11 ރަކުޢަތަށްވުރެ ގިނަ ރަކުޢަތް ކުރާ އިމާމެއްގެ ފަހަތުގައި ރޭއަޅުކަން ކުރަން ފެށުމަށްފަހު، އިމާމްގެ ނަމާދު ނުނިމެނީސް ފައިބައިގެން ދިއުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

11 ރަކުޢަތަށްވުރެ ގިނަ ރަކުޢަތް ކުރާ އިމާމެއްގެ ފަހަތުގައި ރޭއަޅުކަން ކުރަން ފެށުމަށްފަހު، އިމާމްގެ ނަމާދު ނުނިމެނީސް ފައިބައިގެން ދިއުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

އަޚާ އެވެ! ސުވާލުގެ ޖަވާބުގެ އިތުރުން އެނގިގަތުން މުހިންމު ވެގެންވާ ނުކުތާތަކެއް އެނގިގަތުން ހުއްޓެވެ.

ޤިޔާމުލް ލައިލް، ތަޙައްޖުދު، ރޭއަޅުކަމުގެ ވަޤުތަކީ އިޝާނަމާދުން އަވަދިވާ ހިނދުން ފަށައިގެން ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމަށް ދާންދެން ދެމިގެންވެ އެވެ. الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޢިޝާ ނަމާދުން އަވަދި ވުމާއެކު ތަރާވީޙް ނަމާދުގެ ވަޤުތު ފެށުނީ އެވެ….. އަދި އެ ވަޤުތު ފަތިސްވަޤުތު ވަންނަންދެން ދެމި އޮންނާނެ އެވެ.“

ވުމުން، މި ވަޤުތު ތެރެއިން ކޮންމެ ވަޤުތެއްގައިވެސް ކުރުން ހުއްދަވެގެންވެ އެވެ.

ފުރަތަމައީ : ވަރަށްގިނަ ބަޔަކަށް ވިސްނިފައިވަނީ ރޭއަޅުކަމުގެ މާނައަކީ ގިނަ ރަކުޢަތްތަކެއް ކޮށްލުމެވެ. އެ ގޮތުން އޭގެ މައްޗަށް ބުރަވެ، ރޭއަޅުކަމުގެ ގޮތުގައި ގިނަ ރަކުޢަތްތަކެއް ކުރުމަށްޓަކައި ސުވާލުގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލު ކުރެ އެވެ.

އެހެނަސް މިތަނުގައި އެންމެ ހެޔޮވެގެންވާ އަދި އެންމެ ފުރިހަމަ ނަމޫނާގެ ފޮތުގައި މުއުމިނު އަޅުތަކުންނަށް މިޘާލެއްގެ ގޮތުގައި ފޮނުއްވި ފަރާތް، މާތް ނަބިއްޔާ صَلَّى اللهُ عليه وسلَّمَ ގެ ހިދާޔަތް ބަލާލުން ހުއްޓެވެ.

صحيح البخاري 2013 ގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. أنَّهُ سَأَلَ عَائِشَةَ رَضِيَ اللَّهُ عَنْهَا، كيفَ كَانَتْ صَلَاةُ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ في رَمَضَانَ؟ فَقَالَتْ: ما كانَ يَزِيدُ في رَمَضَانَ ولَا في غيرِهِ علَى إحْدَى عَشْرَةَ رَكْعَةً، ”(ނަބިއްޔާގެ އަނބިކަނބަލުން) عَائِشَةَ رَضِيَ اللَّهُ عَنْهَا، އަރިހުގައި މާތް ނަބިއްޔާ ރަމަޟާން މަހުގެ ރޭއަޅުކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެ ކަމަނާ ވިދާޅުވި އެވެ. ”ރަމަޟާން މަހުގައިވެސް އަދި ރަމަޟާން ނޫން މަސްތަކުގައިވެސް 11 ރަކުޢަތަށްވުރެ ގިނަ ނުކުރައްވަތެވެ.“

ފަހެ، އެހެން ވުމުން މިއީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި އެންމެ ރިވެތި ވެގެންވާ ނަމޫނާ އެވެ.

މިފަދައިން ނަމާދު ކުރެވެން އޮތް މީހާ އޭނާ އެފަދަ ޖަމާޢަތަކަށް ޙާޟިރުވެވެން އޮވެއްޖެ ހިނދު، އޭނާގެ ހައްޤުގައި އަދި މި ސުންނަތާއި މި ކަމުގައި ނަބިއްޔާއަށް އިޤްތިދާވުމަށްޓަކައި އެފަދައިން އެތަނަކަށް ދިއުން ހުއްޓެވެ.

ދެވަނައީ : أبو ذر الغفاري -رضي الله عنه- ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވެ އެވެ. އަޞްޙާބު ބޭކަލުން ނަބިއްޔާ صلى الله عليه وسلم އަރިހުގައި ޤާއިމްވެ ތިއްބަވައި ރޭއަޅުކަން ކުރެއްވި އެވެ. އަދި ރޭގަނޑުގެ ބައެއް އޮއްވައި ނަބިއްޔާ ނަމާދު ކުރައްވައި އަވަދިވެވަޑައިގެންނެވި އެވެ. ފަހެ، އެ ރޭގައި ބާކީއޮތް ވަޤުތުގައިވެސް އެ ބޭކަލުންނާއިގެން ނަމާދު ކުރެއްވުމަށް ރަސޫލާ صلى الله عليه وسلم އަރިހުގައި އެހިނދު އަޞްޙާބު ބޭކަލުން ދެންނެވި އެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. (إنَّه مَن قام مع الإمامِ حتَّى ينصرِفَ كُتِب له قيامُ ليلةٍ ) ”ހަމަކަށަވަރުން އިމާމް މީހާ ނަމާދުން އަވަދިވެއްޖައުމަށް ދާންދެން، އިމާމާ އެކު ނަމާދުގައި ޤާއިމްވެއްޖެ މީހާއަށް މުޅި ރޭގެ ޤިޔާމުގެ އަޖުރު ލިޔެވިގެންވެ އެވެ.“

މިއީ ކޮންފަދަ އަޖުރެއް ހެއްޔެވެ؟

މިތަނުގައި ފާހަގަކޮށްލަން އަދި އެނގިގަތުން މުހިންމު ނުކުތާއެއްވެ އެވެ. ރޭގަނޑުގައި އަދި އިތުރު ބާކީ ވަޤުތުތަކެއް އޮތް ކަމެވެ. އެ ވަޤުތުގައިވެސް ނަމާދު ކުރުމަށް އެބޭފުޅުން ބޭނުންފުޅުވާކަން އަދި އެކަމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އެބޭކަލުން އެދިވަޑައިގެންނެވި ކަމެވެ.

އެހެނަސް ރަސޫލާ صلى الله عليه وسلم އެބޭކަލުންނަށް ދެއްވި ޖަވާބުގެ ފުރިހަމަކަމެވެ.

ފަތިސްވަންދެން ގިނަ ރަކުޢަތްތަކެއް ނުކުރި ކަމުގައިވީނަމަވެސް މުޅި ރޭއަޅުކަން ޙާޞިލްވެފައިވާނެ ކަމާއި އެފަދައިން ލިޔުއްވިގެންދާނެ ކަމެވެ.

ވުމުން 11 ރަކުޢަތް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމުން، ނަބިއްޔާ صلى الله عليه وسلم ރޭއަޅުކަން ކުރެއްވި މިންވަރުގައި އެމީހަކު ވަނީ އިޤްތިދާވެފަ އެވެ. އަދި އިމާމްގެ ނަމާދުކޮށް އަވަދިވުމާއި ހަމައަށް ބައިވެރިވެފައިވުމުން މުޅި ރޭއަޅުކަމުގެ ޘަވާބު ޙާޞިލްވެގެންދިޔައީ އެވެ. ވުމާއެކު އެމީހަކު އެވަނީ އެންމެހައި ހަދީޘްތަކެއްގެ މައްޗަށް ޢަމަލު ކޮށްފައި ބުނުމަކީ އެންމެ ގާތް ބުނުން ކަމުގައިވެ އެވެ.
އެބަހީ، 11 ރަކުޢަތްވެސް ވަނީ ކޮށްފަ އެވެ.
އަދި އިމާމްއާ އެކު ފަށައިގެން ނިމުމަށް ދާންދެންވެސް ވަނީ ޢަމަލުކޮށްފަ އެވެ.

ފަހެ، އަޚާއަށް މިފަދައިން ޢަމަލު ކުރުމަށް ނަޞޭހަތްތެރިވަމެވެ. މިފަދައިން އިރުޝާދު ދެމެވެ. އަދި މިސްކިތްތަކުގެ ތެރޭގައި މި ޢަދަދަށް ނަމާދު ކުރާ މިސްކިތެއް ހުރެއްޖެހިނދު އެފަދަ މިސްކިތެއް އިޚްތިތާރު ކުރުމަށްވެސް ނަޞޭޙަތްތެރިވަމެވެ. ސަބަބަކީ، އެންމެ އެދެވިގެންވާ އަދި ހެޔޮ ވެގެންވާ ޢަމަލުގައި އަދި ސިފައިގައި ދެމިހުރުމަށްޓަކަ އެވެ.

ތިންވަނައީ : ޙަދީޘްގައިބަޔާންވެގެންވާ (إنَّه مَن قام مع الإمامِ حتَّى ينصرِفَ كُتِب له قيامُ ليلةٍ ) ”ހަމަކަށަވަރުން އިމާމް މީހާ ނަމާދުން އަވަދިވެއްޖައުމަށް ދާންދެން، އިމާމާ އެކު ނަމާދުގައި ޤާއިމްވެއްޖެ މީހާއަށް މުޅި ރޭގެ ޤިޔާމުގެ އަޖުރު ލިޔެވިގެންވެ އެވެ.“

މިއަޖުރު ޙާޞިލްވާހުށީ އިމާމްއާ އެކު ނަމާދު ފަށައިގެން އިމާމް ނަމާދުކޮށް އަވަދި ވުމަށްދެން ޤާއިމްވެ ހުރި މީހާއަށެވެ. އެހެނަސް އިމާމް ދޫކޮށް ތަރާވީޙްއިން ބައެއް ކޮށް ފައިބައިފި މީހާއަށް މި އަޖުރު ޙާޞިލް ނުވާނެކަން ޙަދީޘްއިން ވަރަށް ޞަރީޙަކޮށް ބަޔާންވެގެންވެ އެވެ.
ވުމުން، އެ ޖަމާޢަތަކީ 11 ރަކުޢަތަށްވުރެ ގިނައިން ކުރ ޖަމާޢަތެއްކަމުގައިވެ، އެފަދަ ޖަމާޢަތެއްގައި އޭނާ ބައިވެރިވެއްޖެހިނދު، މި އަޖުރު އަދި މަތިވެރިކަން އެމީހެއްގެ ކިބައިން ފާއިތުވެ ނުދިއުމަށްޓަކައި އިމާމް ނަމާދުކޮށް އަވަދިވުމަށް ދާންދެން އެގޮތުގައި ޤާއިމްވެ ހުރުމަށް ނަޞޭހަތްތެރިވަމެވެ.

އެފަދައިން ކުރާ އިމާމެއް ދޫކޮށް ނުދިއުމަށް ބުނާ ސަބަބުތަކެއްވެ އެވެ.

ފުރަތަމައީ : މައްސަލައަކީ މި މައްސަލައަކީ އުއްމަތުގެ ޢިލްމުވެރިންގެ މެދުގައި އެމައްސަލައެއްގައި ދަލީލުތަކުގެ މައްޗަށް ޚިލާފް އުފެދިފައިވާ މައްސަލައެކެވެ. ޚިލާފެއް ނެތް ކަމުގައި ޢިލްމު ދަންނަ އަދި ޢިލްމީ ގޮތުން ތަންދޮރު ފިލައިފައިވާ އެކަކުވެސް އިންކާރެއް ނުކުރާނެ އެވެ.
ވުމާއެކު، 11 ރަކުޢަތަށް ވުރެ ގިނައިން ކުރުމަކީ ނުވަތަ މަދުން ކުރުމަކީ އެއީ ބިދުޢަވެރި ޢަމަލެކޭ ނުބުނެވޭނެ އެވެ. އަދި ބުނެވިގެންވެސް ނުވާނެ އެވެ.

މިފަދަ ބަސްފުޅުތަކުގެ ތެރޭގައި، الإمام ابن قدامة -رحمه الله- ވިދާޅުވެފައިވެ އެވެ. “ أبي عبد الله (ޔަޢުނީ : އިމާމް އަޙްމަދު) މިކަމުގައި އިޚްތިޔާރު ކޮށްފައިވަނީ 20 ރަކުޢަތް ކުރުމެވެ. އަދި މިފަދައިން الثوري އާއި أبو حنيفة އަދި الشافعي އަދި مالك ވިދާޅުވަނީ 30 ރަކުޢަތް ކަމުގަ އެވެ.“ المغني 1 / 457

އަދި މިމައްސަލައިގައި އައް-ޝާފީ މަޛްހަބުގެ އެންމެ މަޝްހޫރު އެއް އިމާމް النووي ވިދާޅުވެފައިވެ އެވެ. ”އެންމެހައި ޢިލްމުވެރިން އިޖްމާޢުވަޑައިގެންފައިވާ ގޮތުގައި، ތަރާވީޙް ނަމާދަކީ ސުންނަތެކެވެ. އަދި އަހަރެމެންގެ މަޛްހަބަކީ (އެބަހީ، ޝާފީ މަޛްހަބް) އެއީ 10 ފަހަރު ސަލަމް ދިނުމާއެކު ކުރެވޭ 29 ރަކުޢަތެކެވެ. ޖަމާޢަތުގައި އަދި އެކަނި (ވަކިން) ކުރުންވެސް ހުއްދަވެގެންވެ އެވެ.“ المجموع 4 / 31
އަޚާއެވެ! މިއީ ސުންނަތުގެ އެންމެ މަޝްހޫރު 4 މަޛްހަބުގެ އިމާމުންގެ ބަސްފުޅެވެ. އެންމެހައި އިމާމުން ދެކެވަޑައިގެންފައިވަނީ އަދި ވިދާލުވެފައިވަނީ 11 ރަކުޢަތަށް ވުރެ އިތުރު ކުރުން ހުއްދަވެގެންވާ ކަމުގަ އެވެ. އިސްވެ ބަޔާންވެދިޔައީ އެބޭކަލުންގެ ބަސްފުޅުތަކެވެ.
ފަހެ، މަޛްހަބުތަކުގެ މެދުގައި އުފެދިފައިވާ ފިޤުހީ ޚިލާފްތަކުގެ މައްޗަށް ސުންނަތުގެ އަހުލުވެރިންގެ މަޥްޤިފަކީ އޭނާ ދެކޭ ރައުޔާއި ޚިލާފް ޤައުލެއްގައި އެހެން މަޛްހަބެއްގައި އޮތް ކަމުގައިވީނަމަވެސް އެއީ ބިދުޢަވެރިވާނެ ޢަމަލެއް ނޫން ކަމުގައި ދެކުމެވެ.

އަދި މި މައްސަލައިގައި އެބޭކަލުން އެފަދައިން ދެކެވަޑައިގެންނެވުމުގެ މައްޗަށް، އެ ރައުޔަށް ބުރަވެވޭ ދަލީލުތަކާއި ބަސްފުޅުތައް އޮވެއްޖެހިނދު އެޤައުލުތަކަށް އަދި މާބޮޑަށް ބާރު ލިބިގެންވޭ ނޫން ހެއްޔެވެ؟
މައްސަލައިގައި އިމާމް شيخ الإسلام ابن تَيمَية -رحمه الله- ވިދާޅުވެފައިވެ އެވެ. ”ރަތާވީޙް ނަމާދު أبي حنيفة ގެ މަޛްބަހުގައިވާފަދައިންالشافعي މަޛްހަބުގައިވާ ފަދައިން އަދި أحمد ގެ މަޛްހަބުގައިވާފަދައިން 20 ރަކުޢަތަށް ކުރުމުން ނުވަތަ مالك ގެ މަޛްޖަބުގައި ވާ ފަދައިން 30 ރަކުޢަތަށް ނުވަތަ 13 ރަކުޢަތަށް ނުވަތަ 11 ރަކުޢަތަށް ކޮށްފި މީހާވަނީ ހަމަކަށަވަރުން ހެޔޮ ގޮތުގައި އެ ނަމާދު ކޮށްފަ އެވެ. އިމާމް أحمد. ވިދާޅުވެފައިވާ ފަދައިން އެއީ (ތަރާވީޙް ނަމާދަކީ) ވަކި ޢަދަދަކަށް ހުއްޓިފައިވާ، ކަނޑައެޅިފައިވާ ނަމާދެއް ގޮތުގައި ނުވެ އެވެ. ދެންފަހެ، ރަކުޢަތުގެ ޢަދަދު ގިނަ ވުމާއި އަދި މަދުވުން ބިނާވެފައިވަނީ ނަމާދު ކުރުމުގެ ސިފައިގެ ދިގުކަމާއި އަދި ކުރު ކަމުގެ މައްޗަށެވެ،“ الاختيارات ص 64
ޔަޢުނީ : މިތަނުގައި އިމާމް شيخ الإسلام ابن تَيمَية -رحمه الله- ވިދާޅުވެފައިވަނީ، ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދު ބިނާވެގެންވަނީ އެނަމާދު ކުރުމުގެ ސިފައިގެ ދިގުކަމާއި ކުރުކަމުގެ މައްޗަށް ކަމެވެ. އެބަހީ، އެ ނަމާދުގައި ދިގުކޮށް ކިޔަވައި ޤިޔާމް ދިގުވާނަމަ ރަކުޢަތްތަކުގެ ޢަދަދު މަދުކޮށް ނަމާދުގެ ސިފަ ދިގުކޮށްލުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts