ހުރިހައިި ޔަހޫދީން ފަނާވެ ހަލާކުވުމަށް ދުޢާ ކުރެވިދާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މި ޒަމާނުގައި މުސްލިމުންނާއި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ޢާފާތާއި މުޞީބާތަކީ، ޢިލްމުގެ މައްޗަށް ޖާހިލުވެފައި ވުމެވެ.
ޖާހިލު ކަމާއި ތަންދޮރު ފިލާފައި ނުވުމުގެ ސަބަބުން ކިތަންމެ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދާހިނދުވެސް ޖާހިލު ތަންދޮރު ނުދަންނަ މީހާއަށް އޭނާގެ ޢަމަލުގެ ޙަޤީޤަތް ނޭނގޭނެ އެވެ.
ނަބިއްޔާ ﷺ ގެ އަރިއަހުން (الصَّحِيْحَيْن) ގައި ވާރިދުވެގެންވެ އެވެ. (إِنَّ اللهَ لاَ يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتى إِذاَ لَمْ يُبْقِ عَالمًا، اتَّخَذَ النَّاسُ رُؤُوْسًا جُهَّالًا، فَسُئِلُوا، فَأَفْتَوا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا) ”ހަމަކަށަވަރުން ﷲ އެކަލާނގެ އަޅުތަކުންނަށް ޢިލްމު ދެއްވުމަށް ފަހުގައި، އެޢިލްމު އެކައްޗަކަށް އަޅުތަކުންގެ ތެރެއިން ނުހިއްޕަވާނެތެވެ. އެހެނަސް އެކަލާނގެ ޢިލްމު ހިއްޕަވަނީ ޢިލްމުވެރިންގެ ފުރާނަ ހިއްޕެވުމުގަ އެވެ. އެގޮތުންގޮސް އުއްމަތުގައި އެއްވެސް ޢިލްމުވެރިއަކު ބިންމަތީގައި ނުވާނެ އެވެ. އެހިނދު މީސްތަކުން އެބައިމީހުންގެ މައްޗަށް ތަންދޮރު ފިލާފައި ނުވާ ޖާހިލުން ޢިލްމުވެރިންގެގޮތުގައި އިސްކުރާނެ އެވެ. އަދި އެބައިމީހުން ކައިރިން ސުވާލުކުޅައުމުން އެއަށް އެ ޖާހިލުކަމުގައިވާ މީހުން ޖަވާބު ދޭނެ އެވެ. ފަހެ، އެމީހުންގެ އަމިއްލަނަފްސާއި، އަދި އެހެނިހެން މީސްތަކުން މަގުފުރެދިގެންދެއެވެ.“
ވުމާއެކު، ޢިލްމުގެ އަހުލުވެރިން ނެތިވެ، ޙައްޤު ޢިލްމު ދިއުމުން ފެންނާނެ ޙާލަތާއި މެދުގައި ވިސްނާލުންވެ އެވެ.
ޙައްޤު ޢިލްމު މީސްތަކުންގެ ތެރެއިން ނެތިވެ، ބާޠިލް އާއި ޙައްޤު ނޫން ބަސްތައް އެއީ ދީނާއި ޝަރީޢަތާއި ޢިލްމުކަމުގައި ވެއްޖެހިނދު ބުނާނީ ކީކޭ ހެއްޔެވެ؟
ޝައްކެތްވެސް ނެތެވެ. މިއީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. الإِمَامُ اِبْنُ أَبِيْ شَيْبَة رحمه الله (المُصَنِّفْ -37577) ގައި الإِمَامُ الشَّعْبِيْ ގެ އަރިއަހުން ގެނެސްދެއްވާ ވިދާޅުވެފައިވެ އެވެ. ”ޢިލްމު ޖާހިލު ތަކެއްޗަށް އަދި ޖާހިލު ތަކެތި ޢިލްމަށް ބަދަލުވެ ދިއުމަށްފަހު މެނުވީ ޤިޔާމަތެއް ނުވާނެ އެވެ.“ މާނައަކީ ހަމަކަށަވަރުން ތިލަފަތް އެކޮޅުކޮޅުން ޖެހިގެންދިއުމެވެ.
ابنُ تَيْميَّةَ رحمه الله ވިދާޅުވެފައިވެ އެވެ. ”އެންމެހައި ހެޔޮކަންތަކާއި، ކާމިޔާބީއާއި އިޞްލާހު އަދި ފުރިހަމަކަން އެކުލެވި ލާމެހިފައިވަނީ ދެ އެއްޗެއްގެ ތެރޭގައިއެވެ. ފައިދާ ކުރަނިވި ޢިލްމާއި، ޞާލިޙް ޢަމަލު ކުރުމުގައިއެވެ.“ مجموع الفتاواى (19- 169)
ވަރަށްބޮޑު ހިތާމައެކެވެ! ﷲ އަށް ކުއްތަންވުމާއި، އެކަލާނގެއަށް ކުރާ އަޅުކަންތަކުގައި މީސްތަކުން ޖާހިލުވެ، ޙައްޤު ޢިލްމު ދޫކޮށް، ޖަޒުބާތާއި ޖޯޝުގައިވެއްޖެހިނދު ބުނާނީ ކީކޭ ހެއްޔެވެ؟ އޭގެ އިތުރަށް މީސްތަކުން އެފަދަ ބަސްތަކާއި ޢަމަލުތައް ކޮށް އެއަށް ހިތްވަރުދޭހިނދު، ސުންނަތުގެ ބީރައްޓެހިކަން ބޮޑުވެފައިވާވަރު ފެނުމުން މިއީ ހިތާމަކުރަންޖެހޭ، އިންތިހާއަށް ދެރަވާ ޙާލަތެކެވެ.
މި ދުވަސްތަކަކީ، ލާއިންސާނީ އަނިޔާވެރި ޔަހޫދީ ޞަހުޔޫނީން -ޒަޔަނިސްޓުން، ފަލަސްޠީނުގައިވާ މުސްލިމު އަޚުންނާއި އުޚްތުންގެ މައްޗަށް ޢުދުވާނީ ޙަމަލާތައް ދީ އެ ބަލިކަށި މުސްލިމުންނަށް އެތައް އަނިޔާއެއް ހިންގަމުންދާ ދުވަސްތަކެކެވެ. އެތައް އަނިޔާތަކެއް، އެތައް ގެއްލުމެއް ފަލަސްޠީނަށް އެ ޔަހޫދީން ފޭރިގެންފައިވާ ބިމުގައި ތިބެގެން މުސްލިމުންނަށް އެދަނީ ގެންދަމުންނެވެ.
ދަންނަންޖެހެ އެވެ! ހިތާމައާއި ދަތި އަދި އުނދަގުލާއި، ފަސޭހަ، އަމަންކާމާއި ބިރުވެރި ދަނޑިވަޅުގައިވެސް މުއުމިނު އަޅާގެ ޢަމަލު ދަލީލުތަކުގައި ޤާއިމްކުރަންޖެހެ އެވެ.
ޖަޒުބާތާއި، ޖޯޝުގައި ޖެހި، ޢަމަލުތަކުގެ އިމުން، ޙައްދުން ނައްޓައިގެން ނުވާނެ އެވެ. ފަހެ، ﷲ ތަޢާލާއީ އިންތައް ފަހަނައަޅައިދާ މީސްތަކުންދެކެ ލޯބިވޮޑި ނުގަންނަވާ ފަރާތެއް ކަމުގައިވެ އެވެ. ﴿إِنَّهُ لَا يُحِبُّ الْمُعْتَدِينَ﴾ ”ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.“
މިދުވަސްތަކުގައި ފަރުޟު ނަމާދުތަކުގައި ޤުނޫތު ނާޒިލާ ކިޔުމަށް ވަލިއްޔުލް އަމްރު އަމުފުރުޅު ކުރެއްވުމާއެކު، ދަނޑިވަޅާއި ނުހަނު ގުޅޭ އަދި ނުހަނު މުނާސިބު ދުޢާއެއް މިސްކިތުގެ އިމާމުންނަށް ސަރުކާރުންވަނީ ޤުނޫތުގައި ކިޔުމަށް ދީފަ އެވެ. ދުޢާގައި ޙާލަތާއި ގުޅޭ ކަންތަކަށް ރިޢާޔަތް ކޮށްފައިވެ އެވެ.
ދީނުގައި، ޝަރީޢަތުގައި ކަނޑައެޅިފައިވާ އިމުގައިވަނީ، ނާޒިލާގެ ޤުނޫތަކީ އެ ދަނޑިވަޅާ ގުޅޭ ޚާއްޞަ ކަލިމަތަކުން ކުރެވޭ ދުޢާއެއް ކަމުގައި ވުމެވެ. އަދި އެއަށްވުރެ އިތުރު ބަސްތަކެއްވެސް ނާޒިލާގައި ނުކިޔުމެވެ.
الإِمَام الشيخ ابن العُثَيْمِيْن رحمه الله ވިދާޅުވެފައިވެ އެވެ. ”އެބަޔަކަށް ދިމާވެފައިވާ ނާޒިލާއާ މުނާސިބް ދުޢާއެއް ކުރުން ހުއްޓެވެ. ފަހެ، އެހެންވުމުން ރަސޫލާ ﷺ މި ނަވާޒިލް ޤުނޫތުގައި، އެ ނާޒިލާއަކާ މުނާސަބު ދުޢާއެއް ކުރައްވަ އެވެ. އެއްވެސް ގޮތަކަށް ދުޢާކުރައްވާ (اللَّهُمَّ اهْدِني فيمن هَديت) މިފަދައިން ވިދާޅެއް ނުވެ އެވެ. މިއީ ބައެއް ޢާންމީން (ޢިލްމެއްނެތް، ތަންދޮރު ނުދަންނަ) ކަންކުރާގޮތެވެ. އަދި ނަބިއްޔާ ﷺ އަރިހުން ޞައްޙަ ޙަދީޘެއްގައި އަދި ބަލިކަށި ޙަދީޘެއްގައިވެސް އެއްވެސް ޙާލެއްގައި (اللهم اهْدِني فِيمَنْ هَدَيت) -މިފަދައިން ދުޢާކޮށް- ފަރުޟުނަމާދުގައި ވިދާޅުވެފައި ނުވެ އެވެ. އެހެނަސް ދުޢާކުރުން އޮތީ އެ ދިމާވެފައިވާ އެ ނާޒިލާއަކާ ގުޅޭ ގޮތުންނެވެ…..“
އެއަށްފަހު މި ތަނުގައި ބަޔާން ކުރުމަށް ބޭނުންވާ ނުކުތާ ޛިކުރު ކުރަމެވެ.
މި އުއްމަތުގެ ތެރެއަށް ދުޢާ ކުރުމުގައި ޙައްދުފަހަނަ އަޅާފައިވާ ބަޔަކު ފާޅުވާނެ ކަމުގެ ޚަބަރު ނަބިއްޔާ ﷺ ދެއްވާފައިވެ އެވެ. އެފަދަ ފަރާތެއްގެ ގޮތުގައި ވެދާނެ ކަމުގެ މައްޗަށް ބިރުވެތިވާން ނުވޭ ހެއްޔެވެ؟ ޢިލްމު ނެތި، ޝަރީޢަތް ނޭނގި ތިމާއަށް ހަމައެކަނި ޤުރުއާން ކިޔެވުމަށް އެނގުނަސް އެއީ ޢިލްމީ މައިދާނުގެ މައްޗަށް ލޯ ހުޅުވުނު ކަމުގައި ނުވާނެ އެވެ. އިމާމް أبي داود ސުނަނުގައި 1480 ޞަޙާބީ سعد بن أبي وقاص ގެ އަރިހުން ރިވާކޮށްފައިވާ ހަދީޘްގައިވެ އެވެ. ޞަޙާބީ ވިދާޅުވި އެވެ. (إنِّي سَمِعْتُ رسولَ اللَّهِ صلَّى اللَّهُ عليهِ وسلَّمَ يقولُ سيَكونُ قومٌ يعتدونَ في الدُّعاءِ فإيَّاكَ أن تَكونَ منهُم…) ”ދުޢާ ކުރުމުގައި ޙައްދުފަހަނައަޅައި ދާނެ ބަޔަކު ފާޅުވާނެ ކަމުގައި ރަސޫލާ ﷺ ޙަދީޘްކުރެއްވި އަޑު ތިމަން އަޑު އެހީމެވެ. (އެއަށްފަހު ޞަޙާބީ ދަރިފުޅަށް މުޚާޠަބު ކުރައްވައި ވިދާޅުވި އެވެ.) ތިބާއަކީ އެފަދަ މީހުންގެ ތެރެއިން މީހެއްގެ ގޮތުގައި ނުވުމަށް ސަމާލުވެ ރައްކާތެރިވުން ހުއްޓެވެ.“
އެއް ރެއެއްގެ ޢިޝާ ނާމާދަށް އެރި މިސްކިތުގެ އިމާމް ޤުނޫތުގެ ދުޢާ އަމިއްލަ ޖުމްލަތާކާއި އަމިއްލަ ކަލިމަތްތަކެއް ބޭނުންކޮށްގެން ކިޔެ އެވެ. ޔަހޫދީންގެ މައްޗަށް ދުޢާ ކުރަމުންގޮސް ދުޢާގައި ބުންޏެވެ. (اللَّهُمَّ عَلَيك بَاليَهُود، اللهم لا تبقِ أَحَدا منهم في الوُجُود …) ”އަޅަމެންގެ ވެރި އިލާހު! ޔަހޫދީން ހިއްޕަވާނދޭވެ! އަޅަމެންގެ ވެރި އިލާހު! އެ ޔަހޫދީންގެ ތެރެއިން އެކަކުވެސް މި ވުޖޫދުގައި ނުބަހައްޓަވާނދޭވެ!“ މިފަދައިން ދުޢާ ކުރި އެވެ. އަޚުންނޭވެ! ފަހަތުގައިވާ މައުމޫމުން ”آمِين އިބަ އިލާހު އަޅަމެންގެ ދުޢާ އިޖާބަ ކުރައްވާނދޭވެ!“ މި ނޫން އެއްޗެއް ކިޔާނެ ހެއްޔެވެ؟
މި ދުޢާގެ މައްޗަށް ބަލާލުން ހުއްޓެވެ.
ފުރަތަމައީ : އިމާމް البخاري ޞަޙީޙުގައި 2926 ޞަޙާބީ أبو هريرة ގެ އަރިހުން ރިވާކޮށްފައިވާ ހަދީޘްގައިވެ އެވެ. (لا تَقُومُ السَّاعَةُ حتَّى تُقاتِلُوا اليَهُودَ، حتَّى يَقُولَ الحَجَرُ وراءَهُ اليَهُودِيُّ: يا مُسْلِمُ، هذا يَهُودِيٌّ وَرائي فاقْتُلْهُ)
”ތިޔަބައިމީހުން ޔަހޫދީންނާއި ހަނގުރާމަކުރުމަށް ދާންދެން ދުނިޔެ ޤިޔާމަތެއް ނުވާނެ އެވެ. (އެހިނދުގައި) ހިލަގަނޑުގެ ފުރަގަހުގައި ޔަހޫދީއެއް ވާހިނދު ބުނާނެ އެވެ. އޭ މުސްލިމެވެ! އަހަރެންގެ ފުރަގަހުގައި މި ހުރީ ޔަހޫދީ އެކެވެ! އޭނާ (ޤަތުލުކޮށް) މަރާލުން ހުއްޓެވެ!“
ޙަދީޘްއިން ބަޔާންވަނީ ދައްޖާލު ފާޅުވެ ދައްޖާލު އެކުގައި ޔަހޫދީންވާހިނދު، ﷲގެ ރަސޫލާ އަދި ނަބިއްޔާ ﷺ عيسى عليه السلام ބިންމައްޗަށް ފައިބައިވަޑައިގަންނަވައި މުސްލިމުންނާއެކުގައިވެ، ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަމެވެ. ޙައްޤު ޖިހާދެއް ޔަހޫދީންނާއި ދެކޮޅަށް ކުރައްވާނެ ކަމެވެ. އަދި މި ހަނގުރާމައިގައި މުސްލިމުންނާއި އެންމެހައި ތަކެއްޗެއް، ހިލަވެސް، ގަސްތައްވެސް ބައިވެރިވާނެ ކަމެވެ. ދިރުމެެއްނެތް ތަކެތިވެސް ވާހަކަ ދައްކައި މުސްލިމުންނާއި ބައިވެރިވާނެ ކަމެވެ. ބޮޑުވެގެންވާ ނަޞްރާއި ކާމިޔާބެއް މުސްލިމުން ޔަހޫދީންގެ މައްޗަށް ހޯދާނެ ކަމާއި އެންމެހައި ޔަހޫދީން ނައްތާލެވޭނެ ކަމެވެ.
މިއީ ނަބިއްޔާ ﷺ ގެ ނަބީކަމުގެ ދަލީލުތަކުގެ ތެރެއިން ދަލީލެކެވެ. ބުރުހާނެކެވެ. ފަހު ޒަމާނުގައި ހިނގާނެ ކަމެއްގެ ވާހަކަ މިވަނީ ބަޔާންކޮށްފަ އެވެ.
ޔަހޫދީން ދައްޖާލު ފާޅުވާންދެން ބިންމަތީގައި ތިބޭނެ ކަމެވެ. ޔަހޫދީން ދައްޖާލަށް ތަބަޢަވާނެ ކަމެވެ.
ފަހެ، ﷲ ތަޢާލާ އެކަލާނގެ ޢަޒަލުގައި ނިޔާގައި މިވަނީ މިފަދައިން ނިޔާކުރައްވާފަ އެވެ. ޔަހޫދީން އެ ޒަމާނާއި ޖެހެންދެން ތިބޭނެކަމެވެ. ދުނިޔެ މަތީގައި ވުޖޫދުގައި ވާނެ ކަމެވެ.
ވީހިނދު، ހުރިހައި ޔަހޫދީން ބިންމަތިން ނައްތާލުމަށް ދުޢާ ކުރަނީ ކިހިނަކުން ހެއްޔެވެ؟ މިއީ ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ކުރެވޭ ދުޢާ އެއް ހެއްޔެވެ؟ ﷲގެ ނިޔާއާއި ޤަދަރުގެ ތެރޭގައި ކުރެވޭ ދުޢާއެއް ހެއްޔެވެ؟
ޖަވާބަކީ ނޫނެކެވެ. ﷲ އެކަލާނގެ ތަޤްދީރުގައި ނިޔާގައި ޔަހޫދީން ދުނިޔެ މަތީގައި އެ ޒަމާނާއި ޖެހެންދެން ތިބާނެކަން ޛިކުރުކޮށްފައިވާހިނދު، ހުރިހައި ޔަހޫދީން ނައްތައިލުމަށް ﷲގެ ޙަޟުރަތުގައި ދުޢާކޮށް އެދޭނެ ހެއްޔެވެ؟
މިއީ ދުޢާ ކުރުމުގައި ޙައްދުފަހަނައަޅައި ދިއުމެވެ.
ޢިލްމާއި ޝަރުޢީ މިންގަނޑާއި ފިހުގު ނެތުމުގެ ހިތާމައިގެ ބޮޑު ކަމާ އެވެ.
الشيخ صَالح آل الشيخ -حفظه الله- ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، އެންމެހައި ޔަހޫދީންނާއި އެންމެހައި ނަޞާރާއިންގެ މައްޗަށް ހަލާކުވެ ނެތި ދިއުމަށް ދުޢާކުރުމަކީ، ފަހެ، ހަމަކަށަވަރުން ޝަރީޢަތުގައި އެއީ ހުއްދަވެގެންވާ ކަމެއްް ނޫނެވެ. އަދި އެއީ ދުޢާ ކުރުމުގައި ޙައްދުފަހަނައަޅައި ދިއުމެކެވެ. ސަބަބަކީ، ﷲ عزوجل އަހަރެމެންނަށް ޚަބަރު ދެއްވާފައިވަނީ ދައްޖާލު ފާޅުވަންދެން ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިން ދެމި ތިބޭނެ ކަމެވެ. ފަހެ، ޖައްޖާލު ފާޅުވުމުގެ ކުރިން ﷲ ގެ ޙަޟުރަތުން އެބައިމީހުން ނައްތާލުމަށް ދުޢާ ކުރުމުން، އެހިނދު އެކަން ވެގެންދަނީ، ﷲ ތަޢާލާ އެބައިމީހުން ފަހުޒަމާނާ ޖެހެންދެން ކައުނުގައި ޤަދަރުގައި ލައްވާފައިވުމުގެ ޙިކްމަތަށް އިއުތިރާޒް ކުރުމުގެ ތެރެއިންނެވެ. ވުމުން، އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ތެރެއިން، އިސްލާމް ދީނަށް ފާޅުވި އެއްވެސް އިމާމެއްގެ ކިބައިން އެންމެހައި ޔަހޫދީން، އެންމެހައި ނަޞާރާއިންގެ މައްޗަށް (ބަދު ދުޢާ) ކުރައްވާފައި ނުވެ އެވެ. އެހެނަސް ދުޢާކުރުން އޮތީ ޚާއްޞަކޮށް މުސްލިމުންނާއި ހަނގުރާމަ ކުރުމުގައިވާ، މުސްލިމުންނަށް އަނިޔާ ކުރުމުގައިވާ އެފަދަ ފަރާތްތަކުގެ މައްޗަށެވެ.“ محاضرة أسباب الثبات على الدين
ހިތާމައަކީ، މިފަދަ ޙައްދު ފަހަނައަޅައިފައިވާ ދުޢާ، ﷲގެ ތަޤްދީރުގައި، ނިޔާގައި ކަނޑައަޅުއްވާފައިވާ ގޮތާއި ދެކޮޅަށް، އެއީ ޔަހޫދީންނަށް ނުވަތަ ކާފަރުންނަށް ދުޢާ ކުރުމުން އެއީ ގަދަ ކެރޭ އަދި އީމާންކަން ވަރުގަދަ، ތަޤްވާވެރިކަމުގެ ފަރާތެއްކަމުގައި ދެކޭ ކަމެވެ.
ޖާހިލުކަން އިންސާނާ ގެންގޮސްދޭ ހިސާބެވެ. والله المستعان
ފަހަރެއްގައި މީހަކު އެހިނދު ބުނެފާނެ އެވެ. ﷲގެ ރަސޫލާ نُوح عليه السلام ޙަޔާތްޕުޅުގައި އެންމެހައި ކާފަރުން ހަލާކުވެ ނެތިވެ ދިއުމަށް ދުޢާ ކުރެއްވި ނޫން ހެއްޔެވެ؟ އެހިނދު އެފަދައިން އަހަރެމެންނަށްވެސް ދުޢާ ކުރެވޭނެ ނޫންތޯ އެވެ؟
ޖަވާބަކީ : އާއެކެވެ! އެންމެހައި ކާފަރުންގެ މައްޗަށް ދުޢާ ކުރެއްވި އެވެ. އެންމެހައި ކާފަރުން ނެތިވެ ފަނާވެ ދިއުމަށް ދުޢާ ކުރެއްވި އެވެ.
މި ކަމުގެ ޙަޤީޤަތް ބަޔާން ކުރައްވާ އިމާމް ابنُ تَيْميَّةَ رحمه الله ވިދާޅުވެފައިވެ އެވެ. ”ބިންމަތީގައިވާ އެންމެހައި ކާފަރުން ހަލާކު ކުރެއްްވުމަށް އެދި نُوح عليه السلام ދުޢާ ކުރެއްވީ، ﷲ ތަޢާލާ نُوح عليه السلام އަށް އީމާންވި ފަރާތްތައް ފިޔަވައި އެހެން އެއްވެސް ބަޔަކު ޤައުމުގެ އަހުލުވެރިންގެ ތެރެއިން އީމާން ނުވާނެކަން އަންގަވައި ދެއްވުމަށްފަހުގަ އެވެ.“ مجموع الفتاواى (8- 336)
ދެވަނައީ : ސުންނަތުގައި ކަނޑައެޅިފައިވަނީ، ބައެއްގެ މައްޗަށް ދުޢާކުރާއިރު، މުސްލިމުންނަށް އަނިޔާވެރިވަމުންދާ އަނިޔާވެރި ކާފަރުންގެ މައްޗަށް ޚާއްޞަކޮށް ބަދު ދުޢާ ކުރުމެވެ. އެންމެހައި ކާފަރުންގެ މައްޗަށް ނޫނެވެ.
العَلاَّمَة صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ. ”މުސްލިމުންގެ މައްޗަށް އަނިޔާވެރިވާ ކާފަރުންގެ މައްޗަށް ދުޢާ ކުރާހިނދު، (އެ ދުޢާ) ކުރުން ޝަރުޢުވެގެންވަނީ ޚާއްޞަކޮށް އެ އަނިޔާވެރިވާ ފަރާތްތަކުގެ މައްޗަށެވެ. ސަބަބަކީ، ނަބިއްޔާ ﷺ ކާފަރުންގެ މައްޗަށް ދުޢާ ކުރެެއްވިހިނދުގައި އެ ކާފަރުންގެ ތެރެއިން އަނިޔާވެރިވި މީހުންގެ މައްޗަށް ދުޢާކުރެއްވި އެވެ. އެންމެހައި ކާފަރުންގެ މައްޗަށް ޢާންމުކޮށް ނުކުރައްވަ އެވެ. އަދި ދުޢާގައި (ހަދީޘް ކުރެއްވި އެވެ.) ”ޔާ ﷲ! މިވެނި، އެވެނި މީހަކަށް، ޤަބީލާއަކަށް ލަޢުނަތް ލައްވާށި އެވެ.“ އެންމެހައި ކާފަރުންގެ މައްޗަށް ދުޢާ ނުކުރައްވަ އެވެ.“ مجلة الدعوة العدد 1869
الشيخ صَالح آل الشيخ -حفظه الله- ވިދާޅުވެފައިވެ އެވެ. ”ކާފަރުންގެ މައްޗަށް ދުޢާ ކުރައްވާހިނދު، ނަބިއްޔާ ﷺ އަދި އަޞްޙާބު ބޭކަލުންގެ ހިދާޔަތަކީ، ޚާއްޞަކޮށް އަނިޔާވެރިވަމުންދާ ފަރާތްތަކުގެ މައްޗަށް ދުޢާ ކުރުމެވެ. އަދި ޚާއްޞަކޮށް މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅަށް ހަނަގުރާމަ ކުރުމުގައިވާ ފަރާތްތަކުގެ މައްޗަށެވެ…..“ محاضرة أسباب الثبات على الدين
ނިންމާލުމުގެ ކުރީގައި ބުނަމެވެ. ޤުނޫތު ނާޒިލާގައި ކިޔުމަށް ކަނޑައެޅިފައިވާ ދުޢާ ކިޔާނަމަ، އެއީ ފުދޭ މިންވަރު ކަމުގައިވެ އެވެ. އެ ދުޢާގައި މިފަދަ ކަންތައްތަކެއް ނުވެ އެވެ.
އަމިއްލައަށް އިތުރު ތަކްލީފުތައް އުފުލައި، އެއަށްފަހު ކުށްބަސްތަކާއި، ޙައްދު ފަހަނައެޅި ދުޢާތައް ކިޔުމަށް ފުރުސަތު ދިނުމަށްވުރެ، ނާޒިލާގެ ޤުނޫތު ކިޔުމުން ފުދޭނެ އެވެ.
ސުންނަތާއި ސަލަފިއްޔަތުގެ ހުރި ނިޢުމަތުގެ ބޮޑު ކަމާ އެވެ!
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.