ދުޢާ ކޮށް ނިމުމަށްފަހު، މޫނުގައި އަތް އެޅުމުގެ (ޙަމްދު އެޅުން) ޙުކުމަކީ ކޮބާ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ދުޢާ ކޮށް ނިމުމަށްފަހު، މޫނުގައި އަތް އެޅުން (ޙަމްދު އެޅުމާއި) މެދުގައި ބުނަމެވެ.   ދުޢާ ކުރުމަށް ފަހު މޫނުގައި ދެއަތް އެޅުމަކީ، ވާރިދުވެގެންވާ ޢަމަލެއް ނޫނެވެ.  ޞައްޙަ ގޮތެއް ނޫނެވެ.  

މާތް ނަބިއްޔާ صلى الله عليه وسلم  އަތްޕުޅު އުފުއްލަވާ ދުޢާ ކުރައްވާފައިވާކަން، ޞަޙާބީން ނުހަނު ގިނައިން ތަފާތު އެކި މައިދާންތަކުގައި ރިވާކޮށްފައިވެ އެވެ. އެހެނަސް އެބޭކަލުން ނަބިއްޔާ މޫނުފުޅުގައި އަތްޕުޅު އެޅުއްވިކަން ރިވާކޮށްފައެއް ނުވެ އެވެ.  

أحمد بن حنبل -رحمه الله- ވިދާޅުވެފައިވެ އެވެ. ”މޫނުގައި އަތްއެޅުމަކީ ދަންނަ ކަމެއް ނޫނެވެ.“               

شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ.  ”ފަހެ، ނަބިއްޔާ صلى الله عليه وسلم ދުޢާ ކުރެއްވުމުގައި ދެ އަތްޕުޅު އުފުއްލެވިކަން ގިނަ ޞައްޙަ ޙަދީޘްތަކެއްގައި ވާރިދުވެގެންވެ އެވެ. އަދި ނަބިއްޔާ ﷺ  ދެއަތްޕުޅުން މޫނުފުޅުގައި ޙަމްދުއެޅުއްވިކަން އެންމެ ޙަދީޘަކުން ނުވަތަ ދެ ޙަދީޘްއިން ބަޔާންވެގެންވެ އެވެ. މިއިން އެއްވެސް ޙަދީޘަކީ އެއަށް އެއްވެސް ޙުއްޖަތެއް ނެރެވޭ ޙަދީޘްއެއް ނޫނެވެ.“ 

مجموع الفتاوى 22-519        

العز بن عبد السلام -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދުޢާ ކޮށް ނިމުމަށްފަހުގައި، ޖާހިލެއް މެނުވީ މޫނުގައި ދެއަތް ނާޅާނެ އެވެ.“   فتاوى العز بن عبد السلام ص  47         

الشيخ العَلاَّمَة ابن العُثَيمِين  رحمه الله ވިދާޅުވެފައިވެ އެވެ.  ”ދުޢާ ކުރުމަށްފަހުގައި މޫނުގައި އަތް އެޅުމުގައި އެންމެ ޞައްޙަ (ހެޔޮ) ވެގެންވާ ބަސްފުޅަކީ، އެއީ ދީނުގައި ޝަރުޢުވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ އެކަމަށް ވާރިދުވެގެންވާ ޙަދީޘްތަކަކީ ބަލިކަށި ޙަދީޘްތަކެވެ. އެގޮތުން މި  މައުޟޫގައި شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. އެ ޙަދީޘްތަކުގައި އެއްވެސް ޙުއްޖަތެއްނުވެ އެވެ.  … ފަހެ، އަހަރެންނަށް ތިޔަމައްސަލައިގައި ފެންނަނީ ދުޢާ ކުރުމަށްފަހުގައި ޙަމްދު އެޅުމަކީ ސުންނަތެއް ނޫނެވެ. ދެންފަހެ، ނަބިއްޔާ  صلى الله عليه وسلم ގެ އަރިއަހުން ބަޔާންވެގެންވަނީ ހުކުރު ޚުޠުބާގައި، އިސްތިސްޤާގައި އަތްޕުޅު އުފުއްލެވިކަމެވެ. އެހެނަސް މޫނުފުޅުގައި އެޅުއްވިކަން ވާރިދުވެގެންނުވެ އެވެ. އަދި ހަމައެފަދައިން ގިނަ ޙަދީޘްތަކެއްގައި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ދުޢާ ކުރުމަށް ދެއަތްޕުޅު އުފުއްލެވިކަން ވާރިދުވެގެންވެ އެވެ. އެހެނަސް މޫނުފުޅުގައި އެޅުއްވިކަން ޘާބިތެއް ނުވެ އެވެ.“ 

مجموع فتاوى ابن عثيمين (14/ السؤال 781)  

 ފަހެ، ޢަމަލަކީ ޘާބިތު ޢަމަލެއް ކަމުގައި ނުވުމުން އޮތީ ޢަމަލު ދޫކޮށް ލުމެވެ. އެހެން ވުމުން އެއްވެސް ދުޢާއެއް ކުރުމަށްފަހު، ދުޢާ ކުރުމަށް އުފުލި ދެ އަތް މޫނުގައި އެޅުމެއް ނުވެ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts