ދީނުގައި ޙައްޤުގޮތުގައި ތިބި ބައެއްކަން ކަނޑައެޅުން އޮތީ އެމީހުންގެ އަދަދު ގިނަކަމަށް ބަލާފަތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަޚުންނާއި އުޚްތުންނޭވެ. މިފަދަ ސުވާލުތައް ހުށަހެޅުމުން ނަފްސަށް އެނގި ބަޔާންވަނީ ބޮޑަށް ކަށަވަރުވެގެން ދަނީ ނަބިއްޔާ ﷺ ގެ ބަސްފުޅުތަކުގެ ތެދު ކަމެވެ.  ޙަދީޘްފުޅު ކުރެއްވި ގޮތަށް ކަންތައްތައް ހިނގައިދާނެ ކަމުގެ ޔަޤީންކަމެވެ.  

އަޚާ އެވެ! ސުވާލަށް ޖަވާބު ދިނުމުގެ ކުރީގައި މުޤައްދިމާއެއްގެ ގޮތުގައި ބަސްކޮޅެއް ލިޔެލަމެވެ.

ޙަދީޘްގައި ވާރިދުވެގެންވެ އެވެ. (إِنَّ اللهَ لاَ يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتى إِذاَ لَمْ يُبْقِ عَالمًا، اتَّخَذَ النَّاسُ رُؤُوْسًا جُهَّالًا، فَسُئِلُوا، فَأَفْتَوا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا) ”ހަމަކަށަވަރުން ﷲ އެކަލާނގެ އަޅުތަކުންނަށް ޢިލްމު ދެއްވުމަށް ފަހުގައި، އެޢިލްމު އެކައްޗަކަށް އަޅުތަކުންގެ ތެރެއިން ނުހިއްޕަވާނެތެވެ. އެހެނަސް އެކަލާނގެ ޢިލްމު ހިއްޕަވަނީ ޢިލްމުވެރިންގެ ފުރާނަ ހިއްޕެވުމުގަ އެވެ. އެގޮތުންގޮސް އުއްމަތުގައި އެއްވެސް ޢިލްމުވެރިއަކު ބިންމަތީގައި ނުވާނެ އެވެ. އެހިނދު މީސްތަކުން އެބައިމީހުންގެ މައްޗަށް ތަންދޮރު ފިލާފައި ނުވާ ޖާހިލުން ޢިލްމުވެރިންގެގޮތުގައި އިސްކުރާނެ އެވެ. އަދި އެބައިމީހުން ކައިރިން ސުވާލުކުޅައުމުން އެއަށް އެ ޖާހިލުކަމުގައިވާ މީހުން ޖަވާބު ދޭނެ އެވެ. ފަހެ، އެމީހުންގެ އަމިއްލަނަފްސާއި، އަދި އެހެނިހެން މީސްތަކުން މަގުފުރެދިގެންދެއެވެ.“ 

الإِمَامُ الحَافِظُ العَلاَّمَةِ القُرْطُبِي   رحمه الله ވިދާޅުވެފައިވެ އެވެ. ”ޢިލްމު އުފުލިގެންދަނީ މީސްތަކުންގެ ހިތްތަކުން ފުހެވިގެން ދިއުމަކުން ނޫން ކަމުގައި ބަޔާންވެގެންވާ ދަލީލެއްގެ ގޮތުގައި މިނައްޞުވެ އެވެ. އެހެނަސް ޢިލްމު އުފުއްލެވިގެންދަނީ ޢިލްމުވެރިން ދުނިޔެދޫކޮށްފައި ދިއުމުންނެވެ. އަދި މީސްތަކުންގެ ތެރޭގައި އެބަޔަކު ޢިލްމުވެރިންނަށްވެ ކިޔަވައި ދިނުމުގައި ދެމިތިބުމަށް އަދި ފަތުވާދިނުމުގެ އަހުލުވެރިންގެ މަޤާމަށް އައުމަށް އުޅޭ ޖާހިލު މީސްތަކުން ތިބުމެވެ. މި ބައިމީހުން މީސްތަކުންނަށް ޖާހިލުފަތުވާ ދިނުމުގައި ތިބެ އަދި މީސްތަކުންނަށް އެ ޖާހިލުގޮތުގައިވާ ޢިލްމު ފޯރުކޮށްދިނުމުން، އެބައިމީހުންގެ ތެރޭގައި ޖާހިލުކަން ފެތުރި އެ ފާޅުވެގެން ދެއެވެ.“  

ފަހެ، ފަތުވާދޭން ޖާހިލުން އަންނާނެކަން ކަށަވަރެވެ. މަގު ފުރައްދާ، މަގުފުރެދިފައިވާ ބަޔަކު އަންނާނެކަން ޔަޤީނެވެ. މީސްތަކުން ދީނުގެ ނަމުގައި ނަރަކައަށް ގެންދާނެ ބަޔަކު އަންނާނެ ކަމުގެ ޔަޤީންކަށަވަރުވެ އެވެ.  

الإِمَامُ البُخَارِيْ (الصَّحِيْحُ) ގައި ތަޢުލީޤެއްގެ ގޮތުގައި، عُقْبَةَ بِنْ عَامِرُ وضي الله عنه ގެ އަރިއަހުން އަންނަނިވި އަޘަރު ގެންނަވާފައިވެ އެވެ. عُقْبَةَ بِنْ عَامِرُ ވިދާޅުވެފައިވެ އެވެ. (تَعَلَّمُوْا قَبْلَ الظَّانِيْنَ) ”ޟާންނީންގެ އަހުލުވެރިން އައުމުގެ ކުރިން ތިޔަބައިމީހުން ޢިލްމު އުނގެނޭށެވެ.“  

އެއަށްފަހު الإِمَامُ البُخَارِيْ، عُقْبَةَ بِنْ عَامِرُ ގެ ބަސްފުޅު ޝަރަޙަކުރައްވާ ވިދާޅުވެފައިވެ އެވެ. ”ޔަޢުނީ : ޟާންނީންނަކީ ހީވާހީވުންތަކުގެ މައްޗަށް ވާހަކަދައްކާ މީހުންނެވެ.“  

މިއީވެސް އުއްމަތަށް ފާޅުވާނެ ބައިގަނޑެކެވެ. އަޚާއެވެ! އެބައިމީހުންގެ ފަރާތަށް މީސްތަކުން ލެނބިގެންދަނީ ކީއްވެ ހެއްޔެވެ؟  އެމީހުން ވާހަކަ ދައްކަނީ ހީވާހީވުންތަކުގެ މައްޗަށެވެ. ދީނާއި ޝަރުޢީ ދަލީލުތަކުގެ މައްޗަށް ނޫނެވެ. އެހެނަސް ތަބަޢަވާ އެތައް އެތައް ބައެކެވެ. ކީއްވެ ހެއްޔެވެ؟  

އާނއެކެވެ. މަޝްހޫރު ކަމެވެ. މީސްތަކުން އޭނާ މަތިވެރިކޮށް އުފުލާފައިވާ ބޮޑުކަމެވެ. ”މޮޑާން ފަތުވާ“ ދޭ މީހުންނެވެ. ”ރީތި ސިފައިގައި“ ތިބި މީހުންނެވެ. ”އެންމެނާވެސް ގުޅިގެން އުޅޭ“ މީހުންނެވެ. ”ހުރިހައި ދީންތަކުގެ އަހުލުވެރިންވެސް ރަނގަޅޭ“ ބުނާ މީހުންނެވެ. 

الإِمَامُ الشَّعْبِيْ ގެ އަރިއަހުން ގެނެސްދެއްވާ ވިދާޅުވެފައިވެ އެވެ. ”ޢިލްމު ޖާހިލު ތަކެއްޗަށް އަދި ޖާހިލު ތަކެތި ޢިލްމަށް ބަދަލުވެ ދިއުމަށްފަހު މެނުވީ ޤިޔާމަތެއް ނުވާނެ އެވެ.“ މާނައަކީ ހަމަކަށަވަރުން ތިލަފަތް އެކޮޅުކޮޅުން ޖެހިގެންދިއުމެވެ. 

ތާބިޢީ ބޭކަލުންގެ ޒަމާނެވެ. ޔަޤީނުންވެސް ދީނާއި ސުންނަތް ބާރުގަދަވެ، ޙައްޤު ނުހަނު ފާޅުވެގެންވާ ގޮތުގައި ދެމި އޮންނާނެކަން ކަށަވަރެވެ. އެހެނަސް މި ބާޠިލް، މި ފިތުނަ އަކީ އޮތް އެއްޗެއްކަން އެބޭކަލުންނަށް އެނގިވަޑައިގެންފައި ވުމުން އެކަމަށް ހުށިޔާރުވަޑައިގެންނެވި މިންވަރު ވިސްނާލުން ހުއްޓެވެ.  

އަޚާ އެވެ! ވިސްނާލުން ހުއްޓެވެ. މީހަކު ދީނޭ ކިޔައިގެން އައުމުން އޭނާގެ ހަޤީޤަތް ހޯދުމަށް ބަލާ މިންވަރު ތިޔަ އަޚާ، އުޚްތުގެ ބުއްދިން ވިސްނާލުން ހުއްޓެވެ. الإِمَامُ مُحَمَّدُ بِنْ سِيْرِيْن رحمه الله ވިދާޅުވެފައިވާ ބަސްފުޅުވެ އެވެ.  الإِمَامُ مَالِكُ  ވެސް ހަމައެފަދައިން މިބަސްފުޅު ވިދާޅުވެފައިވެ އެވެ. 

އެބަސްފުޅަކީ (إِنَّ هَذَا العِلْمُ دِيْنُ، فَانْظُرُوْا عَمَّنْ تَأْخُذُوْنَ دِيْنَكُمْ) ”ހަމަކަށަވަރުން ތިޔަ ޢިލްމަކީ ދީނެކެވެ. ތިޔަބައި މީހުންގެ ދީން ހޯދައިގަންނަނީ ކާކުގެ ކިބައިން ކަމުގައި ބަލާހުއްޓެވެ.“ 

މީހެއްގެ ފަރާތުން އެބައި މީހުން ދީނުގެ ޢިލްމު ހޯދުމަށް އުޅޭހިނދުގައި އެމީހަކާ ބެހޭގޮތުން ސުވާލުކުރެވޭލެއް ގިނަކަމުން ބުނެވެ އެވެ. (أَتُرِيْدُوْنَ أَنْ تُزَوِّجُوْهُ)  ”އޭނައާއި ކައިވެނިކޮށްދިނުމަށް ބޭނުންވަނީ ހެއްޔެވެ.“  

ސަބަބަކީ، އެބައިމީހުން އެމީހަކާ މެދުގައި ސުވާލުކުރާލެއް ގިނަކަމުންނެވެ. سُبحَان الله!  ޢާންމުކޮށް އެމީހަކާ މެދު ގިނަ ސުވާލުތަކެއް ކުރާނީ ދަރިއަކާ ކައިވެނިކުރަން އެމީހަކު ހުށަހެޅުމުންނެވެ. ”އެއީ ކާކު“ ”ކޮންތާކުން ކިޔެވީ“ ”ކާކު އެކުގައި އުޅެނީ“ ”ކޮން ބަޔަކާ ރައްޓެހީ“ ”ނަމާދު ކުރޭތަ“ ”ފަތިސް ނަމާދުގައި ފެނޭތަ“ ”ޖަމާޢަތަށް އަރާތަ….“  

މިފަދަ ސުވާލުތަކެވެ. އެއީ ދީނީ ޙައްޤު މަންހަޖުތޯ ބެލުމަށް ކުރާނީ ކޮން ކަހަލަ ސުވާލުތަކެއްތޯ އެވެ؟ ”އޭނާ ގެ ބަސްތަކުގައި ޛިކުރު ކުރަނީ ކޮން ޢިލްމުވެރިންނެއް؟“  ”އޭނާ ދަރިވަރުވީ ކޮން ޢިލްމުވެރިންގެ ކިބައިން؟“  ”އޭނާގެ ޢަޤީދާ އަކީ ކޮބާ؟“  ”އޭނާ އެކުގައި އުޅެނީ ދީނީ މީހުންތަ؟“  ”އޭނާ ބިދުޢަވެރިންނާ އެކުގައި އިނދޭތަ؟“  ”އޭނާ ސުންނަތް ބޭރުފުށުން ފާޅުކުރޭތަ؟“  ”އޭނާ ދެ ޖިންސު މައްސުނި ކުރޭތަ..؟“ ”އޭނާ ކިޔަވައިދެނީ ކޮން ފޮތެއް..؟“

ސުވާލު ކުރާލެއް ގިނަކަމުން ބުނެވެނީ ދަރިއަކާ އޭނާ ކައިވެނިކޮށްދޭން އުޅެނީ ތޯ އެވެ؟ މިއަދު އެންމެ ސުވާލެއް ކުރިއަސް ވަޤުތުން އެ ސުވާލު ކުރި މީހާއަށް އެތައް ލަޤަބެއްދީ ހުއްޓުވާނެ އެވެ.  އަޚާ އެވެ! މިއަދު މި ދައްކަނީ ”އެއްޖިންސު ގުޅުން ރަނގަޅޭ ބުނާ މީހުން ދީނީ މަޝްހޫރު ވީމަ ރަނގަޅުވެފައިވާ ވާހަކަ އެވެ.“  

”އެމީހަކު ބޭނުން ދީނަކަށް އުޅުމަކީ އެއީވެސް އެމީހަކަށް އޮތް ޙައްޤެއް ކަމުގައި ބުނާ މީހުން“ މަޝްހޫރުވީމަ ރަނގަޅުވާހަކަ އެވެ. އުއްމަތެއް ޖާހިލުކަމުގެ އަނދިރީގައިވާނީ މިހާވަރަށެވެ. މިހުރިހައި މުޑުދާރު ލާދީނި ބަސްތައް ބުނާއިރު އޭނާ ދީނީ މީހެއްގެ ގޮތުގައިވަނީ އޭނާގެ ‘ފޮލޯވަރުން’ ގިނަވީމަ އެވެ. ޙައިރާން ނުވޭ ހެއްޔެވެ؟ މިއީ އަދުގެ އުއްމަތުގެ ޙާލެވެ. 

އެގޮތުން الإِمَامُ بَهْزُ بِنْ حَكِيْمُ ގައި ވިދާޅުވެފައިވެ އެވެ. “ ﷲގެ ދީންހޯދުމަށްޓަކައި ޢަދުލުވެރި މީސްތަކުން ހޯދުން މާ ޙައްޤުކަން ބޮޑުވެގެންވެ އެވެ.“  އަހަރެމެންގެ ޝެއިޚް عبد الله البُخَاري -حفظه الله-   ވިދާޅުވެފައިވެ އެވެ. ”ފަހެ، ދިރުހަމާއި، ދީނާރަށްޓަކައި، މީސްތަކުން އެމީހެއްގެ މައްޗަށް ރުހިގެންފައިވާ މީހަކު ހޯދުމަށް ބޭނުންވެ އެވެ. ހެކި ދިނުމަށްޓަކައި ޢަދުލުވެރި މީސްތަކުން ބޭނުންވެ އެވެ. ﷲ ގެ ދީން ހޯދުމަށްޓަކައި ޢަދުލުވެރި މީސްތަކުން ހޯދުން މާބޮޑަށް ޙައްޤުވެގެންވެ އެވެ. ޖެހުނު ކޮންމެ މީހެއްގެ ފަރާތުން ތިބާ ޢިލްމު ހޯދަނީ ކީއްވެ ހެއްޔެވެ. އެޢިލްމަށް ކުރިމަތިލި ކޮންމެ މީހެއް، ފުރަގަސްދީފައިވާ ކޮންމެ މީހެއް، ދަންނަ އަދި ޖާހިލުކަމުގައިވާ ކޮންމެ މީހެއްގެ ފަރާތުން ޢިލްމު ހޯދަނީ ކީއްވެގެންހެއްޔެވެ؟ 

الإِمَامُ ابنُ القَيِّمِ  ވިދާޅުވެފައިވެ އެވެ. ޖާހިލުކަމަކީ އިންސާނާ ނެތިކޮށްލާނެ ބައްޔެކެވެ. އޭގެ ޝިފާއަކީ، އިއްތިފާޤުވެފައިވާ، އެކުވެފައިވާ ދެ އަމުރެކެވެ. އެއީ ފޮތުގައި ބަޔާންވެގެންވާ ވަޙީބަސްފުޅު ތަކާއި، ސުންނަތުގައިވާ ޙަދީޘްތަކެވެ. އެއީ ރައްބާނީ ޢިލްމުވެރިއެއްގެ ގޮތުގައިވާ ބޭސްވެރިޔާއެވެ. 

ދެންއޮތީ ސުވާލުގެ މައިގަނޑަށް ޖެހިލުމެވެ. ގިނަ ފަހަރު ޙައްޤުގައި ވަނީ މަދު މީހުންނެވެ. އެމީހުންނަކީ ބީރައްޓެހިވެފައިވާ، މުޖުތަމަޢުގައި މަދުބައެކެވެ.  އެފަދަ ޤުރުއާނުގެ އާޔަތްތަކުގެ ތެރޭގައި : وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّهِ މާނައީ ”އަދި ބިމުގައިވާ ގިނަ މީހުންނަށް ނަބިއްޔާ ކިޔަމަންވެ ވަޑައިގެންފިނަމަ، އެބައިމީހުން ﷲ ގެ މަގުން އިބަނަބިއްޔާ ފުރައްދައިފާނެތެވެ.“ ގިނަ މީހުންގެ މަގަކީ ގިނަ ފަހަރު ނުވަތަ ޢާންމުކޮށް ފުރެދުމުގައިވާ، ޙައްޤުން އެއްކިބާވެގެންވާ ގޮތެވެ.  

ޙަދީޘްގައިވާ ޙުއްޖަތް ތަކުގެ ތެރޭގައި : ރަސޫލު الله  ޙަދީޘް ކުރައްވާފައިވެ އެވެ. (أَلَا إِنَّ مَنْ كَانَ قَبْلَكُمْ مِنْ أَهَلِ الْكِتَابِ افْتَرَقُوا عَلَى اثْنَتَيْنِ وَسَبْعِينَ مِلَّةً وَإِنَّ هَذِهِ الْأُمَّةَ سَتُفَرِّقُ عَلَى ثَلَاثٍ وَسَبْعِينَ مِلَّةً اثْنَتَانِ وَسَبْعُونَ فِي النَّارِ وَوَاحِدَةٌ فِي الْجَنَّةِ وَهِيَ الْجَمَاعَةُ( ”ހަމަކަށަވަަރުން ތިޔަބައިމީހުންގެ ކުރިން އަހްލުކިތާބީން ވަނީ 72 ބައިގަނޑަށް ބެހިގެން ގޮސްފައެވެ. އަދި ހަމަކަށަވަރުން މިއުއްމަތް 73 ބައިގަނޑަށް ބެހިގެންދާނެ އެވެ. އޭގެ ތެރެއިން 72 ބައިގަނޑު ވާހުށީ ނަރަކައިގައެވެ. އަދި ސުވަރުގޭގައި ވާހުށީ އެންމެ ޖަމާޢަތެކެވެ. އަދި ޖަމާޢަތަކީ އަލްޖަމާޢާއެވެ.“ 

ނަބިއްޔާ  މިއުއްމަތް 73 ފިރުޤައަށް ބެހިގެންދާނެކަމުގައި ޚަބަރުދެއްވާފައިވެ އެވެ. 72 ބައިގަނޑު ނަރަކައިގައިވާ ހިނދު ސުވަރުގޭގައިވަނީ އެންމެ ޖަމާޢަތެކެވެ. ސުވަރުގޭގައިވާ ޖަމާޢަތަކީ ކޮބައިކަން ޙަދީޘް ކުރެއްވިއެވެ. (مَا أَنَا عَلَيْهِ وَأَصْحَابِي) ”ތިމަން ނަބިއްޔާއާއި ތިމަން ނަބިއްޔާގެ ޞަޙާބީން އެގޮތެއްގެ މަތީގައި ތިބި ގޮތުގައި ތިބޭ މީހުންނެވެ.“ 

އަޚާ އެވެ. 73 ބައިގަނޑަކީ މުސްލިމުންނެވެ. ﷲ އަށް އީމާންވެގެންވާ، ނަބިއްޔާގެ ރިސާލަތް ޤަބޫލުކޮށްފައިވާ އިސްލާމީ އުއްމަތުގެ އަހުލުވެރިންނެވެ. މަދު ޢަދަދެއް ހެއްޔެވެ؟ ހަލާކުވެފައިވާ މިސްތަކުން ޢަދަދު މަދު ނުވަތަ ގިނަވީ ތޯ އެވެ؟ 72 ބައިގަނޑުގެ އަހުލުވެރިން ދެމިތިބޭނީ އެ މީހުންގެ އެ މަންހަޖަށް ދަޢުވަތުދޭނެ ބަޔަކު ތިބެގެން ނޫން ހެއްޔެވެ؟ އެ 72 ބައިގަޑުގެ ފޮތްތައް ނުހުންނާނެ ހެއްޔެވެ؟ މި އެންމެންވެސް ހައްޤުމަގު ދޫކޮށް ފުރެދިފައިވަނީ ދީނުގައިވާ އުޞޫލްތަކުންނެވެ.  

އެހިނދު އެބައިގަނޑުތައް ބިދުޢަވެރި ބައިގަނޑުތަކަށްވެގެން ދިޔައީ އެވެ. ޙައްޤުގައިވަނީ ޤުރުއާނާއި ސުންނަތަށް މާތް ނަބިއްޔާގެ ޞަޙާބީން ދެމިތިބިގޮތުގައި ޤާއިމްވި އަހުލުވެރިންނެވެ.  

އަޚާ އެވެ. މި މަޢުޟޫގައި ޙަދީޘްތައް ދަލީލުތައް ނުހަނު ގިނަ އެވެ. ނަބިއްޔާ  ޙަދީޘް ކޮށްފައިވެ އެވެ.  (بَدَأ الإِسْلَامُ غَرِيبًا، وَسَيَعُودُ غَرِيبًا كَما بَدَأ އިސްލާމްދީން ފެށިގެންއައީ ބީރައްޓެހި ގޮތުގަ އެވެ. އަދި ބީރައްޓެހި ގޮތުގައި ފެށިގެންއައި ފަދައިން އެފަދަ ބީރައްޓެހިކަމަށް އަނބުރައި އަންނާނެ އެވެ. 

މި ޙަދީޘަށް އިޝާރަތް ކުރައްވާ الإمام الأوزاعيّ ވިދާޅުވެފައިވެ އެވެ.  ”އިސްލާމްދީން އެކުއެކީގައި ނެތިވެ ދަނީއެއް ނޫނެވެ. އެހެނަސް އަހުލުއް ސުންނަތް (ސުންނަތުގެ އަހުލުވެރިން) ނެތިދަނީ އެވެ. އެގޮތުންގޮސް ޤައުމެއްގައި (މީސްތަކުން ދިރިއުޅޭ ތަނެއްގައި) އެންމެ ފަރުދެއް އުޅޭ ޙާލަތަށް އަންނާނެ އެވެ. “  

ސުންނަތުގެ އަހުލުވެރިންގެ މަދު ކަމާ އެވެ! ޢަދަދުން ޙައްޤު އެނގޭނަމަ، ޙައްޤު ފެންނާނީ ކޮންތަނަކުން ކަމާއިމެދު ވިސްނާލުން ހުއްޓެވެ. ޙަޤީޤީ ސުންނަތުގެ އަހުލުވެރިން، އަހުލުއް ސުންނަ، ސަލަފީން މަދު ކަން ބަޔާންކޮށް ޢިލްމުވެރިން ޛިކުރު ކޮށްފައިވާ ބައެއް ބަސްފުޅު ތަކެވެ.  

الإِمَامُ سُفِيَانُ الثَّوْرِي رَحِمَهُ الله ވިދާޅުވެފައިވެ އެވެ. ”ތިބާއަށް މަޝްރިޣުގައިވާ ސުންނަތުގެ އަހުލުވެރިއެއްގެ ޚަބަރު ލިބިއްޖެނަމަ، އަދި އަނެކަކު މަޣްރިބުގައިވާ ކަމަށް ޚަބަރު ލިބިއްޖެނަމަ އެ ދެމީހުންނަށް ސަލާމް ރައްދުކޮށްދޭށެވެ. އަދި އެ ދެމީހުންނަށް ހެޔޮ ދުޢާކޮށްދޭށެވެ. أَهْلُ السُنِّةِ وَالجَمَاعَةِ ގެ އަހުލުވެރިންގެ މަދު ކަމާއެވެ.“ މިއީ 161 ވަނަ އަހަރުގައި ދުނިޔެ ދޫކުރެއްވި ޝާމްކަރައިގެ އިމާމްގެ ލަޤަބު ލިބިވަޑައިގެންނެވި އިމާމް ސުންނަތުގެ އަހުލުވެރިން ބިދުޢަ އާއި ހަވާނަފްސުގެ އަހުލުވެރިންނާ އަޅާ ބަލާއިރު މަދުކަން ޛިކުރުކޮށްފައިވާ މިންވަރަވެ. 

أبو بكر بن عياش  ވިދާޅުވެފައިވެ އެވެ. ތިމަން الأَعْمَش އަރިއަހުގައި ދެންނެވީމެވެ. ”إبراهيم  ގެ މަޖްލިސްގައި ތިއްބަވާ ޖަލީސުންގެ ޢަދަދަކީ ކިހާވަރެއް ހެއްޔެވެ؟ ވިދާޅުވި އެވެ. ތިނެއް، ހަތަރެއް ނުވަތަ ދެ މީހުންނެވެ… “ 

އަޚުންނޭވެ!  މިއީ ހިޖުރައިން 96 ގައި ދުނިޔެ ދޫކުރެއްވި إبراهيم بن يزيد النخغي  އެވެ. ތާބިޢީ ބޭކަލުންގެ ތެރެއަށް ފާޅުވި ފިޤުހުވެރި އިމާމެކެވެ. ފިޤުހީ ފޮތްތައް މި އިމާމުގެ ބަސްފުޅުތަކުން ފުރާލެވިފައިވެ އެވެ. މަޖްލިސްއަށް ހާޒިރުވާ ޢަދަދު ނުހަނު މަދެވެ. ވިސްނާލުން ހުއްޓެވެ!! 

الإِمَام العَلاَّمَة ابن العُثَيمين ވިދާޅުވެފައިވެ އެވެ. ” ދީނަށް ދަޢުވަތުދޭ ފަރާތް އަދި މީސްތަކުން އިޞްލާޙު ކުރުމަށް މަސައްކަތްކުރާ މީހާއަކީ ޙައްޤުމަގުން އެކަހެރިވެފައިވާ މީހެއް ކަމުގައިވެއްޖެ ހިނދުގައި އެފަދަ މީހަކަށް ތަޢައްޞުބު ނުވާށެވެ. ފަހެ، ހަމަކަށަވަރުން ޙައްޤު ދެނެގަތުން އޮތީ މީސްތަކުންގެ ޢަދަދު ގިނަވުމަކުން ނޫނެވެ. އެހެނަސް (ޙައްޤު) އަކީ ﷲ ގެ ފޮތާއި ސުންނަތާ އެއްގޮތްވުމެވެ.“   

الشيخ العلامة صالح السُّحَيْمِي حفظه الله ވިދާޅުވެފައިވެ އެވެ . ”ހަމަކަށަވަރުން ޢަދަދު ގިނަވުމާއި ޢަދަދު މަދުވުމަކީ ދުވަހަކުވެސް ޙައްޤުކަން އަންގައިދޭ ތިލަފަތް ކަމުގައި ނުވަތަ ދަލީލު ކަމުގައިނުވެ އެވެ. އަދި ކިޔެއްތަ، ﷲގެ ޚަލްޤުތަކުންގެ މައްޗަށް އެ އިލާހުގެ ސުންނަތަކީ ހަމަކަށަވަރުން ބާޠިލްގެ އަހުލުވެރިންނަކީ އެއީ ގިނަ ބައިގަނޑު ކަމުގައި ވުމެވެ.“  

މިބަސްފުޅަކީ މިއަދު މަދީނާގެ މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނަވައި ދެއްވާ ބޭފުޅެއްގެ ބަސްފުޅެވެ. ކުރީގެ އަހުލުވެރިންގެ ބަސްފުޅުތަކާއި ދިމާ ނުވޭ ހެއްޔެވެ؟ ބުނާ ކަހަލަ އެވެ. ކިޔެވީ އެއްފޮތަކުންނެވެ. ދަރިވަރުވީ އެއް އުސްތާޛެއް ކައިރިންނެވެ. 

އަޚާ އެވެ! މުސްލިން ވެރިންނާ ދެކޮޅަށް ނުކުތުމާއި، ވެރިކަން ވައްޓާލައި، އިންޤިލާބްއަށް ގޮވައި، މުޒާހަރާ ކުރުމަށް ގޮވައި އެއަށް ޖަމަޢަވާމިހުންގެ ޢަދަދު ކިތައް ހާހުން ކިޔާލެވޭނެ ހެއްޔެވެ؟  ކިތައް ލައްކައިން ކިޔާލެވޭނެ ހެއްޔެވެ؟  މައިދާންތައް ފުރިފަ އެވެ. ތޮއްޖެހި ބާރުވެފަ އެވެ.  އެމައިދާން ތަކުގައި މީސްތަކުން ޖޯޝާއި ފޯރި އެރުވުމުގައި ”ދަރުސް ދިނުމުގައި“ އެތައް އެތައް ”ދީނީ“ ،މީހުންނެވެ!  

އަޚާ އެވެ! މިއީ އެހެންވީ އިރު ޙައްޤު ހެއްޔެވެ؟ މުޒާހަރާ ތަކާއި، އިންޤިލާބް އާއި ވެރިންނާ ދެކޮޅަށް ނުކުތުން ޙަރާމް ވެގެންވާ ޢަމަލުކަމުގައި ބުނާ މީހުން މަދުވުމުން ޙަރާމް ބަދަލުވަނީ ހުއްދަކަމަށް ހެއްޔެވެ؟ ނުވާނެ އެވެ! ހުއްދަ ނުވާނެ އެވެ! އެހެނަސް އެއިން ބަޔާންވަނީ ބާޠިލް ގިނަވެ، ހައްދުފަހަނަ އަޅައިފައިވާ ދަޢުވަތްތައް ގިނަކަމެވެ. ސުންނަތުގެ އަހުލުވެރިން ބީރައްޓެހި ކަމެވެ. ޢަދަދަކީ އެއީ ޙައްޤު ބާޠިލް ކަން ފަރަގު ކުރާ މީހާ އަކީ އިސްލާމް ދީން ދަންނަ މީހެއް ކަމުގައިނުވާނެ އެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts