އިޙްރާމަށް ޚާއްޞަކޮށްގެން ނަމާދެއް ކުރުންވޭ ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ހ -އިޙްރާމުގެ 2 ރަކުޢަތް ކަމުގައި ބުނެ، ކުރާ ނަމާދު – މި ނަމާދާއިމެދުގައި ދަންނަ އެވެ.-
ސުވާލުގެ މައްތަށް ޖަވާބުގައި 3 ނުކުތާއެއް ބަޔާންކުރަމެވެ.
ފުރަތަމައީ : އެންމެހައި މަޛްހަބުތަކުގެ އިމާމުން (ހަތަރު މަޛްހަބުގެ އިމާމުން) އިއްތިފާޤު ވަޑައިގެންފައިވަނީ ނަމާދުގެ ފަހުގައި އިޙްރާމް ބަނުން މުސްތަޙައްބުވެގެންވާ ކަމެވެ. الحَنَفيَّة ، المالِكِيَّة ، الشَّافِعِيَّة އަދި الحَنابِلَة އިން މުސްތަޙައްބު ކަމުގައި ދެކިވަޑައިގަންނަވަ އެވެ.
މީގެ މާނައަކީ، ފަރުޟު ނަމާދެއް ކުރަންޖެހިފައިވާ މީހާ ފަރުޟު ނަމާދު ކުރުމަށްފަހު އިޙްރާމް ބަނުމެވެ. ނުވަތަ އެމީހަކު އިޙްރާމް ބަންނަ ވަޤުތަކީ ސުންނަތް ނަމާދެއް ކުރެވޭ ވަޤުތެއް ކަމުގައިވާނަމަ އެ ސުންނަތް ނަމާދު ކުރުމަށްފަހުގައި އިޙްރާމް ބަނުމެވެ.
އަދިވެސް ތަފްޞީލުކޮށް ބަޔާން ކުރަމެވެ.
މީހަކު ޢުމުރާއަށް ދިއުމަށްޓަކައި އިޙްރާމް ބަނުން ކަނޑައެޅިފައިވަނީ މެންދުރު 1 ޖަހާއިރުގަ އެވެ. އެހިނދު އޭނާއަށް ހެޔޮކަން ބޮޑުވެގެންވަނީ މެންދުރު ނަމާދު ކުރިން އިޙްރާމް ބަނުމަށްވުރެ މެންދުރު ނަމާދު ކުރުމަށްފަހު، ނަމާދުން އަވަދިވެ އިޙްރާމް ބަނުމެވެ.
ހަމައެފަދައިން ހެދުނު 9 ނުވަތަ 10 ޖަހާއިރު ޢުމުރާއަށް އިޙްރާމް ބަންނަ މީހާއަށް މުސްތަޙައްބުވެގެންވަނީ އެ ވަޤުތަކީ ޟުޙާ ނަމާދު ކުރާ ވަޤުތު ކަމުގައިވެ، ޟުޙާ ނަމާދު ކުރުމަށްފަހުގައި އިޙްރާމް ބަނުމެވެ.
މިތަނުގައިވެސް އިޙްރާމްއަށް ނަމާދެއް ނުވެ އެވެ. އެހެނަސް އޭނާ ކުރަން ޖެހިފައިވާ ނަމާދެއް އޮތްހިނދު އެ ނަމާދަށްފަހު އިޙްރާމް ބަނުމެވެ.
އަޚުންނޭވެ! ޢިލްމުވެރި ބޭފުޅުން ވިދާޅުވެފައިވާ މި ބަސްފުޅު އޭގެ ޙައްޤު މާނައިން ބައެއް މީހުންނަށް ފަހުމްވެފައިވެ އެވެ. އެގޮތުން އެއްވެސް އިމެއް ނެތް ގޮތުގައި އެބައިމީހުން ދެކެނީ އިޙްރާމް ލާ މީހާއަށް ނަމާދެއް ކުރުމެވެ. އަދި އެއީ ”އިޙްރާމްގެ ސުންނަތް 2 ރަކުޢަތް“ މިފަދައިން ނަން ދީފައިވެ އެވެ. އެހެނަސް މިތަނުގައި އެންމެހައި އިމާމުންގެ ރައުޔަކީ އަދި ބަސްފުޅަކީ އެފަދައިން ނޫނެވެ. އެބޭކަލުން އިޙްރާމްގެ ދެ ރަކުޢަތެއް ބުނެ ރަކުޢަތެއް ވިދާޅުވެފައި ނުވެ އެވެ. އެހެނަސް އިޙްރާމް ބަންނަ ވަޤުތަކީ ފަރުޟު ނަމާދެއް ކުރާ ވަގުތު ކަމުގައިވާނަމަ ނުވަތަ ސުންނަތް ނަމާދެއް ކުރެވޭ ވަޤުތު ކަމުގައިވާނަމަ އެ ސުންނަތް ނަމާދެއް ކުރުމަށްފަހުގައި އިޙްރާމް ބަނުމެވެ.
ދެވަނަ ނުކުތާއަކީ :
އިޙްރާމް ބަންނާތީވެ އިޙްރާމްގެ 2 ރަކުޢަތް ބުނެ ކުރާ 2 ރަކުޢަތުގެ ނަމާދެއްވޭ ތޯ އެވެ.
މި ޢަމަލުގެ މައްޗަށް ބުނެވެނީ، އެފަދަ ނަމާދެއް ވާރިދުވެގެން ނުވެ އެވެ. އިޙްރާމް އަށް ޚާއްޞަ ނަމާދެއް ނުވެ އެވެ. މިފަދައިން އުއްމަތުގެ ވަރަށްގިނަ އިމާމްވެރި ބޭކަލުން ބަސްފުޅު ވިދާޅުވެފައިވެ އެވެ. މި ބަސްފުޅަކީ الشَّافِعِيَّة އިންގެ ބަސްފުޅެވެ. އަދި މިފަދައިން އިމާމް أحمَدَ ވިދާޅުވެފައިވެ އެވެ.
އޭގެ ތެރޭގައި އިމާމް ابنُ تيميَّة އާއި ابنُ القَيِّم އާއި އިމާމް الألبانيُّ އަދި އިމާމް ابنُ عُثيمين ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވަ އެވެ.
އިމާމް ابنُ تيميَّة ވިދާޅުވެފައިވެ އެވެ. ”ނަމާދަކަށް ފަހު އިޙްރާމް ބަނުން މުސްތަޙައްބުވެގެންވެ އެވެ. އެއްގޮތަކީ ފަރުޟު ނަމާދަކަށްފަހުގަ އެވެ. ނުވަތަ އެއީ ސުންނަތް ނަމާދު ކުރެވޭ ވަޤުތެއް ކަމުގައިވާނަމަ ސުންނަތް ނަމާދު ކުރުމަށްފަހުގަ އެވެ. މިއީ ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވާ ދެބަސްފުޅުގެ ތެރެއިން އެއް ބަސްފުޅެވެ.
ދެވަނަ ބަސްފުޅަކީ، ފަރުޟު ނަމާދު ކުރާނަމަ، އެ ނަމާދަށް ފަހުގައި އިޙްރާމް ބަނުމެވެ.
އެހެން ނޫން ކަމުގައިވާނަމަ، އިޙްރާމަށް ޚާއްޞަކޮށް ކުރާ ނަމާދެއް ނުވެ އެވެ. މިއީ މި ކަމުގައިވާ އެންމެ ހެޔޮވެގެންވާ ބުނުމެވެ.“ مجموع الفتاوى (26/108-109)
އިމާމް المرداوي ވިދާޅުވެފައިވެ އެވެ. “ الشيخ تقي الدين އިޚްތިޔާރު ކުރައްވާފައިވާ ބަސްފުޅަކީ އިޙްރާމް ބަންނަ ވަޤުތަކީ އެއީ ފަރުޟު ނަމާދު ކުރުމަށްފަހުގައި އިޙްރާމް ބަނުމަށް އޮތް ވަޤުތެއް ކަމުގައިވާނަމަ، ފަރުޟު ނަމާދަށް ފަހުގައި އިޙްރާމް ބަނުމެވެ. އެހެން ނޫން ކަމުގައިވާނަމަ، އިޙްރާމް ބަނުމަށްޓަކައި ކުރާ ޚާއްޞަ ނަމާދެއް ނުވެ އެވެ.“ الإنصاف (3/307)
ابنُ القيم ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ ﷺ އިޙްރާމް ބެންނެވުމަށްޓަކައި ނަމާދެއް ކުރެއްވިކަން ނަޤުލުވެގެން ނުވެ އެވެ. މެންދުރު ނަމާދު ކުރެއްވުމަށްފަހުގައި އިޙްރާމް ބެންނެވުން ނޫން ޢަމަލުފުޅެއް ވާރިދުވެގެން ނުވެ އެވެ.“ زاد المعاد (2/107)
މާނައަކީ، އިޙްރާމަށް ވަޑައިގެންނެވިހިނދު އެއްވެސް ޚާއްޞަ ނަމާދެއް ކުރެއްވިކަން ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން ބަޔާންވެގެން ނުވެ އެވެ. ހަމައެކަނި ވާރިދުވެގެންވަނީ ނަބިއްޔާ ﷺ ޙައްޖަތުލް ވަދާޢުއަށް މަދީނާގެ ذو الخُلَيفَة މީޤާތުން އިޙްރާމް ބެންނެވިހިނދު، އިޙްރާމް ބެންނެވީ މެންދުރު ނަމާދު ކުރައްވަވާ އަވަދިވަޑައިގެންނެވުމަށްފަހުގަ އެވެ.
މި ފަހުގެ ދުވަސްތަކުގައި ދުނިޔެއަށް ފާޅުވި އެންމެ ބޮޑު އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް الألباني ވިދާޅުވެފައިވެ އެވެ. ”އިޙްރާމު ލުމަށްޓަލައި ކުރާ ޚާއްޞަ ނަމާދެއް ނުވެ އެވެ. އެހެނެއްކަމަކު، އެމީހަކު އިޙްރާމް ބަނުމަށްއޮތް ވަޤުތަކީ ނަމާދު ކުރާ ވަޤުތެއް ކަމުގައިވެއްޖެހިނދު، އެ ނަމާދަށްފަހުގައި އިޙްރާމް ބަނުން ހުއްޓެވެ. އެއީ އެހިނދު އޭނާއަށް އެ ޢަމަލުގައި ރަސޫލާ ﷺ ގެ ރިވެތި ނަމޫނާއަށް އިޤްތިދާވުމަށްޓަކަ އެވެ. އެގޮތުން ނަބިއްޔާ ﷺ މެންދުރު ނަމާދަށްފަހުގައި އިޙްރާމް ބެންނެވި އެވެ.“ مناسك الحَجِّ والعُمْرَة ص15
ތިންވަނައީ :
ޚާއްޞަކޮށް މަދީނާގެ މީޤާތުން އިޙްރާމް ބަންނަ ކަމުގައިވާނަމަ، އެތަނުގައި ދެ ރަކުޢަތް ނަމާދެއް ކުރުމަށް ބައެއް ޢިލްމުވެރި ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ސަބަބަކީ ޚާއްޞަ ޙަދީޘެއް ނަބިއްޔާ صلى الله عليه وسلم އަރިހުން ވާރިދުވެގެންވުމެވެ. އަދި ނަބިއްޔާ ﷺ އެފަދަ ބަސްފުޅެއް އަދި އަމަލުފުޅުންވެސް އެހެން އެއްވެސް މީޤާތެއްގައި ޢަމަލުފުޅު ކުރައްވާފައި ނުވުމެވެ.
އެކަން ބަޔާންވެ، ޛިކުރު ކުރެވިގެންވާ ޙަދީޘްގައިވެ އެވެ.
އިމާމް البخاري (1534) ރިވާކުރެއްވި އެވެ.
ޞަޙާބީ عُمَرُ بُنُ الْخَطَّابُ ގެ އަރިއަހުން ابْنُ عَبَّاسٍ ރިވާކުރައްވާފައިވާ حديث ގައި ވެ އެވެ. ވިދާޅުވި އެވެ. ރަސޫލާ وَادِيْ العَقِيْق ގައި ހުންނަވާ ވިދާޅުވިއަޑުފުޅު އެއްސެވީމެވެ.
حديث ކުރެއްވިއެވެ. (أَتَانِيْ الليلةَ آتٍ مِنْ رَبِّيْ فَقَالَ: صَلِّ فِي هَذَا الوَادِي المُبَارك، وَقُلْ: عُمْرَة فِي حَجَّةٍ) ”ﷲގެ ހަޟުރަތުން ރޭގައި ތިމަން ނަބިއްޔާގެ އަރިއަހަށް މަލާއިކަތެއް ވަޑައިގެންނެވި އެވެ. އަދި ވިދާޅުވި އެވެ. މި ބަރަކާތްތެރި ވެގެންވާ وَادِيْ ގައި ނަމާދުކުރުން ހުއްޓެވެ. އަދި ވިދާޅުވިއެވެ. عُمْرَة في حَجَّة“
ވުމުން، މަދީނާގެ މީޤާތުގައި ނަބިއްޔާ ﷺ ހުންނަވާ އެތަނުގައި ނަމާދު ކުރެއްވިކަން ބަޔާންވެ އެވެ.
އަދި ނަމާދެއް ކުރެއްވިކަންވެސް ޛިކުރު ވެގެންވެ އެވެ.
އަދި އޭގެ ސަބަބުވެސް ބަޔާންވެ އެވެ.
އެއީ، ﷲގެ ޙަޟުރަތުން އެކަލާނގެ އަމުފުޅަށް މަލާއިކަތް ބޭކަލެއް ވަޑައިގެން ނަބިއްޔާއަށް އެ ވާދީގައި ނަމާދު ކުރުމަށް ވިދާޅުވެ އަންގަވާފައިވުމެވެ.
ވުމާއެކު، މަދީނާގެ މީޤާތުން އިޙްރާމް ބަންނަ ކޮންމެ މީހަކަށް މިފަދައިން ނަމާދު ކުރުންވެ އެވެ.
މަދީނާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة عبد المحسن العبَّاد -حفظه الله- ވިދާޅުވެފައިވެ އެވެ.
”އޭނާ إِحْرَام ބަންނަނީ المَدِيْنَة ގެ أَهْلُ ވެރިންގެ مِيْقَاتُ އިން ކަމުގައިވާ ذُوالخُلَيْفَة އިން ވެއްޖެ ހިނދު، إِحْرَام ބަނުމުގެ ކުރިން އެތަނުގައި فَرْضُ ނުވަތަ سٌنَّة ނަމާދެއް ކުރުން އޭނާއަށް ހުއްޓެވެ. އަދި އެއަށްފަހު إِحْرَام ބަންނާނީ އެވެ. ….“
ވުމާއެކު، މި ޢަމަލަކީ މަދީނާގެ މީޤާތް -ޛުލް ޚުލައިފާއިން- އިޙްރާމް ބަންނަ މީހާގެ ޙައްޤުގައި އޮތް ޢަމަލެކެވެ. އަދި މި ޢަމަލު އެތަނުގައި ފަރުޟު ނަމާދެއް ކުރާ ވަޤުތާއި ދިމާވެ، އެހިނދު ފަރުޟެއް ކޮށްފިނަމަވެސް ޙާޞިލްވެ އެވެ. އަދި ފަރުޟު ނަމާދެއް ކުރުމަށް އޮތް ވަޤުތެއް ނޫންކަމުގައިވާނަމަ ސުންނަތް ނަމާދެއް ކޮށްފިހިނދު އެކަން ޙާޞިލްވާނެ އެވެ.
މާތް ނަބިއްޔާ ﷺ ޙަޔާތްޕުޅުގައި މި ނޫނަސް ޢުމުރާގެ އަޅުކަން ކުރައްވާފައިވާހިނދު، އެތަންތަނުން އިޙްރާމް ބެންނެވިހިނދު، މިފަދައިން 2 ރަކުޢަތް ނަމާދެއް ކުރައްވާފައި ނުވެ އެވެ.
އެފަދަ ރިވާޔަތެއްނެތެވެ.
އެ ގޮތުން ނަބިއްޔާ صلى الله عليه وسلم ހަޔާތްޕުޅުގައި 4 ޢުމުރާ ކުރެއްވި އެވެ.
- عمرة الحديبية (ޙުދައިބިއްޔާގެ ޢުމުރާ) – މިއީ ނަބިއްޔާ ﷺ އަދި އަޞްޙާބު ބޭކަލުން، ޢުމުރާ ކުރުމަށްޓަކައި މައްކާއަށް ވަޑައިގެންނެވިހިނދު، ޙުދައިބިއްޔާގެ ހިސާބުގައި މައްކާގެ މުޝްރިކުން ނަބިއްޔާ ﷺއަށް ހުރަސް އަޅައި ހުއްޓުވައި، މައްކާއަށް ވަދެވަޑައިގެންނެވުން ހުއްޓުވި ޢުމުރާ އެވެ.
ފަހެ، އެހިނދު ނަބިއްޔާ صلى الله عليه وسلم ހަދްޔު ޤުރުބާން ކުރައްވައި އިސްތަށިފުޅު ބޭލުއްވި އެވެ. އަދި ތަޙައްލުލު ވަޑައިގެންނެވި އެވެ. - عمرة القضية -ޢުމްރަތުލް ޤަޟިއްޔަ ނުވަތަ ޢުމްރަތުލް-ޤަޟާ އެވެ. މިއީ ޙުދައިބިއްޔާގެ ޙާދިޘާ ހިނގައިދިޔަ އަހަރު ނޫން ވިދިގެން އައި އަހަރުގައި ކުރެއްވި ޢުމުރާ އެވެ.
- ޙައްޖަށް ވަޑައިގެންނެވިހިނދު ކުރެއްވި ޢުމުރާ އެވެ. (މި ޢުމުރާގައި، މަދީނާއިން އިޙްރާމް ބެންނެވިހިނދު، މީޤާތުގައި ހުންނަވައި 2 ރަކުޢަތް ނަމާދެއް ކުރެއްވި އެވެ.)
- الجعرانة -ޖިޢިއްރާނަ ގެ ޢުމުރާ- މިއީ ޙުނައިން ހަނގުރާމައަށް ފަހު، މައްކާއަށް އެނބުރި ވަޑައިގެންނެވިހިނދު، ކުރެއްވި ޢުމުރާ އެވެ.
ހަމައެކަނީ، ނަބިއްޔާ ﷺ އިޙްރާމް ތުރުކުރެއްވިހިނދު، 2 ރަކުޢަތުގެ ނަމާދު ކުރައްވާފައިވަނީ، މަދީނާގެ މީޤާތުން އިޙްރާމް ބެންނެވިހިނދު ގަ އެވެ.
ވުމާއެކު، އެއީ އިޙްރާމް ލާ ކޮންމެ ތަނެއްގައި އިޙްރާމް ލުމަށްޓަކައި ނުވަތަ އިޙްރާމްގެ ފޮށާ ލުމާއެކު ކުރުމަށް އޮތް ނަމާދެއް ނޫން ކަމުގައި އެނގިގެން ދެ އެވެ.
އެހެނަސް އެއީ މަދީނާގެ މީޤާތުން އިޙްރާމް ބަންނަ މީހާއަށް، އިސްވެ ދިޔަ ޙަދީޘްގައި ބަޔާންވެފައިވާ ފަދައިން އެތަނުގައި ނަމާދެއެ ކުރެވިދާނެ އެވެ.
އަދި މަދީނާގެ މީޤާތުގައި އެފަދައިން ޢަމަލުފުޅު ކުރެއްވީ ﷲގެ އަމުރުފުޅަށްކަންވެސް ބަޔާންވެގެންވެ އެވެ.
ވުމުން، މި ޒަމާނުގައި، ހަމައެކަނި ފޮށާ ލުމަށްފަހު، ގޭގައި އިޙްރާމްގެ ސުންނަތް ދެރަކުޢަތުގެ ނަމުގައި ކުރާ 2 ރަކުޢަތް ނަމާދަކީ ވާދިރުވެގެންވާ ޢަމަލެއް ނޫނެވެ.
އެހެނަސް، އިޙްރާމްގެ ހެދުންލައި، އިޙްރާމް ބަންނަ ވަޤުތަކީ އެއީ ޟުޙާ ނަމާދު ކުރަ ވަޤުތު ކަމުގައިވާނަމަ، އެމީހަކަށް ޟުޙާ ނަމާދު ކުރުމަށްފަހު އިޙްރާމް ބަނދެވިދާނެ އެވެ.
އެހެނަސް އެއީ އިޙްރާމް ލުމާއި ގުޅޭގޮތުން އިޙްރާމްއަށް ޚާއްޞަ 2 ރަކުޢަތް ގޮތުގައި ކުރި ރަކުޢަތްތަކެއް ނޫނެވެ.
އަދި ބައެއް މީހުން، އެއީ ދަތުރު ނަމާދޭ ބުނާ ބުނުމުގައިވެސް އެއްވެސް ޙުއްޖަތެއް ނެތެވެ. ސަބަބަކީ މާތް ނަބިއްޔާ ﷺ ދަތުރަށް ނުކުންނަ މީހާއަށް އެމީހާ ހުރިތަނަކުން 2 ރަކުޢަތް ނަމާދެއް ކުރުމަށް ކަނޑައަޅުއްވާފައެއް ނުވެ އެވެ.
އެހެނަސް އޭގެ ބަދަލުގައި އޮތީ ދަތުރުވެރިޔާ ކިޔާ ދުޢާ އެކެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
