ކުރިސްމަސް ފާހަގަކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކުރިސްމަސް ފާހަގަ ކުރުމާއި މެދުގައި ބުނަމެވެ.
ޖަވާބު ނުކުތާ ތަކެއްގެ މައްޗަށް ބަޔާން ކުރަމެވެ.
ފުރަތަމައީ : އެންމެހައި މުސްލިމުން އީމާންވެ ޤަބޫލުކުރަންޖެހޭ ޢަޤީދާއެއްވެ އެވެ. އެއީ އިސްލާމް ދީން ފުރިހަމަވެގެންވާ ކަމާއި ދީނަށް އުނި އިތުރުވުން ހުއްޓިފައިވާ ކަމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا) [المائدة : 3] ”މިއަދު ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ދީން ތިމަން ﷲ ފުރިހަމަކޮށްދެއްވައިފީމު އެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމު އެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންﷲ ތިޔަބައިމީހުންގެ މައްޗަށް ރުހިވޮޑިގެންފީމު އެވެ.“
ވުމުން، އިސްލާމް ދީން އެ ގޮތުގައި ފުރިހަމަވެެގެންވާ ކަމުގެ ތެރޭގައި މުސްލިމުންނަށް އެބައިމީހުންނަށް އަހަރު ދުވަސްތަކުގައި ފާހަގަ ކުރާނެ، އުފާ ފާޅުކުރާނެ ދުވަސްތަކެއް އިސްލާމް ދީނުގައި ﷲ ޝަރުޢު ކުރައްވާ ކަނޑައެޅުއްވި އެވެ.
ވުމާއެކު، މުސްލިމުންނަށް ﷲ އެފަދަ ދުވަސްތަކެއް ކަނޑައަޅުއްވައި ޝަރުޢުކޮށްދެއްވުމަށްފަހުގައި، ކާފަރުންގެ ކުފުރު މިއްލަތްތަކުގައިވާ އެފަދަ ދުވަހެއް ފާހަގަ ކުރުން އެއީ ކުރެވޭނެ ކަމެއް ނޫންކަން ކޮންމެ މުސްލިމަކަށް އެނގިގެންދާނެ ކަމަކީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ.
ދެވަނައީ : ކާފަރުންގެ ޢީދުތައް ފާހަގަ ކުރުމުގެ ޙުކުމެވެ.
އެންމެހައި މުސްލިމުން އިއްތިފާޤުވޑައިގެންފައިވާ ގޮތުގައި ކާފަރުންނަށް ޚާއްޞަ ޝިޢާރުތަކުގައި ތަހުނިޔާ ކިޔުމާއި އެކަމުގައި އެއްވެސް ބީދައަކުން ބައިވެރިވުމަކީ ޙަރާމްވެގެންވާ ޢަމަލެކެވެ. ابن القيم -رحمه الله- ލިޔުއްވާފައިވާ ފޮތް أحكام أهل الذمة ގައި މިކަން ނަޤުލުކުރައްވާފައިވެ އެވެ. ފޮތުގައި ވިދާޅުވެފައިވެ އެވެ.
”ކާފަރުންގެ ޚާއްޞަ ޝިޢާރުތަކުގައި ތަހުނިޔާކިޔުން ޙަރާމްވެގެންވާ ކަމަށް (ޢިލްމުވެރިން) އިއްތިފާޤުވަޑައިގެންފައިވެ އެވެ. މިޘާލަކަށް އެބައިމީހުންގެ ޢީދުތަކަކާއި ރޯދަތަކުގައި ތަހުނިޔާ ކިޔުމެވެ. އެގޮތުން (ތަހުނިޔާ) ކިޔުމުގެ ގޮތުން ބުނެ އެވެ. ތިބާއަށް ޢީދު މުބާރިކް އެވެ. ނުވަތަ ތިބާއަށް މި ޢީދަށް ތަހުނިޔާ ކިޔަމެވެ. ނުވަތަ މި ނޫންގޮތަކަށް ތަހުނިޔާ ކިޔުމެވެ. ފަހެ، މިފަދައިން ބުނާމީހާ ކާފަރު ނުވެ ސަލާމަތްވެއްޖެ އެވެ. އެހެންކަމުގައިވާނަމަ އޭނާ ވަނީ ޙަރާމް ކަމަކަށް އަރައިގަނެފަ އެވެ. ފަހެ، މިފަދައިން ކިޔާ ތަހުނިޔާއަކީ އެމީހަކު ޞަލީބަށް ސަޖިދަ ޖެހުމުން އެކަމަށް ތަހުނިޔާ ކިޔުމުގެ މަޤާމުގައިވާ ކަމެކެވެ. އަދި ކިޔެއްތޯ؟ ބަނގުރާ ބުއިމުން އެކަމަށް ތަހުނިޔާ ކިޔުމަށްވުރެ އަދި ޤަޞްތުގައި ނަފްސެއް ޤަތުލުކުރުމުން އަދި ޙަރާމްވެގެންވާ ފަރުޖެއް ހޯދައި އެދުންފުއްދުމުން މިކަންތަކަށް ތަހުނިޔާ ކިޔުމަށްވުރެ، މިކަމުގެ ނުބައިކަމާއި، ﷲ އެކަމަށް ކޯފާވެވޮޑިގެންވުން، ﷲ ހަޟުރަތުގައި ބޮޑުވެގެންވެ އެވެ.
މިފަދަ ކަންތައްތަކުގެ ތެރެއަށް ވެއްޓެނީ އެމީހުންގެ ނަފްސުގައި ދީނަށް އެއްވެސް ޤަދަރެއް ނެތް މީހުންނެވެ. އެމީހަކަށް އޭނާއަށް އެކުރެވުނު ޢަމަލުގެ މުޑުދާރުކަން ނޭނގެ އެވެ. ފަހެ، އަޅަކު ފާފައެއް ކުރުމުން ނުވަތަ ބިދުޢައެއް ކުރުމުން ނުވަތަ ކުފުރަށް ތަހުނިޔާ ކިޔައިފި މީހާ ވަނީ ﷲ ގެ ކޯފާއަށް އަދި ޢުޤޫބާތަށް ހުށައެޅިގެންފަ އެވެ.“ أحكام أهل الذمة 27
މި ދުވަސް ފާހަގަކުރުން މިއީ ކާފަރުންގެ ދީނުގައިވެސް އޮތް ކަމެއް ކަމުގައި ނުވާ ކަމުގެ އެންމެ ބޮޑު ހެއްކަކީ، ﷲ ގެ ނަބިއްޔާ عِيسى -عليه السلام- އަމިއްލަފުޅަށް މި ދުވަސް ފާހަގަ ނުކުރައްވަ އެވެ. ފަހެ އެހިނދު އެ ނަބިއްޔާއަށް ތަބަޢަވާ ބައެކޭ ބުނެ ދަޢުވާ ކުރާ މީހުން، މިދުވަސް ފާހަގަ ކުރުން އެއީ ކިހިނެތް ގެނައި ކަމެއް ހެއްޔެވެ؟ އެމީހުންގެ ދަޢުވާކުރާ ނަޞާރާ ދީނުގައިވެސް އޮތް ކަމެއް ނޫނެވެ. އެހެނަސް ކުފުރާއި ފާޙިޝް މުޑުދާރު ޢަމަލުތަކަށް އަރައިގަތުމަށްޓަކައި ހޯދާފައިވާ ދުވަހެއް ކަމުގައި މެނުވީ މި ދުވަސް ނުވެ އެވެ. އެ ނަބިއްޔާގެ ޙައްޤުގައި ބުނަނީ ދައްކާލާ ދަޅަ އެކެވެ. އެހެނަސް އޭގެ ބަދަލުގައި ބަނގުރާ ބުއިމާއި، އެފަދަ ބަގުރަލާއި ޖުވާއާ އަދި މިއުޒިކާއި ލަވަފަދަ ޝައިޠާނީ ޢަމަލުތައް ހިންގުމަށް ހޯދާފައިވާ ޝިޢާރެއް ކަމުގައި މި ދުވަސް ފާހަގަ ކުރުން ނުވެ އެވެ.
މިއަދު ދުނިޔެ މަތީގައި ތިއްބެވި ސުންނަތުގެ ޢިލްމެވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشّيخ عبد القادر الجُنيد حفظه الله ވިދާޅުވެފައިވެ އެވެ. ”ކުރިސްމަސް އަކީ ނަޞާރާއިންގެ ދީނީ ޢީދެކެވެ. އެބައިމީހުންގެ ދީން ބިނާވެފައިވަނީ عيسى عليه السلام އަށް އިލާހުވަންތަ ކަމުގެ މަޤާމް ދީފައިވުމެވެ. އެންމެހައި ފިޤުހުޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވާގޮތުގައި އެއަށް ތަހުނިޔާކިޔުން ޙަރާމްވެގެންވެ އެވެ. އަހަރެމެންގެ ދީނުގެ މައްޗަށް ފަރުވާކުޑަކުރާ މީހުން މި ޙުކުމުގެ މައްޗަށް ސަމާލުކަމެއް ނުދެ އެވެ.“
ތިންވަނައީ : މި ދުވަސްތަކުގައި ތަހުނިޔާ ކިޔާ މީހާ އެކުރެވެނީ ކޮންފަދަ ޢަމަލެއްކަން ބަޔާން ކުރުން :
އަޚާ އެވެ! އިސްވެ ބަޔާންވެދިޔައީ، ދީނުގެ އެންމެހައި ޢިލްމުވެރިން ކާފަރުންގެ ޢީދުތައް ފާހަގަ ކުރުމާއި ބައިވެރިވުމާއި އަދި ތަހުނިޔާ ކިޔުން ޙަރާމްވެގެންވާ ކަމުގެ މައްޗަށް އިއްތިފާޤުވަޑައިގެންފައިވާ ކަމެވެ.
ސަބަބަކީ ކޮބައިތޯ އެވެ؟ މި ދުވަސްތަކަށް ތަހުނިޔާ ކިޔުމަކީ އެ ކާފަރުންގެ ޝިޢާރުގެ މައްޗަށް ރުހުމާއި އިޤްރާރުވުމާއި އަދި އެބައިމީހުންނަށް ރުހުމެވެ.
ކުރިސްމަސް އަކީ ކޮން އެއްޗެއް ތޯ އެވެ؟ އެއީ، އެމީހުން ދަޢުވާ ކުރާ ގޮތުގައި ﷲ ގެ ނަބިއްޔާ عِيسى -عليه السلام- ގެ އުފަންދުވަސް ފާހަގަ ކުރުމެވެ. ފަހެ، މި ދަޢުވާގެ މައްޗަށް ބިނާކޮށް އެބައިމީހުން ފާހަގަ ކުރާ މިދުވަސް ވެފައިވަނީ އެތައް ގިނަގުނަ ފާޙިޝްކަންބޮޑު ނުބައިކަންބޮޑު ﷲ އަށް ޝަރީކު ކުރުމާއި، މުންކަރާތްތަކަށް އަރައިގަންނަ ޢީދެއްގެ ގޮތުގަ އެވެ.
ކާފަރުން ﷲ ގެ ނަބިއްޔާ عِيسى -عليه السلام- އަކީ އިލާހެއް ކަމަށް ޤަބޫލު ނުކުރޭ ހެއްޔެވެ؟ ތިން އިލާހުންގެ ތެރެއިން އެއް އިލާހުކަމުގައި ދަޢުވާ ނުކުރޭ ހެއްޔެވެ؟
عِيسى -عليه السلام- އަކީ ﷲ ގެ ދަރިކަލެއް ކަމުގައި ނުބުނޭ ހެއްޔެވެ؟
އެމީހުން ސަލާމަތް ކޮށްދޭން، ނަރަކައިން މިންޖުކޮށްދޭނެ ފަރާތެއް ކަމުގައި ނުދެކޭ ހެއްޔެވެ؟
ޞަލީބަށް އެރުވި ދުނިޔެ ދޫކޮށްފައިވާ ފަރާތެއ ކަމުގައި ޤަބޫލު ނުކުރޭ ހެއްޔެވެ؟
މި އެންމެހައި ކުފުރިއްޔާތެއް އަދި ޝިރުކުތަކެއްގެ މައްޗަށް ޤަބޫލު ކުރާ ޙާލުގައި އެމީހުން ފާހަގަ ކުރާ ދުވަހެއްގައި އެބައިމީހުންނަށް ތަހުނިޔާކިޔުން ނުވަތަ އެކަން ކުރުމަށް އެހީތެރިވެދިނުން ވެގެންދާނީ އެ މުންކަރާތަކުގައި ބައިވެރިވުމާއި އެކަމަށް އެއްބަސްވުން ނޫން ހެއްޔެވެ؟
ފަހުގެ ޒަމާނުގައި ފާޅުވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ العلامة محمد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. “ ކާފަރުންގެ ދީނީ ޢީދުތަކަށް ތަހުނިޔާ ކިޔުމަކީ މިހާ ބޮޑު ޙަރާމްވެގެންވާ އަދި ނުބައިކަމެއްގެ ގޮތުގައިވެގެން ގޮސްފައިވާ ސަބަބަކީ، އެއީ އެބައިމީހުން އެތިބި ކާފަރު ޝިޢާރުތަކުގެ މައްޗަށް އިޤްރާރު ވުމާއި އެކަމަށް އެބައިމީހުންނަށް ރުހުމެވެ. ފަހެ، އޭނާގެ ނަފްސަށް އެ ކުފުރުގެ މައްޗަށް ނުރުހޭނަމަ، (އެހިނދުގައި އޭނާ ދަންނަންޖެހެ އެވެ.) ކާފަރު ޝިޢާރުތަކުގެ މައްޗަށް ރުހުން އޭނާއަށް ހަރާމްވެގެންވެ އެވެ. ނުވަތަ އެހެން މީހުނަށް ތަހުނިޔާ ކިޔުންވެސް (ޙަރާމްވެގެންވެ) އެވެ. ސަބަބަކީ ﷲ ވަޙީ ކުރައްވާފައިވާ ފަދައިން، ﷲ އެކަމަށް ރުއްސަވާވޮޑިނުގަންނަވަ އެވެ. (إِن تَكْفُرُواْ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ وَإِن تَشْكُرُواْ يَرْضَهُ لَكُمْ ) [الزمر : 7] ”ތިޔަބައިމީހުން ކާފަރުވާނަމަ ފަހެ ﷲ އީ ތިޔަބައިމީހުންގެ ކިބައިން ދުރުވެވޮޑިގެންވާ ފުދިވޮޑިގެންވާ އިލާހެވެ. އަދި އެކަލާނގެ އަޅުން ކާފަރުވުމަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން ޝުކުރު ކުރާނަމަ، އެކަމަށް ތިޔަބައިމީހުންނަށް ރުއްސަވާވޮޑިގެންވެ އެވެ.“ އަދިވެސް ﷲ ވަޙީ ކުރެއްވި އެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِ) [المائدة : 3] ”މިއަދު ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ދީން ތިމަން ﷲ ފުރިހަމަކޮށްދެއްވައިފީމު އެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމު އެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންﷲ ތިޔަބައިމީހުންގެ މައްޗަށް ރުހިވޮޑިގެންފީމު އެވެ.“
މިކަންތައް ތަކުގައި އެބައިމީހުންނަށް ތަހުނިޔާ ކިޔުން ޙަރާމެވެ. އެއީ އެމީހަކު އެ ޢަމަލުގައި ބައިވެރިވި ކަމުގައިވިޔަސް ނުވަތަ ޢަމަލުގައި ބައިވެރިނުވި ކަމުގައިވިޔަސް އެވެ.“ فتاوى 3/369
ހަތަރުވަނައީ : މިދުވަސް ފާހަގަ ކުރާ ކާފަރުން މިދުވަހުގައި މުސްލިމުންނަށް ތަހުނިޔާ ފޮނުވައިފިހިނދު ޢަމަލު ކުރާނެ ގޮތެވެ.
العلامة محمد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. “ އެބައިމީހުން އަހަރެމެންނަށް ތަހުނިޔާ ކިޔައިފި ހިނދުގައި އަހަރެމެން އެބައިމީހުންނަށް އެކަމުގައި އިޖާބަނުދޭނަމެވެ. ސަބަބަކީ އެއީ އަހަރެމެންނަށް އޮތް ޢީދެއް ނޫނެވެ. އަދި އެކަމުގެ ސަބަބަކީ އެ ޢީދު ތަކަކީ ﷲ ރުއްސަވާވޮޑިގެންވާ ޢީދުތަކެއް ނޫނެވެ. އަދި އެއީ އެބައިމީހުންގެ ދީނަށް އަލަށް ގެނެސްފައިވާ ބިދުޢަވެރި ޢީދުތަކެވެ. ނޫނީ އެއީ (އެބައިމީހުންގެ ޙައްޤު ޝަރީޢަތުގައި) ލެވިފައިވާ ޢީދެއްގެ ގޮތުގައިވެ އެހެނަސް مُحمد صلى الله عليه وسلم އެންމެހައި މީސްތަކުންގެ ގާތަށް އިސްލާމީ ޝަރީޢަތާއިގެން ފޮނުއްވުމަށްފަހުގައި މަންސޫޚު ކުރެވިގެންވުމެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿ وَمَنْ يَبْتَغِ غَيْرَ الإسلام دِيناً فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ [المائدة : 3] ”ދީނެއް ކަމުގައި އިސްލާމްދީން ނޫން އެހެން ދީނެއް ހޯދައިފި މީހާގެ ކިބައިން އެކަން ޤަބޫލު ނުކުރެވޭ ހުއްޓެވެ. އަދި އާޚިރަތުގައި އެމީހަކު ވާހުށީ އަބާއްޖެވެރިންގެ ތެރެއިންނެވެ.“
މިއިން އެއްވެސް މުނާސަބަތަކަށް ދަޢުވަތު ލިބުމުން އެ ދަޢުވަތަކަށް އިޖާބަދިނުން މުސްލިމް އަޅާއަށް ޙަރާމްވެގެންވެ އެވެ. ސަބަބަކީ އެބައިމީހުންނަށް ތަހުނިޔާ ކިޔުމަށްވުރެ އެބައިމީހުންގެ އެ ޢަމަލުތަކުގައި ބައިވެރިވުމުގެ ނުބައިކަން ބޮޑުވެގެންވެ އެވެ.
އަދި ހަމައެފަދައިން މިފަދަ މުނާސަބުތަކުގައި ކާފަރުންނާ އެއްގޮތް، އެއްވަތްތަރުވުމަށް މުސްލިމުން ޙަފްލާތައް ބޭއްވުން ޙަރާމްވެގެންވެ އެވެ. ނުވަތަ ހަދިޔާ ބަދަލު ކުރުމާއި ހަދިޔާ ބެހުން ނުވަތަ ކާތަކެތި ތައްޔާރުކުރުން ނުވަތަ (ވަޒީފާ) މަސައްކަތް ހުއްޓާލާ ޗުއްޓީވުމާއި މިފަދަ އެންމެހައި ޢަމަލުތައް ހުއްދައެއް ނުވާނެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (من تشبه بقوم فهو منهم) ”އެބަޔަކާއި އެއްގޮތްވެ، އެއްވަތްތަރުވެއްޖެ މީހާވަނީ އެބައިމީހުންގެ ތެރެއިންނެވެ.“ އަދި شيخ الإسلام ابن تيمية ލިޔުއްވާފައިވާ ފޮތް اقتضاء الصراط المستقيم مخالفة أصحاب الجحيم ގައި ވިދާޅުވެފައިވެ އެވެ. ”އެބައިމީހުންގެ ޢީދުތަކުގައި އެބައިމީހުންނާއި އެއްގޮތްވެ އެއްވަތްތަރު ވުމަކީ، އެބައިމީހުންގެ ހިތްތަކަށް އެބައިމީހުން ތިބި ބާޠިލް ކަމުގެ މައްޗަށް އުފާވެރިކަން ގެނުވައިދޭ ކަމެއް ކަމުގައިވެ އެވެ..“
މިފަދަ އެއްވެސް ޢަމަލެއް ކޮށްފި މީހާއަކީ ފާފަވެރިވާނެ މީހެކެވެ. އެއީ އެ ޢަމަލެއް އޭނާ ކުރީ، އެމީހުންނާ އެކީ ރިވެތި ގޮތުގައި މުޢާމަލާތް ކޮށްލުމަށް ނުވަތަ އެމީހުންދެކެ ލޯބިން ނުވަތަ ލަދުވެތި ކަމުގެ ސަބަބުން ނުވަތަ އެހެންނިހެން ސަބަބެއް މެދުވެރިވެގެން ކަމުގައިވިޔަސް އެވެ. ސަބަބަކީ މިއީ ﷲ ގެ ދީނުގައި މުދާހަނާ ކުރުމެވެ. އަދި މިއީ ކާފަރުން ނަފްސުތަކަށް ގަދަކަން ގެނެސްދޭ ކަމެއްކަމުގައިވެ އެވެ. އަދި އެބައިމީހުންގެ ދީނުގެ މައްޗަށް ފަޚުރުވެރިވާނެ ކަމެއް ގޮތުގައިވެ އެވެ.“ مجموع فتاوى ورسائل الشيخ / محمد بن صالح العثيمين ـ رحمه الله ـ ج3، ص 44
މިއަދު ދުނިޔެމަތީގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلامة صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ކާފަރުން އެބައިމީހުން ޢީދުގައި ތަހުނިޔާ ކިޔުމުން، އަހަރެމެންނަށް އެ ކާފަރުންނަށް ތަހުނިޔާ ކިޔޭނެ ހެއްޔެވެ؟
ޖަވާބު : ”އަހަރެމެން ބުނަމެވެ. ނޫނެކެވެ. ކާފަރުންގެ ޢީދު ތަކުގައި ކާފަރުންނަށް ތަހުނިޔާ ކިޔުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ (ތަހުނިޔާ ކިޔުމަކީ) އެއަށް އެމީހަކު އިޤްރާރުވުމެވެ. އެ ޢީދު ތަކަކީ ކުފުރު ޢީދުތަކެވެ. ކާފަރުންގެ ޢީދުތަކުގައި ކާފަރުންނަށް ތަހުނިޔާކިޔުން މުސްލިމަކަށް ހުއްދައެއް ނުވާނެ އެވެ. އަދި އެމީހުންނަށް އެހީތެރިވުންވެސް ހުއްދައެއް ނުވާނެ އެވެ. އަދި ޢީދު ފާހަގަ ކުރުމަށްޓަކައި އެއްވެސް ތަނެއް ދިނުންވެސް ހުއްދައެއް ނުވާނެ އެވެ. އަދި ޢީދު ފާހަގަ ކުރުމަށްޓަކައި އެއްވެސް ގޮތަކަށް ފައިސާ ދިނުމެއްވެސް ހުއްދައެއް ނުވާނެ އެވެ. ފަހެ، އެއްވެސް ގޮތަކަށް އެހީތެރިވެދިނުމެއްް ނުވެ އެވެ. އަދި އެ ޢީދުތަކުގައި ތަހުނިޔާ ކިޔުމެއްވެސް ނުވެ އެވެ. ސަބަބަކީ އެއީ ކުފުރު ޢީދުތަކެވެ. އާނއެކެވެ.“
ވުމުން މިފަދަ ދުވަސްތަކުގެ މައްޗަށް މުސްލިމުން އިންޒާރު ލިބިގަތުން ހުއްޓެވެ. ﷲ ގެ ކޯފާގެ މައްޗަށް ނަފްސަށް ބިރުވެތިވުން ހުއްޓެވެ. މިއަދު އެތައް މުސްލިމުންނެއް ވަނީ މި މުޞީބާތާއި، މި ޙަރާމް ޢަމަލުގައި ޖެހި، މި ކުރެވޭ ނުބައިކަން ބޮޑުވެގެންވާ ޢަމަލުގެ ނުރައްކަލުގެ މައްޗަށް ޣާފިލުވެފަ އެވެ.
ތަހުނިޔާ ކިޔުމާއި، ހަދިޔާ ބަދަލު ކުރުމާއި، ޙަފްލާ ތަކުގައި ބައިވެރި ވުމާއި މިފަދަ އެންމެހައި ޢަމަލުތަކީ އެންމެ ބޮޑުވެގެން ޙަރާމް ޢަމަލުތަކުގެ ތެރެއިން ޢަމަލެވެ.
ތިމާގެ ދީނަށް ރައްކާތެރިވާ މީހާ އަދި ﷲ ގެ ޙަޟުރަތުގައި ކޮޅަށް ހުންނަންޖެހޭ ދުވަހުގެ މައްޗަށް ބިރުވެތިވާ މީހާ، މިފަދަ ކުފުރާއި ޝިރުކު އަދި ޙަރާމް ޢަމަލުތަކުން ފުރިފައިވާ ދުވަހެއްގެ މައްޗަށް މަރުޙަބާ އަދި ތަހުނިޔާ ކިޔުން ދުރުވެ ނަފްސު ބަރީއަ ކުރާނެކަން ކަށަވަރެވެ.
ފަސްވަނައީ : ކާފަރުން އެބައި މީހުންގެ ދީނީ ޢީދުތައް ފާހަގަ ކުރާހިނދު، ބައެއް މުސްލިމުންގެ ކިބައި އެ ޢީދުތަކާއި ގުޅިގެން ފެންނަ ބައެއް ޙަރާމް ޢަމަލުތަކަވެ.
1. މި ޢީދުތަކުގައި ބައިވެރިވުމަށް ދެވޭ ދަޢުވަތް ޤަބޫލުކުރުން : ފަހެ، އެބައިމީހުންގެ މިފަދަ ދީނީ އަދި އެކާފަރުންނަށް ޚާއްޞަވެގެންވާ ޢީދުތައް ފާހަގަ ކުރުމަށް ބައެއް މުސްލިމުން އެތަންތަނަށް ޙާޟިރުވެ އެވެ. އަދި އެބައިމީހުންގެ އެ އުފާ ފާޅު ކުރުމުގައި ބައިވެރިވެ އެވެ. އަދި ކާފަރުންނަށް އެކަމުގައި ތަހުނިޔާ ކިޔަ އެވެ. އަދި ހަދިޔާ ބަދަލު ކުރުމުގައިވެ އެވެ.
2. ކާފަރުންގެ ޢީދުތަކުގައި ތަހުނިޔާ ކިޔުމުގެ ގޮތުން އެކަމާއި ގުޅިގެން ކާޑު ފޮނުވުމާއި އަދި ބައެއް ފަހަރު އެ ކާޑުތަކާއެކު މާމެލާމެލި ހަދިޔާ ކުރުމާއި އެކު އަދި އެކަމަށް މުނާޞިބުވެގެންވާ ކަލިމަތައް ނުވަތަ ޖުމަލަތަށް ލިޔުމެވެ.
3. މިފަދަ ޢީދުތަކުގައި ތަހުނިޔާ ކިޔުމުގެ ގޮތުން، އެކި އެކި ޕްރޮޤްރާމް ތަކާއި ނޫސް މަޖައްލާތަކާއި އަދި އިންޓަނެޓް އާއި ސޯޝަލް މީޑިޔާގައި އިޢުލާންތައް ކުރުމާއި މެސްޖް ފޮނުވުންފަދަ އެންމެހައި ކަންތައްތަކެވެ.
4. ކާފަރުން މި ޢިދުތަކުގައި ޙަފްލާ ބޭއްވުމަށްޓަކައި، ހޮޓާ ތަކާއި އަދި އެފަދަ ތަންތަން އެބައިމީހުންނަށް ކުއްޔަށް ދިނުމެވެ. މި ޢަމަލުތަކަކީ މުއުމިނު އަޅުތަކުންނަށް ﷲ ޙަރާމް ކުރައްވާފައި ޢަމަލުތަކެވެ. ފަހެ، މި ޢަމަލު ވާކަން ކަށަވަރީ ކާފަރުންނަށް އެބައިމީހުން ކުފުރާއި ކުފުރުގެ ޝިޢާރުތައް ފާޅުކޮށް، ފާފަވެރި ޢަމަލުތައް ކުރުމަށް ވާގިވެރިވުމުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެއް ކަމުގަ އެވެ. ﷲ ވަޙީ ކުރައްވާފައިވެ އެވެ. {وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ} ”އަދި ފާފަވެރިވުމާއި ޢަދާވާތް ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!“ العلامةُ العُثيمين ــ رحمه الله- ވިދާޅުވެފައިވެ އެވެ. ”މި މުނާސަބަތުގައި މުސްލިމަކު އެބައިމީހުންގެ ދަޢުވަތަށް އިޖާބަދިނުން ޙަރާމްވެގެންވެ އެވެ. ސަބަބަކީ މިއީ އެބައިމީހުންނަށް އެކަމުގައި ތަހުނިޔާ ކިޔުމަށްވުރެ ނުބައިވެގެންވާ ޢަމަލެކެވެ. އެއީ އެބައިމީހުންނާ މި ކަމުގައި ބައިވެރިވުންވާތީ އެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.