ލޯޝަން ލައިގެން ހުރެ ވުޟޫކުރުމުން ވުޟޫ ޞައްޙަ ވާނެތޯއެވެ؟ އަދި އެއީ ހަމުގައި ފެންޖެހުން މަނާކުރާ އެއްޗެއް ތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ވުޟޫގެ ޝަރުޠުތަކުގެ ތެރެއިން އެއް ޝަރުޠަކީ: ވުޟޫގެ ގުނަވަންތަކަށް ފެން ވާޞިލްވުން މަނާކުރާ ހުރިހައި އެއްޗެއް ހަށިގަނޑުން ފިލުވުމެވެ. މާނައަކީ ފެންލުމުން އެ ފެން ހަށިގަނޑުގެ ވުޟޫ ގުނަވަނަކަށް ފެން ވާޞިލްވުން މަނާކުރާ ނަމަ އެމީހާގެ ވުޟު ޞައްޙައެއް ނުވާނެއެވެ. އެ ފިލުވައިފުމަށް ދާންދެނެވެ.

އެގޮތުން ފުށް ނުވަތަ ހިކިފައިވާ ވެލިފަދަ ހަންގަނޑު ނިވާކޮށްދޭ އެންމެހައި ތަކެތި ހަށިގަނޑުން ފިލުވުން ވާޖިބު ވެގެންވެއެވެ. އެހެންނަމަވެސް ހަންގަނޑުގެ ކުލަ ބަދަލުކޮށްލާ، ހަންގަޑު ފޮރުވާނުލާ ހީނާފަތްފަދަ އެއްޗެއްގެ ކުލަ ހުރުމުން މަނާކަމެއް ނެތެވެ.

ފަހެ، ލޯޝަނާއި، ކްރީމްފަދަ ތަކެއްޗަކީ ހަންގަޑު މަތީގައި ފެން ހުރަސްވާގޮތަށް ހުންނަ ތަކެއްޗެއް ނޫނެވެ. އެއާއިއެކު ފެން ހަށިގަނޑަށް ވާޞިލްވެއެވެ. ފަހެ އެހިނދު ލޯޝަން ހުރުމަކުން މައްސަލެއް ނެތެވެ. އޭނާގެ ވުޟޫ ޞައްޙަވާނެއެވެ.

ހަށިގަނޑުގެ ގުނަވަނަށް ފެންވާޞިލްނުވެ، އެއީ ކުޑަ މިންވަރެއް ކަމުގައި ވިޔަސް އޭނާގެ ވުޟޫ ޞައްޙަ ނުވާނެކަން ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައި “عن النبي صلى الله عليه وسلم أنه لما رأى رجلاً في قدمه لمعة قدر الدرهم لم يصبها الماء، فأمره بالإعادة”، “ވުޟޫކުރުމަށްފަހުގައި ފައިގައި ފައިސާފޮއްޗެއްގެ މިންވަރު ތަންކޮޅެއްގައި ފެންނުޖެހި ހުރި މީހަކު ނަބިއްޔާ، ﷺ އަށް ފެނިވަޑައިގަތެވެ. ނަބިއްޔާ، ﷺ އޭނާއަށް ދެވަނަ ފަހަރަށް ނަމާދުކުރުމަށް އަމުރުފުޅު ކުރެއްވިއެވެ.” (ޔަޢުނީ އޭނާ އަލުން ވުޟޫކޮށް އަލުން ނަމާދު އިޢާދަ ކުރުމެވެ.)

މި މައުޟޫގައި އިތުރަށް ބަޔާން ކުރަމެވެ.

ފަހެ، ދަންނާށެވެ! ވުޟޫގެ ގުނަވަންތަކުގައި ފެންޖެހުން ހުރަސްއަޅާ ގޮތަށް ތަކެތި ހުރުން 2 ބާވަތަކަށް ބެހިގެންދެއެވެ.

ފުރަތަމައީ: ޟަރޫރީ ޙާލަތެއް ދިމާވުމުގެ ސަބަބުން އެ ޟަރޫރީ ޙާލަތާއި އެއްފަދައިން ފެން ޖެހުން ހުރަސްވާގޮތަށް ހުންނަތަކެއްޗެވެ. މިޘާލަކަށް ޒަޚަމްވެފައިވާ ތަނެއްގެ މަތީގައި އަޅާފައިހުން ބެންޑޭޖެވެ. ފަހެ، މިފަދަ ޙާލަތުގައި އޭގެ މަތީގައި ފެން ފޮހެލުން ހުއްދަވެގެންވެއެވެ. އަދި އެ ބޭސްގަނޑު ނެގުމެއް ނުވެއެވެ.

ދެވަނައީ: ޟަރޫރީ ޙާލަތެއްނެތި ގުނަވަންތަކުގައި ހުންނަ ތަކެއްޗެވެ. މިޘާލަކަށް ދަވާދު ފަދަ އެއްޗެހިތަކެވެ. މިތަކެތި ވުޟޫކުރުމުގެ ކުރިން ފިލުވުން ލާޒިމްވެގެންވެއެވެ.

މިތަނުގައި މުހިންމު ކަމެއް ފާހަގަ ކޮށްލަމެވެ. ނިޔަފަތީގައި ބައެއް އަންހެނުން ޒީނަތްތެރިވުމަށް ޖައްސާފަހުންނަ، ދަވާދެވެ. ފަހެ، އެއީ ފެން ވާޞިލްވުން މަނާކުރާ ތޮށްޓެއްފަދައިން ލެވިފައިވާ އެއްޗެކެވެ. މިފަދަ ދަވާދު ހުރެގެން އެމީހެއްގެ ވުޟޫ ޞައްޙައެއް ނުވާނެއެވެ. ވުޟޫކުރުމުގެ ކުރިން އެ ތަކެތި އެކުއެކީގައި ފިލުވަން ޖެހޭނެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply