މައްކާއަށް ހައްޖަށް، ޢުމުރާއަށް ދާ މީހާ ޤަޞްރުކޮށް ޖަމްޢުކޮށް ނަމާދުކުރެވޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ފުރަތަމަ ބައި : މައްކާއަށް ހައްޖަށްޓަކައި ދަތުރު ކުރާ މީހާ އޭނާ އަނބުރައި ވަޒަނަށް އައުމަށް ދާންދެން، ދަތުރުވެރިއެއްގެ ގޮތުގައިވާނެ އެވެ. ވުމުން ދަތުރު މަތީގައި ޤަޞްރު އަދި ޖަމްޢުކޮށް ނަމާދު ކުރެވޭނެ އެވެ.

މިކަމުގައި ގިނަ ދަލީލުތަކެއް ވެ އެވެ. ޢާންމު ދަލީލުތައް އަދި ޚާއްޞަ ދަލީލުތައްވެސް މެ އެވެ.

އޭގެ ތެރޭގައި :

  1. ﷲ ވަޙީކުރައްވާފައިވެ އެވެ. وإذا ضربتم في الأرض فليس عليكم جناح أن تقصروا من الصلاة ”ތިޔަބައިމީހުން ބިން މަތީގައި (ދަތުރުވެރިންގެ ގޮތުގައި) ވެއްޖެހިނދުގައި ނަމާދު ކުރުކޮށް ކުރުން ހުއްދަވެގެންވެ އެވެ. އާޔަތުގައިވެސް، މުއްދަތެއް ދަތުރުވެރިޔާއަށް ނަމާދު ކުރުމުގައި ނެތްފަދައިން ސުންނަތުގައިވެސް އެފަދަ މުއްދަތެއް ކަނޑައެޅިފައި ނުވެ އެވެ.
  2. ޞަޙާބީ ވިދާޅުވެފައިވެ އެވެ. كان النبي صلى الله عليه وسلم إذا خرج ثلاثة أميال أو فراسخ صلى ركعتين. ނަބިއްޔާ صلى الله عليه وسلم (ގާތްގަނޑަކަށް) 6 ކިލޯ މީޓަރަށް ނުކުންނަވާ 2 ރަކުޢަތަށް ނަމާދު ކުރައްވަ އެވެ. (މާނައީ : ދަތުރުވެރިއެއްގެ ގޮތުގައި ވެއްޖެހިނދު ނަމާދު ލުއިކޮށް ކުރައްވަ އެވެ.)
  3. ޚާއްޞަ ދަލީލުތަކަށް ބަލާހިނދު، ނަބިއްޔާ ޙައްޖަތުލް ވަދާޢުގައި 10 ދުވަސް ނަމާދު ކުރުކޮށް ކުރެއްވި އެވެ. އަދި ތަބޫކުގައި 19 ދުވަސް ވަންދެން ނަމާދު ކުރުކޮށް ކުރެއްވި އެވެ.
  4. ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު، އުއްމަތަށް ފާޅުވި މުޖައްދިދެއްފަދަ ބޭކަލެއް ކަމުގައިވާ އިމާމް- شيخ الإسلام ابن تَيمية -رحمه الله- މި މައުޟޫގައި ވަރަށްވެސް ފުރިހަމަ ބަސްފުޅެއް ވިދާޅުވެފައިވެ އެވެ.

”އެމީހަކަށް މިކަމުގެ ސުންނަތް ބަޔާންވެދިއުމަށްފަހު އަދި ދަތުރުވެރިޔާ މައްޗަށް 2 ރަކުޢަތް ކުރުން މެނުވީ ނަބިއްޔާ صلى الله عليه وسلم ޝަރުޢުކުރައްވާފައި ނުވާކަމުގެ ޢިލްމު އެމީހަކަށް ބަޔާންވުމުން، އަދި ހަމަ އެފަދައިން (ޝަރުޢީގޮތުން ދަތުރަކަށްވުމަށްޓަކައި) ވަކި ޒަމާނަކަށް (މުއްދަތަކަށް) އަދި ތަނަކަށް (ދިގުމިނަކަށް) ދަތުރުކުރުން އެނަބިއްޔާ صلى الله عليه وسلم ކަނޑަނާޅުއްވާކަމާއި އަދި ދަތުރުކުރުމަށްފަހު މަޑުކުރާތަނެއްގައި ތިން ދުވަސް ނޫނީ ހަތަރު ދުވަސް ނޫނީ 12 ދުވަސް ނޫނީ 13 ދުވަސް ފަދަ ވަކި މުއްދަތަކަށް ޤާއިމްވެ ހުރުން ފަދަ ކަންތައްތައް ޝަރުޢުވެގެން ނުވާކަން އެނގިއްޖެމީހާ ސަލަފުންގެ ތެރެއިން އެތައްބަޔަކު ޤަޞްރު ކުރެއްވި ފަދައިން ޤަޞްރު ކުރާނެ އެވެ. (އެބަހީ : ދުރުމިނަކަށް ބެލުމެއްނެތި، ދަތުރަކަށްވާ ކޮންމެ ދަތުރެއްގައި، ދަތުރު ނިމެންދެން ވަކި މުއްދަތެއްނެތި ޤަޞްރު ކުރުމެވެ.)

އެގޮތުން مَسرُوق އެބޭފުޅާ އެއްގޮތަކަށްވެސް އިޚްތިޔާރުކުރުމަށް ނޭދޭ ވެރިކަމެއްގެ މައްޗަށް އިސްކުރެވުނުހިނދު އެތަނުގައި ހުންނަވައިގެން އަހަރުތަކެއް ވަންދެން ނަމާދު ޤަޞްރު ކުރެއްވި އެވެ.

އެގޮތުން މުސްލިމުން نَهَاوَند މިރަށުގައި 6 މަސް ވަންދެން ޤާއިމްވެ ދެމިތިއްބެވި އެވެ. އަދި އެ މުއްދަތުގައި ނަމާދު ޤަޞްރު ކުރެއްވި އެވެ. އެއީ، އެބައިމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި 4 ދުވަސް ކީއްކުރަން އެއަށްވުރެ ދިގު މުއްދަތެއްވެސް ނުފުދޭކަން އެމީހުންނަށް ކަނޑައެޅިގެން އިނގޭ ޙާލުގަ ޤަޞްރު ކުރެއްވި އެވެ.

ހަމަ އެފަދައިން مَكة ފަޠަޙަ ކުރުމަށްފަހުގައިވެސް ނަބިއްޔާ صلى الله عليه وسلم އަދި ނަބިއްޔާގެ ޞަޙާބީން ގާތްގަނަޑަކަށް 20 ދުވަސް ވަންދެން ނަމާދު ޤަޞްރުކޮށް 10 ދުވަސް ވަންދެން (ދަތުރުވެރިންގެ ގޮތުގައިވެ) ރޯދަތައް ދޫކުރެއްވި އެވެ.

ފަހެ مَكة ފަޠަޙަ ކުރެއްވުމަށްފަހު، 4 ދުވަހަށްވުރެ އިތުރު މުއްދަތަކަށް މައްކާގައި ޤާއިމްވެވަޑައިގެން ހުންނަވަން ޖެހިވަޑައިގަންނަވާނެކަން ނަބިއްޔާ صلى الله عليه وسلم އަށް އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ.

ޤަޞްރު ކުރުމަށްޓަކައި ޝަރުޢުގައި މުއްދަތެއް ކަނޑައަޅެފައި ވުމުގެ އެއްވެސް އަޞްލެއްނެތް ނެތުމުން، ޝަރުޢުވެގެންވަނީ ދަތުރަކަށްވާ ކޮންމެ ދަތުރެއްގައި ނަމާދު ޤަޞްރު ކުރުމެވެ. އެއީ، އެދަތުރު މަތީގައި މަސްތަކެއްވަންދެން (ދަތުރުކޮށް މަޑުކުރިތަނުގައި) ޤާއިމްވެހުރި ކަމުގައިވީނަމަވެސް މެ އެވެ.“

ފަހެ، އެހެންވުމުން ތިޔަ އަޚާ، އަނބުރައި ރަށަށް އަބުރައި ރުޖޫޢަވުމަށް ދާންދެން ނަމާދު ކުރުކޮށް ކުރުން މައްސަލައެއް ނެެތެވެ. އެހެނަސް ބުނަމަވެ.

ދެވަނައީ :

ދަތުރުވެރިޔާއަށް އެންމެ ހެޔޮވެގެންވަނީ ދަތި، ބުރަ ނޫން ކަމުގައިވާނަމަ ކޮންމެ ނަމާދެއްގެ ވަޤުތުގައި އެ ނަމާދެއް ކުރުމެވެ. 4 ރަކުޢަތް ނަމާދު 2 ރަކުޢަތަށެވެ.

އެ ގޮތުން މެންދުރު ނަމާދު މެންދުރު ނަމާދުގެ ވަޤުތުގައި 2 ރަކުޢަތަށް ކުރުމެވެ. ޢަޞްރު ނަމާދު ވަޤުތުގައި އަޞްރު ނަމާދު 2 ރަކުޢަތަށް ކުރުމެވެ. އަދި މަޣްރިބް ނަމާދު ވަޤުތުގައި އެ ނަމާދު 3 ރަކުޢަތަށް ( މަޣްރިބް ނަމާދަކީ 3 ރަކުޢަތް ނަމާދެއް ގޮތުގައި ވުމުން ކުރެއް ނުކުރެވޭނެ އެވެ.) އަދި އިޝާ ނަމާދު ވަޤުތުގައި އެ ނަމާދު 2 ރަކުޢަތަށް ކުރުމެވެ. އަދި ފަތިސް ނަމާދު ވަޤުތުގައި އެ ނަމާދު 2 ރަކުޢަތަށް ކުރުމެވެ.

މިއީ ބުރަ އަދި ދަތި ނޫން ކަމުގައިވާނަމަ އެންމެ މޮޅު އިތުރު ވެގެންވާ ގޮތެވެ. ކޮންމެ ވަޤުތެއްގައި އެ ނަމާދެއް ކުރުމާއެކު 4 ރަކުޢަތުގެ ނަމާދުތައް 2 ރަކުޢަތަށް ކުރުމެވެ.

ސަބަބަކީ، މިއީ ނަބިއްޔާ صلى الله عليه وسلم ދަތުރުފުޅުތަކުގައި ގިނައިން ޢަމަލުފުޅު ކުރެއްވި ގޮތެވެ. މިއީ އެންމެ ހެޔޮ ގޮތެވެ. ޖަމްޢު ކުރުމަށްވުރެ ހަމައެކަނި ޤަޞްރުކޮށްލުން ހެޔޮކަން ބޮޑެވެ. ޖަމްޢު ކުރުންވެސް ހުއްދަ އެވެ.

ތިންވަނައީ : މައްކާގައި ހުންނަ ދުވަސްތަކުގައި މިސްކިތުގައި އިމާމްގެ ފަހަތުގައި ނަމާދުކޮށްފިހިނދު، އިމާމް ކުރާ ފަދައިން އެ ސިފައިގައި ކުރަންޖެހޭނެ އެވެ.

އެބަހީ : އެ ދުވަހެއްގެ މެންދުރު ނަމާދު އިމާމް ފަހަތުގައި ކޮށްފިނަމަ، އިމާމް ނަމާދު ކުރާ ފަދައިން 4 ރަކުޢަތަށް ކުރާނީ އެވެ. އެއަށްފަހު، އިމާމްގެ ނަމާދު ނިމުމުން ޢަޞްރު ނަމާދު އިސްކޮށް ޖަމްޢުކޮށް އަމިއްލައަށް ކުރެވިދާނެ އެވެ. ނުވަތަ އަޞްރު ވަޤުތު ވަނުމުން ޢަޞްރު ނަމާދު ކުރުމަށް ލަސްކުރެވިދާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply