މައްކާ މަދީނާ ސުމެއްކަމުގައި ބުނާ މީސްތަކުންނަންދެވޭ ރައްދު

ޖަޒުބާތާއި ޖޯޝާއި ފޯރި އެއީ ދީންކަމުގައި ދެކެފައިވާ މި އެކްޓިވިސްޓްގެ ބަސްތަކަށް ޖަވާބުގައި ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަދީނާގެ ޖާމިއާ އިސްލާމިއްޔާއިން ޕީއެޗްޑީ ނަންގަވާފައިވާ ޑރ. عَبد الله بن صَلفِيق الظفيري -حفظه الله- ވިދާޅުވި އެވެ.  

އެންމެހައި އަޚުންނޭވޭ!  

ހަމަވިސްނުމުގައިވާ ފަރާތެއްނަމަ، ސުވާލު ކުރާނީ މައްކާގައި ޞުލްޙަވެރި އެއްވުން ނުބާއްވަނީ ކީއްވެ ހެއްޔެވެ؟ މަދީނާގެ ބިމުގައި ޞުލްޙަވެރި އެއްވުން ނުބާއްވަނީ ކީއްވެ ހެއްޔެވެ؟  

ޢިލްމުވެރިން ނުހަނު ގިނަ ދެ ބިމެވެ. ދެ ޙަރަމްފުޅު ވާ ދެ ބިމެވެ. ﷲގެ ދީން އަދި ޝަރީޢަތް އަދި ކިޔެއްތަ، މި ބިންމަތީގައި ﷲގެ ޝަރީޢަތް ޤާއިމްކުރާ ދަޥްލަތުގެ ދެ ބިމެވެ. ވުމުން، އެ ހެޔޮކަމާއި ޢިލްމުގެ އަހުލުވެރިން ހެޔޮ ޢަމަލުތަކުން އެއްކިބާވެ އެހެން ބަޔަކަށް އެއީ ހެޔޮ ޢަމަލުގޮތުގައިވަނީ ހެއްޔެވެ؟ 

ޢަދުލުވެރި އިންސާފުވެރި ބުއްދިތަކުގެ އަހުލުވެރިންނަމަ މިފަދައިން ވިސްނުނީ އެވެ! އެހެނަސް ބުއްދިތައް ވަނި ފުށުން ޖެހިފަ އެވެ! ވިސްނުންވަނީ ޢިލްމީ ޝަރުޢީ ހަމަތަކުން ނެއްޓިފަ އެވެ!  

ތިމާ ބާޠިލްގައި ހުރެ، މައްކާ މަދީނާގެ މައްޗަށް ބަދުބަސް ބުނަންވެސް ފަސްނުޖެހޭ މިންވަރަށް ވަނީ އިދިފުށަށް ޖެހިފަ އެވެ. 

މުސްލިމް އަޅާގެ އެންމެހައި ޢަމަލުތަކެއް ވާންޖެހޭކަންކަށަވަރީ ދަލީލާއި ޙުއްޖަތުގެ މަތީގަ އެވެ. ޚާއްޞަކޮށް ބޮޑެތި ނާޒިލާގެ ދަނޑިވަޅުތަކުގަ އެވެ. އޭގެ އިންތިހާއަށް ޢިލްމުވެރިންގެ ފަހަތްޕުޅުގައި ދެމިތިބެން ޖެހުންވަނީ ޙާޖަތްޖެހިފަ އެވެ. 

އަޚުންނޭވެ! އެންމެހައި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! 

ދުނިޔޭގައި އަދި އާޚިރަތުގައި މަންފާ ކުރާނެ އެއްޗެއްގެ ގޮތުގައިވަނީ ޖަޒުބާތާއި ފޯރިއާއި ޖޯޝްގެ މަތީގައި ކުރެވޭ ޢަމަލުތައް ހެއްޔެވެ؟ ނުވަތަ ދުނިޔެވީ ގޮތުންވެސް އަދި އާޚިރަތުގައިވެސް މަންފާ ކުރާނީ ހިތް އެދޭ އަދި ހިތް ނޭދޭ ޙާލުގައިވެސް އަދި ލޯބިކުރާ އަދި ލޯބި ނުކުރާ ޙާލުގައިވެސް ދަލީލަށް ތަބަޢަވުން ހެއްޔެވެ؟ 

ނަފްސަށް ސުވާލެއް ކޮށްލުން ހުއްޓެވެ! 

މާތް ނަބިއްޔާ 23 ﷺ އަހަރު ދުވަސް ދީނަށް ގޮވާލެއްވި ހިނދު، މުޝްރިކުންގެ ފަރާތުން، ޔަހޫދީންގެ ފަރާތުން ޚުދް ނަބިއްޔާއަށް އަދި މުސްލިމް އުއްމަތަށް ކުރިމަތިވި ކަންތައްތައް ކޮބައިހެއްޔެވެ؟ 

މުސްލިމުން ޙައްޤަކާ ނުލައި ޤަތުލުކޮށް ޝަހީދު ކޮށްލެވުނެވެ. މުސްލިމުންނަށް ޙައްޤަކާ ނުލައި އަނިޔާ ކޮށްފައިވަނީ ދުލަކުން އަދި ޤަލަމަކުން ކިޔައި ނުދެވޭނެ މިންވަރަށެވެ.  

ކާތަތެއްޗާއި ބޯ ތަކެތިން މަނާ ކުރެވުމެވެ. މިސްތަކުންނާއި ވަކިން ހައްޔަރު ކުރެވުމެވެ.  

ފިރިން އިސްލާމް ވުމުން އެބޭކަލުންގެ އަނބިންނާއި ދަރިންނާއި ވަކި ކުރެވުނެވެ. އަނބިންނަށްވެސް އެފަދަ އެވެ. ނުޙައްޤުން ރަށުން ނެރެ ބޭރުކޮށްލެވުނެވެ. އަމިއްލަ ވަޠަން ދޫކޮށް ހިޖުރަކުރައްވަން ޖެހިވަޑައިގެންނެވި އެވެ. ގޯތި ގެދޮރުން އަނިޔާވެރިކަމާއެކު ނެރެލެވުނެވެ. އަނިޔާ އާއި ހަމަލާތަކުގެ ޝިކާރައަށްވެ ޢާއިލާތައް އެކުއެކީގައި ދުނިޔެ ދޫކޮށް ޝަހީދުވެ ދިޔަ އެވެ.  

ޖޯޝާއި ފޯރީގެ އަހުލުވެރިން ބުނެފާނެ އެވެ! ”މައްކާގެ ދުވަސްތައް ހިގާލުން ބޭއްވުމަށް ތަނެއް ނުދެ އެވެ.“  

އެހިނދު ބުނަމެވެ. ނަބިއްޔާ ﷺ  އަދި އަޞްހާބު ބޭކަލުން މަދީނާއަށް ހިޖުރަކުރައްވުމަށްފަހު، މަދީނާ ވެގެން ދިޔައީ އިސްލާމީ ދަޥްލަތް ބިނާވުމުގެ ޙަޤީޤީ ބިމަށެވެ. މަދީނާގައި މުސްލިމުން ހޭދަ ކުރެއްވި ދުވަސްތަކުގައިވެސް ދުނިޔޭގެ އެކިއެކި ޙިސާބުގައި އަދި ޚާއްޞަކޮށް މައްކާގައިވާ ފަރާތްތަކަށް އަނިޔާއާއި ނުރައްކާ މައްކާގެ މުޝްރިކުންގެ ފަރާތުން ކުރިމަތިވަމުން ދިޔައީ ކޮންފަދައަކުން ހެއްޔެެވެ؟ 

ފަހެ، ހިގާލުން ބޭއްވުމާއި، ޝުޢޫރު ފާޅު ކުޅުމާއި، މުޒާހާރާ ކުރުމުގެ އެންމެހައި މަގުތަކެއް އޮތީ މުސްލިމުންނަށް ތަނަވަސްވެފަ އެވެ. ހިނގާލުން ބޭއްވުމަށް، އަނިޔާ ލިބެމުންދާ މުސްލިމުންނާ އެކުގައިވާކަން ދެއްކުމަށްޓަކައި، ދިދަ ތަކާއި ބޭނާއި، މީސްތަކުން ނުކުމެ ދައްކާލުމުގެ އެންމެހައި މަގުތަކާއި ވަޞީލަތް އޮތީ ފުރިހަމައަށް ލިބިފަ އެވެ.  

އެހެނަސް އެއީ ކުރެއްވި ޢަމަލެއް ނޫނެވެ. އެފަދަ ނަމޫނާއެއް ދައްކަވާފައެއް ނުވެ އެވެ.  

އެއީ، ﷲ ގެ ދީނުގައި އެއީ ނެތްކަމެއް ގޮތުގައި ވުމުން، ރަސޫލާ ﷺ  ޙަޔާތްޕުޅުގެ އެއްވެސް ހިސާބެެއްގައި އެފަދަ ޢަމަލެއް ކުރައްވާފައި ނެތެވެ. ތާރީޚެއްގައި ފެންނާކަށް ނެތެވެ. ޙަދީޘެއް ރިވާޔަތެއް ނެތެވެ.  

ވުމުން، ސުންނަތް ކޮބައިހެއްޔެވެ؟ ޙަޤީޤީ ސުންނަތަށް ލޯބި ކުރުން ކޮބައިހެއްޔެވެ؟  

ނަބިއްޔާ އަށް ތަބަޢަވުމަށް އަމުރުފުޅު ކުރެއްވި ފަދައިން ޚަލީފާއިންނަށް ތަބަޢަވުމަށް އަމުރުފުޅު ކުރެއްވި އެވެ. އެއްވެސް ޚަލީފާވެރި ބޭަކަލެއް އެފަދައިން ހިގާލުމެއް އަދި މުޒާހަރާއެއް ކުރައްވާފައެއް ނުވެ އެވެ.  

ﷲ ﷻ ވަޙީކުރެއްވި އެވެ. ﴿وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا﴾ ”އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު ރަސޫލާއާ ދެކޮޅުވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބަޢަވެއްޖެ މީހާ ދަންނާށެވެ. އެމީހަކު އިޚްތިޔާރު ކުރި މަގަކަށް ތިމަން އިލާހު އެމީހަކު ދޫކޮށްލައްވާހުށީމެވެ. އަދި އެމީހަކު ނަރަކަ ވައްދަވާ ހުށީމެވެ. އެއީ ނުބައިވެގެންވާ ނިމި ދިއުމެކެވެ.“ 

الحَافِظ ابن رجب  رحمه الله ވިދާޅުވެފައިވެ އެވެ. ”އެއްވެސް ކަމެއްގައި ސުންނަތެއް ޞައްޙަވެއްޖެ ކަމުގައިވާނަމަ އަދި އެއަށް ޞަޙާބީން ޢަމަލު ކޮށްފިހިނދުގައި، އެކަމަކުން ތިބާ އެއްކިބާނުވާހުށި ކަމެވެ.“ شرح البخاري ٥/١٩٦ 

މިފަދަ ހިނގާލުންތައް ބޭއްވުމަށް އެތައް މުނާސިބު ދަނޑިވަޅުތައް އަޞްޙާބު ބޭކަލުންނަށް ދިމާވެދިޔަ ނޫން ހެއްޔެވެ؟ މިފަދައިން މީސްތަކުން ނުކުމެ ޝިޢާރު ފާޅު ކުރުމަށް އެތައް ގިނަގުނަ ސަބަބުތައް ކުރިމަތިވަޑައިގެންވި ނޫންހެއްޔެވެ؟  

ދީނަށާއި ދެ ދުނިޔޭގެ އަބާއްޖަވެރިވެ ދިއުމަށް އޮތް އެންމެ ބޮޑު ސަބަބަކީ، ދީނުގައި ދެމި ނުހުރުމެވެ. ދަލީލުތަކުން ނުފުދުމެވެ. ދީނުގައި ވާރިދުވެގެންވާ ގޮތަށް ހަވާނަފްސު ލަންބުވައި ނުލުމެވެ. 

ﷲ ﷻ ވަޙީކުރެއްވި އެވެ. ﴿ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴾ ”ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެ ނަމަ، ﷲ އަށާއި ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ. އެއީ ތިޔަބައިމީހުން، ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑެވެ.“  

މި އާޔަތް ޛިކުރު ކުރެއްވުމަށްފަހު الإِمَامُ ابنُ القَيِّمِ  رحمه الله ވިދާޅުވެފައިވެ އެވެ. 

”މިއާޔަތުން ދަލީލު ކުރެވެނީ ހަމަކަށަވަރުން ﷲ އަށް ކިޔަމަންވުމާއި، ރަސޫލާ ﷺ  އަށް ކިޔަމަންވެ އަދި އޭގެ މައްޗަށް ހުރިހާ ކަމެއް ޙައްލުކުރުން ވެގެންވަނީ ދުނިޔޭގައި އަދި އާޚިރަތުގެ އެންމެހައި ބާއްޖަވެރިކަން ލިއްބައިދޭ ސަބަބުކަމުގައެވެ.  

މި ޢާލަމުގެ މައްޗަށް ވިސްނައި ފިކުރުކޮށްލި ކޮންމެ މީހަކަށް މިދުނިޔެމަތީގައި ހިނގަމުންދާ އެންމެހައި ނުބައި ކަންކަމަކީ އަދި ހަމަކަށަވަރުން މިޢާލަމުގައިވާ އެންމެހައި ނުބައި ކަންތަކުގެ ސަބަބަކީ  رَسُوْلُ اللهِ ﷺ  އަށް މީސްތަކުން ކިޔަމަން ނުވުމެވެ.  

