|

ކުރިމަތި ފަރާތުން ވައިބޭރުވާ އަންހެނާގެ ވުޟޫ ގެއްލޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ކުރިމަތި ފަރާތް (ފަރުޖުން) ވައި ބޭރުވާ އަންހެނާގެ ޙުކުމާއި މެދުގައި ބުނަމެވެ.

އަންހެނާގެ ކުރިމަތި ފަރާތުން ވައިބޭރުވުމުން އަންހެން މީހާ ވުޟޫ ގެއްލޭނެ ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި 2 ޤައުލެއްގެ މައްޗަށް ޚިލާފް އުފެދިފައިވެ އެވެ.

ފުރަތަމަ ޤައުލަކީ : އަންހެނާގެ ކުރިމަތި ފަރާތުން ވައި ބޭރުވުން ވެގެންދަނީ ވުޟޫ ގެއްލޭނެ ކަމެއްގެ ގޮތުގަ އެވެ. މިޤައުލަކީ الشَّافعيَّة އަދި الحنابلة ގެ ޤައުލެވެ.

މި ޤައުލުގެ އަހުލުވެރިން މި ކަމުގައި ގެނެސްފައިވާ ދަލީލުތަކަކީ ޢާންމު ދަލީލުތަކެވެ. އެބަހީ، ވައި ބޭރުވުމުން ވުޟޫ ގެއްލޭކަން ޛިކުރު ވެގެންވާ ޢާންމު ދަލީލުތަކެވެ. އެ ދަލީލުތަކުގައި ޚާއްޞަކޮށް ފުރަގަސް ފަރާތް ނުވަތަ ކުރިމަތި ފަރާތް ޛިކުރު ކޮށްފައި ނުވެ އެވެ. އެހެނަސް ވައި ބޭރުވުމުން ޛިކުރު ވެފައި ވުމުން އެބޭކަލުން ފުރަގަސް އަދި ކުރިމަތި ފަރާތް އެކުގައި ޝާމިލް ކުރެ އެވެ.

އެފަދަ ދަޅިލުތަކުގެ ތެރޭގައި :

އިމާމް الترمذي (74) އަދި ابن ماجه (515) އަދި އެހެނިހެން ބޭކަލުންވެސް ޙަދީޘް ފޮތްތަކުގައި ރިވާކޮށްފައިވާ ޙަދީޘް (لا وُضوءَ إلَّا مِن صَوتٍ أو رِيح ) ”ވައިބޭރުވާ އަޑު އިވުމުން ނުވަތަ ވައިބޭރުވެ އޭގެ ވަސް ދުވުމުން މެނުވީ ވުޟޫ ކުރުމެއް ނުވެ އެވެ.“

ފަހެ، ޙަދީޘްއިން ބަޔާންވަނީ، ވައި ބޭރުވެއްޖެކަން ޔަޤީންވެއްޖެހިނދު އެމީހެއްގެ ވުޟޫ ގެއްލޭނެ ކަމެވެ. އެއީ ޢާންމު ޙުކުމެވެ. ވަކިން ފުރަގަސް އަދި ކުރިމަތި ޚާއްޞަވެގެން ނުވެ އެވެ.

ދެވަނަ ޤައުލަކީ :

އަންހެން މީހާގެ ކުރިމަތި ފަރާތުން ވައި ބޭރުވުމަކީ، ވުޟޫ ގެއްލޭނެ ކަމެއް ނޫނެވެ. މިއީ الحنفيَّة އަދި المالكيَّة މަޛްހަބުގެ ޤައުލެވެ. އަދި މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عبد العزيز بن باز -رحمه الله- ގެ ރިޔާސަތުގައި ފަތުވާ ދެއްވާފައިވެ އެވެ.

އަދި ފަހުގެ ދުވަސްތަކުގައި ފާޅުވި ފިޤުހު ޢިލްމުވެރިޔާ الإمام ابن العثَيمِين -رحمه الله- މިފަދައިން ވިދާޅުވެ އެވެ.

الإمام ابن العثَيمِين -رحمه الله- މިފަދައިން ވިދާޅުވެ އެވެ. ”ކުރިމަތި ފަރާތުން ވައި ބޭރުވުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. ސަބަބަކީ، އެ (ދޮރަކުން) ނަޖިސް ބޭރުވާ ދޮރު -ފުރަގަސް ފަރާތުން- ބޭރުވާ ފަދައިން، ވައިބޭރުވާ ތަނެއް ކަމުގައި އަންހެން މީހާގެ ކުރިމަތި ފަރާތް ނުވެ އެވެ.“

ފަހެ، މައްސަލައިގެ ދެ ޤައުލަށް ބަލާއިރު މިއީ މިކަމުގައި ޞައްޙަ ޤައުލެވެ. އެބަހީ، އަންހެން މީހާގެ ކުރިމަތި ފަރާތުން (ފަރުޖުން) ވައި ބޭރުވުމަކީ ވުޟޫ ގެއްލޭ ސަބަބެއް ނޫން ކަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply