ހޮވާ ތަކެއްޗާއި މެދުގައި ޢަމަލު ކުރާނީ ކިހިނަކުން ތޯ އެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ހޮވާ ތަކެއްޗާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ހޮވާ ތަކެތީގެ ބާބަކީ ނުހަނު ތަނަވަސް އަދި ވަރަށްވެސް ގިނަ މައްސަލަތައް ބަޔާންވެގެންވާ ފިޤުހީ ފޮތްތަކުގައި ޛިކުރުވެގެންވާ ވަރަށް ތަފްޞީލު ބަޔާންވެގެންވާ ބާބެ ކެވެ.
އެތަފްޞީލު ޛިކުރު ކުރުމެއް ނެތި، ސުވާލުގައި ބަޔާން ކޮށްފައިވާ ހޮވާތަކެތީގެ މައްޗަށް ޢަމަލު ކުރަންވީގޮތް ބަޔާންކޮށް ބުނަމެވެ.
ހޮވާ ތަކެތީގެ ތެރޭގައި، އޭގެ އަގެއް ނެތުމާއި، އެ އެއްޗަކީ އޭގެ ޞާހިބާ ހޯދަން އަނބުރައި އަންނާނެ އެއްޗެއް ނޫންފަދަ މުދަލެއް، ފައިސާއެއް ފަދަ އެއްޗެއް ކަމުގައިވެއްޖެނަމަ، އެ ހޯދި މީހާއަށް އެ ބޭނުން ކުރުން ހުއްދަ އެވެ.
މާނައީ : އޭގެ ވެރިޔާ ހޯދުމަށްޓަކައި އިޢުލާން ކުރުމެއް ނުވެ އެވެ.
އަދިވެސް ބައެއް ޢިލްމުވެރިން އޭގައި ކަނޑައަޅައިފައިވާ މިންގަނޑުގައި ވިދާޅުވެފައިވެ އެވެ. އެ މުޖުތަމައެއްގައި މެދުމިންގަޑުގައިވާ މީހުން އެއެއްޗެއް އަނބުރާ ހޯދުމަށް ޤަޞްދުކޮށް ނާންނާނެ މިންވަރެވެ.
އެތަނެއްގެ އަހުލުވެރިންގެ ތެރޭގައި ޢާދަކާދައިގެ ގޮތުން، އެފަދަ މިންގަނޑުގެ އެއްޗެއް ކަމުގައިވާނަމަ ހޮވާ މީހާއަށް އެބޭނުން ކުރުން ހުއްދަވެގެންވެ އެވެ.
ދަންނަ އެވެ. އެމީހަކު ހޮވި އެއްޗަކީ، އެ ބައެއްގެ ތެރޭގައި ޢާދަކާދައިގެ ގޮތުން އެ އެއްޗަކީ އަގުދަށް އެއްޗެއްގެ ގޮތުގައިވެ، އޭގެ ވެރިޔާ އެ ހޯދުމަށް ނާންނާނެ ފަދަ އެއްޗެއް ކަމުގައި ވުމެވެ. މިޘާލަކަށް 20 ނުވަތަ 50 ނުވަތަ 100 ރުފިޔާ ނުވަތަ އެވަރުގެ އަގުހުރި އެއްޗެކެވެ.
ބައެއް ޢިލްމުވެރިން އެފަދަ އެއްޗެއް ފެނުމުން ނަގައި އެ ބޭނުން ކުރުމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތްކަން ބަޔާން ކުރައްވާފައިވެ އެވެ.
އޭގެ ތެރޭގައި ابن قدامة -رحمه الله- ވިދާޅުވެފައިވެ އެވެ. ”އަގެއްނެތް ގޮތުގައިވާ އެއްޗެއް ހޮވައި އެއިން ބޭނުންކުރުމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތްކަން ނުދަންނަމެވެ. މިފަދައިން عمر، علي ، ابن عمر ، عائشة -رضي الله عنهم- ވިދާޅުވެފައިވެ އެވެ. އަދި عطاء ، جابر بن زيد ، طاوس ، النخعي ، يحيى بن أبي كثير ، مالك އަދި الشافعي ދެކެވަޑައިގަންނަވަ އެވެ.“
ވުމުން، މިޘާލަކަށް ދިވެހި 100 ރުފިޔާއަކީ އޭގެ އަގަށް ބަލާހިނދު އޭގެ ވެރިޔާ އަބުރައި ހޯދަން އަންނަ އަގުގެ އެއްޗެއް ކަމުގައި ނުދެކެމެވެ. ވުމުން ހޮވާ އެއްޗެއްގެ ގޮތުގައި އެ ބޭނުން ކުރުން ދީނީ ގޮތުން މައްސަލައެއް އޮތް ކަމުގައި ނުދެކެމެވެ.
ބައެއް ޢިލްމުވެރިން އޭގެ އަގަކީ ކުޑަ އަގެއް ކަމުގައިވީނަމަވެސް އޭގެ އަހުލުވެރިޔާގެ ނަންމަތީގައި ޞަދަޤާތް ކުރުންވެސް ޛިކުރު ކުރައްވާފައިވެ އެވެ. ފަހެ، އެއީ އޭގެ ޞާޙިބާއަށްވެސް އަދި ހޮވި މީހާއަށްވެސް ޘަވާބާއި ދަރުމަ ލިބޭނެ ޢަމަލެއް ކަމުގައި ވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
