ފަތިސް ނަމާދުގެ އިހު ސުންނަތް ނުކުރައްވާ ބޭފުޅަކަށް ވިސްނައިދޭނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފަތިސް ނަމާދުގެ ކުރީ ސުންނަތުގެ މައްޗަށް ބުނަމެވެ.

ފުރަތަމައީ: މި ސުންނަތުގެ މާތްކަން ޢާންމު ދަލީލުތަކުން އަދި ޚާއްޞަ ދަލީލުތަކުން ޛިކުރު ކުރެވިގެން ވުމެވެ. އޭގެ ތެރޭގައި:

ޙަދީޘްގައި ވެއެވެ. أم حبيبة رملة بنت أبي سفيان ވިދާޅުވެފައިވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވަނިކޮށް އަޑުއެއްސެވީމެވެ. ما من عبدٍ مسلمٍ يصلِّي لله كل يومٍ ثِنتي عشرةَ ركعةً تطوعًا ، غير فريضةٍ، إلا بني اللهُ له بيتًا في الجنةِ ، މާނައީ: “ފަރުޟު ނަމާދު ނޫންގޮތުގައި، މުސްލިމް އަޅަކު ކޮންމެ ރެއަކާއި ދުވާލު ސުންނަތް ނަމާދުގެ 12 ރަކުޢަތް ކުރާމީހާއަށް، ޤިޔާމަތް ދުވަހުގައި ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ” (صحيح مسلم 728 ).

މި 12 ރަކުޢަތުގެ ތެރޭގައިވާ އެންމެ ހެޔޮކަން ބޮޑުވެގެންވާ 2 ރަކުޢަތަކީ ފަތިސް ނަމާދުގެ ކުރީ ސުންނަތުގެ 2 ރަކުޢަތެވެ.

އަދިވެސް އެހެން ރިވާޔަތެއްގައިވެއެވެ. من صلَّى في يومٍ ثنتي عشرةَ ركعةً تطوُّعًا بُنِيَ له بهنَّ بيتًا في الجنَّةِ ، މާނައީ: “ކޮންމެ ދުވަހެއްގައި ސުންނަތް 12 ރަކުޢަތް ކުރާ މީހާއަށް، އެމީހަކަށްޓަކައި ޤިޔާމަތް ދުވަހުގައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވޭނެއެވެ” (صحيح أبي داود 1250).

ފަތިސް ނަމާދުގެ ކުރީގެ ސުންނަތަށް ޚާއްޞަކޮށް ބަޔާންވެގެންވާ ރިވާޔަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ركعتا الفجرِ خيرٌ من الدنيا وما فيها

މާނައީ: “ފަތިސް ނަމާދުގެ ކުރީ 2 ރަކުޢަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަށްވުރެން ހެޔޮކަން ބޮޑުވެގެންވާ 2 ރަކުޢަތެކެވެ” ( صحيح مسلم ، 725).

މުޅި ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. މިއީ މަދު ހިނދުކޮޅެއްގެ ތެރޭގައި ހޯދޭނެ އަޖުރާއި ދަރުމައިގެ ވާހަކައެވެ.

الإِمَام العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ. “ދުނިޔެ ޚަލްޤު ކުރެވުނު ދުވަހުއްސުރެން ފަށައިގެން ޤިޔާމަތާއި ޖެހެންދެން ދުނިޔޭގައި ވާހައި މުދާތައް ކަމުގައިވާ ރަނާއި، މުދަލާއި، ގަނޑުވަރުތަކާއި އަދި އެނޫން މުދާތައްކަމުގައިވީ ނަމަވެސް، މި އެންމެހައި ތަކެއްޗަކަށްވުރެ ފަތިސްނަމާދުގެ ކުރިއަށް ކުރާ ދެރަކުޢަތް ދުނިޔެއާއި ދުނިޔޭގައިވާހައި ތަކެއްޗަކަށްވުރެން ހެޔޮކަން ބޮޑުވެގެންވެއެވެ. ސަބަބަކީ އެ ދެރަކުޢަތަކީ އަބަދުގެ އަބަދަށް ދެމިއޮންނާނެ އެއްޗެކެވެ. ދުނިޔެއަކީ ނެތިވެ ފަނާވެދާނެ އެއްޗެކެވެ” (الشرح الممتع ،70/4).

އަޚާއެވެ! ނަފްސަށް ހަދާންކޮށްލުން ހުއްޓެވެ! ސުވަރުގެ ހޯދުމަށް ނަފްސުގައި އޮތް ދަހިވެތިކަން ކޮބައި ހެއްޔެވެ؟ ﷲގެ ޙަޟުރަތުގައިވާ އަޖުރާއި ދަރުމައަށް ނަފްސުގައިއޮންނަންޖެހޭ އިޙްސާސް އަދި އެކަމަށް ދަހިވެތިވުން ކޮބައި ހެއްޔެވެ؟ ފާފަފުއްސެވިގެން ދިޔުމަށް އެދުމާއި ހެޔޮ ޢަމަލުގައި ކުރިއަރައި ދިޔުމަށް އޮތް ހިނދު، މިފަދަ ކުޑަ ޢަމަލަކަށް އެއްވެސް މުސްލިމަކު އިހުމާލުވާނެ ހެއްޔެވެ؟ މިއީ ވެގެންވާނެ ގޮތެއް ނޫނެވެ.

މާތް ނަބިއްޔާ މި ދެރަކުޢަތުގައި ޤާއިމްވެ ހުންނަވާ އަދި ދަތުރުމަތީގައި ވެސް މި ދެ ރަކަޢަތް ދޫ ނުކުރައްވާކަން ބަޔާންވެގެންވުމެވެ.

ދެވަނައީ : މި ނަމާދާއި މެދުގައި ޢިލްމުވެރިން ޛިކުރު ކޮށްފައިވާ އެކިއެކި ފައިދާތަކެވެ.

ޖުމްހޫރު ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ސުންނަތް ނަމާދުތަކުގެ ތެރޭގައި ހިމެނިގެންވާ ރަވާތިބު ސުންނަތްތަކަކީ ރޭ އަޅުކަމަށްވުރެން ވެސް ހެޔޮކަން ބޮޑުވެގެންވާ ޢަމަލެކެވެ. الحَافط ابن رَجَب الحَنبَلي -رحمه الله- ވިދާޅުވެފައިވެއެވެ. “ޖުމްހޫރު ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި، ރަވާތިބު ސުންނަތްތަކަކީ ރޭއަޅުކަމަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ޢަމަލެކެވެ” (لطائف المعارف ، 130). ވުމާއެކު، ރާވަތިބު ސުންނަތުގެ ތެރޭގައި ހިނެމިގެންވާ އެންމެ މާތް 2 ރަކުޢަތް ކަމުގައިވާ ފަތިސް ނަމާދުގެ 2 ރަކުޢަތުގެ މައްޗަށް އިހުމާލުވެ ފަރުވާކުޑަ ކުރާ މީހާ މެދުގައި ބުނާނީ ކީކޭ ހެއްޔެވެ؟

އަޚާއެވެ! ސުންނަތް ނަމާދުތަކަކީ އެ ނަމާދު ކުރުމުގެ ސަބަބުން ފަރުޟު ނަމާދުން ފާއިތުވެގެންދާ ނުވަތަ ފުރިހަމަކަން ގެއްލިގެންދާ ބައިތައް ހޯދައިދޭނެ ޢަމަލެއް ކަމުގައި ދީނުގައިވެއެވެ. އަހަރެމެން ކޮންމެ މީހަކު ވެސް އެމީހަކަށް ފަރުޟު ނަމާދު އަދާކުރެވޭ ގޮތާއި، ނަމާދުގައި ހިތް ޙާޟިރު ކުރެވޭ މިންވަރާއި، ނަމާދުގައި ޣާފިލްކަން އޮންނަ މިންވަރު ބަލާލުން ހުއްޓެވެ. ފަހެ، ނަމާދުން ބީވެގެންދާ ނުވަތަ އުނިވެގެންދާ ކަންތައްތައް ހޯދުމަށް ސުންނަތް ނަމާދު ކުރުމަށް ކޮންފަދައަކުން އަހަރެމެން ޙާޖަތްޖެހިފައިވޭ ހެއްޔެވެ؟

الإِمَامُ ابْن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. “ސުންނަތް ނަމާދުތައް ގިނަގިނައިން ކުރުމުގައި ވަރަށް ވެސް ގިނަ ހެޔޮ ކަންތައް ތަކެއްވެއެވެ. މަތިވެރި ގިނަ ހެޔޮކަންތައްތަކާއި އެކު ފަރުޟު ނަމާދުގައި އުނިވެދިޔަ ކަންތައްތައް ސުންނަތް ނަމާދުން ﷲ ފުރިހަމަ ކޮށްދެއްވައެވެ” (مجموع فتاوى ، 1/ 326).

އަޚާއެވެ! ސުންނަތް ނަމާދަށް ފަރުވާތެރިވުމަކީ ޙަޤީޤަތުގައި ފަރުޟު ނަމާދަށް ވެސް ފަރުވާތެރި ވުމެވެ. ސަބަބަކީ ޝައިޠާނާގެ ޢަމަލު ކަމުގައިވާހުށީ އެމީހަކު ސުންނަތް ނަމާދަށް ފަރުވާކުޑަ ކުރުމުގެ ފުރުސަތު ހޯދައި، އޭގެ ތެރެއިން އެމީހާ ބަލިކަށިކޮށް ފަރުޟު ނަމާދުގެ މައްޗަށް އަރައިގަތުމެވެ. ފަހެ، ސުންނަތް ނަމާދުތަކަށް ފަރުވާތެރިވުމަކީ ޝައިޠާނާގެ މައްޗަށް ލެވޭ ބާރުގަދަ ފާރެއް ކަމުގައިވެއެވެ.

العَلاَّمَة الشَّيْخ رَبِيْع بن هَادِيْ حفظه الله ވިދާޅުވެފައިވެއެވެ. “ތިޔަބައިމީހުން ސުންނަތް ނަމާދުތަކަށް ރައްކާތެރިވުން ހުއްޓެވެ. ހަމަކަށަވަރުން އެއީ ޝައިޠާނާގެ ކިބައިން ރައްކާތެރިކުރާނެ ފާރެއް ފަދަ އެއްޗެކެވެ. އެ ފާރު ވެއްޓިއްޖެހިނދު ޝައިޠާނާ ފަރުޟު ކަންތައްތަކުގެ ތެރެއަށް ވަދެގަނެ ތިބާ އެ ފަރުޟުކަންތައްތައް (އަދާކުރުމުގައި) ބަލިކަށި ކުރާނެއެވެ” (من الشريط الثالث شرح كتاب الإيمان من صحيح البخاري).

ވީމާ، އަޚާއަށް ނަޞޭހަތްތެރިވަނީ ޝައިޠާނާ ނަފްސުގެ މައްޗަށް ބާރުހޯދައި އަރައިގަތުމަށް ފުރުސަތު ނުދިނުމަށެވެ. އެކަމަށް ނަފްސުގައި ކުޑަވެސް ފުރުސަތެއް ނުދިނުމަށް ނުހަނު ފަރުވާތެރިވުން ހުއްޓެވެ. އެހެން ނޫނީ އޭނާގެ ފަރާތުން ގެއްލުމާއި ހަލާކު ކުރިމަތިވެދާނެކަން ހަނދާނުގައި ބަހައްޓާށެވެ. މި ނަމާދުތަކަށް އަދި ޚާއްޞަކޮށް ފަތިސް ނަމާދުގެ ކުރީ ސުންނަތުގެ މައްޗަށް ފަރުވާތެރިވުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply