ރިސޯޓްގައި ރާ ވިއްކައި އުފުލަން ޖެހެ އެވެ. އެ ވަޒީފާގެ ޙުކުމަކީ ކޮބާ؟
ރިސޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ ޢަމަލުތަކުގެ ތެރޭގައި ރާ އުފުލައިދޭން ޖެހެ އެވެ. މިފަދަ ވަޒީފާއެއްގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އޭނާގެ އާމްދަނީ ހުއްދަވާނެ ހެއްޔެވެ؟
بسم الله الرحمن الرحيم، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަޚާއެވެ! މިތަނުގައި ޛިކުރު ކޮށްފައި މިވަނީ ބަގުރާއާ ގުޅޭ ވާހަކަތަކެވެ.
އެންމެހައި މުސްލިމުންނަށް ދީނުގައި ޒަރޫރީކޮށް އޭގެ ޙުކުމް ބަޔާންވެގެންވާ އެއް ކަމަކީ، ބަގުރާ ހަރާމްވެފައިވުމެވެ. ﷲ ވަޙީ ކުރެއްވި އެވެ.
(يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ)
”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާ ގެ ޢަމަލު ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ތިޔަބައިމީހުން މިތަކެއްޗާއި ދުރުވާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކަ އެވެ.“
ވަރަށް ސާފު ޞަރީޙަކޮށް އެއީ ދުރުވާންޖެހޭ އެއްޗެއް ކަމާއި އެއާ ގާތްވުންވެސް ހުއްދަވެގެން ނުވާކަން ބަޔާންވެގެންވެ އެވެ. މިއީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު އެއްޗެއްކަންވެސް ބަޔާންވެގެންވެ އެވެ.
އެކަލާނގެ ޙަރާމް ކުރައްވާފައިވާ އެއްޗެއް ގަނެ ވިއްކުންވެސް ޙަލާލެއް ނުވާނެ އެވެ.
صحيح مسلم ގައި ޞަޙާބީ أبي سعيد الخدري- رضي الله عنه- ގެ އަރިހުން ރިވާވެގެންވެ އެވެ. ހަމަކަށަވަރުން النبي صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إن الله تعالى حرم الخمر، فمن أدركته هذه الآية وعنده منها شيء فلا يشرب ولا يبع)
ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ ބަގުރާ ޙަރާމް ކުރައްވާފަ އެވެ. ފަހެ، މި އުއްމަތުގެ މީހުންގެ ތެރެއިން މީހަކަށް މި އާޔަތް ފޯރުމަށްފަހު، އޭނާގެ އަތުގައި ބަގުރަލުގެ އެއްވެސް މިންވަރެއްވެއްޖެ މީހާ އެއިން ބޮއެގެން އަދި ވިއްކައިގެން ނުވާނެ އެވެ.“
މިއީ އެންމެ ބޮޑެތި ޙަރާމް ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެކެވެ. އޭގެ ފާޙިޝްކަން ބޮޑުވެގެންވާ އެއް ޢަމަލެވެ. ބަގުރަލުގެ މުޑުދާރުކަމާއި ނުބައިކަމާއި ފާޙިޝްކަން ބޮޑުވެގެންވާ މިންވަރަކީ ބަގުރަލާ ގުޅޭ 10 ބަޔަކަށް ދީނުގައި ލަޢުނަތް ލެއްވިގެންވެ އެވެ.
މުސްލިމު އަޅުތަކުން ބިރުވެތިވުން ހުއްޓެވެ. ލަޢުނަތް ލެއްވިގެންވާ ވާހަކައެވެ. ﷲގެ ރަޙުމަތުން ދުރުކުރެވި އެކަލާނގެ ކޯފާއަށް ތިމާ ހުށަހެޅިގެންވާ ކަމެވެ.
ޙަދީޘް ގައިވެ އެވެ.
(لعن رسولُ اللهِ صلى الله عليه وسلم في الخمرةِ عشرةً : عاصرَها، ومعتصرَها، وشاربَها، وحاملَها، والمحمولةَ إليه، وساقيها، وبائعَها، وآكلَ ثمنِها، والمشتريَ لها، والمشتراةَ له
”ބަގުރަލުގައި 10 ބަޔަށް ﷲ ގެ ރަސޫލާ ﷺ ލަޢުނަތްލެއްވި އެވެ. ބަގުރާ ތައްޔާރުކޮށް އަމިއްލައަށް ބޯ މީހާ، ބަގުރާ ބުއިމަށްޓަކައި އެހެންމީހެއްގެ ކައިރިން އެދޭ މީހާ، ބަގުރާ ބޯމީހާ، ބަގުރާ އުފުލާ މީހާ، އެމީހެއްގެ ކައިރިއަށް އުފުލައި ގެނެސްދެވޭ މީހާ، ބަގުރާ އަޅައިދޭ މީހާ، ބަގުރާ ވިއްކާ މީހާ، އޭގެ ފައިސާ ކާ މީހާ، ބަގުރާ ގަންނަމީހާ އަދި އެމީހަކަށް ގަނެދެވޭ މީހާ އެވެ.“
الترمذي 1290 قال الألباني حسن صحيح
މި އެންމެންނަކީ މި ފާފައިގައި ﷲ ގެ ލަޢުނަތް ޙައްޤުވެގެންވާ މީހުންނެވެ. ލަޢުނަތުގެ މާނައަކީ ﷲގެ ނުރުއްސެވުމާއި ކޯފާވޮޑިގެންވުމެވެ. ﷲ ގެ ރަޙުމަތުން ބޭރުވެގެންވުމެވެ. ބުއްދިއަށް ގެނެސްގަތުން ހުއްޓެވެ!
ތައްޔާރު ކުރާ މީހާ ތައްޔާރު ކުރަނީވެސް ފައިސާއަށްޓަކަ އެވެ. ގަންނަ މީހާ ފައިސާ ޚަރަދުކޮށް އެ ގަންނަނީ ވިއްކައި ފައިސާ ހޯދުމަށެވެ. މި އެންމެނަށް އޮތް އެންމެ ފަހު އާޚިރު މަރުޙަލާއަކީ އެ ވިއްކުން ނޫން ހެއްޔެވެ؟ އެކަން ކުރުމުގައި އެންމެބޮޑު އެހީތެރިކަމެއް ފޯރު މިކޮށްދެނީ ބޯންދޭ މީހާ ނޫންހެއްޔެވެ؟ ބޯން ދިނުމަށްޓަކައި އެ އުފުލައި ގެންދާ މީހާ ނޫން ހެއްޔެވެ؟
ތައްޔާރު ކުރާ މީހާ، އެ ގަންނަ މީހާ، އުފުލާ މީހާ އަދި މިއެންމެހައި ލަޢުނަތް ހައްޤުވެގެންވާ މީހުން މިކަން ކުރަނީ އެންމެ ފަހު މަރުޙަލާއަށްޓަކަ އެވެ. އެއީ ބަގުރާ ބޯން ދިނުމަށެވެ.
ފަހެ، އެ ބޯން ދިނުމަށް އުފުލައި ހަދާމީހާ އެއީ ކޮންފަދަ ފާފަވެރި ފަރާތެއް ހެއްޔެވެ؟ ބަގުރާ ބޯން ދިނުމަށްޓަކައި އެ އުފުލައި ގެންދާ މީހާ މިވަނީ ކިހާ ބޮޑުވެގެންވާ މުންކަރާތަކަށް އަރައިގަނެފައި ކަމާއިމެދުގައި ފިކުރު ކޮށްލުން ހުއްޓެވެ.
ބިރުވެތި ނުވަނީ ހެއްޔެވެ؟ ރާ އުފުލުމާއި (މޭޒުމައްޗށް އެރުވުން، ކޮޓަރިތަކަށް ގެންދިއުން ….) މި ނޫނަސް ބަގުރަލާ ގުޅިފައިވާ އެންމެހައި ވަޒީފާތަކަކީ ޙަރާމް ވެގެންވާ ވަޒީފާ އެވެ.
ޝައްކެތްވެސް ނެތެވެ. ޙަރާމް ޢަމަލެކެވެ. ޙަރާމް ޢަމަލެއް ކޮށްގެން އޭނާ އެއިން ނެރޭނީ ކޮން އުޖޫރައެއް ހެއްޔެވެ؟
އޭނާގެ ވަޒީފާއަކީ ޙަރާމް ވަޒީފާ އެކެވެ. ﷲގެ ކޯފާ އެކަލާނގެ ލަޢުނަތަށް ހުށެހެޅޭނެ ވަޒީފާ އެކެވެ. ޙަރާމް ވަޒީފާއިން ލިބޭ އާމްދަނީއަކީ ޙަރާމް އާމްދަނީ އެކެވެ.
އެއްވެސް ޙާލެއްގައި މުސްލިމަކަށް ބަގުރާ އުފުލުމާއި ބަގުރާ ގުދަން ބެލެހެއްޓުމާއި ބަގުރާއާ ގުޅޭ މުޢާމަލާތް ކުރުން ހުއްދައެއް ނުވާނެ އެވެ.
ބަގުރަލަކީ އެންމެހައި ފާފަތަކުގެ އަސްލު އަދި އެންމެހައި ފާފަތަކުގެ ”މަންމަ“ ގޮތުގައި ސިފަކުރެވިގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (الخمرُ أمُّ الخَبائِثِ) السلسلة الصحيحة ، حسن 1854
މިއަށްވުރެ މުޑުދާރު އެހެން ޢަމަލަކީ ކޮބައިތޯ އެވެ؟
ﷲ ތަޢާލާ ދުނިޔެމަތީގައި ލައްވާފައިވާ އާމްދަނީ ހޯދުމުގެ އެތައް ގިނަގުނަ ޙަލާލު މަސައްކަތްތަކެއްވެ އެވެ. ﷲގެ އަޅާއަށް އޮތީ ތިމާގެ ޙަޤީޤީ ރައުސްމާލު ކަމުގައިވާ ތިމާގެ ދީން އެންމެ ފުރަތަމަ އިސްކުރުމެވެ. ދީން ރައްކާތެރި ކުރުމެވެ.
ތިމާ ކިތަންމެ އާމްދަނީއެއް އެއީ ކޮންމެ ވަޒީފާއެއްގައި އުޅެގެން ހޯދި ކަމުގައިވީނަމަވެސް އޭނާ އެތަކެއްޗާއި ވަޒީފާ ދޫކޮށް ﷲ ގެ ޙަޟުރަތަށް އެނބުރި ދާންޖެހޭނެ ފަރާތެއް ކަމުގައި ދަންނަންޖެހެ އެވެ.
ކިތަންމެ ފަޤީރު ކަމާއި މިސްކީނު ޙާލުގައި އުޅެން ޖެހުނު ކަމުގައިވީނަމަވެސް މިހާ ފާޙިޝްކަން ބޮޑުވެގެންވާ މުޑުދާރު ޢަމަލެއްގެ ތެރެއަށް ތިމާގެ ނަފްސު ގެންގޮސް އިހާނާތްތެރިކޮށްލައިގެން ނުވާނެ އެވެ.
ތިމާ އެންމެ ލޯބިވާ އެންމެ ހެޔޮކޮށް ހިތަންޖެހޭ ފަރާތްތަކަށް ތިމާ ހޯދައިދޭ ތަކެއްޗަކީ މި ޙަރާމް އާމްދަނީ ހެއްޔެވެ؟ ޙަރާމް ތަކެތި ކާންދީ ހެދިބޮޑުވެފައިވާ ހަށިގަނޑުގެ މަސްތަކަށް އަޥްލާވެގެންވަނީ ނަރަކަ އެވެ.
މުސްލިމް އަޚާ އެވެ. ޙިސާބު ބެއްލެވޭނެ ދުވަހެއްވެ އެވެ. ޖަވާބު ދޭންޖެހޭ ދުވަހެއްވެ އެވެ. މި ޙަޔާތުގައި ލައްވާފައި މިވަނީ އާޚިރަތް ހޯދުމަށްޓަކަ އެވެ.
ﷲގެ ކުރިފުޅުމަތީގައި ހުއްޓިހުންނަންޖެހޭ ދުވަސް ހަނދާންކޮށް، އެ ދުވަހުގައި ދޭނެ އެއްވެސް ޖަވާބެއް ނޯންނާނެކަން ދަނެ، މި ދުވަހުގެ މައްޗަށް ބިރުވެތިވުން ހުއްޓެވެ.
މިތަކެތި އަނބިދަރިންނަށް ކާންދޭ މީހާ އެވަނީ އޭނާ ބަލަހައްޓަން ޖެހޭ ފަރާތްތަކުގެ މައްޗަށް ކޮންފަދަ އިހުމާލަކުން އިހުމާލު ވެފައި ހެއްޔެވެ؟
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إِنَّ اللهَ سَائِلٌ كُلَّ راعٍ عَمَّا اسْتَرْعَاه، أَحَفِظَ أَمْ ضَيَّعَ، حَتَّى يَسْأَلَ الرَّجُلَ عَنْ أَهْلِ بَيْتِه)
”އެމީހެއްގެ ބެލުމުގެ ދަށުގައިވާ ބަޔަކާ ބެހޭގޮތުން ﷲ ތަޢާލާ ކޮންމެ ބެލެހެއްޓުންތެރިއަކާ ސުވާލު ކުރައްވާނެކަން ކަށަވަރެވެ. އެއީ އޭނާ ވަނީ އެކަމަށް ރައްކާތެރި މީހެއްކަމުގައިތޯ ނުވަތަ އިހުމާލުވެގެންވީ މީހެއްތޯ (ބެއްލެވުމަށްޓަކަ އެވެ.) އެގޮތުން ކޮންމެ މީހަކާ އޭނާގެ ބެލުމުގެ ދަށުގައިވާ އަހުލުބައިތުން (އެބަހީ : އަނބި ދަރިންނާ ބެހޭގޮތުން) ސުވާލު ކުރެވޭނެ އެވެ.“
النسائي (السنن الكبرى) (5/ 374 رقم 9174) (السلسلة الصحيحة) (رقم 1636)
ތިޔަ ވަޒީފާއަކީ ޙަރާމް ވަޒީފާ އެކެވެ. އަދި ޙާޞިލްކުރާ އާމްދަނީއަކީ ޙަރާމް އާމްދަނީ އެކެވެ. ﷲއަށްޓަކައި ތި ވަޒީފާ ދޫކޮށްލުންވެ އެވެ. ޔަޤީން ކަށަވަރުކަމާއެކު ދަންނާށެވެ. ﷲއަށްޓަކައި އެއްޗެއް ދޫކޮށްލައިފިހިނދު ﷲ އޭގެ ބަދަލުގައި އެއަށްވުރެ މާ ރަނގަޅުގޮތެއް މެދުވެރި ކުރައްވާނެ އެވެ.
والله تعالى أعلم.
وصلى الله على نبينا محمد وآله وصحبه وسلم.
