ސިޙުރު ހަދާ މީހެއްގެ ފަހަތުގައި ނުވަތަ ތުބުޅި ބާލާފައިހުރި އިމާމެއްގެ ފަހަތުގައި ނަމާދުކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ސިޙުރު ހަދާ މީހެއްގެ ފަހަތުގައި ނަމާދު ޞައްޙައެއް ނުވާނެ އެވެ. ސަބަބަކީ ސިޙުރު ވެރިޔާއަކީ ކާފަރެކެވެ.
އެހެނަސް ދަންނަންޖެހެ އެވެ. މިއީ މީސްތަކުން ބުނެލާ ބުނުމަކަށް އަދި ހީކުރާ ހީކުރުމަކަށް ވެގެންނުވާނެ އެވެ. ހެއްކާއި ޤަރީނާއިން އަދި އެމީހެއްގެ ޢަމަލުން އޭނާވަނީ ސިޙުރު ހެދުމުގައިކަން އެނގިއްޖެހިނދު އޭނާއަކީ އިސްލާމް ދީނުން ބޭރުވެރުފައިފާ ކާފަރެއްގެ ގޮތުގައި ކަނޑައެޅިފަ އެވެ.
މިކަމުގެ ތަފްޞީލުގައި ބަޔާން ކުރަމެވެ.
ފުރަތަމައީ : ސިހުރު ހެދުމަކީ އެންމެ ބޮޑުވެގެންވާ މުންކަރާތްތެރި ޢަމަލު ތަކުގެ ތެރެއިން ޢަމަލެކެވެ. ސިޙުރުވެރިޔާ އަކީ އޭނާގެ ދީން ޝައިޠާނާއަށް ވިއްކާލައިފައިވާ މުޑުދާރު މީހެކެވެ. ﷲ އަށް ކުރުފުވެފައިވާ ފަރާތެކެވެ. މުޑުދާރު ތަކެއްޗާއި ނަޖިހުގައި އަބަދުގެ އަބަދަށް އުޅެމުންދާ މީހަކެވެ.
ސިހުރުގެ ނުބައިކަން ބޮޑުވެގެންވާކަން ބަޔާންވެގެންދާ ދަލީލުތަކުގެ ތެރޭގައި ސިޙުރުވެރިޔާ އޭނާގެ ޢަމަލުގެ ސަބަބުން ކާފަރުވެ، މުރުތައްދުވެފައިވާ ފަރާތެއްކަން ބަޔާންވުން ހެއްކަކަށް ފުދެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. (وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ) ”އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ“ . (އެބަހީ : ސިހުރުގެ ޢަމަލުގެ ސަބަބުން އޭނާ ކާފަރުވެ އެއްވެސް އެއްޗެއް އޭނާގެ ފަރާތުން ޤަބޫލުވެވޮޑިނުގަންނަވާނެ އެވެ.)
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެ އެވެ. ”(وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ) ”ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް އެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެ އެވެ.“
އާޚިރަތުގައި އޭނާއަށް އެއްވެސް ނަޞީބެއްނެތުމަކީ އޭނާ ކުފުރުވެފައި ވުމެވެ. އެއްވެސް ޢަމަލަކުން އޭނާއަށް ނަޞީބެއް ނޯންނާނެ އެވެ.
މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (اجْتَنِبُوا السَّبْعَ المُوبِقاتِ، قالوا: يا رَسولَ اللَّهِ وما هُنَّ؟ قالَ: الشِّرْكُ باللَّهِ، والسِّحْرُ، وقَتْلُ النَّفْسِ الَّتي حَرَّمَ اللَّهُ إلَّا بالحَقِّ، وأَكْلُ الرِّبا، وأَكْلُ مالِ اليَتِيمِ، والتَّوَلِّي يَومَ الزَّحْفِ، وقَذْفُ المُحْصَناتِ المُؤْمِناتِ الغافِلاتِ) ”ހަލާކު ކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން އެއްކިބާވެ ދުރުވާށެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. އެއީ ކޮން ފާފަތަކެއްތޯ އެވެ؟ -ޙަދީޘް ކުރެއްވި އެވެ. …….. އަދި ސިޙުރު ހެދުމެވެ…“
އަޚާ އެވެ! މިއީ ސިޙުރުވެރިޔާގެ އެ ޢަމަލުގެ ނުބައިކަމެވެ. އޭނާގެ މުޑުދާރު ކަމާއި ފާޙިޝް ކަމުގެ ބޮޑުކަމެވެ.
ދެވަނައީ : ހެކިތަކުންނާއި، ބަޔާންވެގެންވާ ޤަރީނާތަކުން އާއިލާގެ މީހަކު ސިހުރު ހަދާކަން ބަޔާންވީ އެވެ.
- އިމާމް الإمام شَيخُ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”ސިޙުރަކީ އާޚިރަތުގައި އެއްވެސް ފައިދާއެއް ހޯދައިނުދޭނެ އެއްޗެއްކަން އެމީހުންދަނެ އެވެ. އަދި އެއީ ﷲއާ ކުއްތަންކޮށްދޭނެ އެއްޗެއް ނޫންކަމާއި، އެތަކެތި ގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއްނެތްކަން ދަނެ އެވެ. ފަހެ، ހަމަކަށަވަރުން ސިޙުރު ބިނާވެގެންވަނީ ﷲއަށް ޝަރީކު ކުރުމާއި، ދޮގު ހެދުމާއި އަދި އަނިޔާވެރިވުމުގެ މައްޗަށެވެ. އަދި އޭގެ ޞާޙިބާގެ ޤަޞްދު ކަމުގައިވަނީ އަނިޔާވެރި ކަމާއި ފާޙިޝް ކަމެވެ.“ النبوات١٩٢/١
ވުމުން އެމީހެއްގެ ފަރާތުން އެއީ ސިޙުރު ހަދާ މީހެއްކަން އިނގޭހިނދު އޭނާގެ ފަހަތުގައި ނަމާދު ކުރުމެއް ނުވެ އެވެ. އަދި ނަމާދު ކޮށްގެންވެސް ނުވާނެ އެވެ.
ސުވާލުގެ ދެވަނަ ބަ އެވެ.
ތުނބުޅި ބާލާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ކުރުމެވެ.
އަހުލުއްސުންނަތް-ވަލް ޖަމާޢަތުގެ ޢަޤީދާއަކީ އެއްވެސް ފާފައެއް އެއީ ކުދި ފާފާ ނުވަތަ ބޮޑު ފާފައެއް ކަމުގައިވީނަމަވެސް، މުޖައްރަދު ފާފައަށް އަރައިގަތުމުގެ ސަބަބުން އެމީހަކު ކާފަރު ނުވާނެ ކަމެވެ. އެހެނަސް ފާފައިގެ މިންގަނޑުން އެމީހެއްގެ އީމާންކަން ދަށްވެ، އުނިވާނެ އެވެ.
ވުމާއެކު ފާސިޤުންގެ ފަހަތުގައި، ފާސިޤު އިމާމެއް ކަމުގައިވިނަމަވެސް އެމީހެއްގެ ހަފަތުގައި ނަމާދު ކުރުން ޞައްޙަވެގެންވެ އެވެ.
އަދި ފާސިޤު މީހާ އަދި އޭނާގެ ފަހަތުގައިވާ ތަބަޢަވެ ކުރާ މީހުންގެ ނަމާދުވެސް ޞައްޙަވާނެ އެވެ.
ތުނބުޅި ބެހެއްޓުން ވާޖިބުވެގެންވާ ކަމުގެ އެތައް ދަލީލެއް ޞައްޙަ ސުންނަތުގައި ވާރިދުވެގެންވެ އެވެ.
އޭގެ ތެރޭގައި :
- ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ. (ووفروا اللحى) އަދި ތިޔަބައިމީހުން ތުނބުޅިތައް ބަހައްޓައި ދިގުކުރާށެވެ.
البخاري (5893) مسلم (600)
- އެހެން ޙަދީޘެއްގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ. (وأوفوا اللحى) ”އަދި ތިޔަބައިމީހުން ތުނބުޅިތަކުގެ އިސްތަށިތައް ގިނަކުރަން ދޫކޮށްލާށެވެ.“ البخاري (5892) مسلم (602)
- البخاري (5892) އަދި مسلم (602) ابن عمر رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވެ އެވެ. الله ގެ ރަސޫލާ حديث ކުރެއްވި އެވެ. (خالفوا المشركين، أحفوا الشوارب، وأوفوا اللحى) ”ތިޔަބައިމީހުން މަތިމަސްތައް ކުރުކުރާށެވެ. ތުނބުޅިތައް ރައްކައުތެރިކުރާށެވެ. ދިގުކުރާށެވެ. އަދި މުޝްރިކުންނާ ޚިލާފުވާށެވެ.“
- ޢިލްމުވެރިންގެ ބަސްފުޅުތަކަށް، މި ޢަމަލުގެ ޙުކުމަށް ބަލާއިރު ނުހަނު ގިނަގުނަ އެވެ.
الإمام شَيخ الإسلام ابن تَيمية -رحمه الله- (ޙަންބަލީ މަޛްހަބަށް ނިސްބަތް ވަޑައިގަންނަވާ އިމާމެއް، އަވަހާރަފުޅި 728) ވިދާޅުވެފައިވެ އެވެ. ”ތުނބުޅި ބޭލުން ޙަރާމްވެގެންވެ އެވެ.“
الإمام القُرطُبِي -رحمه الله- (މާލިކީ މަޛްހަބަށް ނިސްބަތް ވަޑައިގަންނަވާ އިމާމެއް، އަވަހާރަފުޅި 671) ވިދާޅުވެފައިވެ އެވެ. ”ތުނބުޅި ބޭލުން ހުއްދައެއް ނުވާނެ އެވެ. އިސްތަށި އުފުރުން އަދި ކޮށުން ހުއްދައެއް ނުވާނެ އެވެ.“
الإمام ابن حَزم -رحمه الله- (އަވަހާރަފުޅި 456) ވިދާޅުވެފައިވެ އެވެ. ”މަތިމަސް ކުރުކޮށް ކޮށުމާއި އަދި ތުނބުޅި ދޫކޮށްލާފައި ބެހެއްޓުމަށް (ޢިލްމުވެރިން) އިޖްމާޢުވަޑައިގެންފައިވެ އެވެ.“
الإمام ابن مفلح -رحمه الله- (ޙަންބަލީ އެންމެ ފުންނާބު އުސް ފިޤުހުވެރި އިމާމެއް، އަވަހާރަފުޅި 763) ވިދާޅުވެފައިވެ އެވެ. ”(އެންމެހައި ދަލީލުތަކުން) އަހަރެމެންނަށް ބަޔާންވެގެންވަނީ ބޭލުމަކީ ޙަރާމް ކަމެކެވެ.“
الحَافِظ النووي -رحمه الله- (ޝާފިޢީ މަޛްހަބުގެ އެންމެ ފުންނާބުއުސް އެއް ޢިލްމުވެރިޔާ އެވެ. އަވަހާރަފުޅުވީ 676) ވިދާޅުވެފައިވެ އެވެ. ”ތުނބުޅި އޭގެ އަޞްލުގައިވާ ގޮތަށް ދޫކޮށްލުން ހުއްޓެވެ. އެއްވެސް ގޮތަކަށް އެ ކުރުކޮށް ކޮށުމާއި އެ ނޫން ގޮތަކަށްވެސް އެ އިސްތަށިތަކަށް ހަދައިގެން ނުވާނެ އެވެ.“
الإمام ابن عَبد البر -رحمه الله- (މާލިކީ މަޛްހަބުގެ އެންމެ ފުންނާބުއުސް އެއް އިމާމެވެ. އަވަހާރަފުޅުވީ 463) ވިދާޅުވެފައިވެ އެވެ. ”ތުނބުޅި ބޭލުން ޙަރާމްވެގެންވެ އެވެ.“
މީސްތަކުންގެ މައްޗަށް އިމާމުންގެ ގޮތުގައި އިސްކުރެވޭ ފަރާތްތަކަކީ ދީނާއި ޝަރީޢަތާއި ސުންނަތާއި ޢަމަލުތަކުގައި ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވުމުގައިވާ އަދި މީސްތަކުންގެ ތެރޭގައިވާ އެންމެ ހެޔޮ އަހުލުވެރިންގެ ގޮތުގައިވުން ވެ އެވެ. އެހެނަސް އަދުގެ ޙާލަތު ވިސްނައިފި މީހާއަށް މިކަމުގައި މީސްތަކުންގެ ޢަމަލާއި އުޅުމާއި ގުޅުން ސުންނަތުގެ މައްޗަށް ބީރައްޓެހިވެފައިވާ ފެންވަރު ފެންނާނެ އެވެ.
ނިންމާލުމުގެ ކުރިންވެސް ބުނަމެވެ. އެމީހެއްގެ ޢަމަލަކީ އެއީ އޭގެ ސަބަބުން ދީނުން ބޭރުނުވާނެ ޢަމަލެއް ކަމުގައިވާނަމަ، އެމީހަކީ ފާސިޤެއް އަދި ފާޖިރެއް ކަމުގައިވީނަމަވެސް އެމީހެއްގެ ފަހަތުގައި ނަމާދު ޞައްޙަ ވާނެ އެވެ. އަދި ޖަމާޢަތުގައި އެފަދަ އިމާމެއް ހުރެއޭ ބުނެ ޖަމާޢަތް ދޫކޮށްލުން ހުއްދައެއް ނުވާނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.