވޭނެ އެވެ.“

ވަކި މީހަކަށް ޚާއްޞަކޮށް އެމީހަކީ އެއީ ޝަހީދެއް ކަމުގައި ބުނެފިނަމަ، އެމީހާގެ މައްޗަށް ﷲ ތަޢާލާ ނިޔާ ކުރައްވާފައިވާ ނިޔާ އެހިނދުގައި ކަނޑައެޅުނީ އެވެ. އެ މީހަކީ އެއީ ސުވަރުގެވަންތަ ވެރިއެއް ކަމުގައި އަހަރެމެން ނިންމީ އެވެ.

ފަހެ، އެންމެހައި މުސްލިމުން ދަންނަ އެއްޗަކީ، ﷲ ގެ ނިޔާއަކީ ކޮބައި ކަމެއް އަދި ނިޔާކުރެވި އެމީހާގެ ޙިސާބު ބެއްލެވި ނުވަތަ އެމީހާގެ ޖަޒާއަކީ ކޮބައިކަމެއް ނޭނގޭނެ ކަމެވެ. އެއީ ﷲ ގެ ޢިލްމުފުޅުގައި އެ އިލާހު ލައްވާފައިވާ ޚާއްޞަ ކަމެކެވެ.

ވުމުން ބުނުންއޮތީ، ޙަދީޘްގައި ވާގޮތަށް ”ޣަރަޤް ވެގެން މަރުވާ މީހާއަކީ“ ޝަހީދެއް ކަމުގަ އެވެ. އެހެނަސް ވަކި މީހަކަށް ޚާއްޞަ ކޮށްފައި ”އޭނާއަކީ ޝަހީދެއް“ ކަމުގައި ބުނުމެއް ނުވެ އެވެ.

ސަބަބަކީ، އިސްވެ ބަޔާންކުރެވުނު ފަދައިން އެމީހެއްގެ މައްޗަށް ﷲ ނިޔާ ކުރެއްވި ގޮތެއް އަހަރެމެންނަށް ނޭނގޭތީވެ އެވެ.

ބޭރުފުށުގް ޙުކުމަށް ބަލާހިނދުވެސް، ހަނގުރާމައިގައި ”ޖިހާދު ކުރުމުގައި“ އެ މައިދާނުގައިވެ، މަރުވެގެންދާ މީހާއަކީވެސް ޝަހީދެއް ކަމުގައި ސިފަވެގެންވެ އެވެ. އަދި އެއާއި އެކު ހަނގުރާމައިގެ މައިދާނުގައި މަރުވާ މީހާ، ހިނެވުމެއް، ކަފުން ކުރުމެއް، ކަށުނަމާދު ކުރުމެއް ނުވެ އެވެ.

އެހެނަސް ޣަރަޤުވެ މަރުވާ މީހުންނަށް ޝަހީދުގެ ސިފަ ޛިކުރުވެގެންވީހިނދުގައިވެސް، އެމީހުންނަކީ ހިނަވައި، ކަފުންކޮށް، ކަށުނަމާދުކޮށް މި އެންމެހައި ކަންކަން ކުރެވޭ ފަރާތްތައް ކަމުގައި ވެ އެވެ. މިއީ ބޭރުފުށުންވެސް ތަފާތުކަން އަނގައިދޭ ގޮތްތަކެވެ.

ދަންނަ އެވެ. އަހުލުއް-ސުންނަތް ވަލް-ޖަމާޢަތުގެ ޢަޤީދާއަކީ ”އެއްވެސް މީހަކަށް ސުވަރުގެ ލިބިގެންވާ ކަމުގައި ނުބުނުމެވެ. ޞައްޙަ ޞަރީޙަ ދަލީލެއް އެމީހަކަށް ސުވަރުގެ ކަނޑައެޅިގެންވާކަން ނިޔާކުރެވިގެންވާ ޙާލުގައި ވާރިދުވެގެން ވުމުން ފިޔަވަ އެވެ.“ މިޘާލަކަށް ޞަޙާބީ أبو بكر، عمر, عثمان, علي، ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުން, بلال، قيس بن شماس އަކީ ސުވަރުގެވަންތަ އަހުލުވެރިއެއް ކަމާއި އެފަދައިން ދަލީލުން ސުވަރުގެ ވަންތަ ވެރިއެއްކަމުގައި ކަނޑައެޅިފައިވާ ފަރާތްތަކަށް ސުވަރުގޭގެ އަހުލުވެރިން ކަމުގައި ބުނުންވެ އެވެ.

ޚާއްޞަ ދަލީލު ވާރިދުވެގެންނުވާހިނދު، މަރުވެ، ދުނިޔެއިން ނުކުމެދިއުމާއެކު އެމީހެއްގެ މައްޗަށް ﷲ ނިޔާކުރެއްވީ ކިހިނެތް ކަމެއް އަހަރުމެން ނުދަންނަމެވެ. އެއީ ކިތަންމެ ޞާލިޙް ހެޔޮ ފަރާތެއް ކަމުގައިވީނަމެވސް ޔަޤީން ކަމާއެކު އެއީ ސުވަރުގޭގެ އަހުލުވެރިއެއްކަން އަހަރެމެންނަށް ކަނޑައެއް ނޭޅޭނެ އެވެ. އެމީހަކީ އެއީ ޝަހީދެއް ކަމުގައި ބުނެފިހިނދު އެހިނދު އެމީހެއްގެ މައްޗަށް ﷲ ނިޔާކުރެއްވީ ސުވަރުގޭގެ އަހުލުވެރިއެއް ކަމުގައި އެހިނދު އެ ބުނެވުނީ އެވެ.

މި ޤަވާޢިދު ބަޔާން ކުރައްވާ، މިއަދު ސުންނަތުގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ العلامة ربيع بن هادي المدخلي حفظه الله ކުރެވުނު ސުވާލުގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.

ސުވާލު : އެވެނި މިވެނި މީހަކަށް ނިޞްބަތްކޮށް އެއީ ޝަހީދެކޭ ބުނެވޭނެ ހެއްޔެވެ؟

ޖަވާބު : ޔަޤީންކަމާ އެކީގައި (ޖަޒްމުކޮށް) ނުބުނެވޭނެ އެވެ. ސަބަބަކީ އަހަރުމެން އެކަމަށް އިޤްރާރުވާފަދައިން އެއްވެސް މީހަކަށް އެމީހަކީ އެއީ ސުވަރުގެވަންތަ ނުވަތަ ނަރަކަވަންތަ ވެރިއެކޭ ނުބުނެވޭނެ އެވެ. ސަބަބަކީ އަހަރެމެން އެމީހަކަށް ނިޞްބަތްކޮށް އެއީ ޝަހީދެކޭ ބުނެފިނަމަ، އެމީހަކީ ސުވަރުގެވަންތަ ވެރިއެއްކަމުގައި ކަޑައެޅުނީ އެވެ. ފަހެ، ﷲ އެމީހަކު ސުވަރުގެ ވަންނާނެކަމަށް ހެކިވެވޮޑިގަންނަވާފައިވާ މީހަކަށް ނުވަތަ އެކަލާނގެ ރަސޫލާ ﷺ އެމީހަކަށް އެފަދައިން ޙަދީޘްކޮށްފައިވާ ފަރާތަކަށް ނޫނީ އަހަރެމެން އެއީ ސުވަރުގެވަންތަ ފަރާތެއް ކަމުގައި އަހަރުމެންނަށް ހެކި ނުވެވޭނެ އެވެ. މިޘާލަަށް، ސުވަރުގެ ވަންނާނެކަމުގައި ބަޔާންކޮށްފައިވާ ދިހަ ޞަޙާބީން އަދި ބަދުރު ހަނގުރާމައިގެ އަހުލުވެރިން އަދި ބައިޢަތުއް ރިޟްވާނުގެ އަހުލުވެރިން އަދި ހޭނެތުމުގެ (ބަލިކަން) ދިމާވަމުން ދިޔަ އަންހެނާއަށް ނަބިއްޔާ ﷺ އެ އަންހެނާއަކީ ސުވަރުގޭގެ އަހުލުވެރިއެއް ކަމުގައި ޚަބަރުދެއްވި އަންހެނާއަކީވެސް (އެފަދަ މިޘާލެކެވެ.) އަދި އަބްދުއް ﷲ ބިން ސަލާމް ފަދަ ފަރާތްތަކަކީ ސުވަރުގޭގެ އަހަުލުވެރިން ކަމުގައި ބުނެވޭނެ އެވެ. އެނޫން މީސްތަކުންނަށް އަހަރެމެން އެބައިމީހުންނަކީ ޞާލިޙު ބައެއްކަމުގައިވާ ހިނދުގައި އެބައިމީހުންނަށް ސުވަރުގެ ލިބޭނެ ކަމުގައި އުއްމީދު ކުރަމެވެ. އަދި ހަމަ އެވަޤުޠުގައި އެބައިމީހުންގެ މައްޗަށް ބިރުވެތިވާ ޙާލުގައި އެވެ. (އެއްވެސް މީހަކަށް) އެމީހަކީ ސުވަރުގޭގައި އަދި (އެއްވެސް މީހަކަށް) އެމީހަކީ ނަރަކައިގެ އަހުލުވެރިއެއް ކަމުގައި ނުނިންމޭނެ އެވެ. شرح أصول السنة ص 81

ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ނަބިއްޔާ صلى الله عليه وسلم އަރިއަހުގައި ޖިހާދުގެ މައިދާނުގައި ހަނގުރާމަ ކުރަނިކޮށް މަރުވެދިޔަ ފަރާތަކަށް ރަސޫލާ صلى الله عليه وسلم އެއީ ނަރަކަވަންތަ ވެރިއެއް ކަމުގައި ޙަދީޘް ކުރެއްވި އެވެ.

ފަހެ، މިފަދަ ޙުއްޖަތްތަކުން އަހަރެމެންނަށް ބަޔާންވެގެންދަނީ، އެއްވެސް މީހަކު މަރުވެ ނިމިދިޔަގޮތުގެ ޙަޤީޤަތް އަހަރެމެންނަށް ނޭނގޭނެ އެވެ. ހެޔޮ ޙާލަތުގައި މަރުވެދާ މީހާއަށް އަހަރެމެން ހެޔޮ ގޮތުގައި އުއްމީދު ކުރަމެވެ. އެހެނަސް ކަނޑައެޅިގެން މިވެނި މީހަކު ސުވަރުގެ އަށް ޝަހީދެއް ކަމުގައި ބުނެގެން ނުވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply