ނަމާދުގައި ހުއްޓާ އާފުރިއްޖެހިނދު ޢަމަލު ކުރާނީ ކިހިނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އާފުރުމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ފުރަތަމައީ : އާ ފުރުމާ ގުޅިފައިވާ އަދަބުތަކެވެ.

އޭގެ ތެރޭގައި :

1. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. : التَّثَاؤُبُ مِنَ الشَّيْطَانِ، فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَكْظِمْ مَا اسْتَطَاعَ

”އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭ ހިނދުގައި އެއިން ދުރުވުމަށް (ހުއްޓުވުމަށް) ކުޅަދާނަވީ ވަރަކަށް މަސައްކަތް ކުރާށެވެ.“

މިޙަދީޘްގައި ބަޔާންވެގެންވަނީ ވީހާވެސް ބޮޑަކަށް އާފުރުން ހުއްޓުވުމަށެވެ. އަދި އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެއް ކަމުގަ އެވެ.

2. އެހެން ޙަދީޘެއްގައި الإمام مسلم ރިވާކޮށްފައިވެ އެވެ. إذا تَثاءَبَ أحَدُكُمْ، فَلْيُمْسِكْ بيَدِهِ علَى فِيهِ، فإنَّ الشَّيْطانَ يَدْخُلُ. ”ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭނަމަ، އޭނާގެ އަތް އަނގަމަތީގައި އަޅައި ނިވާކުރުން ހުއްޓެވެ. ފަހެ، ހަކަށަވަރުން ޝައިޠާނާ ވަދެގަންނާނެ އެވެ.“

މި ޙަދީޘްގައި ބަޔާންވަނީ އަތް އަޅައިގެން އަނގަ ބަންދު ކޮށްގެން ހުރުމަށެވެ.

ދެވަނައީ : ފަހެ، ނަމާދުގައި ހުންނަ މީހާ، އޭނާގެ އަނގައިގައި އަތް އެޅުމާއި މެދުގަ އެވެ. ފުރަތަމަ ނުކުތާގައި ބަޔާންވި އަދަބު ތަކުގެ ތެރޭގައި، އަނގައިގެ މަތީގައި އަތް އަޅައި ނިވާކޮށް ބަންދު ކުރުން އެއީ ސުންނަތުގައި ބަޔާންވެގެންވާގޮތް ކަމުގައި ޛިކުރު ކުރެވިއްޖެ އެވެ. މިއީ މިކަމުގައި ސުންނަތެކެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަލް-އިމާމް ابن بَاز -رحمه الله- އަރިހުގައި ނަމާދުގައި ހުންނަ މީހާ އާފުރުމުން އަނގައިގައި އަތްއެޅުމާއި މެދު ސުވާލު ކުރުމުން ވިދާޅުވި އެވެ. ”ސުންނަތަކީ އެ އެވެ. އާނއެކެވެ. ނަމާދުގައިވެސް އަދި ނަމާދުން ބޭރުގައިވެސް އާފުރެއްޖެހިނދު އަނގަމަތީގައި އަތް އެޅުން ހުއްޓެވެ. އަދި އާހް….. ނުކިޔުން ހުއްޓެވެ. އަޑު (ހުއްޓުވައި، އަޑު ނުއިވޭނެ ގޮތަށް) ޢަމަލުކޮށް، އޭނާގެ އަނގަވެސް ނުހުޅުވައި ހުއްޓުވައި އަދި އަނގަމަތީގައި އަތް އެޅުން ހުއްޓެވެ.“ ވުމުން، މި ޢަމަލަކީ ނަމާދުގައި އަދި ނަމާދުން ބޭރުގައިވެސް ކުރުން ޘާބިތުވެގެންވާ ޢަމަލެއް ކަމުގައިވެ އެވެ.“

ދެވަނައީ : އާފުރުމުން أعوذ بالله من الشيطان الرجيم ކިޔުން ވާރިދުވެގެންވޭ ހެއްޔެވެ؟

މި މައުޟޫގައި ކުރީގެ ސަޢުދީ ޢަރަބިއްޔާގެ މުފްތީ، އިމާމް އައްސަލަފީ، عبد العَزِيز بن عَبد الله بن بَاز -رحمه الله- އަރިހުގައި ސުވާލު ކުރެވުނެވެ.

ސުވާލު : ނަމާދުގައި ނުވަތަ އެހެންތަނެއްގައިވެސް އަހަރެން އާފުރޭ ހިނދު أَعُوذُ بِالله مِنَ الشَّيطَان الرجِيم ކިޔުން ލާޒިމްވެގެންވޭ ހެއްޔެވެ؟

ޖަވާބު : އަހަރެމެންނަށް އެނގިފައިވާ ޢިލްމުން، އާފުރޭހިނދު أَعُوذُ ކިޔުން ވާރިދުވެގެންނުވެ އެވެ. އެހެނަސް އާފުރޭހިނދުގައި އޭނާއަށް ކުޅަދާނަކަންވީ މިންވަރަކުން އަނގަ ހުޅުވުން ކުޑަކުރުމަށް ޝަރީޢަތުގައި ވާރިދުވެގެންވެ އެވެ. އަދި އޭނާގެ އަތްތިލަ އަނގަމަތީގައި އެޅުމަށްވެސް ވާރިދުވެގެންވެ އެވެ. އަދި ”ހާ..“ އޭ ނުކިޔުމަށް ބަޔާންވެގެންވެ އެވެ. އަދި އާފުރޭހިނދު އެއްވެސް އެއްޗެއް ކިޔުމެއް ނުވެ އެވެ. އަދި ކިޔެއްތަ! އެމީހަކަށް ވެވުނު މިންވަރަކުން އާފުރުން މަތަކުރުމާއި އަދި އަނގަމަތީގައި އަތްއަޅައި ނިވާކުރުމަށް މަސައްކަތް ކުރުމެވެ. ސަބަބަކީ އަނގަ ހުޅުވައިފި ހިނދު އެއީ ހަޑިހުތުރު، މުޑުދާރު ހިތްނޭނދޭ މަންޒަރެއް ގޮތުގައިވެ އެވެ. ފަހެ، ސުންނަތުގައި ރިވާކުރެވިފައިވާ ގޮތަށް، އަތްތިލަ އަނގަމަތީގައި އަޅައި ފޮރުވުން ހުއްޓެވެ. ސަބަބަކީ މިކަމަށް ރަސޫލާ ﷺ އަމުރުފުޅު ކުރައްވާފައިވުމެވެ. އެގޮތުން ޙަދީޘް ކުރެއްވި އެވެ. (إذا تثاءب أحدُكم فليكظِمْ ما استطاع وَ ليَضَع يَدَهُ عَلى فِيْهِ وَلاَ يَقُل (هَا) فإنَّ الشَّيطانَ يَضْحَكُ مِنهُ) ”ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އާފުރޭހިނދު، ކުޅަދާނަވީ މިންވަރަކުން އެކަން ވަންހަނާކުރުން ހުއްޓެވެ. އަދި އަނގަމަތީގައި އަތް އެޅުންހުއްޓެވެ. ”ހާ…“ ނުކިޔާށެވެ. ހަމަކަށަވަރުން ޝައިޠާނާ އޭނާގެ މައްޗަށް ހީ ހަނދާނެ އެވެ.“

ފަހެ، މުއުމިނު އަޅާއަށް އެދެވިގެންވަނީ އޭނާއަށް އާފުރެވޭ ހިނދު އެކަން (މަތަކުރުމާއި) ވަންހަނާކުރުމަށްޓަކައި ވެވުނު މިންވަރަކުން މަސައްކަތްކުރުމެވެ. އަދި އަނގަމަތީގައި އަތްއެޅުމެވެ. އެހެނަސް أَعُوذُ بِالله مِنَ الشَّيطَان الرجِيم ކިޔުމުގެ މައްޗަށް އެއްވެސް އެއްޗެއް ވާރިދުވެފައިވާކަމެއް އަހަރެމެން ނުދަންނަމެވެ. ބައެއްމީހުންނަށް އެނގިފައިވަނީ މިއީ ޝައިޠާނާގެ ކިބައިން މެދުވެރިވާ ކަމެއްގެ ގޮތުގައިވުމުން އެފަދައިން ޢަމަލު ކުރެ އެވެ. އަދި ވަރަށްވެސް ގިނަ ޢާންމު މީހުން އެފަދައިން ޢަމަލުކުރެ އެވެ. އެހެނަސް މި ބާބުގައި ސުންނަތުގައި އެފަދައިން ޢަމަލު ކުރުމަށް އެއްވެސް އެއްޗެއް ވާރިދުވެގެންވާކަމަށް އަހަރެމެން ނުދަންނަމެވެ.

އާފުރުމަކީ އެއްވެސް ޝައްކެތްނުވާ ގޮތުގައި ޝައިޠާނާގެ ފަރާތުން މެދުވެރިވާ ކަމެކެވެ. މުއުމިނު އަޅާއަށް ކަންނެތްކަން މެދުވެރިވާ ޙާލުގައި އަދި ﷲ ގެ ޢަދުއްވާގެ ކިބައިން އޭނާއަށް ގެއްލުންލިބޭ ކަންތައްތައް މެދުވެރިވާ ޙާލުގައި أَعُوذُ بِالله مِنَ الشَّيطَان الرجِيم ކިޔުމާއި ﷲއަށް ޛިކުރުކުރުން ގިނަކުރުމާއި އަދި ނަބިއްޔާ ﷺ  އަށް ޞަލަވާތް ކިޔެވުން ހުއްޓެވެ. އެހެނަސް ވަކި ޚާއްޞަ ޛިކުރެއް ކިޔުމަށް ކަނޑައެޅި ވާރިދުވެގެންވާކަމެއް ނުދަންނަމެވެ. އަދި، އާފުރުމަކީ އެއީ ޝައިޠާނާގެ ކިބައިން މެދުވެރިވާކަމެއްގެ ގޮތުގައި އޭނާއަށް ޢިލްމުލިބިފައިވެ (އެކަން މެދުވެރިވާ ސަބަބަކީ އެއީ ކަމުގައި ޢިލްމީގޮތުން ޘާބިތުވެއްޖެހިނދު)، އެހިނދު أَعُوذُ بِالله مِنَ الشَّيطَان الرجِيم ކިޔުމުގައި މައްސަލައެއްނެތެވެ. އެހެނަސް އެއާއެކު އަހަރެމެން ބުނަމެވެ. ދަލީލެއް އެފަދައިން ވާރިދުވެގެން ނުވުމުން އެއީ ސުންނަތޭ ބުނެގެން ނުވާނެ އެވެ.

ފަތުވާ ނަގާފައިވަނީ : فتاوى نور على الدرب 4-2127

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts