ރޭ އަޅުކަން ކުރާނީ ކިހިނެތްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ރޭ އަޅުކަން ކުރާނީ ކިހިނެތްތޯ އެވެ؟ މި ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ : ރޭ އަޅުކަން (ދަމު ނަމާދު، ޤިޔާމުއްލައިލް) ވަޤުތެވެ.
ޤިޔާމުލް ލައިލް، ތަޙައްޖުދު، ރޭއަޅުކަމުގެ ވަޤުތަކީ އިޝާނަމާދުން އަވަދިވާ ހިނދުން ފަށައިގެން ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމަށް ދާންދެން ދެމިގެންވެ އެވެ. الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޢިޝާ ނަމާދުން އަވަދި ވުމާއެކު ތަރާވީޙް ނަމާދުގެ ވަޤުތު ފެށުނީ އެވެ….. އަދި އެ ވަޤުތު ފަތިސްވަޤުތު ވަންނަންދެން ދެމި އޮންނާނެ އެވެ.“
ވުމުން، މި ވަޤުތު ތެރެއިން ކޮންމެ ވަޤުތެއްގައިވެސް ކުރުން ހުއްދަވެގެންވެ އެވެ.
ދެވަނައީ : އެންމެ މޮޅު އިތުރު ވެގެންވާ ވަޤުތު :
ނަބިއްޔާ ﷺ އަރިހުން ޘާބިތުވެގެންވާ ގޮތުގައި ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެރިކަން ބޮޑުވެގެންވަނީ ދާޥޫދް -عليه السلام- ގެ ނަމާދެވެ.
ޞަޙީހު مسلم ١١٥٩ ގައި ރިވާވެގެންވެ އެވެ. وَأَحَبُّ الصَّلَاةِ إلى اللهِ عَزَّ وَجَلَّ، صَلَاةُ دَاوُدَ عليه السَّلَام، كانَ يَرْقُدُ شَطْرَ اللَّيْلِ، ثُمَّ يَقُومُ، ثُمَّ يَرْقُدُ آخِرَهُ، يَقُومُ ثُلُثَ اللَّيْلِ بَعْدَ شَطْرِهِ. ”ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން އިތުރުވެގެންވާ ނަމާދަކީ (ސުންނަތް ނަމާދަކީ) دَاوُدَ عليه السَّلَام ގެ ނަމާދެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލެއްޕެވުމަށްފަހު ދެން ނަމާދުކުރައްވަ އެވެ. ދެން އެއަށްފަހު އަވަހާރަފުޅު ލައްޕަވަ އެވެ. ފަހެ، ޤިޔާމަށް (ނަމާދުގައި ހުންނަވަނީ) ރޭގަނޑު ދެބައިވުމަށްފަހު، ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގަ އެވެ.
ފަހެ، ގޭގައި މިފަދައިން ނަމާދުކޮށްފި މީހާއަށް ހުރި ހެޔޮކަމެއްގެ ބޮޑު ކަމާ އެވެ.
ތިންވަނައީ : ނަމާދު ކުރާނީ ކިތައް ރަކުޢަތަށް ހެއްޔެވެ؟ : އެންމެ މޮޅު އިތުރުވެގެންވަނީ މާތް ނަބިއްޔާ صلى الله عليه وسلم ކުރެއްވި މިންވަރަށް ކުރުމެވެ.
صحيح البخاري 2013 ގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. أنَّهُ سَأَلَ عَائِشَةَ رَضِيَ اللَّهُ عَنْهَا، كيفَ كَانَتْ صَلَاةُ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ في رَمَضَانَ؟ فَقَالَتْ: ما كانَ يَزِيدُ في رَمَضَانَ ولَا في غيرِهِ علَى إحْدَى عَشْرَةَ رَكْعَةً، ”(ނަބިއްޔާ ﷺގެ އަނބިކަނބަލުން) عَائِشَةَ رَضِيَ اللَّهُ عَنْهَا، އަރިހުގައި މާތް ނަބިއްޔާ ﷺ ރަމަޟާން މަހުގެ ރޭއަޅުކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެ ކަމަނާ ވިދާޅުވި އެވެ. ”ރަމަޟާން މަހުގައިވެސް އަދި ރަމަޟާން ނޫން މަސްތަކުގައިވެސް 11 ރަކުޢަތަށްވުރެ ގިނަ ނުކުރައްވަތެވެ.“
ފަހެ، އެހެން ވުމުން މިއީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި އެންމެ ރިވެތި ވެގެންވާ ނަމޫނާ އެވެ.
އަޚާ އެވެ! މިއީ އެންމެ މޮޅު އިތުރުވެގެންވާ ޢަދަދެވެ. ފަހެ، މި ގޮތުގައި ހިފެހެއްޓުން ހުއްޓެވެ.
ހަތަރުވަނައީ : 11 ރަކުޢަތް ކުރާނީ ކިހިނެތް ހެއްޔެވެ؟
އެކަމުގައި ޢަމަލު ކުރާނެ އެންމެ މޮޅު އިތުރު ގޮތަކީ، 2 ރަކުޢަތް ކޮށްފައި ސަލާމްދެމުން ގެންދާނި އެވެ. ރޭ އަޅުކަމުގެ ނިޔަތުގައި، އެގޮތަށް 8 ރަކުޢަތް ކުރާނީ އެވެ. ( 2 ރަކުޢަތުން، 2 ރަކުޢަތުން ކުރަމުން ގޮސް 8 ރަކުޢަތް ކުރާނީ އެވެ.) އެއަށްފަހު 3 ރަކުޢަތް ވިތުރީގެ ގޮތުގައި ކުރާނީ އެވެ. ފަހެ އެހިނދު އެއީ ޖުމްލަ 11 ރަކުޢަތެވެ.
ފަސްވަނައީ : ނަމާދުގައި ކިޔުމަށް ޚާއްޞަ ސޫރަތްތަކެއްވޭ ހެއްޔެވެ؟
ދަމު ނަމާދުގައި ނުވަތަ ރޭއަޅުކަމުގައި ކިޔާނެ ޚާއްޞަ ސޫރަތެއް ނެތެވެ. ( 2 ރަކުޢަތުން 2 ރަކުޢަތުން ކުރާ 8 ރަކުޢަތުގައި ކިޔުމަށް ޚާއްޞަ ޞޫރަތްތަކެއް ނުވެ އެވެ.) ކޮންމެ ރަކުޢަތެއްގައިވެސް ސޫރަތުލް ފާތިޙާއަށް ފަހުގައި، ފަސޭހަ މިންވަރެއް ކިޔެވުން ހުއްޓެވެ. ހެޔޮކަން ބޮޑުވެގެންވަނީ ދިގުކޮށް ކިޔެވުމެވެ. ރޭ އަޅުކަމުގައި މުޞްޙަފުން ބަލައިގެން ކިޔުންވެސް ހުއްދަވެގެންވެ އެވެ.
ވިތުރީގެ 3 ރަކުޢަތުގައި ކިޔުން ޚާއްޞަ ޞޫރަތްތަކެއްވެ އެވެ. ޙަދީޘްގައިވެ އެވެ. كانَ رسولُ اللَّهِ يوترُ بثلاثٍ يقرأُ في الأولى بسبِّحِ اسمَ ربِّكَ الأعلى وفي الثَّانيةِ بقل يا أيُّها الكافرون وفي الثَّالثةِ بقل هوَ اللَّهُ أحدٌ ޙަދީޘްގައިވަނީ : ނަބިއްޔާ ﷺ 3 ރަކުޢަތުން ވިތުރި ކުރައްވަ އެވެ. ވިތުރީގެ ފުރަތަމަ ރަކުޢަތުގައި سبِّحِ اسمَ ربِّكَ الأعلى އަދި ދެވަނަ ރަކުޢަތުގައި قل يا أيُّها الكافرون އަދި ތިންވަނަ ރަކުޢަތުގައި قل هوَ اللَّهُ أحدٌ ވިދާޅުވެ އެވެ. صحيح النسائي 1701
ހަވަނައީ : ވިތުރި ނަމާދު ކޮށް ނިމުނުން އެމީހެއްގެ ރޭ އަޅުކަން ނިމުނީ އެވެ. އަދި ވިތުރި ކޮށް ނިމުމުން އަންނަނިވި ޛިކުރު ކިޔުން ސުންނަތްވެގެންވެ އެވެ. : ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (وإذا سلَّمَ من الوترِ، قال سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ، ثلاثًا ويمدُّ بِها صوتَه، ويرفعُ في الثالثةِ) ”ނަބިއްޔާ ﷺ ވިތުރި ކުރައްވާ ނިމިވަޑައިގަތުމުން سُبْحانَ الملِكِ القدُّوسِ، سُبْحانَ الملِكِ القدُّوسِ سُبْحانَ الملِكِ القدُّوسِ ތިންފަހަރަށް ވިދާޅުވެ އެވެ.“
އަދި القدُّوسِ ވިދާޅުވެ ދަމާލެއްވި އެވެ. އަދި 3ވަނަ ފަހަރަށް ވިދާޅުވާ ހިނދުގައި އަޑު އުފުއްލަވާ ވިދާޅުވެ އެވެ.“ قيام رمضان ، الشيخ الألباني ، صحيح
ހަތްވަނައީ : ދަމު ނަމާދު ނުކުރެވިދާނެ ކަމުގައިހީވާނަމަ، އިރާ ކޮޅުގައި، ނުވަތަ ނިދަން އޮށޯތުމުގެ ކުރިން ވިތުރި ނަމާދު ކޮށްލުން އެދެވިގެންވެ އެވެ. މާނައަކީ، ނިދަން އޮށޯތުމުގެ ކުރިން ވިތުރީގެ 3 ރަކުޢަތް ކޮށް ނިންމާލުމެވެ. އެހެނަސް އެއަށްފަހު ރޭ އަޅުކަން ކުރުމަށްޓަކައި ހޭލެވުނީ އެވެ. ފަހެ، އެހިނދު ރޭ އަޅުކަން ކުރުން ހުއްދަވެގެންވެ އެވެ. ކޮށްފައިވާ 3 ރަކުޢަތުގެ ވިތުރީގެ މައްޗަށް، 2 ރަކުޢަތުން 2 ރަކުޢަތުން ރޭއަޅުކަން ކުރާނީ އެވެ. (މިއީ މި ދަނޑިވަޅުގައި ނަމާދު ކުރުން ބަޔާން ވެގެންވާ ސިފަތަކުގެ ތެރެއިން އެއް ސިފަ އެވެ.) މި ނޫން ސިފަތައްވެސް ވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.