ފިރިހެނުން ކަންފަތް ތޮރުފުން ނުވަތަ ކަންފަތުގައި ގަހަނާ ބޭނުން ކުރުމުގެ ޙުކުމަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފިރިހެނުން ކަންފަތް ތޮރުފުން ނުވަތަ ކަންފަތުގައި ގަހަނާ ބޭނުން ކުރުމާއި މެދުގައި ބުނަމެވެ.
ޝަރުޢީ އެއްގޮތަށްވުރެ ގިނަ ގޮތްތަކުން މިއީ ހުއްދަވެގެން ނުވާނެ ޢަމަލެއްގެ ގޮތުގައިވެ އެވެ.
ފުރަތަމައީ : ކަންފަތުގައި ގަހަނާ އެޅުމަކީ އަންހެނުންގެ ސިފައެކެވެ. އެއީ އަންހެނުންގެ ޢާދައެކެވެ. އިސްލާމް ދީނުގައި މިފަދައިން އެންމެ ކުރީއްސުރެން ފަށައިގެން އައިސްފައިވާކަން އެނގެން އެބަ އޮތެވެ. އަދި އެއްވެސް ޒަމާނެއްގައި މިއީ ފިރިހެނުން ކޮށްފައިވާ ޢަމަލެއް ނޫނެވެ. ވުމުން، ޝަރީޢަތުގައި ފިރިހެނުން އަންހެނުންގެ ސިފައިން ސިފަ ޖެހިގަތުމަކީ ޙަރާމްވެގެންވާ ޢަމަލެވެ.
ހަޤީޤަތަކީ މިއީ އަންހެނުންގެ ސިފަ ޖެހުމުގެ ތެރޭގައި ހިމެނިގެންވާ އަންހެން ސިފަ އެކެވެ. އަތާއި ފައިގައި ކެވެލި އެޅުމާއި، ކަރުގައި މިފަދަ ފަށް އެޅުމަކީ އަންހެނުންގެ ސިފަ އެކެވެ.
ފިރިހެނުންނަށް ޙަރާމްވެގެންވާ ޢަމަލެކެވެ. العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”(ރިހީގެ) އުޅާ އާއި ކަރުގައި ފަށް އެޅުން، އަދި މިފަދައިން ގަހަނާ ގޮތުގައި އެޅުން، ފަހެ، ފިރިހެނުންނަށް މި ތަކެތި އެހެން ވަޖްހަކުން (އެހެން ސިފައަކުން) ހަރާމް ވެގެންވެ އެވެ. އެއީ އަންހެނުންނާއި އެއްވަތްތަރު ސިފަޖެހިގެންދާ ކަމެކެވެ. އަދި ފަހަރެއްގައި އެ ފިރިހެނާއި މެދުގައި މިސްތަކުން ނުބައިގޮތުގައި ދެކެން ފަށާފާނެ އެވެ…“ الشرح الممتع 6/108
ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު الإمام صالح الفَوزَان- حفظه الله- ވިދާޅުފައިވެ އެވެ. ”
ސުވާލު : ސުކޫލް ތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި، ރޮދިން ވިޔެފައި ހުންނަ އެކި ބާވަތްތަކުގެ ފަށް އެޅުން ވަނީ ޢާންމުވެފަ އެވެ. މިކަމުގައި ޝެއިޚްގެ ރައުޔަކީ ކޮބައިތޯ އެވެ؟
ޖަވާބު : މިއީ ޙަރާމްކަމެކެވެ. މިއީ އަންހެނުންނާއި ތަޝައްބުހު ވުމެކެވެ. އަތުގައި ކެވެލިފަށް، ތަނޑި އެޅުމަކީ އަންހެނުންނަށް ޚާއްޞަވެގެންވާ ކަމެކެވެ. ފިރިހެނުން ބޭނުންކުރާ އެއްޗެއް ނޫނެވެ. ފިރިހެނުންގެ ތެރެއިން އަންހެނުންނާ ތަޝައްބުހުވާ ފިރިހެނުންނަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ލަޢުނަތް ލައްވާފައިވެ އެވެ. އަދި ހަމައެފަދައިން، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ތަޝައްބުހުވާ އަންހެނުންނަށްވެސް ލަޢުނަތް ލެއްވިގެންވެ އެވެ. އާއެކެވެ.“
ވުމުން ޝައްކެތްވެސް ނެތް ކަމަކީ، ކަންފަތުގައި ގަހަނާ އެޅުމަކީ ޙަރާމްވެގެންވާ ޢަމަލެއް ކަމެވެ. ސަބަބަކީ އެއީ އަންހެނުންނާއި ތަޝައްބުހު ވުމެކެވެ.
ދެވަނައީ : މި ޢަމަލަކީ، ކާފަރުންގެ ޢަމަލު ތަކުގެ ތެރެއިން ޢަމަލެއް ކަމުގައި، ހަމަ ވިސްނުމާއި އަދި ޢަދުލުވެރި ކަމުގައި ވިސްނައިފި ކޮންމެ މީހަކު ބުނާނެކަން ކަށަވަރެވެ. ސަބަބަކީ، އެއްވެސް ޒަމާނެއްގައި މުސްލިމް ފިރިހެނުން ކޮށްއުޅުނު ކަމެއްގެ ގޮތުގައި ނުވެ އެވެ. އޭގެ ބަދަލުގައި ކާފަރުންގެ ފަރާތުން މެނުވީ މިކަމެއް ރީތި އަދި ހެޔޮ ސިފައެއްގައި ނާދެ އެވެ. ފަހެ، ކާފަރުންގެ މިފަދަ ޢަދަތަކަށް ތަބަޢަވުމަކީ މުސްލިމުންގެ މައްޗަށް ނަބިއްޔާ ނުހަނު ބޮޑަށް މަނާ ކުރައްވާފައިވާ ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ. ކާފަރުންގެ ޢާދަތަކާއި ކާފަރުންނާ އެއްވަތްތަރުވުމުގެ މައްޗަށް ވަނީ އިންޒާރު ދެއްވާފަ އެވެ. رسولُ اللهِ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (مَنْ تَشبَّه بِقَوم فَهُو مِنهُم) ”ބަޔަކާ އެއްވަތްތަރުވެއްޖެ މީހާވަނީ އެ އެއްވައްތަރުވި ބައެއްގެ ތެރެއިންނެވެ.“ صحيح أبي داود 4031
އަދި އެހެން ޙަދީޘެއްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ) البُخَاري 7320 ”ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވުމުންގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯ އެވެ؟) ޙަދީޘް ކުރެއްވި އެވެ.
ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“
ތިންވަނައީ : ކަންފަތުގައި ގަހަނާ އެޅުވުމަކީ، ކާފަރުންގެ ތެރޭގައިވާ މުރޫއަތްތެރިކަން ގެއްލިފައިވާ ފަރާތްތަކާއި މުސްލިމުންގެ ތެރޭގައިވާ ފާސިޤު ޢަމަލުތަކުގެ އަހުލުވެރިންގެ ޢަމަލެއް ކަމުގައިމެނުވީ ނުވަ އެވެ. މިއީ، ރިވެތި ޚުލުޤާއި ހެޔޮ ޢާދަތަކަށް ޢަމަލު ކުރާ ފަރާތްތަކުގެ ސިފައެއް ނޫންކަން ކޮންމެ މީހަކު ދަންނާނެ އެވެ.
ހަތަރުވަނައީ : ގަހަނާއިން ފިރިހެނުންނަށް ހުއްދަވެގެންވާ މިންވަރަކީ ރިހި އަނގޮޓިގެ މިންވަރެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކުގައި އެކިއެކި ސިފައިގައި ގަހަނާ އެޅުމަކީ ފިރިހެނުންނަށް އޮތް ކަމެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ. (اتَّخذ رسولُ اللهِ خاتمًا من ورقٍ، فكان في يدِه) ”رسولُ اللهِ صلى الله عليه وسلم ރިހި އަނގޮޓިކޮޅެއް ހިއްޕެވި އެވެ. އެ އަނގޮޓިކޮޅު ނަބިއްޔާގެ އަތްޕުޅުގައިވި އެވެ.“ البُخَاري 5873 مسلم 2091
އެހެން ޙަދީޘެއްގައިވެ އެވެ. (ޞަޙާބީ) عَبد الله بن عَمرو ވިދާޅުވި އެވެ. ނަބިއްޔާއަށް ބައެއް އަޞްޙާބުބޭކަލުން ރަން އަނގޮޓި އަޅުއްވާފައިވާތަން ފެނިވަޑައިގެންނެވި އެވެ. ފަހެ، އެހިނދު (ނުރުހުންތެރިވަޑައިގެން) ފުރަގަސްދެއްވައި އެ އެއްލާލެއްވި އެވެ. އަދި (އެ ބޭކަލުން) ދަގަނޑު އަނގޮޓި އެޅުއްވި އެވެ. ފަހެ، އެހިނދު ޙަދީޘް ކުރެއްވި އެވެ. (هذَا شَرٌّ، هذا حِلْيَةُ أَهل النَّارِ) ”މި އެއަށްވުރެ ނުބައިކަން ބޮޑުވެގެންވެ އެވެ. މިއީ ނަރަކައިގެ އަހުލުވެރިންގެ ގަހަނާ އެވެ.“ رواه أحمد، وصححه الألبَانِي في آداب الزفاف 135)
ފަހެ، ހުއްދަވެގެންނުވާ ގަހަނާއެއް އެޅުން އެއީ ނަރަކައިގެ އަހުލުވެރިންގެ ގަހަނާއެއްގެ ގޮތުގައިވުން ކަމުގައި ހަދީޘް ކޮށްފައިވުމުން، އެމިހަކަށް އަޞްލުގައިވެސް ބޭނުން ކުރުން ހުއްދަވެގެން ނުވާ ގަހަނާއެއް އަދި ގަހަނާއެޅުން ހުއްދަވެގެންނުވާ ގުނަވަނެއްގައި އެޅުން ވަންނާނީ ކޮންފަދަ ނުބަައިކަން ބޮޑުވެގެންވާ ކަމަކަށް ހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.