ޙަރަމްބަންނަ ތަކުބީރުގެ ކުރިއަށް أعوذ ކިޔުން ވާރިދުވެގެންވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މާތް ނަބިއްޔާ ﷺ ނަމާދު ކުރެއްވި ގޮތް ވަރަށް ފުރިހަމައަށް ތަފްޞީލުކޮށް ޙަރަމް ބަނުމުގެ ތަކްބީރުން ފަށައިގެން ސަލާމް ދިނުމާ ހަމައަށް އޭގެ އެންމެ ތަފްޞީލުކޮށް ރަނުން ރަނަށް ބަޔާންވެގެންވެ އެވެ.
އެފަދައިން ނުވާންނީ ކީއްވެ ހެއްޔެވެ؟
އިސްރާ އަދި މިޢުރާޖް ރޭގައި ނަމާދު ފަރުޟު ވުމަށްފަހުގައި، ﷲތަޢާލާގެ ޙަޟުރަތުން އެ ނަމާދު ނަބިއްޔާ ﷺ އަށް އުނގަންނަވައި ޢަމަލީގޮތުން ބަޔާންކޮށްދެއްވުމަށްޓަކައި جِبْرِيل -عليه السلام- ނަބިއްޔާ ﷺ ގެ އަރިހަށް ބިންމައްޗަށް ވަޑައިގެންނެވި އެވެ.
ކޮންމެ ނަމާދެއްގެ އެންމެ ކުރީކޮޅު އެންމެ ފުރަތަމަ ދުވަހު ވަޑައިގެން ނަމާދު ޢަމަލީގޮތުން އުނގަންނަވައިދެއްވި އެވެ.
ދެވަނަ ދުވަހު ކޮންމެ ނަމާދެއްގެ ފަހު ކޮޅުގައި ވަޑައިގެން ނަމާދު އުނގަންނަވައި ދެއްވި އެވެ.
އެއަށްފަހު ދެންނެވި އެވެ. ”ވަޤުތަކީ މި ދެމެދުގައިވާ ވަޤުތެވެ.“
ނަބިއްޔާ ﷺ މި ނަމާދު جِبْرِيل -عليه السلام- ގެ އަރިހުން އުނގެނިވަޑައިގެންނެވުމަށްފަހު، އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވި އެވެ.
މިސްކިތުގެ މިންބަރުކޮޅުގެ މަތީގައި ހުންނަވައި ނަމާދުގެ ޙަރަކާތްތައް، ނަމާދުގެ ސިފަ އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވި އެވެ.
ފުރިހަމައަށް، ތަފްޞީލުކޮށް އެބޭކަލުންނަށް އެނގިވަޑައިގަންނަވައިފިކަން ދެނެވަޑައިގެންނެވުމުން ޙަދީޘްފުޅު ކުރެއްވި އެވެ. (وصَلُّوا كما رَأَيْتُمُونِي أُصَلِّي) ”ތިމަން ނަބިއްޔާ ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުން ދުށް ގޮތަށް ނަމާދު ކުރާށެވެ.“
ނަބިއްޔާ ﷺ ނަމާދު ކުރައްވަން ހުއްޓިވަޑައިގަންނަވާހިނދު، ނަމާދު ފައްޓަވާ ގޮތާއި ވިދާޅުވަނީ ކީކޭތޯ ޙަދީޘްތަކުގައި ބަޔާންވެގެންވެ އެވެ.
އޭގެ ތެރޭގައި :
އިމާމް مسلم (498) ޞަޙީޙުގައި އުއްމުލް-މުއުމިނީން عَائِشَةَ رَضِيَ اللَّهُ عَنْهَا ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. ކަމަނާ ވިދާޅުވި އެވެ. «كَانَ رَسُولُ اللَّهِ ﷺ يَسْتَفْتِحُ الصَّلَاةَ بِالتَّكْبِيرِ، وَالقِرَاءَةَ بِـ {الحَمْدُ لِلَّهِ رَبِّ العَالَمِينَ}،….“ ރަސޫލު ﷲ ﷺ ނަމާދު ފައްޓަވަނީ ތަކްބީރުންނެވެ. އަދި (ގުރްއާން) ކިޔަވައި ވިދާޅުވާން ފައްޓަވަނީ الْحَمْدُ لِلَّهِ رَبِّ الْعَالَمِين އިންނެވެ….“
މިއީ ނަމާދު ފައްޓަވާ ގޮތެވެ. އެއްވެސް އެއްޗެއް އޭގެ ކުރިން ވިދާޅުނުވެ އެވެ.
އެއްވެސް އެއްޗެއް ވިދާޅުވާނަމަ ނުވަތަ އެބޭކަލުންނަށް އެއްވެސް އެއްޗެއް ވިދާޅުވާކަން ހީފުޅުވާނަމަވެސް އެބޭކަލުން ސުވާލުކޮށް އެކަން އޮޅުން ފިލުއްވާނެކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ.
އަދިވެސް މިފަދައިން ބަޔާންވެގެންވާ ރިވާޔަތްތަކުގެ ތެރޭގައިވެ އެވެ.
އިމާމް البخاري (744) އަދި مسلم (598) ޞަހާބީ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާކޮށްފައިވެ އެވެ. ޞަޙާބީ ވިދާޅުވި އެވެ. «كَانَ رَسُولُ اللَّهِ ﷺ إِذَا كَبَّرَ فِي الصَّلَاةِ سَكَتَ هُنَيْهَةً قَبْلَ أَنْ يَقْرَأَ، فَقُلْتُ: يَا رَسُولَ اللَّهِ! بِأَبِي أَنْتَ وَأُمِّي! أَرَأَيْتَ سُكُوتَكَ بَيْنَ التَّكْبِيرِ وَالقِرَاءَةِ مَا تَقُولُ؟ قَالَ: أَقُولُ: اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ المَشْرِقِ وَالمَغْرِبِ، اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالمَاءِ وَالبَرَدِ»
ރަސޫލު ﷲ ﷺ ނަމާދުގެ (ފުރަތަމަ) ތަކްބީރު ދެއްވުމަށް ފަހު، (ގުރްއާން) ކިޔަވައި ވިދާޅުވުމުގެ ކުރިން ހިނދުކޮޅަކަށް ކިޔަވައި ވިދާޅުވުމުގެ ކުރިން ހިނދުކޮޅަކަށް ހަމަހިމޭންވެ ވަޑައިގަންނަވައެވެ. ތިމަން ދެންނެވީމެވެ: އޭ ﷲގެ ރަސޫލާއެވެ. އިބަ ނަބިއްޔާއަށް ޓަކައި ތިމަންނަގެ ބައްޕައާއި މަންމަ ފިދާ ކުރުއްވާށިއެވެ. (ފުރަތަމަ) ތަކްބީރާއި (ގުރްއާން) ކިޔަވައި ވިދާޅުވުމާ ދެމެދު އިބަ ނަބިއްޔާ ހަމަހިމޭންވެ ވަޑައިގަންނަވާ ތަން ދެކެވަޑައިގަންނަވަމުތޯއެވެ؟ އިބަ ނަބިއްޔާ ވިދާޅުވަނީ ކީކޭތޯއެވެ؟ ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”ތިމަން ނަބިއްޔާ ވިދާޅުވަނީ: اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ. اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ. اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ
ޙަދީޘްއިން ބަޔާންވަނީ : އެބޭކަލުންނަށް ނަބިއްޔާ ﷺ އެދަނޑިވަޅެއްގައި އެއްޗެއް ވިދާޅުވާކަން ހީފުޅުވިހިނދުވެސް އެބޭކަލުން އެތަނުގައި ވިދާޅުވަނީ ކޯންޗެއްކަމާއި މެދުގައި ސުވާލު ކުރެއްވި ކަމެވެ.
ވުމާއެކު، ބަޔާންވެ އެނގިގެންދަނީ، ނަމާދަށް ކޮޅަށް ހުންނަވާ އެއްވެސް އެއްޗެއް ހަރަމް ބަނުމުގެ ކުރިންވެސް ވިދާޅުވާނަމަ އެކަމާމެދު އެބޭކަލުން ސުވާލު ކުރައްވައި އެކަމެއް އެބޭކަލުން އޮޅުންފިލުއްވައި ރިވާ ކުރެއްވީހެވެ.
އަދި ޔަޤީނުންވެސް މާތް ނަބިއްޔާ ﷺ އުއްމަތަށް އެކަމެއް އަންގަވައި ނުދެއްވައި ދޫކުރައްވާފައިވެސް ނުވާނެ އެވެ،
ވުމާއެކު، ޙަރަމް ބަންނަ ތަކުބީރުގެ ކުރިއަށް އެއްވެސް އެއްޗެއް ވިދާޅުވިކަމަށް އެއްވެސް ދަލީލެއްގައި ނުވެ އެވެ. بسم الله ވެސް އަދި أعوذ بالله ވެސް، މި ނޫން އެއްޗެއްވެސް ވިދާޅުނުވެ އެވެ.
ދަލީލެއް ނެތްހިނދު، އެކަން ކުރުމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟
މާތް ނަބިއްޔާ صلى الله عليه وسلم ނަމާދަށް ހުއްޓިވަޑައިގަންނަވާހިނދު، ޙަރަމްބަންނަ ތަކުބީރަށް ވުރެ ކުރިން އެއްވެސް އެއްޗެއް ވިދާޅު ނުވާކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާފައިވެ އެވެ.
ނަމާދުގައި ކުރެވޭ ކުއްތަކުގެ ތެރެއިން ޛިކުރުކޮށްފައިވާ އެއްކަމަކީ، ނަމާދަށް ހުއްޓި ހުންނަ މީހާ ޙަރަމްބަނުމުގެ ތަކްބީރަށްވުރެ ކުރިން أعوذ ކިޔުމެވެ.
މިއީ ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ ޢަމަލެކެވެ.
މިފަދައިން ކިޔާ އެހެން ތަކެތީގެ ތެރޭގައި ނަމާދަށް ހުއްޓިހުރެ سَمِعْنَا وَأَطَعْنَا މިފަދައިން ކިޔުމެވެ.
މިފަދައިން ކިޔުމަށް އެއްވެސް ޙަދީޘެއް މާތް ނަބިއްޔާ ﷺ އަރިއަހުން ޞައްޙަ ސަނަދެއްގައި ވާރިދުވެފައެއް ނުވެ އެވެ. އަދި ނަބިއްޔާ ﷺ ޙަރަމްބަންނަ ތަކްބީރަށްވުރެ ކުރިން އެއްވެސް އެއްޗެއް ވިދާޅުވާކަމަށް ނަޤުލުކުރެވިގެން ނުވެ އެވެ.
އަދި މި ޢަމަލަކީ ވާރިދުވެފައިވާ ޞައްޙަ ޙަދީޘްތަކުގައި ބަޔާންވެގެންވާ ބަސްފުޅުތަކާއި ޚިލާފް ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ. أَبُوهُرَيرة رضي الله عنه ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ.
(إنما جعل الإمام ليؤتم به فلا تختلفوا عليه فإذا كبر فكبروا..) ހަމަކަށަވަރުން އިމާމް ލެވިގެންވަނީ ތިޔަބައިމީހުން ތަބަޢަވުމަށްވާ މީހެއްގެ ގޮތުގަ އެވެ. ފަހެ، ތިޔަބައިމީހުން އިމާމްއާ ޚިލާފްނުވުން ހުއްޓެވެ. އިމާމް ތަކްބީރު ކިޔުމުން ތިޔަބައިމީހުން ތަކްބީރު ކިޔާށެވެ.
الإِماَم ابن القيم -رحمه الله- ވިދާޅުވެފައިވެ އެވެ.
”ނަބިއްޔާ ﷺ ނަމާދަށް ހުއްޓިވަޑައިގަންނަވާހިނދު اللهُ أَكْبَرُ (ޙަރަމްބަންނަ ތަކުބީރު) ވިދާޅުވެ އެވެ. އަދި އޭގެ ކުރިން އެއްވެސް އެއްޗެއް ވިދާޅުނުވެ އެވެ..“ (زاد المعاد)
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.