ވާރެޔާ ތެމުމަކީ ސުންނަތެއް ތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވާރެއާ ތެމުމާ މެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ވާރޭ ވެހޭހިނދު ވާރެއާ ތެމުން އެއީ ދީނުގައި އޮތް ޢަމަލެއްކަމުގައި އެއްވެސް ގޮތަކަށް ނުދަންނަމެވެ. އެހެނަސް ވާރޭ ވެހެން ފައްޓާހިނދު ދީނުގައި ޢަމަލު ކުރުމަށް ބަޔާންވެގެންވާ ސިފައެއްވެއެވެ.
1. އެއީ އެންމެ ފުރަތަމަ ވާރޭ ވެހެން ފައްޓާހިނދުގައި (އެންމެ ފުރަތަމަ ފެންފޮދުގެ ތެރެއަށް) ވާރޭ ތެރެއަށް ނުކުމެ، އޭނާގެ ހަށިގަނޑުން ކޮންމެވެސް މިންވަރެއް ކަޝްފުކޮށް، ވާރޭފެން ޖައްސާނީއެވެ. ސަބަބަކީ އެއީ ބަރަކާތްތެރިވެގެންވާ ފެނެކެވެ. މި ޢަމަލު ބަޔާންވެގެންވާ ރިވާޔަތްތަކުގެ ތެރޭގައި ހިމެނެއެވެ. أنس رضي الله تعالى عنه قال : أصابنا ونحن مع رسول الله صلى الله عليه وسلم مطر فحسر رسول الله صلى الله عليه وسلم ثوبه حتى أصابه من المطر ، فقلنا : يا رسول الله لم صنعت هذا ؟ قال : لأنه حديث عهد بربه تعالى.
رواه مسلم .
أنس رضي الله عنه ވިދާޅުވިއެވެ. ” އަހަރެމެން رسولُ اللَّهِ صلى الله عليه وسلم ގެ އަރިއަހުގައި ވަނިކޮށް ވާރޭވެހެން ފެއްޓިއެވެ. ފަހެ، رسولُ اللَّهِ صلى الله عليه وسلم ވާރޭ ތެރެއަށް ނުކުމެވަޑައިގެން ހަށިކޮޅަށް ވާރޭފެން ވާޞިލްވާނެގޮތަށް ތުރުކުރައްވައިގެން ހުންނެވި ފޭރާން (ފޭރާމުގެ ކޮންމެވެސް މިންވަރެއް) ކަޝްފު ކުރެއްވިއެވެ. ފަހެ، رسولُ اللَّهِ صلى الله عليه وسلم އަރިހުގައި ދެންނެވުނެވެ. ތިފަދައިން ޢަމަލުފުޅު ކުރެއްވީ ކީއްވެތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެހެނީ ހަމަކަށަވަރުން އެފެނަކީ ދާދި ދެންމެއަކު އޭގެ ވެރި ރައްބު އީޖާދުކުރައްވައި (އުޑުން އެއިލާހު ބާވައިލެއްވި) ބާވައިލެއްވުމެކެވެ”.
2. މިއީ ނަބިއްޔާ صلى الله عليه وسلم ޢަމަލުފުޅު ކުރެއްވިގޮތެވެ. އަދި ދުޢާ ކުރާނީއެވެ. އެގޮތުން (اللهمَّ اِجْعَلْهُ صَيِّبًا نَافِعًا ) ” އަޅުގެ ވެރި އިލާހު! މި ވާރޭ އަކީ ބޯކޮށް އޮހޮރިގެން އަންނަ ފައިދާކުރަނިވި ވާރެއެއް ކަމުގައި ލައްވާނދޭވެ.” މި ދުޢާ ކިޔާނީއެވެ. އަދި (اللهمَّ زِدْ وَ بَارِكْ ) މިފަދައިން ދުޢާ ކުރާނީއެވެ.
3. ވާރޭ ވެހެމުންދާހިނދު، އެ ވަޤުތަކީ ދުޢާ އިޖާބަ ކުރެވޭ ވަޤުތެއް ކަމުގައި ސުންނަތުގައި ބަޔާންވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ” اثِنتانِ ما تُرَدّانِ : الدُّعاءُ عند النِّداءِ، و تحْتَ المَطَرِ.” މާނައީ: ” ދުޢާ އިޖާބަ ނުކުރެވި ރައްދު ނުކުރައްވާނެ ދެ ވަޤުތެއްވެއެވެ. ބަންގި ގޮވާ ވަޤުތުގައި އަދި ވާރޭ ވެހޭ ވަޤުތުގައެވެ“ (صحيح الجامع 3078). ވީމާ، ދުނިޔެއާއި އާޚިރަތުގެ ހެޔޮ ކަންތަކަށް އެދި ދުޢާކުރުން އެދެވިގެންވެއެވެ.
4. ދެންއޮތީ ވާރޭ ވެހި ނިމުމުން ( مُطِرْنَا بِفَضْلِ اللهِ وَرَحْمَتِهِ ) ” الله ގެ ފަޟްލުވަންތަވެރި ކަމާއި ރަޙްމަތުން އަހަރެމެންނަށް ވާރޭ ވެހިއްޖެއެވެ.” ކިޔުމެވެ. މިފަދައިން البُخاري ރިވާކުރައްވާފައިވެއެވެ.
މި ނޫން ޢަމަލެއް ވާރެއާ ގުޅިގެން ކުރުމަށް އައިސްފައިވާކަމެއް ނުދަންނަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.