އަމިއްލައަށް މިލްކުކޮށްފައިވާ މުދާ ބޮޑު އަގުގައި ވިއްކުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ސުވާލުގައި ބުނެފައިވާ ގޮތުން މުދަލަކީ ތިބާ އަމިއްލައަށް މިލްކުކޮށްފައިވާ ތިބާގެ އަމިއްލަ މުދަލެކެވެ.

އެމީހެއްގެ މިލްކުގެ ދަށަށް އެއެއްޗެއް ގެނައުމަށްފަހު، އެމީހަކަށް ފެންނަ އަގެއްގައި އޭނާގެ މުދާ އޭނާ ވިއްކުމުގެ އިޚްތިޔާރާއި ބާރު ދީނުގައި އެ ވިއްކާ މީހާއަށް ލިބިގެންވެ އެވެ.

ވުމުން، މިތަނުގައި ދެނެގަންނަންޖެހޭ މުހިންމު ނުކުތާއަކީ، އެ މުދާ ތިބާ މިލްކަށް، ތިބާގެ އެއްޗެއްގެ ގޮތުގައި މިލްކު ކޮށްފައި ވުމެވެ. ފަހެ، އެހިނދު 100 ރުފިޔާގެ ފައިދާގައި ނުވަތަ އެއަށް ވުރެ ކުޑަ ނުވަތަ ބޮޑު ފައިދާގައި ވިއްކުމަކީ ތިބާއަށް މަނާވެގެންވާ ކަމެއް ނޫނެވެ.

މުދަލުގެ އަސްލަކީ އަނިޔާވެރިކަމަކަށް ނުވާ ޙާލު އޭގެ ވެރިފަރާތުން ބޭނުން އަގެއްގައި ވިއްކުން ހުއްދަވެގެންވުމެވެ.

ފަހެ، މުދާ މިލްކުކޮށްފައިވާ ފަރާތް ބޮޑުއަގުގައި ވިއްކުމުން، އެ މުދަލުގެ ވެރި ފަރާތުގެ މައްޗަށް ޙައްޤު ނޫން ބަދުބަސް ބުނެ، ބަދު ދުޢާ ކުރުން ހުއްދައެއް ނުވާނެ، އެއީ ހެޔޮ ސިފައެއްވެސް ނޫނެވެ.

ފަހެ، މިއީ މަދުން ނަމަވެސް ފެންނަ ސިފައެއް ކަމުގައި ވުމުން މިތަނުގައި އެކަމަށް އިޝާރަތް ކުރަމެވެ.

މުދަލުގެ ވެރި ފަރާތުން އެ މުދާ ބޭނުން އަގެއްގައި ވިއްކުން ހުއްދަވެގެންވާކަން ބަޔާންވެގެންވާކަން ބަޔާންވެގެންވާ ޙުއްޖަތްތަކުގެ ތެރޭގައި އަދި މި މައުޟޫގައި ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައިވެ އެވެ.
ޙަދީޘްގައި ވެ އެވެ. عن أنس بن مالك -رضي الله عنه- أنه قال غلا السعر على عهد رسول الله -صلى الله عليه وسلم- فقالوا يا رسول الله قد غلا السعر فسعِّر لنا فقال: (إن الله هو المسعر القابض الباسط الرازق، إني لأرجو أن ألقى ربي وليس أحد يطلبني بمظلمة في دم ولا مال)
أنس بن مالك -رضي الله عنه- ގެ އަރިއަހުން ރިވާވެގެންވެ އެވެ. رسول الله -صلى الله عليه وسلم- ގެ ޒަމާނުގައި އަގުތައް މައްޗަށް އުފުލިގެންދިޔަ އެވެ. ފަހެ (ޞަޙާބީން ދެންނެވި އެވެ.) ﷲގެ ރަސޫލާ އެވެ. އަގުތައް މައްޗަށްދިޔަނުދީ އަހަރެމެންނަށްޓަކައި (ވަކި ވަރަކަށް) ހިފަހައްޓައި ދެއްވާށެވެ.

އެހިނދު ޙަދީޘް ކުރެއްވި އެވެ. ”ހަމަކަށަވަރުން އަގު ކަނޑައަޅުއްވާ ފަރާތަކީ ﷲ އެވެ. ރިޒުޤު ހިފަހައްޓަވާ އަދި ރިޒުޤު ތަނަވަސްކޮށްދެއްވަނީވެސް ﷲ އެވެ. އެ އިލާހުއީ ގިނަގިނައިން ރިޒުޤު ދެއްވާ އިލާހެވެ. ހަމަކަށަވަރުން ލެއާއި (ލޭ އޮހޮރުވުމެއް) އަދި މުދަލުގެ އެއްވެސް އަނިޔާވެރި ކަމެއްގައި ތިމަންނަބިއްޔާގެ ކިބައިން އެދޭނެ އެއްވެސް މީހަކު ނުވާ ޙާލު ﷲ ތަޢާލާއާ ބައްދަލުވުމަށް ތިމަން ނަބިއްޔާ އުއްމީދު ކުރަމެވެ.“ صَحيح أبي داود 3451

މިއީ މި ކަމުގައި ޝަރުޢީ ޙުކުމެވެ. މުދަލުގެ ވެރި ފަރާތަށް މުދާ އޭނާ ބޭނުން އަގެއްގައި ވިއްކުމުގެ އިޚްތިޔާރު ދީނުގައި ދެވިގެންވާ ކަމެވެ.
ޝައްކެތްވެސް ނެތެވެ. އޭނާގެ ވިޔަފާރީގައި، ގަނެވިއްކުމުގައި ހެޔޮކޮށް ހިތުމާއި، ތެދުވެރި ވުމާއި، މީސްތަކުންނަށް ހެޔޮ ފޯރުވުމަކީ އޭނާގެ ހެޔޮކަން އަންގައިދޭ އަދި ބަޔާންވެގެންވާ ސިފަ އެކެވެ.

މީސްތަކުންނަށް އޯގާތެރިކަން ފާޅުކޮށް، މީސްތަކުންނަށް ހެޔޮ އެދޭ ފަރާތެއް ކަމުގައި ވުމަކީ އޭނާގެ ޞާލިޙްކަން އަންގައިދޭ ކަމެކެވެ.
ފަހެ، ވިޔަފާރި ވެރިޔާވެސް އެފަދައިން މީސްތަކުންނާ މެދުގައި މުޢާމަލާތާ ކުރުން ނުހަނުއެދެވި އަދި ބާރު އެޅުވިގެންވެ އެވެ.

މާތް ނަބިއްޔާ -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (إن التُّجارَ يحشَرُون يَوم القِياَمَةِ فُجَّارًا إلاَّ مَنْ اتَّقَى الله وَبر وصَدَق) ”ވިޔަފާރިވެރިން ޤިޔާމަތް ދުވަހުގައި މަޙްޝަރު ކުރެވޭހުށީ ފާޖިރުންގެ ގޮތުގަ އެވެ. ﷲއަށް ބިރުވެތިވެ، ހެޔޮ ގޮތުގައިވެ ތެދުވެރިންގެ ގޮތުގައިވި ފަރާތްތައް ފިޔަވައެވެ.“ الصحيحة 994

ވިޔަފާރި ވެރިޔާއަކީ ހެޔޮ ވިޔަފާރިވެރިއެއްގެ ގޮތުން ވެދިއުމަށް ލޯބި ނުކުރަނީ ހެއްޔެވެ؟ މީސްތަކުންނަށް ބުރަ އަދި ދަތި ޙާލަތަށް ލޯބިކުރަނީ ހެއްޔެވެ؟
މިއީ އޭނާގެ ނަފްސަށް އެދޭނެ ކަންތައްތަކެއް ނޫނެވެ. ވުމުން އެހެން މީސްތަކުންނަށްވެސް މިފަދައިން މުޢާމަލާތް ކުރުން އެކަށީގެން ނުވެ އެވެ.
الإمام أَحمد بن حَنْبَل -رحمه الله- ވިދާޅުވެފައިވެ އެވެ. ”މުސްލިމުގެ ތެރޭގައި ވިޔަފާރިކުރާ ވިޔަފާރިވެރިޔާއަށް އެދެވިގެންވަނީ އޭނާ ގަނެވިއްކުމުގައި ނިޔަތް ހެޔޮ، ޞާލިޙް ނިޔަތެއްގައި ހުރެ ގަނެވިއްކުމެވެ. ތަކެތީގެ އަގު އުފުލުމަކީ އެއީ އުއްމީދު ކަމުގައި ހަދައިގެންނުވާނެ އެވެ.“ مسائل صالح١٩١

ވުމުން، މައްސަލަ ސާފުވެއްޖެ ކަމުގައި އުއްމީދު ކުރަމެވެ.
ވިޔަފާރި ވެރިޔާއަށް އޭނާ ބޭނުން އަގެއްގައި މުދާ ވިއްކުމުގެ އިޚްތިޔާރު އޮތްކަމުގައި ވީނަމަވެސް، އެއީ ހެޔޮ ނިޔަތުގައި އަދި ޞާލިޙް ވިޔަފާރި ވެރިޔާގެ ނިޔަތަކީ އެއީ ކަމުގައި ނަހަދާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts