ތަޥްބާ ވުމަށް ވަކި ޙާއްސަ ނަމާދެއްވޭތޯއެވެ؟ އަދި ތަޥްބާ ވާނީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ތަޥްބާ ނަމާދާއި މެދުގައި ބުނަމެވެ.
1. ތަޥްބާ ނަމާދު ޝަރުޢު ވެގެންވާ ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެއީ އެފަދައިން ވާރިދުވެގެންވާ ޙަދީޘެއްގެ މައްޗަށް ބިނާ ކޮށެވެ. އިމާމް أبو داود ޞަޙާބީ أبي بَكْرٍ الصديق – رَضِيَ اللَّهُ عَنْهُ- ގެ އަރިހުން ރިވާކޮށްފައިވެ އެވެ. (ޞަޙާބީ ވިދާޅުވެފައިވެ އެވެ.) ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވަނިކޮށް އަޑު އެހީމެވެ. ( مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ ، ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ ، ثُمَّ يَسْتَغْفِرُ اللَّهَ إِلَّا غَفَرَ اللَّهُ لَهُ ، ثُمَّ قَرَأَ هَذِهِ الْآيَةَ : ”وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ“) ”ފާފައެއް ކުރުމަށްފަހު ވުޟޫކޮށް އަދި ވުޟޫ ފުރިހަމަކުރުމަށްފަހު، ދެރަކުޢަތް ނަމާދެއް ކުރުމަށްފަހުގައި، ﷲ سبحانه وتعالى ގެ ޙަޟުރަތުން ފާފަ ފުއްސެވުމަށްއެދި ދަންނަވާ އެއްވެސް އަޅަކު ނުވެ އެވެ. އެމީހެއްގެ ފާފަ ފޮހެވިގެންދެ އެވެ. ދެން އެއަށްފަހުގައި މި އާޔަތް ނަބިއްޔާ صلى الله عليه وسلم ކިޔަވާ ވިދާޅުވި އެވެ. وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ އަދި، އެބައިމނީހުންނަކީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެބައިމީހުންގެ ނަފްސު ތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެބައިމީހުންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެބައިމީހުން ދެނެތިބި ޙާލު އެބައިމީހުން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.“
މި ޙަދީޘް ސުނަނުގެ އަހުލުވެރިންގެ ތޭރޭގައި ހިމެނިވަޑައިގަންނަވާ أبو داود 1521 الترمذي 406 ابن ماجه 1395 އަދި އެ ނޫން އިމާމުންވެސް ރިވާކޮށްފައިވާ ޙަދީޘެކެވެ. މި ޙަދީޘްއަކީ ޞައްޙަ ޙަދީޘެއްގެ ގޮތުގައި އިމާމް الألباني -رحمه الله- ކަނޑައަޅުއްވާފައިވެ އެވެ.
ދަންނައެވެ! މިއީ މަތިވެރި ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެކެވެ. މިއީ މި ފަދައިން ކުރާ ނަމާދުކޮށް ﷲ ގެ ޙަޟުރަތުގައި ދުޢާކޮށް ދެންނެވުމުގައި ލިބޭ ޘަވާބާއި ދަރުމަ އެވެ. ބައެއް މީހުންނަށް ހީވެފައިވާ ގޮތަށް މިއީ ”ތަޥްބާވާމީހެއް ނަމަ“ ކުރަންޖެހޭ ނަމާދެއް ގޮތުގައި ޝަރުޠު ކަނޑައެޅިގެންވާ ގޮތުގައި އޮތް ޝަރުޠެއް ނޫނެވެ.
މި ޙަދީޘްގައި އައިސްފައިވާ ގޮތަށް ނަމާދު ކުރާ މީހަކު، ނަހީ ކުރެވިގެންވާ ވަޤުތެއްގައި ނަމާދު ކޮށްގެން ނުވާނެ އެވެ.
2. މުސްލިމަކަށް ފާފައެއް ކުރެވުމުން، އެއީ ކުޑަ ފާފައެއް ނުވަތަ ބޮޑު ފާފައެއް ކަމުގައިވީނަމަވެސް އަޅާއަށް ވާޖިބުވެގެންވަނީ ވީހާވެސް އަވަހަކަށް ތަޥްބާވުމެވެ. އަދި މިފަދައިން ދެރަކުޢަތް ނަމާދެއް ކުރުން ޝަރުޢުވެގެންވާ ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
ދަންނަ އެވެ. ތަޥްބާގެ ނަމާދަކީ ބައެއް މީހުން ދަންނަ ގޮތުގައި އެފަދައިން ނަމާދެއް ކޮށްގެން މެނުވީ ކުށްފާފައިން ތަޥްބާ ނުވެވޭނެ ކަމެކެވެ. އެ ގޮތުން ނަމާދު ނުކުރާނަމަ އެމީހަކު ތަޥްބާވުމެއް ނުވެ އެވެ. މިއީ ވަރަށްބޮޑުވެގެންވާ ކުށް ޙީއެކެވެ. ސަބަބަކީ ތަޥްބާ ވުމުގެ ޝަރުޠުތަކުގެ ތެރޭގައި މިފަދައިން ނަމާދު ކުރެމެއް ކަނޑައެޅިފައެއް ނުވެ އެވެ.
އެހެނަސް މި ނަމާދަކީ، އެމީހަކު ﷲ އަށް ކުއްތަން ވުމާއި އަދި ދުޢާކޮށް ﷲ އަށް ތަޥްބާވެ ދެންނެވުމުގައި އެ އިލާހުގެ ޙަޟުރަތަށް ހެޔޮ ޞާލިޙް ޢަމަލެއްކުރުމާއި ކުއްތަންވުމުގެ ގޮތުން ކުރާ ދެރަކުޢަތް ނަމާދެކެވެ.
ވުމުން ނަމާދެއް ނުކުރި ކަމުގައިވީނަމަވެސް އެމީހަކު ތަވްބާ ވުމުގެ ޝަރުޠުތައް ފުރިހަމައަށް ހިފަހަށްޓަކައިފިނަމަ، ތަޥްބާވެވޭނެ އެވެ.
3. ތަވްބާއާ ގުޅިގެން ކަނޑައެޅިފައިވާ ޝަރުޠުތަކުގެ ތެރޭގައިވެ އެވެ.
الإمام شيخ الإسلام ابن تيمية رحمه الله : ވިދާޅުވެފައިވެ އެވެ .
”ތަޥްބާވުމަކީ ހެޔޮއަޅުކަންތަކުގެ ތެރޭގައި ހިމެނިގެންވާ އެންމެ ހެޔޮވެގެންވާ އަޅުކަމެވެ. އަދި އެންމެހައި އަޅުކަންތަކަށް ﷲ އަށް އެ އަޅުކަމުގައި އިޚްލާޞްތެރިވުމާއި، ﷲ ގެ ރަސޫލާއަށް ތަބަޢަވުން އަމުރު ކުރެވިފައިވެ އެވެ.“
الفتاوى 11 /697
ވުމާއެކު ދެނެގަންނަންވީ ތަޥްބާވާންޖެހެނީ ކިހިނަކުންތޯ އެވެ؟
1. އިންސާނަކަށް އެފަދަ ފާފައަކަށް އަރައިގަނެވިފައި ވުމުން އެކަމަށް ﷲ ގެ ޙަޟުރަތުގައި އިޢުތިރާފް ވުމެވެ.
2. އެފަފާއަށް އަރައިގަނެފައިވުމުގެ މައްޗަށް ހިތާމަ ކުރުމެވެ.
3. އެ ފާފައަކަށް އެއަށްފަހު ދުވަހަކުވެސް އަރައި ނުގަންނާނެ ކަމުގައި ޢަޒުމް ކަނޑައެޅުމެވެ. (ބުނަމެވެ : އެއަށްފަހު އެ ފާފައަށް އަރައިގަނެވުމަކީ، ތަޥްބާ ވުމަށް އޮތް ހުރަހެއް ނޫނެވެ. އޭނާއަށް ތަޥްބާވެވޭ ކަމުގައިވާނަމަ އެ އަޅާވަނީ ހެޔޮ ކަމުގަ އެވެ. الحافظ النووي ވިދާޅުވެފައިވެ އެވެ . ” ފާފައެއް ސަތޭކަ ފަހަރަށް ތަކުރާރު ކުރެވުނު ކަމުގައިވީ ނަމަވެސް ނުވަތަ އެއްހާސް ފަހަރަށް ތަކުރާރު ކުރެވުނު ކަމުގައިވީ ނަމަވެސް، އޭނާ ތަޥްބާ ވުމުންވެސް އޭނާގެ ތަޥްބާ ޤަބޫލުވޮޑިގަންނަވާނެ އެވެ. އަދި އޭނާގެ އެ ފާފަ ފުހެވިގެންދާނެ އެވެ.“ شرح صحيح مسلم ) އަދިވެސް މަ މައުޟޫގައި ވެ އެވެ. شَيخُ الإِسلام ابن تَيميَّة ވިދާޅުވެފައިވެ އެވެ. ”މުސްލިމް އަޅާ ފާފައިން ތަޥްބާވުމަށްފަހު، އެ ފާފައަށް އެނބުރި ދިއުމުން އޭގެ މަތީގައި ދެމިހުރުމެއް ނުވެ އެވެ. އަދި ކިޔެއްތަ! އޭނާއަށްއޮތީ ފާފައިން ތަޥްބާވުމެވެ. އެއީ ދުވާލެއްގެ މައްޗަށް 100 ފަހަރު އެއަށް އަރައިގަނެވުނު ކަމުގައިވީނަމަވެސް އެވެ.“ مجموع الفتاوى 16/ 58
4. އެ ފާފައިގައި އާދަމު ދަރިއެއްގެ ޙައްޤެއް އެކުލެވިގެންވާނަމަ އެ ޙައްޤު އޭގެ އަހުލުވެރިޔާއަށް ރައްދުކޮށްދޭން ޖެހޭނެ އެވެ. (މިޘާލަކަށް، މީހެއްގެ އަތުން އެއްޗެއް ވަޤަށް، ފޭރި، ނަގައިފައިވާނަމަ އެ އެއްޗެއް އަނބުރައި ދިނުމެވެ.)
5. ހުއްދަވެގެންވާ ވާޤުތުގައި ތަޥްބާވުމެވެ. އެގޮތުން އިންސާނާ އޭނާއާ މަރުބައްދަލު ކުރުމުގެ ވަޤުތު އައުމުގެ ކުރިން ތަޥްބާވާން ޖެހޭނެ އެވެ. މަރުގެ ތުންފަތްމައްޗަށް އައުމުން އެހިނދު އެ ދޮރުވާނީ ބަންދުވެފަ އެވެ. އަދި އިރުމަތިން އަރާ އިރު، ހުޅަގުން އެރުމުގެ ކުރިން ތަޥްބާވުމެވެ. އަޚާ އެވެ! ﷲ ތިބާއަށް ހެޔޮމަގަށް މަގުދައްކަވާށި އެވެ.
6. އިސްވެ ބަޔާން ކުރެވިފައިވާ ދެރަކުޢަތުގެ ނަމާދު އަދި އެ ނަމާދުގައި ކިޔުމަށް ވަކި ޚާއްޞަ ސޫރަތްތަކެއް ނުވެ އެވެ. އާއެކެވެ! ޤިޔާމުގައި ފާތިޙާ ސޫރަތް ކިޔެވުން ވެ އެވެ. އެހެނަސް އެއަށްފަހު ކިޔުމަށް ކަނޑައެޅިފައިވާ ވަކި ޞޫރަތެއް ކިޔުން ވާރިދުވެފައިއެއް ނެތެވެ. އަދި ނަމާދު ކުރުމަށް ޚާއްޞަ ސިފައެއްވެސް ނެތެވެ. އެހެން ނަމާދު ތަކުގައި ކިޔާ ޛިކުރުތައް ފިޔަވައި ޚާއްޞަ ޛިކުރެއް ނުވެ އެވެ. ނަމާދު ކޮށް ނިންމާފައި ކިޔުމަށް ޚާއްޞަ ދުޢާއެއްވެސް ނުވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.