ޙައިޟު ނުވަތަ ނިފާސް ކަމުގައިވާ އަންހެނުންނަށް ލައިލަތުލް-ޤަދްރި ހޯދުމަށް ކުރެވިދާނެ ކަންތައްތައް

ޙައިޟުވެރި ނުވަތަ ނިފާސްވެރި ކަމުގައިވާ އަންހެނުންނަށް ލައިލަތުލް-ޤަދްރި ހޯދުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ؟ މި ސުވާލުގެ ޖަވާބު ނުކުތާތަކެއްގެ މައްޗަށް ބަޔާން ކުރަމެވެ.

ފުރަތަމައީ : ލައިލަތުލް ޤަދްރިއަކީ ޙައިޟު އަދި ނިފާސްވެރިންނަށް ވެސް ހޯދޭނެ، ލިބޭނެ ރެއެއް ކަމުގައިވުމެވެ. الحَافظ ابن رجب ވިދާޅުވެފައިވެއެވެ. ”جُوَيبر ވިދާޅުވިއެވެ. الضحَّاك ގެ އަރިއަހުގައި ތިމަންނަ ދެންނެވީމެވެ. ޙައިޟު، ނިފާސްގެ އަހުލުވެރިންނާއި ދަތުރުވެރިންގެ އިތުރުން ނިދުނު މީހުން ދެކެވަޑައިގަންނަވަމު ތޯއެވެ؟ އެބައިމީހުންނަށް އެރެއިން އެއްވެސް (ނަޞީބެއް) މިންވަރެއް ވާނެ ހެއްޔެވެ؟

އެހިނދު ދެންނެވިއެވެ. އާނއެކެވެ. މާތް ﷲ އެބައިމީހުންގެ ކިބައިން ޢަމަލުތައް ޤަބޫލުކުރައްވައިފި ކޮންމެ މީހަކަށް އެ ރެއިން އެ މީހަކަށް ލިބިގެންވާ ނަޞީބު ދެއްވާނެއެވެ“ (لطائف المعارف : 192). ފަހެ، އެހެންވުމުން ދެންއޮތީ އެ ރޭ އެ ކަނބަލުންނަށް ޙާޞިލްވާނެ ހިނދު، ކުރާނެ ކަންތައްތަކަކީ ކޮބައިކަން ބަޔާން ކުރުމެވެ.

ދެވަނައީ: އަޚާއެވެ! އުޚްތާއެވެ! ރަމަޟާން މަހާއި، ފަހުދިހަ އަދި ލައިލަތުލް-ޤަދްރި މިފަދަ ޒަމާންތަކުގައި އަޅުކަން ޝަރުޢު ކުރެއްވި އިލާހު، އެންމެހައި މީސްތަކުންނަށް އެ ރޭގައި އެ ކަލާންގެއަށް އަޅުކަމުގައި ގާއިމްވުމުން އެ ރޭގެ އަޖުރު ލިބޭނެކަން އަހަރެމެންނަށް އަންގަވާފައިވެއެވެ. الصحِيحين ގައި ވާރިދު ވެގެންވެއެވެ. كانَ النبيُّ صَلَّى اللهُ عليه وسلَّمَ إذَا دَخَلَ العَشْرُ شَدَّ مِئْزَرَهُ، وأَحْيَا لَيْلَهُ، وأَيْقَظَ أهْلَهُ ރަމަޟާން މަހުގެ ފަހުދިހަ ބައްދަލު ކުރުމާ އެކުގައި ނަބިއްޔާ ﷺ އިޒާރުކޮޅު އުނަގަނޑުފުޅުގައި ބާރަށް ބަންނަވައި އައްސަވާލައްވައެވެ. ގަދައަށް އައްސަވާ ލައްވައެވެ. އަދި ރޭގަނޑު އެކުގައި ހޭފުޅުލައްވައި ހުންނަވައި (ރޭގަނޑުގައި އެކުއެކީގައި) އަޅުކަމުގައި ޤާއިމްވަޑައިގެން އިންނަވައެވެ. އަދި އަހުލު ބައިތުން އެ ރޭތަކުގައި ހޭލައްވައި ބައިތިއްބަވައެވެ”.

ނަބިއްޔާ އެ ނަބިއްޔާގެ އަނބިއަނބި ކަނބަލުން އެ ރޭތަކުގައި ހޭފުޅުލައްވަވައި، އަޅުކަމުގައި ޤާއިވެ ބޭތިއްބެވުން ދަލީލަކަށް ނުފުދޭ ހެއްޔެވެ. އެއްވެސް އަނބި ކަނބަލެއް އަދި ހައިޟުވެފައިވާ އަންހެނުން އެ ރޭތަކުގައި އަޅުކަމުގައި ދެމިހުރުން މަނާކުރައްވައި، ނިދުމުގައި އެހެން ދުވަސްތައް ފަދައިން ތިއްބެވުމަށް ޙަދީޘް ކުރައްވާފައި ނުވެއެވެ. އެހެންނަމަވެސް އަޅުކަން ކުރުމަށްޓަކައި ހޭފުޅުލައްވަވައި ބައިތިއްބަވައެވެ.

ފަހެ، ރޭއަޅުކަމުގެ ތެރޭގައި ހިމެނެނީ ނަމާދުކުރުން އެކަނިނޫންކަން ދަންނާށެވެ. ނަމާދު ނުކުރޭ ފަދަ ޢުޛުރުވެރި ބައެއްގެ ކިބައިން ނަމާދު ނުހިއްޕެވޭހިނދު، އެ ކަނބަލުންނަށް ޤަދްރިވިލޭރޭ އޭގެ ސަބަބުން ގެއްލިދާނީ ކިހިނަކުން ތޯއެވެ؟

ފަހެ، ރޭއަޅުކަމުގެ ތެރޭގައި:

1. ޤުރުއާން ކިޔެވުން (މިއީ ހައިޟުވެރިންނަށް އަދި ނިފާސްވެރިންނަށް ކުރެވޭނެ ނުހަނު ބޮޑު ހެޔޮ ޢަމަލެއް ކަމުގައި ވެއެވެ.) އަދި މިއީ ރޭއަޅުކަމުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެކެވެ.

2. ޛިކުރުކުރުމުގައި ދެމިތިބުން (ހައިޟުވެރިންނަށް ހުއްދަވެގެންވާ ޢަމަލެކެވެ.) މިކަމުގައި އެހެނިހެން މީސްތަކުންނާއި ހައިޟުވެރިން އެއްވެސް ތަފާތެއް ނެތެވެ.

3. ދުޢާ ކުރުމެވެ. އަޚާއެވެ! އުޚްތާއެވެ! މާތް ނަބިއްޔާގެ އަނބިކަނބަލުން عَائِشَة -رضي الله عنها- އެރޭގައި ކުރުމަށް އޮތް، ކިޔުމަށް އޮތީ ކޮން އެއްޗެއްތޯ ސުވާލު ދެންނެވި ހިނދު ވިދާޅުވީ ކީކޭ ތޯއެވެ؟ ޙައިޟުވެރިންނަށް ކުރެވޭނެ ނުވަތަ ނުކުރެވޭނެ ކަމެއްތޯއެވެ؟ ޙަދީޘްގައިވެއެވެ. (قلتُ: يا رسولَ اللهِ أرأيتَ إن علمتُ أيَّ ليلةِ القدرِ ما أقولُ فيها ؟ قال: قولي: اللهمَّ إنك عفوٌّ تُحبُّ العفوَ فاعفُ عنِّي) عَائِشَة -رضي الله عنها- ވިދާޅުވެފައިވެއެވެ. ތިމަން ކަމަނާ، ރަސޫލު ﷺ ގެ އަރިހުގައި ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަން ކަމަނާއަށް ލައިލަތުލް ޤަދްރި ބައްދަލުވެއްޖެ ހިނދުގައި އެ ރޭގައި ތިމަން ކަމަނާ ކިޔާނީ ކޯންޗެއް ތޯއެވެ؟ އެ ހިނދު ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. މިފަދައިން ދަންނަވާށެވެ. (اللهمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّيْ)” އަޅުގެ ވެރި ﷲ! ހަމަކަށަވަރުން އިބަ އިލާހުއީ ގިނަގިނައިން ޢަފޫ ކުރައްވައި އަދި ޢަފޫ ކުރެއްވުމަށް ލޯބިވޮޑިގަންނަވާ އިލާހެވެ. މިއަޅާގެ ފާފަ ފުއްސަވާނދޭވެ“ (صحيح الترمذي، 3513 ).

ފަހެ، އިސްވެ ބަޔާން ކުރެވުނީ މިރޭގެ ހެޔޮކަމާއި، އަޖުރު ހޯދުމަށް ކުރެވޭނެ ގިނަގުނަ ކަންތައްތަކެކެވެ. މިއީ މިރޭތަކުގައި ކުރެވޭ ރޭ އަޅުކަންތަކެވެ. މިފަދައިން ދެމިހުރެއްޖެ ކޮންމެ މީހަކީ ﷲ ގެ އިރާދަފުޅުން މިރޭގެ އަޖުރު ޙާޞިލް ކުރާނެ މީހެކެވެ.

Similar Posts

Leave a Reply