ޤުނޫތަށް އަތް އުފުލުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޖަވާބު : ”ޤުނޫތު ނާޒިލާގައި އަތް އުފުލުމަށް ދަލީލުތައް ވާރިދުވެގެންވެ އެވެ. އިމާމް أحمد ޞައްޙަ ސަނަދެއްގައ ރިވާކޮށްފައިވެ އެވެ. ޞަޙާބީ أَنَس ވިދާޅުވެފައިވެ އެވެ. فَلَقَدْ رَأَيْتُ رَسُولَ اللَّهِ r فِي صَلَاةِ الْغَدَاةِ رَفَعَ يَدَيْهِ فَدَعَا عَلَيْهِمْ ”ހަމަކަށަވަރުން ނަބިއްޔާ ﷺ ނަމާދުގައި އަތްޕުޅު އުފުއްލަވައި އެބައިމީހުންގެ މައްޗަށް ދުޢާކުރެއްވިތަން ދެކެވަޑައިގެންނެވީމެވެ.“ الألبَانِي ވިދާޅުވެފައިވެ އެވެ. މިއީ ޞައްޙަ ސަނަދުގައި ރިވާވެގެންވާ ރިވާޔަތެކެވެ.

މި މައުޟޫގައި الشَّيْخُ الإِمَامُ ابن بَاز رحمه الله އަރިހުގައި ސުވާުކުރެވުނުހިނދު ދެއްވި ޖަވާބު ބަޔާން ކުރަމެވެ.

ސުވާލު : ޤުނޫތު ކިޔާ ހިނދުގައި ދެއަތް އުފުލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު : ޤުނޫތު ކިޔުމުގައި އެއީ މުސްޠަޙައްބު ވެގެންވާ ކަމެކެވެ. ޔަޢުނީ، ނަބިއްޔާ ﷺ  އަރިހުން އިމާމް البَيْهَقِي r ރިވާކޮށްފައިވާ ޘާބިތު ރިވާޔަތެއްވެ އެވެ.

އަދި الإِمَام محمد بن صالح العثيمين رحمه الله އަރިހުގައި ސުވާލު ކުރެވުނެވެ.

ސުވާލު : ޤުނޫތަށް އަތް އުފުލުމަކީ ސުންނަތުގައިވާ ކަމެއްތޯ އެވެ. ދަލީލުތަކުގައި ބަޔާންކޮށްދިނުން އެދެމެވެ.

ޖަވާބު : ”އާއެކެވެ. ޤުނޫތުގައި އަތް އުފުލުމަކީ ސުންނަތުގައި ބަޔާންވެގެންވާ ކަމެކެވެ. ފަހެ، ރަސޫލާ ﷺ  ފަރުޟު ނަމާދުގައި، ޤުނޫތު ނާޒިލާގައި އަތްޕުޅު އުފުއްލެވިކަމުގައި ވާރިދުވެގެންވެ އެވެ. އަދި ހަމަ އެފަދައިން އަމީރުލް މުއުމިނީން عمر بن الخطاب رضي الله عنه އަރިހުން ވިތުރީގެ ޤުނޫތުގައި އަތްޕުޅު އުފުއްލެވި ކަމުގައި ވާރިދުވެގެންވެ އެވެ. އެއީ އަހަރެމެން އެބަޔަކަށް ތަބަޢަވުމަށް އަމުރުފުޅު ކުރެވިފައިވާ ޚުލަފާއުއް ރާޝިދޫންގެ އެއް ޚަލީފާ އެވެ.“

އިތުރަށް ބުނަމެވެ. އަތް އުފުލުމުގެ ސިފަ އެވެ. އިމާމް އަދި މައުމޫމީންވެސް އެބައިމީހުންގެ އަތްތިލައިގެ އެތެރެ ފަރާތް މައްޗަށްވާ ގޮތަށް އަދި އަތްތިލައިގެ ބޭރު ފަރާތް ބިމަށް ހުންނަ ގޮތަށް ދެއަތްތިލަ ކައިރިކޮށް (ދެއަތްތިލަ ޖައްސާފައި) ހުޅުވާފައި ބެހެއްޓުމެވެ. އަދި އޭނާގެ ލޮލުން ބަލާނީ ހުޅުވާފައިވާ ދެއަތްތިލައިގެ ތެރެއަށެވެ. އަދި ޤުނޫތު ނިމުމުން ދެއަތްތިލަ ތިރިކޮށްލުން ހުއްޓެވެ.

އަތް އުފުލުމަށް އޮތީ ކިހާ ހަމައަކަށްތޯ ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެވެނީ، ޢިލްމުވެރިންގެ ބަސްފުޅުތަކުން އަދި ޛިކުރު ކުރައްވާފައިވާ އެކިއެކި އިރުޝާދުތަކުން ދުޢާ ކުރުމުގައި (އިސްތިސްޤާ ފިޔަވައި) ދުޢާއަށް ދެއަތް އުފުލުންވަނީ މޭމައްޗާ ހަމައަށެވެ. ޔަޢުނީ މޫނަށް ވުރެ ތިރިއަށްވާ ގޮތަށެވެ.

ދަންނަހުއްޓެވެ. ޤުނޫތަށް ފަހުގައި ނުވަތަ ނަމާދުން ބޭރުގައި ކުރާ ދުޢާތަކަށްފަހުގައި މޫނުގައި އަތް އެޅުމަކީ އެއްވެސް ގޮތަކަށް ޘާބިތުވާ ޢަމަލެއް ނޫނެވެ. البيهقي ސުނަނުގައި ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ދުޢާކޮށް ނިމުމުން މޫނުގައި އަތްއެޅުމަކީ އުއްމަތުގެ އެއްވެސް ސަލަފުއް ޞާލީހުންގެ ބޭކަލެއްގެ އަރިހުން ވާރިދުވެގެންވާ ޢަމަލެއް ނޫނެވެ.“

النووي ވިދާޅުވެފައިވެ އެވެ. ”މޫނުގައި އަތް އަޅައިގެން ނުވާނެ އެވެ. އެއީ އެކަމުގައި ޞައްޙަ ގޮތެވެ“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts