quran mubarai

ޤުރުއާން މުބާރާތްތައް ބޭއްވުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. صحيح البخاري ގައިވެ އެވެ. ارْمُوا بَنِي إسْمَاعِيلَ فإنَّ أبَاكُمْ كانَ رَامِيًا ”ދުނި އުކާބަޔަކު ކަމުގައި އިސްމާޢީލްގެ ދަރިފަސްކޮޅު ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ދުނި އުކާ ބޭކަލަކު ކަމުގައި ތިޔަބައިމީހުންގެ ބަފައިކަލުންވި އެވެ.“  

އަދި މިފަދައިން އަސް އަދި ޖަމަލު ރޭސް ޖެހުންވެސް ބަޔާންވެގެންވެ އެވެ. 

މިފަދަ މުބާރާތް ހުއްދަވުމުގެ ޙިކްމަތްތަކުގެ ތެރޭގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވަނީ، އެކަންތައްތަކަކީ ޖިހާދަށް ބާރުއަޅާ އެކަމަށް ހިތްވަރުދޭ ކަންތައްތައް ކަމުގައިވާތީ އެވެ. 

މިގޮތުން، ވަރަށްގިނަ ޢިލްމުވެރިން، ޤުރުއާން އަދި ޢިލްމީ މުބާރާތްތައް މިކަމުގެ މައްޗަށް ޤިޔާސްކޮށް އަދި ޤިޔާސް ކުރެވޭނެ ކަމަށް ދެކިލައްވަ އެވެ. 

ސަބަބަކީ، ޢިލްމަކީ، އެންމެ އިސްވެގެންވާ އަދި އެންމެ މަތިވެރި ޖިހާދު ކަމުގައި ވާތީ އެވެ. 

އެހެންކަމުން، ރުފިޔާ، ފައިސާފަދަ ދުނިޔެވީ ބޭނުމެއް ޙާޞިލް ކުރުމުގެ މަޤްޞަދެއްނެތި، ހަމައެކަނި ޢިލްމީ ފައިދާއަށްޓަކައި ޤުރުއާން އަދި އެ ނޫނަސް އެހެނިހެން ޢިލްމީ މުބާރާތްތަކުގައި ބައިވެރި ވުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. 

އެހެނަސް، ހަމައެކަނި ވަނަތައް، އިނާމްތަކަކީ އެއީ މަޤްޞަދު ކަމުގައި ހަދައި، އެ ކަމަށްޓަކައި ކުދިން ޤުރުއާން މުބާރާތްތަކުގައި ބައިވެރިކުރާނަމަ، އެހިނދު ދަރީންނަށް ދިރިއުޅުމަށް، ފައިސާއަށް އަޅުކަން ކުރާނެ ރޫޙެއް އެދަރިންގެ ކިބައިގައި އަށެގަނެފާނެކަމަށްޓަކައި އަހަރެމެން ބިރުގަންނަން ޖެހެ އެވެ.  

ދަންނައެވެ! މިއަދު ގިނަ މުބާރާތްތައް ބޭއްވެނީ ދުނިޔޭގެ ލައްޒަތައް އަދި ދުނިޔޭގެ ފައިދާއަކަށް އަދި އެކަމަށް ހިތުގައިވާ ދަހިވެތިކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ﷲ ރަޙްމަތް ލައްވައި ސަލާމަތްކޮށްދެއްވި ފަރާތެއް ފިޔަ އެވެ. 

މިފަދަ ޤުރުއާން މުބާރާތްތަކު ބޭރުފުށަށް ބާލާއިރު، ގިނަ ދީނާ ޚިލާފް ކަންތައްތައް ފާހަގަ ވެ އެވެ. ޝަރުޢީ މިންގަޑުން އެބައިމީހުން ނިވާވެފައި ނެތުމާއި، ދެ ޖިންސު އެއްވެސް ހުރަހެއްނެތި މައްސުނިކޮށްފައި ވުމާއި، ބާލިޣްވެފައިވާ އަންހެނުންގެ ރީތި އަޑުތައް ފާޅުކޮށް އަޑުހަރުކޮށް ފިރިހެނުންނަށް ފާޅުކޮށްފައިވުމާއި މިފަދަ އެތަކެއް މުންކަރާތުގެ ޢަމަލުތަކެވެ.  

ފަހެ، މިއީ ﷲ ތަޢާލާ ބާވައިލެއްވި އެތައް ޙުކުމްތަކާއި އެތަކެއް ޙަރާމެއް އަދި އަޚްލާޤްތަކެއް އުގަންނަވައި ދެއްވާފައިވާ އިސްލާމީ ދުސްތޫރާއި މެދުގައި ޢަމަލުކުރުން އޮތް ގޮތެއް ނޫނެވެ.  

އެ ކިޔަވާއިރު އޭގެ ޙައްދުގައި އަދި އޭގެ ފިލާވަޅުތަކުގައި ނަފްސުތައް ނުވުމަކީ ކޮންފަދަ ބޮޑުވެގެންވާ ނުރައްކަލެއްގެ މައްޗަށް ނަފްސު ގެންދިއުން ކަމުގައިވޭ ހެއްޔެވެ؟ 

މިއީ ޝައްކެތްވެސް ނެތް ގޮތުގައި ބޮޑުވެގެންވާ ހަލާކުގެ ތެރެއަށް ނަފްސު ގެންދިއުމެވެ. 

الإمام الحسن البصرِي -رحمه الله- ވިދާޅުވެފައިވެ އެވެ.  ”ދުނިޔޭގެ ލޯބީގައި ޙައްދުފަހަނައަޅައިފި މީހާގެ ހިތުން އާޚިރަތުގެ ބިރުވެރިކަން ފިލައިދާނެ އެވެ.  ގިނަ ޢިލްމު ހޯދުމަށްފަހު، ދުނިޔެ ގިނައިން ހޯދަން ޝައުޤުވެރިވެއްޖެ މިހާގެ މައްޗަށް ﷲގެ ޙަޟުރަތުން ދުރުކުރެއްވުން އިތުރުވުން ނޫން އެއްޗެއް ނުވެ އެވެ. އަދި އެފަދަ މީހާ ދުނިޔެއިން ދުރުކުރެވިގެން ދިއުން އިތުރުވުން ނޫން އެއްޗެއް ނުވެ އެވެ.“ جامع بيان العلم 322 

ކިތައް ސުކޫލުތައް، މި މުބާރާތްތަކަކީ ސްކޫލަށް ތަށި ހޯދުން ކަމުގައި ހަދައިފައިވޭ ހެއްޔެވެ؟ މުބާރާތުން އެއްވަނަ ހޯދުން ކަމުގައި ލަނޑުދަނޑިއަށް ހަދައިފައިވޭ ހެއްޔެވެ؟ އެންމެ މޮޅު ސުކޫލް ގޮތުގައި އެ އަހަރުގައި ކަނޑައެޅިގެން ދިއުން ކަމުގައި ހަދައިފައިވޭ ހެއްޔެވެ؟ 

މިއީ ނިޔަތް ފަސާދަކޮށް، ﷲއަށްޓަކައި ކުރުމަށް ކަނޑައެޅިފައިވާ ޢަމަލުން ދުނިޔެ ހޯދުން ކަމުގައި ނުބުނެވޭ ހެއްޔެވެ؟ 

މިއީ ޙަޤީޤަތުގައި މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުން ފަހު ޒަމާނުގެ ޙާލަތު ސިފަކޮށްފައިވާ ގޮތެވެ. މިއަދު މިވަނީ އެ ޙާލަތާއި ބައްދަލުވެފަ އެވެ. 

عَبْدُ الله بِن مَسْعُود رضي الله عنه ވިދާޅުވެފައިވެ އެވެ.  ”ފިތުނަވެރިކަމުގެ ފޭރާން ލުމަށްފަހު ތިޔަބައިމީހުންގެ ޙާލަތުއޮންނާނީ ކިހިނަކުން ހެއްޔެވެ؟ އެގޮތުގެ މަތީގައި މީސްތަކުން މުސްކުޅިވެ އެވެ. އަދި ކުޑަކުދިން ތަރުބިއްޔަތު ކުރެވެ އެވެ. އަދި މީސްތަކުން އެއީ ސުންނަތް ކަމުގައި ބަލައިގެންފައިވެ އެވެ. އެގޮތްތައް ބަދަލުކޮށްފި ހިނދުގައި ސުންނަތް ބަދަލުކޮށްފިއޭ މީސްތަކުން ބުނެ އެވެ.  

އެހިނދު ދެންނެވުނެވެ. އޭ  عَبْدُ الله بِن مَسْعُود رضي الله عنه އެވެ. ތިޔައީ ކޮންއިރެއްގެ ވާހަކަތޯ އެވެ؟ ވިދާޅުވި އެވެ. އެއީ، ތިޔަބައިމީހުންގެ ތެރޭގައި ޤާރީން ގިނަވެ، ފިޤުހުވެރިން މަދުވެއްޖެ ހިނދުގަ އެވެ. އަދި މުދާތައް ގިނަވެ އަމާނާތްތެރިން މަދުވެއްޖެ ހިނދުގަ އެވެ. އަދި އާޚިރަތަށް ހޯދުމަށްޓަކައި ކުރުމަށްއޮތް ޢަމަލު ތަކުން ދުނިޔެ ހޯދުމުގައި ވުމެވެ.“ 

އެހެންކަމުން މިފަދަ މުބާރާތް ތަކުގެ އަސްލަކީ، ހުއްދަވެގެންވާ މުބާރާތްތައް ކަމުގައިވިޔަސް، އެމީހެއްގެ ނިޔަތް ފަސާދަ ކުރާ މިފަދަ ކަންތައްތަކުން އަހަރެމެން ދުރުވާންޖެހެ އެވެ.  

ސަބަބަކީ، ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށް ކަމުގައިވުމެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply