ނަދުރު ބުނެ ނަދުރު ނުފުއްދޭ ޙާލަތަށް ދިއުމުން ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ނަދުރު ބުނުމާއި އަދި އެ ބުނި ނަދުރު ނުފުއްދޭނެ ޙާލަތުގައި ޢަމަލު ކުރާނެ ގޮތާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ފުރަތަމައީ : ނަދުރު ބުނުމާއި މެދުގައި ބުނަމެވެ.

ނަދުރު ބުނުމަކީ ދަލީލު ތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން އެއީ ދީނުގައި މަކްރޫހަވެގެންވާ ކަމެއްގެ ގޮތުގައި ވުމެވެ. ޙަދީޘްގައިވެ އެވެ. (لا تَنذِروا فإنَّ النَّذْرَ لا يرُدُّ مِن القدَرِ شيئًا وإنَّما يُستخرَجُ به مِن البخيلِ) ”ތިޔަބައިމީހުން ނަދުރު ނުބުނާ ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ނަދުރު ބުނުމަކީ ﷲ ގެ ޤަދަރުން -ﷲ ގެ ނިޔާއިން- އެއްވެސް ކަމެއް ރައްދު ކުރާނެ ކަމެއް ނޫނެވެ. އެވާކަން ކަށަވަރީ އޭގެ ސަބަބަުން ދަހި މީހާގެ ފރާތުން ( އޭނާ ނެރެން ބޭނުން ނުވާ ކަމެއް ) ނެރެވޭ ކަމަކަށެވެ.“

(وإنما يُسْتَخْرَجُ من البخيلِ) مسلم 1640 ”ހަމަކަށަވަރުން ނަދުރު ނުކުންނާނީ ދަހި މީހެއްގެ ކިބައިންނެވެ.“

ދަހިވެތިކަން ފާޅުވާގޮތްތައް ބަލާލުން ހުއްޓެވެ. ﷲ ދެއްވާ ޞިއްޙަތާއި ޢާފިޔަތް އަދި ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް ﷲ ގެ ދީލަތިވަންތަ ކަމުން ދެއްވާފައިވީހިނދު، އަޅާއަށް އޮތީ ﷲ އަށް ހައްޤުގޮތުގައި ޝުކުރުވެރި ވުމަށްޓަކައި ﷲ އަށް ކިޔަމަންތެރިވެ، ﷲ އަށް އަޅުކަން ކުރުމެވެ. ޝަރުޠުކޮށް ބަސްތައް ބުނުމެއް ނޫނެވެ.

އެއާއިއެކުވެސް، އަޅާގެ ބަސްމަގު މިހުރި މިވެނިކަމެއް ﷲ މިއަޅާއަށް ދެއްވަވައިފިހިނދު ﷲ އަށް މިވެނި ކަމެއް ކުރާނަމެވެ. މިއީ ދަހި މީހެއްގެ ސިފައެއް ނޫންތޯ އެވެ؟ ނަދުރު ބުނުމަށްފަހުވެސް އަޅާގެ ދަހިވެތި ކަމެވެ. އޭނާ ނަދުރުގައި ބޭނުންވި އެއްޗެއް ﷲ އޭނާއަށް މިންވަރުކޮށްދެއްވި އެވެ. އެހެނަސް އަޅާ އެނަދުރު ފުއްދުމަށް އަވަސްވެ ނުގަނެ އެވެ. ފުއްދާނަމޭ، ފުއްދާނަމޭ ބުނެ އެވެ. މަރުވެދިޔައިރުވެސް ނަދުރު ނުފުއްދަ އެވެ. ނަދުރު ބުނިހިނދު ހީވި ކަހަލައެވެ. ﷲ އެކަމެއް މިންވަރުކޮށްދެއްވައިފިހިނދު ވަޤުތުން ނަދުރު ފުއްދާނަމެވެ. އެހެނަސް މިއީވެސް ދަހިވެތިކަން ފާޅުވެގެންވާ އިތުރު އެހެން ސިފަ އެކެވެ.

ދަންނަ އެވެ! ﷲ އަޅުތަކުންނަށް ދެއްވާފައިވާ އިސްލާމް ކަމުގެ ނިއުމަތަކާއި، ޞިއްޙަތާއި، ޢާފިޔަތް، އަމަން އަމާންކަން، ކެއެމާއި ބުއިން، ދިރިއުޅުމާއި ….. މިފަދަ ޢަދަދު ނުކުރެވޭހާ ނިޢުމަތްތައް ދެއްވުމުން، ޞާލިޙް ހެޔޮ ތެދުވެރިންގެ ސިފަ ކަމުގައިވާހުށީ އެ އިލާހުއަށް ޝުކުރުވެރި ވުމެވެ. ކިތަންމެ ގިނަގުނަ ޢަމަލުތަކެއް ކުރި ކަމުގައިވީނަމަވެސް އެ އިލާހަށް ޙައްޤުވެގެންވާ ޝުކުރު ކުރުމަށް ކުޅަދާނަވެގެންނުވާހިނދު، އެފަދައިން ﷲ އަށް ކުއްތަންވުމުގެ ބަދަލުގައި ބުނެ އެވެ. ”ބަލިން ޝިފާ ލިބިއްޖެހިނދު 5 ރޯދަ ހިފާނަމެވެ.“ އެ އެންމެހައި ނިއުމަތްތަކެއް ދެއްވައި، އެކަލާނގެއަށް ޝުކުރު ކުރުމަށް އޮތް ހިނދުވެސް، ބުނެ އެވެ. ތިމަންނަ 5 ރޯދަވެސް ހިފާހުށީ އަދިވެސް އިތުރަށް ދެއްވީމަ އެވެ.

ފަހެ، މިއީ ދަހި މީހުންގެ ސިފަ ނޫން ހެއްޔެވެ؟ ދަވެތި ކަމުގެ ޢަލާމާތް ނޫން ހެއްޔެވެ؟

ދެވަނައީ :

މަކްރޫހު ކަމާއިއެކުގައިވެސް، ނަދުރާއި މެދުގައި އައިސްފައިވާ ދަލީލުތަކަށް ބަލާއިރު އެއީ ﷲއަށް ކިޔަމަންގަތުމަށް ބުނި ނަދުރެއް ކަމުގައިވާނަމަ، ނަދުރު އަދާކޮށް އަދި ނަދުރަށް ވަފާތެރި ގޮތުގައި ފުއްދަންޖެހެ އެވެ.

އެމީހަކު އެ ނަރުދު ބުނެފައިވަނީ ހެޔޮ ކަމަކަށް، ﷲ އަށް ކިޔަމަންގަތުމަށްއޮތް ކަމަކަށްވެއްޖެހިނދު އޭނާގެ މައްޗަށް އެ ނަދުރު ފުއްދުން ވާޖިބުވާނެ އެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ. (يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا) ”އެބައިމީހުން ނަދުރު ފުއްދަތެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: ޤިޔާމަތް ދުވަހަށް) އެބައިމީހުން ބިރުވެތިވެތެވެ.“

އިމާމް البخَارِي، ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން عائشة أم المؤمنين -رضي الله عنها- ގެ އަރިހުން ރިވާވެގެންވާ ރިވާޔަތުގައިވެ އެވެ. މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (مَن نَذَرَ أنْ يُطِيعَ اللَّهَ فَلْيُطِعْهُ، ومَن نَذَرَ أنْ يَعْصِيَهُ فلا يَعْصِهِ) ”ﷲ އަށް ކިޔަމަންތެރިވުމަށްޓަކައި ނަދުރު ބުނެފި މީހާ އެ ނަދުރު ފުއްދާށެވެ. އަދި ﷲ އަށް އުރެދޭ ކަމަކަށް ނަދުރު ބުނެފި މީހާ، އެ އިލާހުއަށް އުރެދިގެން ނުވާނެ އެވެ.“

ވުމުން، ވަކި ޢަދަދަކަށް ރޯދަ ހިފުމަށް ނަދުރު ބުނެފި މީހާ އެ ޢަދަދަށް ރޯދަ ހިފުމަކީ އޭނާގެ މައްޗަށް އެހިނދު ވާޖިބުވެގެންވާ އަޅުކަމެކެވެ. އެ ރޯދަތައް ހިފުމަށް ވަކި މައްސަރައެއް ނަދުރުގައި ބުނެފިނަމަ، އެ ސިފަކުރި ގޮތަށް އެ މައްސަރެއްގައި ރޯދަ ހިފުން ހުއްޓެވެ. އެ ރޯދަ ހިފުމަށް ނަދުރުގައި ބުނެފައިވަނީ ވިދިވިދިގެން ކަމުގައިވާނަމަ އެފަދައިންނެވެ.

ވަކި ޢަދަދަކަށް ކާބޯތަކެތިން ނުވަތަ ފައިސާއިން ޞަދަޤާތް ކުރުމަށް ނަދުރު ބުނެފިމީހާ އެފަދައިން އެކަން ކުރުން އެމީހެއްގެ މައްޗަށް ވާޖިބުވާނެ އެވެ.

މިސްކީނުންގެ ތެރެއިން ވަކި ޢަދަދެއްގެ މިސްކީނުންނަށް ކާންބޯން ދިނުމަށް ބުނެފި މީހާ އެފަދައިން ނަދުރު ފުއްދުން ވާޖިބުވާނެ އެވެ.

އަދިވެސް ބުނަމެވެ. ނަދުރަކީ ﷲ އަށް ކިޔަމަން ގަތުމަށްޓަކައި އެމީހެއްގެ ނަފްސަށް ވާޖިބު ކުރި ޢަމަލެކެވެ. ފަހެ، އެހެން ވުމުން އެމީހެއްގެ ޙައްޤުގައި ﷲ އަށް އެކަމެއް އަދާކޮށް ޒިންމާއިން ބަރީޢަވުން އަވަސްކުރުމަކީ ދީނުގައި ކަނޑައެޅިފައިވާ ގޮތެވެ. އަދި އެއީ ހެޔޮ އަހުލުވެރިންގެ ސިފައެއް ކަމުގައިވެ އެވެ.

ތިންވަނައީ : ސުވާލުގައި ނަދުރަކީ ކޮބައިކަމެއް އަދި ނަދުރު އެމީހަކު ބުނިފަދައިން ނުފުއްދޭނެ ކަމުގައިވާ ސަބަބަކީ، އެއީ ކީއްވެ ކަމެއް ބުނެފައި ނެތުމުން އެކަމަށް އެއްޗެއް ބުނާކަށް ނޭނގެ އެވެ.

އެހެނަސް ނަދުރު ބުނެފައި އެނަދުރު ނުފުއްދޭ ޙާލަތުގައި އެމީހެއްގެ މައްޗަށް އޮތީ ކައްފާރާ ދިނުމެވެ. މިޘާލަކަށް އާދަމު ދަރިއަކަށް ކުޅަދާނަވެގެން ނުވާ މިންވަރުގެ ކަމަކަށް ނަދުރު ބުނީ އެވެ.

ކައްފާރާއަކީ، އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ. އެމީހެއްގެ މައްޗަށް ކަނޑައެޅިފައިވަނީ ހުވާ ކުރުމަށްފަހު ހުވަޔާއި ޚިލާފްވުމުން ދޭންޖެހޭ ކައްފާރާ އެވެ.

( لاَ يُؤَاخِذُكُمُ اللّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَكِن يُؤَاخِذُكُم بِمَا عَقَّدتُّمُ الأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَن لَّمْ يَجِدْ فَصِيَامُ ثَلاَثَةِ أَيَّامٍ ذَلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ وَاحْفَظُواْ أَيْمَانَكُمْ )

”ޤަޞްދަގާ ނުލައި ތިޔަބައިމީހުން ބުނާ ބަސްތަކުން ﷲ ތިޔަބައިމީހުންނަށް ޢުޤޫބާތް ނުދެއްވާނެ އެވެ. އެހެނެއްކަމަކު ޤަޞްދުކޮށްގެން ކުރާ ހުވާތަކާއިމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ޖަޒާ ދެއްވާނެ ތެވެ. ފަހެ، އެފަދަ ހުވާގެ ކައްފާރާއަކީ، ތިޔަބައިމީހުން އަނބިދަރިންނަށް ކާންދީއުޅޭ މެދުވިންވަރުން ދިހަ މިސްކީނުންނަށް ކާން ދިނުމެވެ. ނުވަތަ އެބައިމީހުންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަން ކުރުމެވެ. އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި (އެބަހީ : ހުވަ ޔާ ޚިލާފްވެއްޖެ ހިނދެއްގައި) ތިޔަބައިމީހުންގެ ހުވާގެ ކައްފާރާ އެވެ. އަދި ތިޔަބައިމީހުން ހުވާއަށް ރައްކާތެރިވާށެވެ.“

އަދި ހަމައެފަދައިން، ދީނުގައި ހުއްދަވެގެން ނުވާ ކަމަކަށް ނަދުރުބުނެފިހިނދު އެ ނަދުރު ފުއްދައިގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ވާޖިބުވެގެންވަނީ ކައްފާރާ ދިނުމެވެ. ސުވާލުގެ ޖަވާބުގައި ބަޔާންވެގެންވާ ފަދައިންނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts