އެންމެހައި ފަރުޟު ނަމާދުތަކުގެ ފަހުގައި މުޤައްޔަދުކޮށް ތަކުބީރު ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޢަރަފާތް ދުވަހާއި އަދި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ތަކްބީރުލް މުޤައްޔަދު (އެންމެހައި ފަރުޟު ނަމާދުތަކުގެ ފަހުގައި ޚާއްޞަކޮށް ކިޔުން) ވާރިދުވެގެންވާކަމާއި އެއީ ބިދުޢައެއް ނޫންކަން ބަޔާންކޮށްދިނުން.

ޙައްޖުމަހުގެ ފުރަތަމަ ދުވަހުން ފަށައިގެން އައްޔާމުއް ތަޝްރީޤު ނިމުމަށް ދާންދެން ޢާންމުކޮށް ވަކި ވަޤުތެއް ބެލުމެއްނެތި، ވަކި ވަޤުތަކަށް ޚާއްޞަ ކުރުމެއްނެތި ޢާންމުކޮށް ތަކްބީރު ކިޔުން ސުންނަތްވެގެންވެ އެވެ. ފަހެ، މި ޢަމަލުގެ ގިނަ ދަލީލުތަކެއް ކުރިން ލިޔެފައިވާ ލިޔުންތަކުގައި ބަޔާންކޮށްފައިވާނެ އެވެ.

އެހެނަސް މިތަނުގައި ބަޔާން މިކުރަނީ، ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފަށައިގެން އައްޔާމުއް ތަޝްރީޤުގެ އެންމެ ފަހު ދުވަސް (ހައްޖުމަހުގެ 13 ވަނަ ދުވަހުގެ) އަޞްރު ނަމާދާއި ހަމައަށް، އެންމެހައި ފަރުޟު ނަމާދުތަކަށް ފަހުގައި ޚާއްޞަކޮށް އެވަޤުތަށް ތަކްބީރު ކިޔުމާއި މެދުގައި ބަޔާން ކުރުމެވެ.

ފަހެ، މިފަދައިން ތަކްބީރު ކިޔުން الحَنابِلَةِ އިން އަދި الحَنَفيَّة މަޛްހަބުގެ ބޭކަލުންގެ ތެރެއިން أبي يُوسُفَ އާއީ محمَّد بنِ الحسنِ ވިދާޅުވެފައިވެ އެވެ. އަދި މިއީ للشافعيَّة ގެ ޤައުލެކެވެ. ހަމައެފަދައިން މިފަދައިން ތަކްބީރު ކިޔުމަށް ވިދާޅުވާ ގިނަ ޞަހާބީންނާއި ތާބިޢީ ބޭކަލުން އަދި ސަލަފުއް ޞާލިޙުންގެ ބޭކަލުންވެ އެވެ.

އަޞްޙާބު ބޭކަލުންގެ ތެރޭގައި عمرُ بنُ الخطَّاب، عليُّ بن أبي طالب، ابنُ عبَّاس، ابن مسعو -رضي الله عنهم- ވިދާޅުވެފައިވެ އެވެ.

އަދި މި ޤައުލު ابنُ المنذرِ ، النوويُّ ، ابنُ تيميَّة ، ابنُ حجرٍ އިޚްތިޔާރު ކުރެއްވި އެވެ.

ފަހުގެ އިމާމްވެރި ބޭކަލުންގެ ތެރއިން އިމާމް ابنُ باز އާއި ابنُ العثيمين -رحمهم الله- މިފަދައިން ދެކެވަޑައިގަންނަވަ އެވެ.

އަދި ބައެއް ޢިލްމުވެރިން މި ޢަމަލުގެ މައްޗަށް އުއްމަތުގެ އިޖްމާޢު ނަގުލުކުރައްވާފައިވެސްވެ އެވެ.

މިފަދައިން ތަކްބީރު ކިޔުމަށް ވާރިދުވެގެންވާ ދަލީލުތަކުގެ ތެރޭގައިވެ އެވެ.

ﷲ ވަޙީކުރެއްވި އެވެ. (وَاذْكُرُوا اللهَ فِي أَيَّامٍ مَعْدُودَاتٍ) ”ތިޔަބައިމީހުން ކަނޑައެޅި ބަޔާންވެގެންވާ ދުވަސްތަކެއްގައި ﷲގެ މަތިން ހަނދުމަކުރާށެވެ.“

މި ވަޙީބަސްފުޅުގައިވާ أَيَّامٍ مَعْدُودَاتٍ އަކީ އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކެވެ.

ވުމާއެކު، އެ އެންމެހައި ދުވަސްތަކެއްގައި ތަކްބީރު ކިޔުން ޝާމިލްވެ ޢާންމުވެގެންވެ އެވެ.

އަދި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކާއި އަދި ޢަމަލުފުޅުން އެ ދުވަސްތަކުގައި ތަކްބީރު ފަރުޟު ނަމާދުތަކަށްފަހުގައި ވިދާޅުވާކަން ބަޔާންވެގެން ވުމުން އެ ސިފަ އެދުވަސްތަކުގައި ތަކްބީރު ކިޔުމުގެ ތެރެއަށް ޤައިދު ކުރެވިގެންދެ އެވެ.

އެފަދަ ބައެއް އަޘަރު ތަކުގެ ތެރޭގައިވެ އެވެ.

ޞަޙާބީ عُمرَ بنِ الخَطَّابِ -رَضِيَ اللهُ عنه- އަރިހުން ރިވާވެގެންވެ އެވެ. ”ޞަޙާބީ ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފަށައިގެން އައްޔާމުއް ތަޝްރީޤުގެ އެންމެ ފަހުދުވަހުގެ ޢަޞްރު ނަމާދާއި ހަމައަށް ކޮންމެ ނަމާދެއްގެ ފަހުގައި ތަކްބީރު ވިދާޅުވެ އެވެ.“ މި ރިވާޔަތް ابن المنذر ((الأوسط 2200)) ގައި އަދި އިމާމް البيهقي (3/314) (6496) ރިވާކުރެއްވި އެވެ.

ޞަހާބީ عليٍّ -رَضِيَ اللهُ عنه- އަރިހުން ރިވާ ކުރެވިގެންވެ އެވެ. ”ހަމަކަށަވަރުން ޞަހާބީ ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފަށައިގެން އައްޔާމުއް ތަޝްރީޤުގެ އެންމެ ފަހު ދުވަހުގެ އަޞްރު ނަމާދާއި ހަމައަށް ތަކްބީރު ވިދާޅުވެ އެވެ.“ މި ރިވާޔަތް ابن أبي شيبة ގެ ((المصنف)) (2/165) ގައި ރިވާކުރެއްވި އެވެ؛ އަދި އިމާމް الألباني ގެ ((إرواء الغليل)) (3/125) ގައި މި ރިވާޔަތް ޞައްހަ ކުރައްވާފައިވެ އެވެ.

عبدُ اللهِ بنُ مَسعودٍ -رَضِيَ اللهُ عنه- ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. ރާވީ الأَسودِ ވިދާޅުވި އެވެ. “ عبدُ اللهِ بنُ مَسعودٍ ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފަށައިގެން ނަޙްރު ކުރެވޭ އެންމެ ފަހު ދުވަހުގެ ޢަޞްރު ނަމާދާއި ހަމައަށް ތަކްބީރު ވިދާޅުވެ އެވެ. (ތަކްބީރުގައި ވިދާޅުވަނީ) اللهُ أكبرُ اللهُ أكبرُ اللهُ أكبرُ، لا إلهَ إلَّا الله، واللهُ أكبرُ اللهُ أكبرُ، ولله الحمدُ މިފަދައިންނެވެ.“ މި ރިވާޔަތް ابن أبي شيبة ގެ ((المصنف)) (2/165) ގައި ރިވާކުރެއްވި އެވެ؛

ޞަޙާބީ ابنِ عبَّاسٍ -رَضِيَ اللهُ عنهما- އަރިހުން ރިވާވެގެންވެ އެވެ. ”ޞަޙާބީ ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފަށައިގެން އައްޔާމުއް ތަޝްރީޤުގެ އެންމެ ފަހުދުވަހުގެ ޢަޞްރު ނަމާދާއި ހަމައަށް ތަކްބީރު ވިދާޅުވެ އެވެ.“ މި ރިވާޔަތް الحاكم (1/440) ރިވާކުރައްވައި ޞައްޙަ ކުރެއްވި އެވެ.

ފަހެ، އިސްވެދިޔަ އެންމެހައި ޞަޙާބީންގެ ޢަމަލުފުޅުތަކުން ބަޔާންވަނީ، ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުގެ ވަޤުތުން ފަށައިގެން އައްޔާމުއް ތަޝްރީޤުގެ އެންމެ ފަހު ދުވަހުގެ ޢަޞްރުވަޤުތާއި ހަމައަށް މިފަދައިން ޤައިދުކޮށް، ކޮންމެ ފަރުޟު ނަމާދަކަށް ފަހުގައިތަކްބީރު ވިދާޅު ވުމެވެ.

އިމާމް شَيخ الإسلام ابن تَيمية – رحمه الله- ވިދާޅުވެފައިވެ އެވެ. ”ޖުމްހޫރު ފުޤަހާއިންނާއި އުއްމަތުގެ ޖުމްހޫރު ސަލަފުން އަދި އިމާމުން، ޤާއިމްވެގެންވާ ގޮތުގައި، ތަކްބީރު ކިޔުމުގައި އެންމެ ޞައްހަވެގެންވާ ޤައުލަކީ، ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފަށައިގެން އައްޔާމުއް ތަޝްރީޤްގެ އެންމެ ފަހު ދުވަހާއި ޖެހެންދެން ކޮންމެ ނަމާދަކަށް ފަހުގައި ތަކްބީރު ކިޔުމެވެ.“ مجموع الفتاوى 24 /220

އަދިވެސް ވިދާޅުވެފައިވެ އެވެ. ”އަދި މިފަދައިން ތަކްބީރު ކިޔުމަކީ އެކަމަށް އެންމެ ބޮޑެތި ޞަހާބީންގެ އިޖްމާޢުވަޑައިގެންފައިވާ ސިފައެކެވެ.“

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް، އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް ابنُ باز – رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ صلى الله عليه وسلم- ގެ އަޞްހާބު ބޭކަލުންގެ ތެރެއިން، ޖަމާޢަތެއްގެ ފަރާތުން ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފަށައިގެން ޛުލް-ޙައްޖު މަހުގެ 13 ވަނަ ދުވަހުގެ އަޞްރު ނަމާދާއި ހަމައަށް، ކޮންމެ ނަމާދެއްގެ ފަހުގައި ތަކްބީރު ވިދާޅުވާކަމަށް ވާރިދުވެގެންވެ އެވެ.“ مجموع فتاوى ابن باز (13/19)

ވުމާއެކު މައްސަލައިގައި ގިނަ ދަލީލުތަކާއި އެކު އަޞްހާބު ބޭކަލުންގެ ތެރޭގައި ތިއްބެވި ބޮޑެތި ބޭކަލުންނާއި އަދި ނަބިއްޔާގެ ޚަލީފާވެރި ބޭކަލުންގެ އަރިހުން ބަޔާންވެގެންވެ އެވެ.

ބައެއް ޢިލްމުވެރިން މިކަމުގައި އަޞްޙާބު ބޭކަލުންގެ އިޖްމާޢު ޛިކުރުކޮށްދެއްވާފައިވުމުން، މިކަމުގައި ޙުއްޖަތް ބަޔާންވެގެންވާ މިންވަރު ފާޅުވެގެންވެ އެވެ.

ވުމުން، ޢަރަފާތް ދުވަހުގެ ފަތިސް ވަޤުތުން ފެށިގެން އައްޔާމުއް ތަޝްރީޤް ނިމުމަށް ދާންދެން ތަކްބީރު ޢާންމުކޮށް ކިޔުމާއި އެކު ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ޚާއްޞަކޮށް ކިޔުން އެއީ ވާރިދުވެގެންވާ ޢަމަލެއް ކަމުގައި ބާޔަންވެގެންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts