އެއްވެސް ސަބަބެއް މެދުވެރި ނުވެ އަދި ޢުޛުރެއް ނެތް ޙާލުގައި އެއްޗެއްގައި ސަވާރުވެ ޠަވާފް ކުރުމާއި ސަޢުޔު ކުރުން ހުއްދަވެގެންވޭ ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ފުރަތަމައީ : ޠަފާވް ކުރާ މީހާ އަދި ސަޢުޔު ކުރާ މީހާ ދަންނަ އެވެ.
ޢާންމުކޮށް އެންމެހައި ޢިލްމުވެރިން ދެކެވަޑައިގަންނަވާފައިވަނީ އެއްޗެއްގައި ސަވާރުވެ ޠަވާފް އަދި ސަޢުޔު ކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވަނީ އެމީހަކު އަމިއްލަ ނަފްސަށް ހިގާފައި ކުރުމެވެ.
ޔަޢުނީ މިއީ އަބަދުވެސް އެންމެ އެދެވިގެންވާ އަދި ހެޔޮކަން ބޮޑުވެގެންވާ ގޮތެވެ.
އިމާމް ابن قدامة ވިދާޅުވެފައިވެ އެވެ. ”ހިނގާފައި ޠަވާފް ކުރުން ހެޔޮކަންބޮޑުވެގެންވާކަމުގެ މައްޗަށް ޚިލާފެއް ނެތެވެ. ސަބަބަކީ، ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބު ޠަވާފް ކުރައްވާފައިވަނީ ހިންގަވާފަ އެވެ. އަދި ހަމައެފަދައިން ޙައްޖަތުލް ވަދާޢުގައި ފިޔަވައި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޠަވާފް ކުރައްވާފައިވަނީ ހިންގަވާފަ އެވެ.“ المغني (5/250)
ވުމުން، މި ނުކުތާ ފަހުމްވެދިއުން ހުއްޓެވެ. އަބަދުވެސް އަޥްލާވެގެންވާ ގޮތަކީ އަދި ހެޔޮކަން ބޮޑުވެގެންވަނީ ޠަވާފާއި ސަޢުޔު ހިނގާފައި ކުރުމެވެ. ޢިލްމުވެރިންގެ މެދުގައި އެ ކަމުގައި ޚިލާފެއް ނެތެވެ.
ދެވަނައީ : ޢުޒުރުވެރި ޙާލަތެއް ދިމާވެ އެއްޗަކަށް ސަވާރުވެ ޠަވާފް ކުރުން ހުއްދަވެގެންވާ ކަމުގެ މައްޗަށް އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެ އެވެ.
މިޘާލަކަށް ބަލިމީހާ ނުވަތަ ދުވަސް ވުމުގެ ސަބަބުން ހިނގާފައި ކުރުމަށް އެމީހަކަށް ބުރަވެ ދަތިވެފައިވާ މީހާ ނުވަތަ މިފަދަ ސަބަބެއް މެދުވެރިވެފައިވާ މީހާ އެވެ.
އިމާމް البخَارِي އަދި مسلم މާތް ނަބިއްޔާ ﷺ ގެ އަނބިކަނބަލުން أُم سَلَمَة -رضي الله عنها- އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. އެކަމަނާ ވިދާޅުވި އެވެ. ”ތިމަން ކަމަނާ ބަލިޙާލުގައިވާތީ އެކަން ނަބިއްޔާ ﷺ އަރިހުގައި ދެންނެވީމެވެ. ފަހެ، އެހިނދު ޙަދީޘް ކުރެއްވި އެވެ. (طُوفِي مِنْ وَرَاءِ النَّاسِ وَأَنْتِ رَاكِبَةٌ) ”މީސްތަކުންނާއި ދުރުގައި ހުރެ ސަވާރީއެއްގެ މަތީގައި ކަމަނާ ޠަވާފް ކުރާށެވެ.“
މި ޙަދީޘްގެ މައްޗަށް ابن حجر ވިދާޅުވެފައިވެ އެވެ. ”ޢުޛުރުވެރި ޙާލަތެއް މެދުވެރިވެފައިވާ މީހާ ސަވާރީއެއްގައި ޠަވާފް ކުރުން މި ޙަދީޘްއިން ހުއްދަ ކުރެ އެވެ. މިސްތަކުންނާއި ދުރުން އެކަމަނާއަށް ޠަވާފް ކުރުމަށް އަމުރުފުޅު ކުރައްވާފައިވަނީ އެއީ އެގޮތަކީ އެކަމަނާއަށް އެންމެ ނިވާކަން ބޮޑުވެގެންވާ ގޮތް ކަމުގައި ވުމާއި އަދި މިސްތަކުން ހަދާފައިވާ ސަފުތައް ބުރިވެ ނުދިއުމާއި އަދި ސަވާރީގެ މަތީގައި އިންނަވައި ޠަފާވް ކުރެއްވުމުގައި މީސްތަކުންނަށް އުނދަގޫ ފޯރައިގެން ނުދިއުމަށެވެ.“ فتح الباري (3/481)
شيخ الإسلام ابن تيمية ވިދާޅުވެފައިވެ އެވެ. ”(ސާފު ޞަރީޙަ) ދަލީލުންނާއި އަދި އެންމެހައި ޢިލްމުވެރިންގެ އިއްތިފާޤުން ޢުޛުރުވެރިޔާއަށް ސަވާރީއެއްގައި ނުވަތަ މީސްތަކުން އޭނާ އުފުލައި ޠަފާވްކުރުން ހުއްދަވެގެންވެ އެވެ.“ مجموع الفتاوى (26/188)
ތިންވަނައީ : ޢުޛުރުވެރި ޙާލަތެއްނެތި ސަވާރީއެއްގައި ޠަވާފް ކުރާ މީހާގެ ޙުކުމެވެ.
މި މައްސަލައަކީ އުއްމަތުގެ ފިޤުހު ޢިލްމުވެރިންގެ މެދުގައި ޚިލާފް ބަޔާންވެގެންވާ މައްސަލައެކެވެ.
الشافعية އަދި الظاهرية ގެ މަޛްހަބުގައި ބަޔާންވެގެންވަނީ އެބޭކަލުން ދެކެވަޑައިގަންނަވަނީ ސަވާރީއެއްގެ މަތީގައި ޠަވާފް އަދި ސައުޔު ކުރާ މީހާގެ ޢަމަލު މުޠްލަޤްކޮށް ޞައްހަވެގެންވާނެ ކަމެވެ.
އެބޭކަލުން ވިދާޅުވެފައިވެ އެވެ. ޝަރީޢަތުގައި ކަނޑައެޅިފައިވަނީ ޠަވާފް ކުރުމެވެ. އަދި ސަޢުޔު ކުރުމެވެ. އެއީ ކޮންމެ ސިފައެއްގައި ކޮންމެ ގޮތެއްގައި ކުރި ކަމުގައިވީނަމަވެސް އެ ޢަމަލު އެހިނދު އެވަނީ އަދާކޮށްފަ އެވެ. ފަހެ، އެމީހަކު އެވަނީ އެހިނދު އެ ވާޖިބު ޙައްޤު އަދާކޮށްފަ އެވެ.
އަދި އެބޭކަލުން ދަލީލުގެ ގޮތުގައި ގެންނަވާފައިވެ އެވެ. އިމާމް البخاري އަދި مسلم ރިވާކުރައްވާފައިވެ އެވެ. ޞަޙާބީ ابن عباس ވިދާޅުވެފައިވެ އެވެ. ”ޖަމަލުކޮޅުގެ މަތީގައި ސަވާރުވެ އިންނަވައި ނަބިއްޔާ ޙައްޖަތުލް ވަދާޢުގައި ޠަވާފް ކުރެއްވި އެވެ.“ البخاري (1530)، مسلم (1272)
އަދި صحيح مسلم (1273) ގައި ޞަޙާބީ جَابِرٍ ގެ އަރިހުން ރިވާވެގެންވެ އެވެ. ޞަޙާބީ ވިދާޅުވި އެވެ. ”ޙައްޖަތުލް ވަދާޢުގައި ނަބިއްޔާ ﷺ ސަވާރީކޮޅުމަތީގައި އިންނަވައި ގެކޮޅުގައި ޠަވާފް ކުރެއްވި އެވެ. އަތްޕުޅުގައިވާ އަޞާކޮޅުން ހަޖަރުލް އަސްވަދުގައި ޖައްސަވަ އެވެ. އެއީ މީސްތަކުންނަށް ނަބިއްޔާ ފެންނަ ޙާލުގައި ވުމަށާއި އަދި މީސްތަކުން ސުވާލު ކުޅައުމަށެވެ. ފަހެ، މީސްތަކުންވަނީ ނަބިއްޔާގެ އަރިހުގައި ތޮތްޖެހިފަ އެވެ.“
الإمام الشافعي ވިދާޅުވެފައިވެ އެވެ. ”ފަހެ، جَابِر -رضي الله عنه- މިވަނީ ނަބިއްޔާ صلى الله عليه وسلم ސަވާރީކޮޅުގެ މަތީގައި އިންނަވައި ޠަވާފް ކުރެއްވި ކަމުގެ ޚަބަރު ދެއްވާފަ އެވެ. އެފަދައިން ޢަމަލުފުޅު ކުރެއްވީ މީސްތަކުންނަށް ފެންނަ ޙާލުގައި ހުންނަވާ ޠަވާފް ކުރެއްވުމަށްޓަކަ އެވެ. ފަހެ، އެހިނދު މިތަނުން ބަޔާންވެގެންވާ ދަލީލަކީ، ނަބިއްޔާ صلى الله عليه وسلم ސަވާރީކޮޅުގައި އިންނަވައި ޠަވާފް ކުރައްވާފައިވަނީ އާލާސްކަންފުޅާ އުޅުއްވައިގެން ނޫންކަމެވެ. އަދި ނަބިއްޔާ ކުރެއްވި ޙައްޖަތުލް ވަދާޢުގައި އާލާސްކަންފުޅާ އުޅުއްވާ ކަމުގައި ބަޔާން ކުރައްވާފައިވެސް ނުވެ އެވެ.“ الأم (3/443)
ޢުޛުރުވެރި ޙާލަތެއް ދިމާވެފައި ނުވާ މީހަކު ސަވާރީއެއްގައި ޠަވާފް ކުރުމުގެ މައްޗަށް ޖުމްހޫރު ޢިލްމުވެރިން މަނާ ކުރައްވަ އެވެ. أبو حنيفة އަދި مالك ވިދާޅުވެފައިވެ އެވެ. އޭނާގެ ޠަވާފް ހުއްދަވެ ފިދުޔަ ދިނުންވެ އެވެ.
އަދި ބައެއް ބޭކަލުން އެމީހާގެ ޠަވާފް ބާޠިލްވާނެ ކަމުގައި ވިދާޅުވެފައިވެ އެވެ.
ابن قدامة ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ޢުޛުރުވެރި ޙާލަތެއްނެތި، ސަވާރީއެއްގައި ޠަވާފްކުރާ މީހާގެ މައްޗަށް (މި މައްސަލައިގައި) އެއީ ހުއްދަވެގެން ނުވާނެ ޢަމަލެއް ކަމުގައި އިމާމް أَحْمَدَ ގެ ރިވާޔަތެއްގައިވެ އެވެ. (ވިދާޅުވި އެވެ.) ސަބަބަކީ އެ އަޅުކަމަކީ ގެކޮޅާއި ގުޅިފައިވާ އަޅުކަމެކެވެ. ނަމާދު ފަދައިން ޢުޛުރުރެއްނެތި ސަވާރީއެއްގައި އިދެ ކުރުން ހުއްދަވެގެން ނުވާނެ އެވެ. އަދި އަނެއް ރިވާޔަތުގައި ޠަވާފް ފިދުޔަ ދިނުމާއެކު ޞައްޙަވާނެ ކަމުގައި ވިދާޅުވި އެވެ. މި ޤައުލަކީ مالك ގެ ޤައުލެވެ. އަދި މިފަދައިން أَبُو حَنِيفَةَ ވިދާޅުވި އެވެ.“ المغني (5/ 250)
ބައެއް ބޭކަލުން ވިދާޅުވެފައިވެ އެވެ. ހިނގާފައި ކުރުމަށް ކުޅަދާނަވެގެންވާ މީހާއަށް ހިގާފައި ކުރުމަށް ހެޔޮކަން ބޮޑުވެ އެއާއެކު ސަވާރީއެއްގައި ކުރުން ހުއްދަވެގެންވެ އެވެ. މިފަދައިން الشافعي ދެކެވަޑަގަންނަވަ އެވެ.
އެއީ އެފަދަ މީހެއްގެ ޙައްޤުގައި މަނާވެގެންވާ ޢަމަލެއް ކަމުގައިވާނަމަ އަދި ޝަރުޢީ ގޮތުން އެއީ މަނާކުރެވިގެންވާ ޢަމަލެއް ކަމުގައިވާނަމަ ނަބިއްޔާ ﷺ އުއްމަތަށް އެކަން ބަޔާން ކުރެއްވީހެވެ.
މައްސަލައިގެ ޚުލާޞާއަކީ :
ހިގާފައި ތަވާފް އަދި ސަޢުޔު ކުރުމަށް ކުޅަދާނަވެގެންވާ މީހާއަށް ސަވާރީގައި ކުރުން ހުއްދަވެގެންވެ އެވެ. އެހެނަސް އަޥްލާވެގެންވާ ގޮތަކީ ސަވާރީ ބޭނުން ނުކުރުމެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الشيخ عبد العزيز بن باز – رحمه الله- ވިދާޅުވެފައިވެ އެވެ. ”އޭނާގެ ޠަވާފް ޞައްޙަވާނެ އެވެ. އަދި ސަޢުޔުވެސް ޞައްޙަ އެވެ. ސަބަބަކީ ނަބިއްޔާ ﷺ (ހެޔޮ ޙާލުކޮޅުގައިވެ) ސަވާރީގައި ޠަވާފް ކުރެއްވި އެވެ. ދެންފަހެ، ނަބިއްޔާ صلى الله عليه وسلم އާލާސްފުޅާ އުޅުއްވައި ސަވާރީއަށް އަރައިވަޑައިގެން (ތަވާފް ކުރެއްވި ކަމުގައި) ابن عباس ގެ އަރިހުން ވާރިދުވެގެންވާ ޙަދީޘް އަކީ ބަލިކަށި ޙަދީޘެކެވެ. އެ ރިވާޔަތުގެ ސަނަދުގައި يزيد بن أبي زياد (ވުމުގެ ސަބަބުން އެއީ ބަލިކަށި ޙަދީޘެކެވެ.) މައްސަލައިގެ ޞައްޙަ ބުނުމަކީ، ނަބިއްޔާ ސަވާރީއަށް އަރައިވަޑައިގެންނެވީ މިސްތަކުންނަށް ދަތި ނުކުރެއްވުމަށްޓަކަ އެވެ. އެއީ މީސްތަކުންނަށް ގެއްލުންވިޔަ ނުދިނުމަށާއި އަދި ނަބިއްޔާއަށް ގެއްލުން ކުރިމަތިވަޑައިނުގެންނެވުމަށްޓަކަ އެވެ.“ شرحه -المناسك من المنتقى من أخبار المصطفى صلى الله عليه وسلم – شريط 4
ވުމާއެކު، ހިގާފައި ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއަށް ހެޔޮކަންބޮޑުވެގެންވަނީ އަދި އަޥްލާވެގެންވަނީ ހިގާފައި ކުރުމެވެ. އަދި އޭނާ ސަވާރީއެއްގައި އިނދެ ކޮށްފިހިނދު ހުއްދަވެގެންވެ އެވެ. އޭނާގެ ޠަވާފް އަދި ސައުޔު ޞައްޙަވާނެ އެވެ.
ނިންމާލުމުގެ ކުރީގައި މުހިންމު ނުކުތާއަކަށް އިޝާރަތް ކުރަމެވެ.
މި ޒަމާނުގައި ބަޤީގައި ޠަވާފް ކުރެވޭ ގޮތަށް އޮތުމުން، އެ ބަގީ ވެގެންދަނީ ގިނަ ބަޔަކަށް އެއްފަހަރާ އެރޭ ސަވާރީއެއްގެ ގޮތުގަ އެވެ. ފަހެ، ބަގީގައި އިންނަ މީހާ އޭނާގެ ވައަތް ފަރާތަށް ކަޢުބާ ބަހައްޓައިގެން ޠަވާފްކުރަން ޖެހޭނެ އެވެ.
އެގޮތުން ބައެއް ބަގީގައި އެންމެ ފަހަތަށް އިންނަ ގޮނޑީގައި އިށީންނަ މީހާ އިންނަ ސިފައަކީ ކުރިމަތީގައި އިންނަ މީހާގެ ބުރަކަށްޓަށް އޭނާގެ ބުރަކަށި ކުރިމަތިކޮށްގެން އިންނަ ސިފައިގަ އެވެ. އެހިނދު ކަޢުބާ ވަނީ އޭނާގެ ކަނައަތް ފަރާތަށެވެ.
މި މީހާގެ ޠަވާފް ބާޠިލްވާނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
الشيخ ابن عثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ބައެއް މީހުން (ޠަވާފް ކުރާޙިނދު) އެމީހެއްގެ ވައަތް ފަރާތަށް ކަޢުބާ ބެހެއްޓުމުގެ މައްޗަށް އިލްތިޒާމް ނުވެ އެވެ. ފަހެ، އޭނާ އަންހެނުންތައް ގޮވައިގެން ޠަވާފްކުރާހިނދު، އެ އަންހެނުން ޙިމާޔަތް ކުރުމަށްޓަކައި އޭނާގެ އަތް އޭނާގެ އަނެއް ބައިވެރިޔާގެ އަތުގައި ހިފަހައްޓައިގެން ހުރެ އެވެ. (އެބަހީ އަންހެނުންނަށް ޙިމާޔަތް ދިނުމަށްޓަކައި ވަށައިގެން ފިރިހެނުން އެކަކު އަނެކަކުގެ އަތް ގުޅައިގެން ތިބެ އެވެ.) ފަހެ، އެހިނދު ކަޢުބާ އޭނާގެ ފުރަގަހަށްވާ ގޮތަށް ބަހައްޓައި ޠަވާފް ކުރާތަން ތިބާއަށް ފެންނާނެ އެވެ. އޭނާގެ އަނެއް ބައިވެރިޔާ ކަޢުބާ އޭނާގެ މޫނު ކުރިމައްޗަށް ބަހައްޓައި އޭނާ ތަވާފްކުރެ އެވެ. މިއީ ބޮޑުވެގެންވާ ކުށެކެވެ. ސަބަބަކީ، ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވަނީ ތަވާފް ކުރާ މީހާ އޭނާގެ ވައަތް ފަރާތަށް ކަޢުބާ ބެހެއްޓުމަކީ ޠަވާފް ޞައްޙަވުމުގެ ޝަރުޠެކެވެ. ފަހެ، އޭނާގެ ފުރަގަހަށްވާގޮތަށް ބެހެއްޓުން ނުވަތަ އޭނާގެ ކުރިމައްޗަށްވާގޮތަށް ބެހެއްޓުން ނުވަތަ އޭނާގެ ކަނާތްފަރާތަށްވާ ގޮތަށް ބެހެއްޓުން ނުވަތަ ޠަވާފް އަނެއް ފަރާތަށް ކުޅައުން، ފަހެ މި އެންމެހައި ގޮތްތަކުގައި ޠަވާފް ޞައްޙައެއް ނުވާނެ އެވެ. އިންސާނާއަށް ވާޖިބުވެގެންވަނީ މިކަމުގައި ފަރުވާތެރި ވުމެވެ. އަދި އޭނާގެ ޠަވާފްގައި އެކުއެކީގައި ކަޢުބާ އޭނާގެ ވައަތްފަރާތަށް ބެހެއްޓުމުގައި ބާރުއެޅުމެވެ.“ دليل الأخطاء التي يقع فيها الحاج والمعتمر
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.