ފޯނުން ބަލައިގެން ފަރުޟު ނަމާދުގައި ޤުނޫތު ކިޔުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އެންމެހައި މުސްލިމުންނަށް އެނގި ބަޔާންވެގެންވާ ފަދައިން ފަރުޟު ނަމާދުގައި ކިޔުމަށް ލާޒިމްވެގެންވާ ވާޖިބުވެގެންވާ ތަކެތީގެ ތެރޭގައި ޤުރުއާން ކިޔުންވެ އެވެ.

އެހިނދުގައިވެސް ބަލައިގެން ކިޔެވުމާއި މެދުގައި އިލްމުވެރިން ޚިލާފްވަޑައިގެންފައިވެ އެވެ.

އެގޮތުން الشافعية އަދި އިމާމް أحمد ގެ މަޛްހަބުގައި އިޢުތިމާދު ކުރެވޭ ރައުޔަކީ ބަލައިގެން ކިޔުން ހުއްދަވެގެން ވުމެވެ.

المالكية ދެކެވަޑައިގަންނަވަނީ މުސްޙަފް ނަގައިގެން ކިޔެވުމަކީ ކަރާހަތްތެރި ޢަމަލެއް ކަމުގަ އެވެ.

الحنفية މަޛްހަބުގައި މުޞްޙަފް ބަލައިގެން ފަރުޟު ނަމާދުގައި ކިޔެވުމަކީ ނަމާދު ބާޠިލްވާނެ ޢަމަލެއް ކަމުގަ އެވެ. އެބޭކަލުން ހަމައެކަނި އިސްތިސްނާކޮށް (ހުއްދަކޮށްފައިވަނީ) ނަމާދު ކުރާ މީހާއަށް އެއްވެސް އެއްޗެއް ދަސްވެފައި ނުވުމާއި އެކު މުޞްޙަފް ނަގައިގެން ހުރެ ނޫން ގޮތަކަށް ކިޔެވޭނެ އެހެން އެއްވެސް ގޮތެއް ނެތް މީހާއަށެވެ.

ވުމާއެކު، ހެޔޮ ވިސްނޭ އަދި ދީނުގައި ތިމާގެ އަޅުކަންތަކާއި އަދި ޢަމަލުތަކުގެ މައްޗަށް ރައްކާތެރިވާ މީހާއަށް އޮތީ ޚިލާފުން ނުކުތުމަށްޓަކައި ނަމާދުގައި ކޮންމެހެން ކިޔަވަން ޖެހޭ ޤުރުއާން ކަމުގައިވީހިނދުވެސް، ބަލައިގެން ކިޔެވުން ދޫކޮށްލުމެވެ.

ފަހެ، އެހިނދު ކިޔެވުމަށް މަޖުބޫރު، ލާޒިމް، ފަރުޟު އެއްޗެއް ނޫން ގޮތުގައި ޤުނޫތު ވާހިނދު، ޤުނޫތުފަދަ އެއްޗެއް ކިޔުމަށްޓަކައި ބަލައިގެން ކިޔެވުން ކޮންފަދައަކުން ދުރުވުން އަޥްލާވެގެންވޭ ހެއްޔެވެ؟

މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

“ ފަރުޟު އަދި ސުންނަތް ނަމާދުގައި މުޞްޙަފްއިން ނޫން ގޮތަށް ކިޔެވޭނެމަ، އެއީ އަޥްލާވެގެންވާ ގޮތެވެ. ސަބަބަކީ، މުޞްޙަފުން ބަލައިގެން ކިޔެވާހިނދު، އެއަށް ބެލުމާއި، އުފުލުމާއި، ބޭއްވުމާއި، ގަނޑުތައް އުކަން ޖެހުމާއި، މި އެންމެހައި (ޢަމަލުތަކަކީ) ޙަރަކާތްތަކެވެ. ކޮންމެހެންވެސް ސުންނަތް ނުވަތަ ފަރުޟު ނަމާދުގައި މުޞްޙަފް ބަލައިގެން ކިޔަން ޖެހިއްޖެނަމަ އެ ޙާލުގައި މައްސަލައެއް ނެތެވެ.“

ވުމާއެކު، ފޯނު ނަގައިގެން، ފޯނަށް ބަލައިގެން ޤުނޫތު ކިޔުމާއި މެދުގައި ބުނާނީ ކީކޭ ހެއްޔެވެ؟

ޤުނޫތު ނާޒިލާއަކީ، އެ ވަޤުތެއްގައި ކުރިމަތިވެފައިވާ އެ ސަބަބަކަށް ޚާއްޞަކޮށް ކިޔެވޭ ދުޢާއެއް ކަމުގައި ވުމުން، އެ ކަމާއި ގުޅޭ ދުޢާ ކިޔުމަކީ އެއްވެސް ފަރާތަކަށް ދަތި ޢަމަލެއް ކަމުގައި ނުވެ އެވެ.

މިޘާލަކަށް ފަލަސްޠީނުގެ އަހުލުވެރިންނަށް ނަޞްރަށް އެދި، ޢަދުއްވުންގެ މައްޗަށް ކާމިޔާބަށް އެދި ދުޢާ ކުރާ މީހާއަށް މަދު ކަލިމަތަކުން އެދުޢާ ކުރެވޭނެ އެވެ.

اللهم انصر اخواننا في فلسطين – اللهم انصر شعب فلسطين على اعدائك اعدائهم اليهود

މިފަދަ ދުޢާއެއް ކޮށް ތަކުރާރުކޮށްލުންވެސް ފުދެ އެވެ. މިއީ ކުޑަ ވަޤުތު ކޮޅެއްގެ ތެރޭގައި ދަސްކޮށްލުމަށް ލުއިވެގެންވާ މިންވަރެކެވެ. ފަހެ، އެހިނދު ބަލައިގެން ކިޔުމަށް ޙާޖަތެއް ނެތެވެ.

ވުމާއެކު، މިއީ ފަރުޟު ޢަމަލެއް ނޫނެވެ. ވާޖިބު ޢަމަލެއް ނޫނެވެ. އެހިނދު ބަލައިގެން ކިޔުމަށް ޙާޖަތެއްނެތެވެ.

ފޯނުފަދަ އެއްޗެއް އުފުލައި އެއަށް ބަލައިގެން، އެ ޙަރަކާތްތައް ކުރުން މިއީ އެދެވިގެންވާ ޢަމަލެއް ނޫނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts