ފިރިހެނުން ނަމާދު ކުރާއިރު ބޯ ނިވާނުކޮށް ނަމާދުކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޙަޤީޤަތުގައި ކޮށްފައިވާ ސުވާލަކީ ނުހަނު މުހިންމުވެގެންވާ ސުވާލެކެވެ.
މިއަދު ނަމާދު ކުރާ މީހުންގެ ޙާލަތު އުއްމަތުގެ އެންމެ ކުރީކޮޅުގެ އަހުލުވެރިންނަށް، ޞަޙާބީންނަށް އަދި ތާބިޢީ ބޭކަލުންނަށް ފެނިވަޑައިގަންނަވައިފިހިނދު، ވިދާޅުވާނީ ކީކޭ ތޯއެވެ؟ މިއީ ކޮންމެ މުސްލިމަކު ތިމާގެ އަމިއްލަ ނަފްސަށް ކޮށްލަންޖެހޭ ސުވާލެކެވެ.މި ބަސްފުޅަށް ނަޟަރު ހިންގާލުން ހުއްޓެވެ.
ابن عُمر -رضي الله عنهما- އަށް نَافع އިސްތަށިފުޅު ނިވާ ނުކުރައްވާ ނަމާދުކުރަން ހުންނެވިތަން ފެނިވަޑައިގެންނެވިއެވެ. ފަހެ، އެހިނދު ވިދާޅުވިއެވެ. ”ތިބާގެ ބޯ ނިވާކުރުން ހުއްޓެވެ. ތިބާގެ ބޯ ހާމައަށް ބަހައްޓައިގެން މީސްތަކުންގެ ތެރެއަށް ނުކުންނާނަން ހެއްޔެވެ؟“
نافع ވިދާޅުވިއެވެ. ނޫނެކެވެ.
ابن عُمر ވިދާޅުވިއެވެ. ”ތިބާﷲއަށް ޒީނަތްތެރިވުން މާ ޙައްޤުކަން ބޮޑު ވެގެންވެއެވެ“.
ހިތާމައަކީ އަދި ނުހަނު ދެރަވާ ކަމަކީ، މިއަދު ޢިލްމަށް އަދި ދީންވެރިކަމަށް ދަޢުވާ ކުރާ މީހުންނަށް ވެސް މި ހެޔޮ ރިވެތި ޢަމަލުތަކުގައި ފަސްނުޖެހި، ކުރިއަރައި ނުދެވޭ ކަމެވެ. އެއްވެސް ބުރައެއް އަދި ތަކްލީފެއް އުފުލުމެއް ނެތް ހިނދުގައި ވެސް ވަނީ ފަރުވާ ކުޑަ ކުރުމުގައެވެ. މިއަށްވުރެ ބޮޑަށް ދެރަވާ ކަމަކީ، ބޯ ނިވާކޮށް ނަމާދަށް ހެޔޮ ރިވެތި ފޭރާމުގައި ނުކުންނަ ފަރާތްތަކަށް ބަދުބަސްތައް ރައްދުކުރާ ބައެއްގެ ގޮތުގައި މި މީސްތަކުންވާ ކަމެކެވެ. والله المستعان
ސުވާލަށް ޖަވާބު ދިނުމުގައި ނުކުތާތަކެއް ހިމަނާލަމެވެ.
ފުރަތަމައީ: ނަމާދަށް ރިވެތިވެ، ޒީނަތްތެރިވުމަށް ﷲ تعالى އަމުރުފުޅު ކުރައްވާފައިވާ ކަމެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ( يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ ) “އޭ އާދަމު ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!”.
ނަމާދުގައި ޒީނަތްތެރިވުން އެއީ އެމީހާގެ ޢަޥްރަ ނިވާކުރުމުގެ އިތުރަށް ކުރެވޭ ޢަމަލެކެވެ. ވީމާ، މިފަދައިން ނަމާދަށްޓަކައި ޒީނަތްތެރވުން މިއީ ދީނުގައި އަދި ޝަރީޢަތުގައި އެކަމަށް ބާރުއަޅުވާފައިވާ ޢަމަލެއް ކަމުގައި ބަޔާން ވެގެންވެއެވެ.
އިމާމް شيخ الإسلام ابن تيمية ވިދާޅުވެފައިވެއެވެ. “ދެންފަހެ ނަމާދަށް ޒީނަތްތެރިވުމުގެ އަމުރަކީ، ނަމާދުގައި ޢަޥްރަ ނިވާކުރުމުގެ އިތުރަށް ކުރެވޭ ކަމެކެވެ. މިކަމުގެ އަޞްލު ބަޔާންވެގެންވަނީ ﷲ ގެ ފޮތުގައި، ސުންނަތުގައި އަދި އުއްމަތުގެ އިޖްމާޢުންނެވެ. ދެންފަހެ ﷲ ގެ ފޮތުގައިވެއެވެ. އެއީ ﷲ سبحانه وتعالى ގެ ބަސްފުޅެވެ.( يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ ) އޭ އާދަމު ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!…”.
ދެވަނައީ: މިފަދައިން ޢިލްމު ލިބި ބަޔާންވުމުން، ނަމާދު ކުރާ މީހާއަށް އޮތީ އޭނާ ނަމާދުގައި ޒީނަތްތެރިކަމުގައި ހިފުމެވެ. އިސްވެ ބަޔާންވެދިޔަ ފަދައިން ޒީނަތްތެރިވުން، އެއީ ދީނުގައި ކަނޑައެޅިފައިވާ ކަމެކެވެ. އެހެނަސް އެ ޒީނަތްތެރިވުން އެކިއެކި ތަންތަނުގައި ތަފާތުވުމަކީ އެކަށިގެންވާ ކަމެކެވެ.
ނަމާދަށް އޭނާގެ ބޯ ހާމައަށް ބަހައްޓައިގެން ހުރި ފިރިހެނެއްގެ ނަމާދު ޞައްޙަވާނެއެވެ. ބޯ އެއީ އަންހެނާގެ އައުރައެކެވެ. (އެބަހީ: ބޯ ނިވާކުރުން ނަމާދުގައި ޝަރުޠެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އަންހެނުންނަށެވެ.)
އެހެނަސް ނަމާދަށް ހުންނަމީހާ އެންމެ ފުރިހަމަ ހެދުމެއްގައި ހުރުން އެކަށީގެންވެއެވެ. އޭގެ ތެރޭގައި ބޯ ނިވާކުރުން ހިމެނިގެންވެއެވެ. އާދަކާދައިގެ ގޮތުން ބޭނުންކުރާ ތާކިހާ ނޫނީ ތޮފި ފަދައެއްޗަކުން ނިވާކުރުންވެއެވެ.
އުޒުރެއްނެތި ބޯ ހާމައަށް ބެހެއްޓުމަކީ މަކުރޫހަކަމެކެވެ. ފަރުޟުނަމާދުގައި އެކަން ބޮޑެވެ.
މި ޢަމަލުގައި ބައެއް ޢިލްމުވެރިންގެ ބަސްފުޅު ބަޔާން ކުރަމެވެ.
މި ޒަމާނުގެ މުޙައްދިޘް، އަލް-އިމާމް الأَلبَانِي -رحمه الله- ވިދާޅުވެފައިވެއެވެ.
“އަހަރެން ދެކޭގޮތުގައި ބޯ ހާމައަށް ބެހެއްޓުމަކީ މަކުރޫހަ ކަމެކެވެ. އެހެނީ މުސްލިމުއަޅާ ނަމާދުގައި އެންމެ ރިވެތިވެގެންވާ ޙާލުގައި ހުރުން މުސްތަޙައްބު ވެގެންވެއެވެ. ޙަދީޘްގައިވާ ފަދައިންނެވެ. (فإنَّ اللهَ أحَقُّ أنْ يُتزَيَّنَ له ) “އެކަލާނގެއަށްޓަކައި ޒީނަތްތެރިވުން މާ ޙައްޤުކަން ބޮޑެވެ”.
ސަލަފުން ދެކުނުގޮތުގައި ބޯ ހާމައަށް ބެހެއްޓުމަކީ ރިވެތި ގޮތެއްނޫނެވެ. އަދި އެގޮތުގައިތިބެ މަގުމަތީ ހިނގާބިނގާ އުޅުން ރިވެތިކަމެއް ނޫންކަމުގައި ދެކުނެވެ. އަދި އަޅުކަންތައް ކުރެވޭ ތަންތަނަށް ވަނުންވެސްވެއެވެ. އެހެނަސް މިއީ އަޖްނަބީ(މުސްލިމް ނޫން މީހުން) މީހުންގެ އާދަކާދައެކެވެ. މިކަންތަށް މިވަނީ މުސްލިމް އެތަށް ޤައުމެއްގެ ތެރެއަށް ވަދެ ލާމެހިފައިއެވެ. ކާފަރުން މުސްލިމުންގެ ޤައުމުގެ ތެރެއަށްވަދެ އެމީހުންގެ ފާސިދު އާދަކާދަތަށް ފަތުރާހެދިއެވެ. އެކަންތަށް އެއަށްފަހުގައި މުސްލިމް ތަގުލީދު ކުރިއެވެ. ވީމާ އިސްލާމީ ޝަޚްސިއްޔަތުގައިވާ އާދަކާދަތަކާއި އެފަދަ މިސާލެއްކަމުގައިވާ ކަންތައްތައް އެމީހުން ދޫކޮށްދިޔައެވެ. މިއީ ކުރީގެ އިސްލާމީ އާދަކާދައިގައިވާ ކަންތައްތައް ދޫކޮށްދިއުމަށް މެދުވެރިވި ގޮތެވެ. ހުއްދަކަމަކަށް ނޫންކަމުގައިވިޔަސް ދިމާވި ގޮތަކީ މިއެވެ. މިކަން މިގޮތަށްވެގެން ދިއުން އެއީ ބޯ ހާމައަށް ބަހައްޓައިގެން ނަމާދުކުން ހުއްދަ ކަމެއްކަމުގައި ދެކިގެން ނުވާނެއެވެ.
ޙައްޖުގައި އިޙްރާމްގައި ހުންނަމީހާ ބޯ ހާމަކުރުން އޮންނަކަމަށް ބަލައި، އެހެންވުމުން ބޯ ހާމައަށް ބެހެއްޓުމީ ހުއްދަކަމެއް ކަމުގައި މިސްރުގައި އުޅޭ “އަންޞާރުއް ސުންނަތް” ގެ އަޚުންތައް ދަލީލެއްގެ ކަމުގައި ދެކެއެވެ. މިއީ އަހަރެން އެމީހުންގެ ފަރާތުން ދެކުނު އެއްމެ ބާޠިލުކަން ބޮޑު ޤިޔާސްއެވެ. މިއީ ކިހިނަކުން ދެކިގަންނަ ގޮތެއްތޯއެވެ. ޙައްޖުގައި އިޙްރާމްގައި ހުންނަ މީހާ ބޯ ހާމައަށް ބެހެއްޓުމަކީ ޙައްޖުގައިވާ އިސްލާމީ ޝިޢާރެކެވެ. މިކަމަކީ އެހެން އެއްވެސް އަޅުކަމެއްގައި ބައިވެރިކުރެވޭނޭ މަނާސިކެއް ނޫނެވެ. ޙައްޖުގައި ވާޖިބު ކަމެކެވެ. އެމީހުން ބުނެފައިވާ ޤިޔާސް އެއީ ޞައްޙަ ޤިޔާސްއެއްނަމަ، ނަމާދުގައި ބޯ ހާމައަށް ބެހެއްޓުން ވާޖިބު ވެގެންދާނެއެވެ. ސަބަބަކީ އެއީ ޙައްޖުގައި ވާޖިބުކަމެކެވެ. އެހެންކަމުން މިއީ އެމީހުން އެ ކޮށްފައިވާ ޤިޔާސްއިން ސަލާމަތް ނުވެވޭނެ ގޮތެކެވެ. އެބައިމީހުން އެ ޤިޔާސް ދޫކޮށް ރުޖޫޢަވުން ނޫން ގޮތެއްނެތެވެ. އުންމީދުކުރަނީ އެމީހުން އެގޮތަށް ޢަމަލު ކުރާނެ ކަމަށެވެ!.
ނަބިއްޔާ صلى الله عليه وسلم ގެ ފަރާތުން އެއްވެސް ގޮތަކަށް ބޯ ހާމައަށް ބަހައްޓައިގެން ނަމާދު ކުރިކަމަކަށް ސާބިތެއް ނުވެއެވެ. އިޙްރާމްގައި ހުންނަ ޙާލުގައި މެނުވީއެވެ. ފަގުޑި އިސްތަށިފުޅުގައި އަޅުއްވައިގެން ހުންނަވައިގެން ނަމާދު ކުރައްވައެވެ. މިނޫން ސިފައެއްގައި ނަމާދުކޮށްފައި ވާނަމަ އެކަން އަހަރެމެންނާއި ހިސާބަށް ނަގުލުކުރެވިގެން އައިސްފައިވާނެއެވެ. މިކަން ޔަޤީންކޮށް ބުނާމީހަކަށް އޮތީ ދަލީލު ދެއްކުމެވެ. ތަބަޢަވުން އެންމެ ޙައްޤުކަންބޮޑީ ޙައްޤުބަހުގެ މައްޗަށެވެ.
ހަނދުމަކޮށްދޭން ބޭނުންވަނީ ބޯ ހާމައަށް ބަހައްޓައިގެން ނަމާދު ކުރުމަކީ މަކުރޫހަވެގެންވާ ކަމެއްކަމެވެ. އެހެންނަމަވެސް އެ ނަމާދު ސައްޙަވާނެއެވެ. އިމާމު البَغَوِي އަދި ގިނަ ޢިލްމުވެރިން މިގޮތުގައި ދެކެއެވެ. އިމާމުމީހާ ބޯ ހާމައަށް ބަހައްޓައިގެން ނަމާދުކުރާތީ، އެކަމުން ޢާންމު މީސްތަކުން މަނާވެގަތުމަކީ ހުއްދަކަމެއް ނޫނެވެ. ޞައްޙަގޮތެއް ނޫނެވެ. އާނއެކެވެ. އެންމެ އައުލާވަނީ އެގޮތުގައިހުރި މީހެއްގެ ފަހަތުގައި ނަމާދު ކުރުމެވެ. ފަހެ އެޙާލުގައި އެވަނީ އެންމެ ފުރިހަމަ ވެގެންވާ ޝަރުތުތަށް ފުރިހަމަ ވެގެންނެވެ…”.
އަޚާއެވެ! އިމާމް الألبَانِي -رحمه الله- ގެ ބަސްފުޅުގައި ވަރަށްގިނަ ނުކުތާތަކެއް ވިސްނާލުމަށް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި:
- ބޯ ހާމައަށް ބެހެއްޓުން އެއީ މަކްރޫހަ ވެގެންވާ ކަމެއް ކަމާއި އަދި އުއްމަތުގެ ސަލަފުއް ޞާލިޙުން ބޯ ހާމަކުރައްވައިގެން ނޫޅުއްވާކަމެވެ.
- އަޅުކަންތައް ކުރެވޭ ތަންތަނަށް ވަންނަހިނދު ބޯ ހާމަކޮށް ބެހެއްޓުމަކީ ރިވެތި ކަމެއްގެ ގޮތުގައި އުއްމަތުގެ ސަލަފުއް ޞާލިޙުން ދެކެވަޑައިނުގަންނަވާކަމެވެ.
- މުސްލިމުން އެންމެ ކުރީއްސުރެން ފަށައިގެން ވެސް އެބައިމީހުންގެ ހެދުން އެޅުމުގެ ޢާދައެއް ކަމުގައިވެފައިވަނީ ބޯ ނިވާކުރުމެވެ. އެއަށްފަހު މި ޢާދަ ބަދަލުވެގެން ދިޔައީ މުސްލިމް ދަޥްލަތްތައް ކާފަރުން އިސްތިޢުމާރު ކުރުމަށްފަހުގައިއެވެ. އިސްތިޢުމާރުކޮށް، އިސްލާމް ދީނާ ބީރަށްޓެހި ޢާދަކާދަތައް މުސްލިމުންގެ ތެރެއަށް އެބައިމީހުން ގެނައެވެ. ފަހެ، އިސްތިޢުމާރު ކުރެވުނު ޤައުމުތަކުން ފައިބައިގެން ދިޔައިރު އެ ކާފަރުން ދިޔައީ އެބައިމީހުންގެ ކާފަރު ޢާދަކާދަތައް މުސްލިމުގެ ތެރެއަށް ދޫކޮށް މުސްލިމުންނަށް އެއީ ރިވެތި ކަންތައްތަކެއް ކަމުގައި ދައްކައިދީފައިއެވެ. މުސްލިމުންގެ ދިރިއުޅުމުގެ އެންމެހައި ކަމެއްގައި އެބައިމީހުންގެ ޞޫރަ ޖައްސާފައިއެވެ. ފަހެ، އެހެންވުމުން، ވިސްނާލުމަށް ގެނެސްގަތުން ހުއްޓެވެ. އެ މުސްލިމުންގެ ނުވިސްނޭ ކަމާއި، ޖާހިލުކަމުން މެނުވީ އެބައިމީހުންގެ ކިބައިން މި ޢާދަތައް ފިލައިގެން ނުދެއެވެ. ޙައިރާންވާ ކަމަކީ، މިއަދު ކާފަރުންނާއި އަދި އެބައިމީހުން ޢާދަތަކުގެ މައްޗަށް ނަފްރަތުކޮށް އެ ވާހަތައް ދައްކަމުން ދާ ޒުވާނުންނަށް ބަލާއިރު އެމީހުންވަނީ އެމީހުން އެ އިންކާރު ކުރާ ކާފަރުންގެ ޢާދަތަކުގެ ތެރޭގައިއެވެ.
- ބައެއް ޖަމާޢަތްތަކުން ބޯހާމައަށް ބެހެއްޓުމަށްޓަކައި ދައްކާފައިވާ ވާހަކަތަކާއި އެމީހުން ގެނެސްފައިވާ ޤިޔާސްތަކުގެ ބާޠިލްކަމެވެ.
- ނަބިއްޔާ صلى الله عليه وسلم ގެ ފަރާތުން އެއްވެސް ގޮތަކަށް ނަމާދު ކުރައްވާހިނދު، އިސްތަށިފުޅު ހާމަކުރައްވައި ނަމާދު ކުރެއްވިކަމަށް ޘާބިތު ނުވާކަމެވެ.
- ބޯ ހާމައަށް ބަހައްޓައިގެން ނަމާދު ކުރުން މަކްރޫހަ ވެގެންވާކަން އަދި ބައެއް ޢިލްމުވެރިން އެފަދައިން ވިދާޅުވެފަޢިވާ ކަމެވެ.
އަދިވެސް މި މައްސަލައިގައި الإِمَام محمد ناصر الدين الألباني -رحمه الله- ވިދާޅުވެފައިވެއެވެ. “މި މައްސަލައިގައި އަހަރެން ދެކެނީ، ހަމަކަށަވަރުން ބޯ ހާމައަށް ބަހައްޓައިގެން ނަމާދު ކުރުމަކީ މަކްރޫހަ ވެގެންވާ ކަމެކެވެ“ (تمام المنة ص 164).
މި ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރި އަދި އިމާމުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އިމާމް عبد العَزِيز بن باز -رحمه الله- ވިދާޅުވެފައިވެއެވެ. “ފަގުޑި ނާޅައި ނަމާދު ކުރުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ ބޮލަކީ ޢަޥްރައެއް ނޫނެވެ. އަދި ނަމާދުގައި ބޯ ނިވާކުރުން ވާޖިބެއް ނޫނެވެ. އަދި އިމާމެއް ނުވަތަ އެކަނި ނަމާދުކުރާ މީހެއްކަމުގައި ވިޔަސް ނުވަތަ މައުމޫމެއް ކަމުގައި ވީނަމަވެސްއެވެ. އެހެނަސް ޢާންމުކޮށް ފަގުޑި (ޢާންމުކޮށް ބޯ ނިވާކުރާ އެއްޗަކުން ނިވާކުރުން) ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ޚާއްޞަކޮށް މީސްތަކުންނާއެކު ނަމާދު ކުރާ ހިނދުގައެވެ. އެއީ ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ( يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ ) އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!” ……” (مجموع فتاوى 10-406).
ނިންމާލުމުގެ ކުރީގައި އެންމެ ފަހު ނުކުތާއެއްގެ ގޮތުގައި ބުނަމެވެ. ފަހެ، ބައެއް ޢިލްމުވެރިންގެ އަރިހުގައި މި މައްސަލައަކި އެބައެއްގެ ޢުރުފަށް ރުޖޫޢަވާ ޢާދަކާދައިގެ ތެރެއިންވާ ކަމެއް ކަމުގައި ވުމުން އެ މުޖުތަމަޢަތެއްގެ ތެރޭގައި އެއީ މުރޫ އަތާއި ޚިލާފް ކަމެއް ނޫންނަމަ، އެ ޙާލުގައި ބޯ ނިވާ ނުކުރިއަސް ކަރާހަތްތެރި ކަމެއް ނެތް ކަމުގައި ވިދާޅުވެފައިވެ އެވެ. މި މޭރުމުން الإمام الشاطِبِي -رحمه الله- މުޥާފަޤާތުގައި އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން الشيخ العلامة ابن العثيمين -رحمه الله- ފަދަ ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
ވުމާއެކު، ޢާންމު މީސްތަކުން މިފަދަ މޭރުމަކުން ބަލާއިރު އެކަން ނުކުރިއަސް އެއީ އެމީހުންގެ މައްޗަށް އެހާ ބޮޑަށް އިންކާރު ކުރެވޭނެ ކަމެއް ނޫނެވެ.
އެހެނަސް މި ޤައުލު ގެ މައްޗަށްވެސް މި ކަމަކީ ޝަރުޢީ ޢިލްމު އުނގެނި ކިޔަވާ ކުދިންނާ ލާއިޤުވެގެންވާ ކަމެއް ނޫނެވެ. އެފަދައިން މީސްތަކުންގެ ކުރިމަތީގައި ޝަޚްޞިއްޔަތުގެވެރި ބަޔަކު ބޯ ނިވާނުކޮށް އުޅުމަކީ އެމިހުންގެ ޙައްޤުގައި މުރޫއަތްތެރި ކަމާއި ޚިލާފް ކަމެއް ކަމުގައި އަހަރެމެންގެ ޝެއިޚް ޑރ. الشيخ عَبد الله البُخَارِي -حفظه الله ވިދާޅުވެފައިވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.