އިސްތިޚާރާ ނަމާދު އަދި އިސްތިޚާރާ ނަމާދުގެ ޙުކުމްތައް

އިސްތިޚާރާ ނަމާދު އަދި އިސްތިޚާރާ ނަމާދުގެ ޙުކުމްތައް

الشَّيخ د. مُحمَّد بن عُمر بن سَالم بَازمُول حفظه الله

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ޙަސަން حفظه الله

“މީސްތަކުންނަށް އެބައިމީހުންނާ މި ޙަޔާތުގައި ދިމާވާ އެކިއެކި ކަންތައްތަކުގައި، އެންމެހައި ކަންތައްތަކެއް މޮޅަށް ދެނެވޮޑިގަންނަވާ ﷲ ގެ ޙަޟުރަތުގައި ދެންނެވުމަށް ﷲ ގެ ރަސޫލާ ﷺ ވަނީ މިއުއްމަތަށް ޝަރުޢު ކުރައްވާފަ އެވެ. އަދި ﷲ ގެ ޙަޟުރަތުން އެކަމެއްގައި އެންމެ ހެޔޮވެގެންވާ ގޮތް ލިބުމަށް އެދި ދެންނެވުން ވެ އެވެ. އެގޮތުން އެބައިމީހުންނަށްވަނީ އިސްތިޚާރާ ނަމާދު އުނގަންނަވައި ދެއްވާފަ އެވެ. އެއީ، (އިރުވަރުބެލައި) ކަންތައްތައް ކުރުމާއި، ދުނިދަނޑި ބޭނުންކޮށްގެން ނަޞީބު ބަލައި ކަންތައްތައް ކުރުމާއި، ޖާހިލިއްޔަ ޒަމާނުގައި ކަންކަމަށް ސުންޕާކަން ނިޞްބަތްކޮށް އެބައިމީހުން އުޅުނުގޮތްތަކާއި ކަންތައްތަކުގެ ބަދަލުގަ އެވެ.

މި ނަމާދާއި މެދުގައި މިފަދައިން ވާރިދުވެގެންވެ އެވެ.

عَن جَابر بن عبد الله قال :كان سولُ اللَّهِ ﷺ يُعَلِّمُنَا الِاسْتِخَارَةَ في الأُمُورِ كُلِّهَا، كما يُعَلِّمُنَا السُّورَةَ مِنَ القُرْآنِ، يقولُ: إذَا هَمَّ أحَدُكُمْ بالأمْرِ، فَلْيَرْكَعْ رَكْعَتَيْنِ مِن غيرِ الفَرِيضَةِ، ثُمَّ لِيَقُلْ: اللَّهُمَّ إنِّي أسْتَخِيرُكَ بعِلْمِكَ وأَسْتَقْدِرُكَ بقُدْرَتِكَ، وأَسْأَلُكَ مِن فَضْلِكَ العَظِيمِ، فإنَّكَ تَقْدِرُ ولَا أقْدِرُ، وتَعْلَمُ ولَا أعْلَمُ، وأَنْتَ عَلَّامُ الغُيُوبِ، اللَّهُمَّ إنْ كُنْتَ تَعْلَمُ أنَّ هذا الأمْرَ خَيْرٌ لي في دِينِي ومعاشِي وعَاقِبَةِ أمْرِي – أوْ قالَ عَاجِلِ أمْرِي وآجِلِهِ – فَاقْدُرْهُ لي ويَسِّرْهُ لِي، ثُمَّ بَارِكْ لي فِيهِ، وإنْ كُنْتَ تَعْلَمُ أنَّ هذا الأمْرَ شَرٌّ لي في دِينِي ومعاشِي وعَاقِبَةِ أمْرِي – أوْ قالَ في عَاجِلِ أمْرِي وآجِلِهِ – فَاصْرِفْهُ عَنِّي واصْرِفْنِي عنْه، واقْدُرْ لي الخَيْرَ حَيْثُ كَانَ، ثُمَّ أرْضِنِي قالَ: (وَيُسَمِّي حَاجَتَهُ) رواه البخاري 1166

جَابر بن عبد الله ވިދާޅުވެފައިވެ އެވެ. ރަސޫލާ ﷺ އަހަރެމެންނަށް ޤުރުއާނުގެ ސޫރަތެއް އުނގަންނަވައި ދެއްވާ ފަދައިން އެންމެހައި ކަންތައްތަކުގައި އިސްތިޚާރާ ކުރުމަށް އުނގަންނަވައި ދެއްވި އެވެ. ޙަދީޘްފުޅު ކުރެއްވި އެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއް ކުރުމަށް ޤަޞްދުކޮށްފިހިނދު، ފަރުޟު ނަމާދު ނޫން ސުންނަތް ދެ ރަކުޢަތް ނަމާދެއް ކުރާށެވެ. އެއަށްފަހު (މި ދުޢާ ކިޔާށެވެ.) اللَّهُمَّ إنِّي أسْتَخِيرُكَ بعِلْمِكَ وأَسْتَقْدِرُكَ بقُدْرَتِكَ، وأَسْأَلُكَ مِن فَضْلِكَ العَظِيمِ، فإنَّكَ تَقْدِرُ ولَا أقْدِرُ، وتَعْلَمُ ولَا أعْلَمُ، وأَنْتَ عَلَّامُ الغُيُوبِ، اللَّهُمَّ إنْ كُنْتَ تَعْلَمُ أنَّ هذا الأمْرَ خَيْرٌ لي في دِينِي ومعاشِي وعَاقِبَةِ أمْرِي – عَاجِلِ أمْرِي وآجِلِهِ – فَاقْدُرْهُ لي ويَسِّرْهُ لِي، ثُمَّ بَارِكْ لي فِيهِ، وإنْ كُنْتَ تَعْلَمُ أنَّ هذا الأمْرَ شَرٌّ لي في دِينِي ومعاشِي وعَاقِبَةِ أمْرِي – عَاجِلِ أمْرِي وآجِلِهِ – فَاصْرِفْهُ عَنِّي واصْرِفْنِي عنْه، واقْدُرْ لي الخَيْرَ حَيْثُ كَانَ، ثُمَّ أرْضِنِي އަދި ޙަދީޘް ކުރެއްވި އެވެ. “އަދި އޭނާ ބޭނުންވާ ޙާޖަތް ދެންނެވުން ހުއްޓެވެ.”

ބުނަމެވެ. މި ޙަދީޘްގައި ގިނަ ފައިދާތަކެއް ވެ އެވެ.

ފުރަތަމައީ : އިސްތިޚާރާ ނަމާދު ކުރުން ޝަރުޢުވެގެންވާކަން ބަޔާންވެގެންވެ އެވެ. އަދި އެއީ ވާޖިބުވެގެންވާ ޢަމަލެއްކަން ދޭހަވާ ފަދައިން ބަޔާންވެގެންވެ އެވެ.

ދެވަނައީ : އިސްތިޚާރާ ނަމާދު އެންމެހައި ކަންކަމުގައި ކުރެވޭނެކަން ބަޔާންވެގެންވެ އެވެ. އެއީ މުހިންމު ބޮޑެތި ކަންތައްތައް ކަމުގައިވީނަމަވެސް ނުވަތަ ކުޑަ އާދައިގެ ކަންކަމުގައިވީނަމަވެސް އެވެ.

الحَافظ النووي ވިދާޅުވެފައިވެ އެވެ. “އެންމެހައި ކަންކަމުގައި އިސްތިޚާރާ ކުރުން މުޞްތަޙައްބުވެގެންވެ އެވެ. އެއީ މި ޞައްޙަ ޙަދީޘްގެ ނައްޞުގައި ޛިކުރު ކުރެވިގެންވާ ފަދައިންނެވެ.”

ބުނަމެވެ. (ޝަރީޢަތުގައި ބަޔާންވެގެންވަނީ) ވާޖިބު ޢަމަލެއް ކުރުމަށް، ޙަރާމް ޢަމަލެއް ދޫކުރުމަށް، މުޞްތަޙައްބުވެގެންވާ ޢަމަލެއް ކުރުމަށް އަދި މަކްރޫހަވެގެންވާ ޢަމަލެއް ދޫކޮށްލުމަށް އިސްތިޚާރާ ކުރަން ނުޖެހުމެވެ.

އާނއެކެވެ. އިޚްތިޔާރު ކުރުމުގެ (ހުއްދަ ދެވިފައިވާ) ވާޖިބު ކަންތައްތަކާއި މުޞްތަޙައްބު ވެގެންވާ ކަންކަމުގައި، އޭގެ ޒަމާން ތަނަވަސް ވެގެންވާ ކަންކަމުގައި އިސްތިޚާރާ ކުރުންވެ އެވެ.

الحَافظ ابن حجر ވިދާޅުވެފައިވެ އެވެ. “ބޮޑެތި ކަންކަމާއި އަދި ކުޑަކަންތައްތައްވެސް އިސްތިޚާރާ ކުރުމުގެ ޢާންމު (ޙުކުމުގެ) ތެރެއަށް ވަންނާނެ އެވެ. ފަހެ، ބައެއްފަހަރު އެ ކުޑަ ކަންކަމަކީ ބޮޑުވެގެންވާ ކަންތައްތަކެއް އޭގެ މައްޗަށް ކަނޑައެޅިގެންދާ ކަންކަމަށްވެދެ އެވެ.”

ތިންވަނައީ : އިސްތިޚާރާ ނަމާދަކީ، ފަރުޟު ނަމާދުތައް ފިޔަވައި ކުރެވޭ ދެ ރަކުޢަތް ސުންނަތް ނަމާދެއްކަން ބަޔާންވެގެންވެ އެވެ.

الحَافظ النووي ވިދާޅުވެފައިވެ އެވެ. “ރަވާތިބު ސުންނަތުގެ ދެ ރަކުޢަތް (އިސްތިޚާރާ ދެ ރަކުޢަތުގެ) ގޮތުގައި ޙާޞިލްވާނެކަން ބަޔާންވެގެންވެ އެވެ. އަދި ތަޙިއްޔަތުލް މަސްޖިދް އާއި އެނޫންވެސް ސުންނަތް ނަމާދުތައް މިކަމުގެ މައްޗަށް ފުދޭނެ އެވެ.”

ބުނަމެވެ. و الله أعلم (الحَافظ النووي ) ގެ ބަސްފުޅުގެ މުރާދަކީ: ނަމާދުގެ ފެށުމުގެ ކުރިން އެމީހަކު އިސްތިޚާރާ ކުރުމުގެ ޤަޞްދު އެމީހެއްގެ ކިބައިގައި އޮވެއްޖެނަމަ އެވެ. الحَافظ النووي ގެ ބަސްފުޅުގެ މާނައަކީ އެ ކުރާ ސުންނަތް ނަމާދެއް އެއީ އިސްތިޚާރާގެ ނަމާދުގެ ގޮތުގައި ޚާއްޞަކޮށް އެ ނިޔަތުގައި ކުރި ކަމުގައިވީނަމަވެސް ނުވަތަ އެ ނިޔަތުގެ ނޫނަސް ފުދޭނެކަމެވެ. އަދި މިއީ ޙަދީޘްގެ މާނައިން ދޭހަވާ ގޮތެވެ.

العراقِي ވިދާޅުވެފައި އެވެ. “އެނާ އެކަމެއް ކުރުމަށް ޤަސްތުކޮށްފައިވަނީ ރަވާތިބު ސުންނަތެއް ނުވަތަ އެ ނޫންވެސް ސުންނަތް ނަމާދެއް ކުރުމުގެ ކުރިންނެވެ. އެއަށްފަހު އެ ނަމާދު އެނާ ކުރީ އެވެ. އިސްތިޚާރާގެ ނިޔަތުގައި ނޫނެވެ. އަދި އޭނާ ނަމާދުކޮށް އަވަދިވުމަށްފަހުގައި އިސްތިޚާރާގެ ދުޢާ ކުރި އެވެ. ފަހެ، (ޙަދީޘްގެ) ލަފްޟުން ބަޔާންވެގެންވަނީ އިސްތިޚާރާ ޙާޞިލްވެގެންދާނެ ކަމެވެ.”

ހަތަރުވަނައީ : (ޙަދީޘްގައި ބަޔާންވެގެންވަނީ) އެކަމެއްގައި އޭނާ ވަކިގޮތެއް ކަނޑައަޅައި ޤަޞްދު ނުކުރާހިނދު (ދެ ކޮޅަށް ކިރިކިރި ހުންނަހިނދު) އިސްތިޚާރާއެއް ނޯންނާނެ އެވެ. ސަބަބަކީ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވަނީ إذَا هَمَّ أحَدُكُمْ بالأمْرِ، “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއް ކުރުމަށް ޤަޞްދުކޮށް ކަނޑައަޅައިފި ހިނދު …”

އަދި ވާރިދުވެގެންވާ ދުޢާގެ އެންމެހައި ތަންތަނުގައި ދަލީލުކުރެވެނީ އެފަދައިންނެވެ.

ފަހެ، މުސްލިމަކު އޭނާ ކުރަން އުޅޭ ކަންތަކުގެ މައްޗަށް ވަކިގޮތެއް ޤަސްދުކޮށް ކަނޑަނާޅާ ހިނދު އަދި އެ ގޮތުގައި އިސްތިޚާރާ ކުރުމަށް ބޭނުންވާހިނދު، އޭނާއަށް އޮތީ އެއިން ކޮންމެވެސް ގޮތެއް ކަނޑައެޅުމެވެ. އަދި އެގޮތުގައި ﷲ އަށް އިސްތިޚާރާ ކުރުމެވެ. އަދި އިސްތިޚާރާ ކުރުމަށްފަހު އެ ޤަޞްދުކުރި ގޮތުގައި އެކަމުގައި ކުރިއަށް ދިއުމެވެ. ފަހެ، އެއީ އޭނާއަށް ހެޔޮގޮތެއް ކަމުގައިވާނަމަ އޭނާއަށް ﷲ ކަންތައްތައް ފަސޭހަކޮށްދެއްވާނެ އެވެ. އަދި އެކަމުގައި އޭނާއަށް ބަރަކާތް ލައްވާނެ އެވެ. އަދި މި ނޫންގޮތުގައިވެއްޖެހިނދު، އެއިން އޭނާ އެއްކިބާ ކުރައްވަތެވެ. އަދި އެއިލާހުގެ އިޛުނަފުޅުން އޭނާއަށް ހެޔޮވެގެންވާ ގޮތް ފަސޭހަކޮށްދެއްވަތެވެ.

ފަސްވަނައީ : ޙަދިޘްގައިވަނީ : އިސްތިޚާރާ ނަމާދުގެ ގޮތުގައި ކުރާ ދެ ރަކުޢަތުގައި ފާތިޙާ ސޫރަތަށްފަހުގައި ވަކި ޚާއްޞަ ސޫރަތެއް އަދި އާޔަތްތަކެއް ކިޔުމެއް ނުވާ ކަމެވެ.

ހަވަނައީ : ޙަދީޘްގައިވަނީ، އެކަމުގައި ހެޔޮ ބަޔާންވެދިއުމަކީ އެކަމަކަށް މަގުތައް ފަސޭހަވެގެންދިއުމާއި އެކަމުގައި ބަރަކާތް ލެއްވިގެންދިއުމެވެ. އެހެން ނޫންނަމަ، އެނާ އިސްތިޚާރު ކުރިކަންތަކުން އޭނާ އެއްކިބާކުރެވިގެންދާނެ އެވެ. އަދި އޭނާއަށް ހެޔޮވެގެންވާ ގޮތަށް އޭނާއަށް މަގު ފަސޭހަވެގެންދެ އެވެ.

ހަތްވަނައީ : ޙަދީޘްގައިވަނީ މުސްލިމަކު އިސްތިޚާރާ ނަމާދު ކުރުމަށްފަހު، އޭނާ ޢަޒުމްކަނޑައެޅި ގޮތުގައި ކުރިއަށްދިއުން ހުއްޓެވެ. އެއީ އެކަމަށް އޭނާގެ ހިތް ހުޅުވިދިޔަ ކަމުގައިވީނަވެސް ނުވަތަ ހިތްހުޅުވި ނުދިޔަކަމުގައިވީނަމަވެސް މެއެވެ.

ابن الزملَكَاني ވިދާޅުވެފައިވެ އެވެ. “ކަމަށް އިންސާނަކު އިސްތިޚާރާ ނަމާދު ކޮށްފިހިނދު، ފަހެ އޭނާ އެއަށްފަހު އެކަމުގައި ކުރިއަށްދިއުން ހުއްޓެވެ. އެއީ އޭނާގެ ނަފްސު އެކަމަށް އެދި ހިތްތަނަވަސްވެ ދިޔަޔަސް ނުވަތަ ހިތް ނުތަނަވަސްވެ ދިޔަކަމުގައިވިޔަސްމެ އެވެ. ފަހެ، އޭނާގެ ހިތް އަދި ނަފްސު ނުތަނަވަސްވި ކަމުގައިވީނަމަވެސް، ހަމަކަށަވަރުން އެކަމުގައި އޭނާއަށްވަނީ ހެޔޮގޮތެވެ.”

އަށްވަނައީ : އިސްތިޚާރާ ނަމާދުގެ ދުޢާ ކުރުމުގެ ވަޤުތަކީ ކޮބައިކެވެ. ދުޢާ ކުރުންވަނީ ނަމާދުކޮށް ސަލާމް ދިނުމަށްފަހުގަ އެވެ. އެއީ ޙަދީޘްފުޅުގައި ބަޔާންވެގެންވާ ފަދައިންނެވެ. إذَا هَمَّ أحَدُكُمْ بالأمْرِ، فَلْيَرْكَعْ رَكْعَتَيْنِ مِن غيرِ الفَرِيضَةِ، ثُمَّ لِيَقُلْ:……… ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއް ކުރުމަށް ޤަޞްދުކޮށްފިހިނދު، ފަރުޟު ނަމާދު ނޫން ސުންނަތް ދެ ރަކުޢަތް ނަމާދެއް ކުރާށެވެ. އެއަށްފަހު (މި ދުޢާ ކިޔާށެވެ.)…. ފަހެ، ޙަދީޘްއިން ދޭހަވަނީ ދެރަކުޢަތް ކުރުމަށްފަހުގަ އެވެ. ޔަޢުނީ : ސަލާމް ދިނުމަށްފަހު އެވެ. އަދި شَيخ الإسلام ابن تَيمية އިޚްތިޔާރު ކޮށްފައިވާ ޤައުލަކީ : ދުޢާ ކިޔުމުގެ ވަޤުތަކީ އިސްތިޚާރާ ނަމާދުކޮށް ސަލާމް ދިނުމަށްފަހުގައި ކަމުގައި ވިދާޅުވެފައިވެ އެވެ.”

ލިޔުން ނަގާފައިވަނީ : بغية المتطوع في صلاة التطوع 99- 102

Similar Posts

Leave a Reply