އަދި ކިޔަމަންގަތުމުން ބޭރުވުމެވެ. މި ދުނިޔެމަތީގައިވާ އެންމެހައި ހެޔޮކަންތައް މެދުވެރިވުމުގެ ސަބަބަކީ ނަބިއްޔާ ﷺ  އަށް ކިޔަމަންގަތުމެވެ. އަދި ހަމައެފަދައިން އާޚިރަތުގެ އެންމެހައި ނުބައިކަންތަކާއި ވޭނާއި، ޢަޒާބު ލިބިދޭނީ ހަމަކަށަވަރުން ނަބިއްޔާ ﷺ  އަށް އުރެދުމުގެ ނުބައިކަމުގެ ސަބަބުންނެވެ. رَسُوْلُ الله ﷺ   ޚިލާފްވެގަތުމުން ދުނިޔެއާއި އާޚިރަތުގެ ހުރިހާ ނުބައިކަންތައް މީސްތަކުންގެ މައްޗަށް އައެވެ. 

ފަހެ، މީސްތަކުން رَسُوْلُ اللهِ ﷺ  އަށް ޙައްޤުގޮތުގައި ކިޔަމަންވާނަމަ، މި ބިންމަތީގައި އެއްގޮތަކަށް ވެސް ނުބައިކަމެއް ނުއޮންނާނެ އެވެ. މިކަން ބިންމަތީގައި ޢާންމުކޮށް މެދުވެރިވާ ނުބައި ކަންތަކުންނާއި، މުޞީބާތްތަކުން އެނގިގެން ދެއެވެ.  

އަދި ހަމަ އެފަދައިން އަޅާއަށް އޭނާގެ އަމިއްލަ ނަފްސަށް މެދުވެރިވާ އެންމެހައި ނުބައި ކަންތަކާއި، ވޭނާއި، ހިތްނުތަނަވަސްކަން މެދުވެރިވާ ސަބަބަކީ ވެސް ހަމަކަށަވަރުން رَسُوْلُ اللهِ ﷺ  އަށް ކިޔަމަން ނުވުމެވެ. އަދި އެ ނަބިއްޔާ r އަށް ކިޔަމަންވުމަކީ ކިއްލާއެއްގެ ތެރެއަށް ވަނުމުގެ ސަބަބުން އޭނާއަށް އަމާންކަން ލިއްބައިދޭ ސަބަބެއް ކަމުގައި ވެދެއެވެ.  

އަދި އެއީ އެ ހޮހަޅައެއްގެ ތެރެއަށް ވަނުމުން އެމީހަކަށް ކާމިޔާބު ލިބިދެނިވި އެއްޗެއްކަމުގައިވެ އެވެ. އެހެން ވުމުން އެނގިގެންދަނީ ދުނިޔޭގެ އެންމެހައި ނުބައި ކަންތަކާއި، އާޚިރަތުގެ އެންމެހައި ނުބައިކަންތައް މެދުވެރިވާ ސަބަބެއް ކަމުގައި ވަނީ ނަބިއްޔާ ﷺ  ގެނެސްދެއްވި ކަންތަކުގެ މަތިން އިންސާނުން ޖާހިލު ކަމުގައި ވުމެވެ. އަދި އެކިޔަމަންގަތުމުން ބޭރުވުމެވެ.  

މިއީ ހަމަ ޔަޤީނުންވެސް النَّبِيُّ ﷺ  ގެނެސްދެއްވި އެންމެހައި ކަންތަކުގެ ޢިލްމު ހޯދައި އަދި އެއަށް ޢަމަލު ކުރުމުގައި ފުރިހަމައަށް ޤާއިމްވެ ހުރުމުން މެނުވީ  އެއްވެސް އަޅަކަށް ކާމިޔާބީއެއް، ސަލާމަތްތެރިކަމެއް ލިބިގެން ނުދާނެކަން އެއްވެސް ޝައްކަކާއި ވަހުމަކާ ނުލައި ބަޔާންވެ އެނގިގެންދާ ބުރުހާނެކެވެ.“  الفَوَائد           

ސުވާލުކޮށްލުން ހުއްޓެވެ! 

މި ހިނގާލުންތަކަކީ ޝަރީޢަތުގައި އެކަމަށް އަންގާފައިވާ ގޮތްތޯ އެވެ؟ ނަޞްރަށް ކާމިޔާބީއަށް އެދޭ ބަޔަކު ކުރާނި ޢަމަލެއްތޯ އެވެ؟ ނަބިއްޔާގެ އުއްމަތަށް ހެޔޮ އެދޭ ބަޔަކު މިސްތަކުންނަށް ދައްކާނެ މަގެއް ތޯ އެވެ؟ މިއީ ޢިލްމުގެ އަހުލުވެރިން ހޯދާފައިވާ މަގެއްތޯ އެވެ؟ މިއީ ޢިލްމުވެރިންނަށް ތަބަޢަވެވޭ ގޮތުގައި ކުރެވޭ ޢަމަލުތަކެއްތޯ އެވެ؟ 

ޤުރުއާނާއި ސުންނަތަށް އަޞްހާބުބޭކަލުން ޢަމަލުފުޅު ކުރެއްވި ގޮތުގައި ދެމިތިބުމަކީ، ޖަޒުބާތާއި ޖޯޝާއި ފޯރިން ދުރުވެ، ޝަރީޢަތުގައި ބަޔާންވެގެންވާ ދަލީލާއި ޙުއްޖަތާއި ޙިކްމަތާއި ބާއްޖަވެރި ގޮތުގައި ދެމިތިބުމެވެ.  

ފަހެ، އުއްމަތުގެ ސަލަފުއް ޞާލިޙުންނަކީ އެބޭކަލުން ޖަޒުބާތާއި، ޖޯޝާއި ފޯރިއަކަށް ޢަމަލު ނުކުރައްވަ އެވެ. އަމަލުފުޅު ކުރެއްވީ ވާރިދުވެގެންވާ މިންވަރަށެވެ. 

الإِمام ابن قُدَامَة  رحمه الله  ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ ﷺ  ގެ އަމިއްލަފުޅު ސުންނަތުގައި ހިފެހެއްޓުމަށް އަމުރުފުޅު ކުރައްވާފައިވާ ފަދައިން ނަބިއްޔާގެ ޚަލީފާއިންގެ ސުންނަތުގައި ހިފެހެއްޓުމަށް އަމުރުފުޅު ކުރެއްވިއެވެ.  އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންކަމަކީ އެއީ ބިދުޢަ ކަމުގަ އާއި މަގުފުރެދުން ކަމުގައި  ޚަބަރުދެއްވާފައިވެ އެވެ.  އެ އެންމެހައި ކަންކަމަކީ އެ ކަމެއްގައި ނަބިއްޔާއަށް ތަބަޢަ ނުވެވޭ އަދި ނަބިއްޔާގެ ޞަޙާބީންގެ ސުންނަތަށް ތަބަޢަ ނުވެވޭ އެންމެހައި ކަންކަމެވެ.“ ذَمِّ التَّأوِيْل 1-206 

ޙައްޤު އަދި ޙައްޤުގެ އަހުލުވެރިންގެ ބަސްފުޅުތަކާއި ޢަމަލުތައް މިހާ ފާޅުކަންބޮޑުގައިވެ، ސާފުކަން މަތީގައިވެ އެވެ. ﷲގެ ޙަޟޫރަތުން ނަޞްރަށް އެދޭ މީހާ ޙައްޤަށް ތަބަޢަވެ ޙައްޤު މަގުގައި ޤާއިމްވުން ހުއްޓެވެ.  

ޙައްޤުގައި ޤާއިމްވެ ހުރުން އެއީ ބީރައްޓެހި އަދި ދަތި ޙާލަތެއްގައިވީ ކަމުގައިވީނަމަވެސް އެވެ. ނަޞްރާއި ކާމިޔާބީ އޮތީ އެހިނދުގަ އެވެ.  

أبُوبَكر الصديق رضي الله عنه  ވިދާޅުވެފައިވެ އެވެ. ”ޤިޔާމަތް ދުވަހުގައި އެމީހެއްގެ ތިލަފަތް ބަރުވި މީހެއްގެ ތިލަފަތް ބަރުވީ (ދުނިޔެ މަތީގައި) ޙައްޤު އެމީހުންގެ މައްޗަށް ބަރު އެއްޗެއްގެ ގޮތުގައިވީހިނދުވެސް ދުނިޔޭގައި ޙައްޤަށް ތަބަޢަވުމެވެ.“ الزهد لإبن المبارك (حسن بمجموع طرقه)  914 

الإمَام ابن القيم رحمه الله  ވިދާޅުވެފައިވެ އެވެ. ”ޙައްޤު (އޭގެ އަލިކަމާ، ފާޅު ވުމުގައި) އިރު ފަދައިންވެ އެވެ. އަދި އެ ހައްޤާއި ދިމާލަށް ލޯތައް ބަލަބަލާ ތިބެ އެވެ. އެހެނަސް އެ ލޯތަކާއި ޙައްޤާއި މެދު ފަރުދާއެއް ލެވި، އޭގެ ސަބަބުން ކަނުވެފައިވާ ލޯތަކުގެ މަތިން އެޙައްޤު ވަނީ ވަންހަނާ ވެގެންނެވެ.“ 

ޙައްޤުގެ މަތިން ލޯތައް ކަނުވެ ލޯތައް ފަރުދާވެފައިވުމުން، ޙައްޤާއި ބާޠިލް ދަލީލުން ނުފެންނާނެ އެވެ. އޭނާއަށް ޙައްޤަކީ ޖަޒަުބާތާއި ޖޯޝާއި ފޯރި އެވެ.  

ޢާންމު މީސްތަކުން އެމީހުން ނެރޭ ޖޯޝާއި ފޯރި އާއި ޖަޒުބާތުގައި ޖައްސައިގެން އެބަޔަކު ބޭނުންވާ، ދުނިޔެވީ، ސިޔާސީ، މީޑިޔާ، ފައިސާ، މަޝްހޫރުކަމުގެ ލަނޑުދަނޑިތައް އެމީހުން ހޯދަ އެވެ.  

ޢާންމު މީސްތަކުން މި ވަނީ އެމީހުން ގެންގުޅޭ އާލަތަކަށް ބޭނުން ކުރާ ހަތިޔާރަކަށް ހަދައިފަ އެވެ.  

ފަލަސްޠީނުގެ ޙާލަތާއި ގުޅިގެން މިއަދު ރާއްޖޭގައިވެސް އެއްބަޔަކު މަގުތަކުގެ މައްޗަށް ނުކުމެ، ދެޖިންސު އެއްވެ ޝުޢޫރު ފާޅުކޮށް، ބޭނާތައް ނެރެ، އަޑުގަދަކޮށް، ފޮޓޯގައި އެކްޓިވިސްޓު ބުނެފައިވާ ފަދައިން އެބަޔަކު އެކަމަށް ފަޚުރުވެރި ވާކަމަކަށް މިވަނީ ހަދައިފަ އެވެ.  

މިއީ ޢިލްމުވެރިންނާއި ޙިލްމުވެރިން އަދި ބުއްދިވެރިން އަދި ޚާލިޞް ސުންނަތުގެ އަހުލުވެރިންގެ ޢަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމެއް ނެތެވެ. ހިތާމައިގެ ބޮޑުކަމާ އެވެ! މިއީ ކޮންފަދަ ބަލިމަޑުމަކުގެ ޙާލަތެއް ހެއްޔެވެ؟ 

وَهب بن مُنبه رحمه الله  ވިދާޅުވެފައިވެ އެވެ. ”ޙިލްމުވެރިންނާއި، ޙިކްމަތްތެރިން އަދި ޢިލްމުވެރިންނާ އެކު އިށީނދެ، ސުންނަތުން (ޘާބިތުވެގެންވާ) މިންވަރުން ފުދިގެން ބިދުޢައިގެ ތެރެއަށް ނުވަދެ ދެމިހުންނަ އަހުލުވެރިޔާއަށް ސުވަރުގެ ހުއްޓެވެ.“ الزهد للإمام أحمد 301 

ރަސޫލާ ﷺ  އަށް އަދި އަޞްހާބު ބޭކަލުންނަށް ފުދިވަޑައިގެންނެވި މިންވަރުން އަހަރެމެންނަށް ނުފެދެނީ ހެެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ ﷲއަށްޓަކައި ބުނަމެވެ. ނަފްސު މުރާޖައާ ކޮށްލުން ނުވޭ ހެއްޔެވެ؟  

ތިމާގެ ޢަމަލު މިވަނީ ޤުރުއާނާއި ސުންނަތާއި އުއްމަތުގެ ސަލަފުއް ޞާލިހުންގެ ޢަމަލުތަކުގެ މަތީގައި ނޫންކަން އެނގި ބަޔާން ނުވަނީ ހެއްޔެވެ؟ 

ހެޔޮ މަގަކީ ކޮބައިކަމާއި، މުއުމިނު އަޅުތަކުންނަށް އަމުރު ކުރެވިފައިވަނީ ކިހިނެތްކަން ބަޔާންވުމުން، ޖަޒުބާތާއި ޖޯޝުގައި ޢަމަލުތައް ހިންގަމުންދާ ފަރާތްތަކުގެ މަގުތަކުން ދުރުވެ ވަކިވުން އެއީ ކޮންފަދަ ހެޔޮ ޢަމަލެެއް ކަމުގައިވާނެ ހެއްޔެވެ! 

الإمَام الشافعي رحمه الله  ވިދާޅުވެފައިވެ އެވެ. ”ރަސޫލާ ﷺ  ގެ ސުންނަތެއް ބަޔާންވެއްޖެހިނދު، އެއްވެސް މީހެއް ބުނެފައިވާ ބަހެއްގެ މައްޗަށް ސުންނަތް ދޫކޮށްލުން ހުއްދަވެގެން ނުވާނެ ކަމުގައި އެންމެހައި މުސްލިމުން އިޖްމާޢުވެގެންވެ އެވެ.“ ابن عَبَّاس رضي الله عنه ޞަޙާބީންނަށް ވިދާޅުވި އެވެ. ”(ޢުޤުބާތެއްގެ ގޮތުގައި) ތިޔަބައިމީހުންގެ މައްޗަށް އުޑުން ހިލަތަކެއް ފޮނުއްވުން ގާތްވެގެންވެ އެވެ. (ސަބަބަކީ) ރަސޫލާ ﷺ  ގެ ޙަދީޘްފުޅު ތިމަން ތިޔަބައިމީހުންގެ އަރިހުގައި ބަޔާންކޮށްދިނުމުންވެސް أبُو بكر އަދި عُمر ވިދާޅުވިއޭ ތިޔަބައިމީހުން ބުނުމެވެ. (ޙަދީޘް ޤަބޫލު ނުކުރުމުގެ ބަހަނާއެއް ކަމުގައި ހަދައިފީމު އެވެ.)“   

އެވެނި މިވެނީ މީހަކަށް ތަބަޢަވުން އެއީ ދަލީލުކަމުގައި ނެހެދުން ހުއްޓެވެ. 

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދޫކުރެއްވި އެންމެ ބޮޑެތި ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި العَلاَّمَة أَحْمَدُ بِن يَحْيَى النجْمِي  رحمه الله ވިދާޅުވެފައިވެ އެވެ. ”ސުވަރުގޭގެ އަގު ކަމުގައިވަނީ ކޯންޗެއްތޯ އެވެ؟  އެތަނުގެ އަގުކަމުގައި ވާހުށީ، ޞަލަފުއް ޞާލިޙުންގެ ފަހުމުގެ މައްޗަށް ﷲ އާއި ރަސޫލާ އަށް ކިޔަމަންވުމެވެ. …  އެހެނަސް އެވެނި މިވެނި މީހަކަށް ކިޔަމަންގަނެ ނުވަތަ އެވެނި މިވެނި މީހަކަށް ﷲއަށް އުރެދުމުގައި ތަބަޢަވެއްޖެ މީހާ ހަމަކަށަވަރުން ޤިޔާމަތް ދުވަހުގައި ހިތާމަކުރާނެ އެވެ.  ﷲ ގެ އަޅާއެވެ. ތިބާގެ ނަފްސުގެ މައްޗަށް ބިރުވެތިވާށެވެ. ތިބާ ސަލާމަތްކަމާއި ސީދާގޮތުގައި ދެމިހުރުމަށް ޙައްޤަށް ތަބަޢަވާށެވެ. އެހިނދު އެންމެ ހެޔޮވެގެންވާ ދާނެއް ސުވަރުގެއިން ޙާޞިލް ކުރެވޭނެ އެވެ.“ فتح الرب الغني بتوضيح شرح السنة للمزني / ص 46-45) 

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! 

އެކްޓިވިސްޓަށް ރައްދުގައި ދެއްވި ޖަވާބުގައި ޝެއިޚް حفظه الله  ވިދާޅުވި ފަދައިން، އެބަޔަކު ވިސްނުމެއް ނުހުންނަ އާދައިގެ މީހުން ކައްކުވާލާ ބައެއްގެ ގޮތުގައި ވެ އެ މަޅީގައި ޖެހޭ ބައެއް ކަމުގައި ނުވަމާ ހެއްޔެވެ؟ ޖަޒުބާތަކީ އެބައިމީހުން ޙުކުމްކުރާ އެއްޗެއް ކަމުގައި ހަދައިފައިވާ މީހުންގެ އަތްމަތީގައިވާ ބައެއްގެ ގޮތުގައި ނުވަމާ ހެއްޔެވެ؟ 

ޚާލިޞް ސުންނަތާއި ސަލަފީ ދަޢުވަތުގެ އަހުލުވެރިންގެ މަންހަޖާއި މަގުގައި ތިބޭ ފަރާތްތަކެއްގެ ގޮތުގައި ވުމަށްޓަކައި އެބަސްތަކާއި އެ މަންހަޖު އުފުލާ ފަރާތްތަކުގެ ފަހަތުގައިވާ ބައެއް ކަމުގައި އަހަރެމެން ވަމާތޯ އެވެ؟ 

މިފަދަ ހިނގާލުންތަކާއި، އެއްވުންތަކުގެ މައްޗަށް ޚާއްޞަކޮށް ސުންނަތުގެ ޢިލްމުވެރިން ދެއްވާފައިވާ ފަތުވާތައް ބަލާލުން ހުއްޓެވެ. 

الإِمَام العَلاَّمة ابن باز  رحمه الله ވިދާޅުވެފައިވެ އެވެ. “ ފަހެ ނަބިއްޔާ  ﷺ މައްކާގައި 13 އަހަރު ވަންދެން ދެމިހުންނެވި އެވެ. މުޒާހަރާއެއް ނުކުރައްވަ އެވެ. ސުލްޙަވެރި ހިނގާލުމެއް ނުބާއްވަ އެވެ. މީސްތަކުންގެ މުދަލަށް ގެއްލުންދީ އަދި ފާރަލައި ހީލަތްތެރި ގޮތުގައި މަރާލާނެކަމުގެ އިންޒާރުދީ ބިރުދައްކަވާ ނަހައްދަވަ އެވެ.“ مجلة البحوث الإسلامية (38/210) 

ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ صالح الفوزان – حفظه الله – ވިދާޅުވެފައިވެ އެވެ. 

ސުވާލު : އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަންތައް ޙައްލު ކުރުމައްޓަކައި މުޒާހަރާ ކުރުމަކީ ދަޢުވަތް ދިނުމަށް އޮތް ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްތޯއެވެ؟ 

ޖަވާބު : އަހަރެމެންގެ ދީނަކީ ހަލަބޮލިކަމަށް އޮތް ދީނެއް ނޫނެވެ. އަހަރެމެންގެ ދީނަކީ ވަކިގޮތަކަށް ވަކި ނިޒާމަކުން، މަޑުމައިތިރި ކަމާއި، ހިތްތިރިކަމާއި އެކުގައި ޢަމަލުކުރުމަށް އޮތް ދީނެކެވެ. މުޒާހަރާ އަކީ މުސްލިމުންގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫނެވެ. އަދި އެއީ މުސްލިމުން ދަންނަ އެއްޗެއްވެސް ނޫނެވެ. އިސްލާމް ދީނަކީ މަޑުމައިތިރި ކަމުގެ ދީނެކެވެ. ރަޙްމަތުގެ ދީނެކެވެ. ވަކި ނިޒާމެއްގައި ޤާއިމްވެފައިވާ ދީނެކެވެ. ހަލަބޮލިކަމާއި، އެކަކު އަނެކަކަށް އުނދަގޫ ކުރުމާއި ފިތުނަ އުފެއްދުމުގައި އޮތް ދީނެއް ނޫނެވެ. އިސްލާމްދީނަކީ މިއެވެ. ޙައްޤުތައް ހޯދައިދެވެނީ ޝަރުޢީގޮތުން ހޯދުމަށް އޮތްގޮތްތަކުންނެވެ. ޝަރުޢީގޮތުން އައިސްފައިވާ ގޮތްތަކުންނެވެ. ފަހެ، މުޒާހަރާ ތަކުން މީސްތަކުންގެ ލޭއޮހޮރުމާއި، މީސްތަކުން ގެ މުދާތައް ހަލާކުވެދިއުން ނޫންކަމެއް ނެތެވެ. މިއީ އެއްވެސް ގޮތެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. 

الفتاوى الشرعية في القضايا العصرية ص 140 

މިފަދަ ކިތައް އެކްޓިވިސްޓުން ދީނީ ޝިޢާރު ހިފައިން މިއަދު މިވަނީ ނިކުމެފަ އެވެ. ޙަޤީޤަތަކީ އެކްޓިވިސްޓެކެވެ. އެތައްބަޔަކު ޢަޤީދާ އާއި މަންހަޖުގެ ހަލާކުގެ ތެރެއަށް ގަންބުވާލުމެވެ. ދީނާއި ސުންނަތުން ދުރުކުރުމެވެ. ولاحول ولاقوة إلا بالله 

ސުންނަތާއި ސަލަފިއްޔަތުގެ ނިޢުމަތުގެ ބޮޑު ކަމާ އެވެ! 

Similar Posts