އަންހެނުން މޫނު ނިވާކުރުމަކީ ވާޖިބެއްތޯއެވެ؟

بسم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام على رسول الله و على آله وصحبه ومن ولاه:

أما بعد

ޖަވާބު : އަންހެނުން ޙިޖާބުވުން : އަންހެނުން ފިރިހެނުންގެ ކިބައިން ފަރުދާވެ، ޙިޖާބު ވުމަކީ ﷲ عز وجل ގެ ފޮތުގައި ބަޔާންވެގެންވާ އަމުރުފުޅެކެވެ.

ދަލީލު 1 : ﷲ ވަޙީ ކުރެއްވި އެވެ. يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا ”އޭ ނަބިއްޔާ އެވެ. އިބަ ނަބިއްޔާގެ އަނބިއަނބިކަނބަލުންނާއި، އިބަ ނަބިއްޔާގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން ނިވާވެތިބުމަށް އިބަ ނަބިއްޔާ އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެންވުމަށާއި އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. الله އީ غفورވަންތަ رحيمވަންތަ އިލާހު ކަމުގައި ވޮޑިގެންވެ އެވެ.“

މި ދަލީލު ތަފްސީލު ކުރައްވާ މާނަ ބަޔާން ކުރައްވާ، ފަހުގެ ދުވަސްތަކުގައި އުއްމަތް ދުށް އެންމެ ބޮޑު ޢިލްމުވެރިޔާ العلامة ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”އަދި ’جَلَابِيبُ‘ (ޖަލާބީބު) އަކީ: ’ޖިލްބާބު‘ (މިކަލިމައި)ގެ ގިނަ ވައްތަރެވެ. ޖިލްބާބަކީ އަންހެނަކު ޙިޖާބުވެ ފޮރުވިގަތުމަށްޓަކައި އޭނާގެ ބޮލުގަ އާއި ހަށިގަނޑުގައި، ހެދުމުގެ މަތިން އަޅާ އެއްޗެކެވެ. އިސްތަށިގަނޑާއި، މޫނާއި އެނޫން ވެސް އެކަނބަލުންގެ ރީތިކަމުގެ (ގުނަވަންތަކުގެ) މައްޗަށް އެކަނބަލުންގެ ޖިލްބާބުތައް ކައިރިކުރުމަށް، الله عز وجلވަނީ މުއުމިނުންގެ އެންމެހައި އަންހެނުންނަށް އަމުރުފުޅުކުރައްވާފަ އެވެ. އެއީ އެކަނބަލުންނީ ޢިއްފަތްތެރި ބައެއްގެ ގޮތުގައި އެނގުމަށްޓަކައެވެ. އެއިރުން އެކަނބަލުން ފިތުނަވެރިވެގެން ނުދާނެ އެވެ. އަދި އެކަނބަލުން އެހެން މީހުން ފިތުނަވެރި ނުކުރާނެ އެވެ. އެހެން ނޫންނަމަ އެމީހުން އެކަނބަލުންނަށް އަނިޔާ ދޭނެ އެވެ.

ދަލީލު 2 : މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިޔާ الشَّيخُ مُحَمَّد بن صَالِح العُثَيْمِين -رحمه الله- ވިދާޅުވި އެވެ: ”الله تعالى ގެ ވަޙީބަސްފުޅު: ﴿ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ﴾] النور: 31[. ”އަދި އެކަނބަލުންގެ ޚިމާރުތައް އެކަނބަލުންގެ ކަރުވަޅު މަތީގައި އަޅައި ނިވާކުރާހުށިކަމެވެ.“ ފަހެ ހަމަކަށަވަރުން ޚިމާރުއަކީ އަންހެނާ އޭނާގެ ބޯ ފޮރުވުމަށްޓަކައި ބޮލުގައި އަޅާ އެއްޗެކެވެ؛ ބޯ ނިވާކުރަން އަޅާ ފޮތިގަނޑެކެވެ. ފަހެ ޚިމާރު ބޭނުންކޮށްގެން އޭނާގެ ކަރުވަޅު ފޮރުވުމަށް އޭނާއަށް އަމުރުކުރެވިގެންވީ ހިނދު އޭނާގެ މޫނު ފޮރުވުމަށް އަމުރުކުރެވިގެންވެ އެވެ. އެއީ އެކަން ކުރުމަށްޓަކައި (އެބަހީ: ކަރުވަޅު ފޮރުވުމަށްޓަކައި) ލާޒިމް ކަމަކަށް ވާތީ އެވެ. ނުވަތަ ޤިޔާސްގެ ސަބަބުންނެވެ. ފަހެ ހަމަކަށަވަރުން ކަރާއި މޭމަތި ފޮރުވުން ވާޖިބުވެގެންވީ ހިނދު، މޫނު ފޮރުވުން ވާޖިބުވުން މާ އައުލާވެގެންވެ އެވެ. ސަބަބަކީ މޫނަކީ ރީތިކަމާއި ފިތުނައިގެ ގުނަވަނަށް ވާތީ އެވެ. ފަހެ ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ސޫރައިގެ ރީތިކަމަށް އެދޭ މީހުން، މޫނުގެ ރީތިކަމާ ބެހޭގޮތުން މެނުވީ ސުވާލެއް ނުކުރެ އެވެ. ފަހެ މޫނު ރީތިވެއްޖެ ނަމަ އެނޫން ގުނަވަނަކަށް މުހިންމު ބެލުމަކުން މީސްތަކުން ނުބަލަ އެވެ. އެހެންވުމުން ”މިވެނި އަންހެނަކީ ރީތި މީހެކޭ“ އެބައިމީހުން ބުނެފި ނަމަ، މޫނުގެ ރީތިކަން މެނުވީ އެ ވާހަކައިން ދޭހައެއް ނުވެ އެވެ. އެހެންކަމުން، މޫނަކީ ރީތިކަމުގެ ގުނަވަންކަން ބަޔާންވެދެ އެވެ. އެދޭ އެދުމުގައި ވެސް، އަދި ޚަބަރުދޭ ދިނުމުގައި ވެސްމެ އެވެ. ފަހެ ކަން އޮތީ އެގޮތަށް ކަމުގައިވީ ހިނދު، މޭމައްޗާއި ކަރު ފޮރުވުމަށް މި ޙިކްމަތްތެރި ޝަރީޢަތުން އަމުރުކޮށްފައި، ދެން އެއަށްފަހު މޫނު ކަޝްފުކުރަން ހުއްދަދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟“ رسالة الحجاب، ص10، دار الثريا، الطبعة العام الهجري 1423ه.

ދަލީލު 3 : އަންހެނުންގެ މޫނު ނިވާކުރުން ވާޖިބުވެގެންވާކަން ބަޔާން ކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަދި މި ޤަރުނުގައި ފާޅުވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ العلامة ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.

”ފަހެ ވާޖިބުވެގެންވަނީ އަޅާ އޭނާގެ ވެރި އިލާހަށް ބިރުވެތިވެ އިންޒާރު ލިބިގަތުމެވެ. އަދި އެއިލާހަށް އުރެދުމެއްގެ މަތީގައިވާ ޙާލުގައި ނުވަތަ އެއަޅާގެ މައްޗަށް ވާޖިބުކުރެވުނު ޢަމަލެއް ނުކޮށް ދޫކޮށްލުމުގެ މަތީގައިވާ ޙާލު الله އޭނާއަށް ބައްލަވައިވޮޑިގަންނަވާނެތީ، އެއިލާހުގެ ޙަޟްރަތުން ލަދުގަތުން ވާޖިބުވެގެންވެ އެވެ. އެއަށްފަހު الله سبحانه ވަޙީކުރެއްވި އެވެ: ﴿ وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ ۖ﴾] النور: 31 ”އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކައުތެރިކުރުމަށް އިބަ ނަބިއްޔާ ވިދާޅުވާށެވެ.“ ފަހެ الله މުއުމިނު އަންހެން އަޅުތަކުންނަށް ލޯ ތިރިކުރުމަށާއި، ފަރުޖު ރައްކައުތެރިކުރުމަށް އަމުރުފުޅުކުރެއްވި އެވެ. އެކަމަށް މުއުމިނު ފިރިހެނުންނަށް އަމުރުފުޅުކުރެއްވި ފަދައިންނެވެ. ފިތުނައިގެ ސަބަބުތަކުން އެކަނބަލުންނަށް ރައްކައުތެރިކަން ލިބުމަށްޓަކައެވެ. އަދި ޢިއްފަތްތެރިކަމާއި ސަލާމަތްކަމުގެ ސަބަބުތަކަށް އެކަނބަލުންނަށް ބާރުއެޅުމަށްޓަކައެވެ. އެއަށްފަހު الله عز وجل ވަޙީކުރެއްވި އެވެ: ﴿ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ﴾ النور: 31[ ”އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ.“ اِبْنُ مَسْعُود ވިދާޅުވި އެވެ: ﴿ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ﴾ (މާނައީ: ”އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން“) އޭގެން މާނަކުރައްވަނީ: ”ހެދުމުން (އެބަހީ އޭގެ ބޭރުފުށުން) ފާޅުވާ ތަކެއްޗެވެ. ފަހެ ހަމަކަށަވަރުން އެކަން ވަނީ ޢަފޫކުރެވިގެންނެވެ.“

އަދި އެޞަޙާބީ رضي الله عنه ގެ މުރާދުފުޅަކީ: ހެދުންތަކުގައި ޒީނަތްތެރިކަން ފާޅުކުރުމާއި ފިތުނަ ނުވާ ހެދުންތަކެވެ. ދެން ފަހެ ابنُ عَبَّاس رضي الله عنه ގެ އަރިއަހުން، ﴿ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ﴾ (މި އާޔަތުގެ ތަފްސީރަކީ) މޫނާއި އަތްތިލަ ކަމަށް އެޞަޙާބީ ތަފްސީރު ކުރެއްވިކަމުގެ ރިވާޔަތް ވާރިދުވެގެންވަނީ ޙިޖާބުގެ އާޔަތް ބާވައިލެއްވުމުގެ ކުރިން އަންހެނުންގެ ޙާލަތު ހުރި ގޮތަށެވެ. ދެން ފަހެ އެއަށްފަހު (އެބަހީ ޙިޖާބުގެ އާޔަތަށް ފަހު)، ހަމަކަށަވަރުން الله ވަނީ ހުރިހައި ތަނެއް (އެބަހީ މޫނާއި އަތްތިލަ ވެސް) ފޮރުވުމަށް އެކަނބަލުންނަށް ވާޖިބުކުރައްވަވާފަ އެވެ. الأحزاب ސޫރަތާއި އެނޫން ސޫރަތްތަކުގައިވާ މާތްވެގެންވާ އާޔަތްތަކުގައި ބަޔާންވެދިޔަ ފަދައިންނެވެ.

އަދި ابنُ عَبَّاس ބޭނުންވެވަޑައިގެންނެވި މުރާދުފުޅަކީ އެއީކަމަށް ދަލީލުކޮށްދެނީ އެޞަޙާބީގެ އަރިއަހުން عَلِي بن أَبِي طَلْحَةَ ރިވާކުރެއްވި ރިވާޔަތެވެ: ”أَمَرَ اللهُ نِسَاءَ الْمُؤْمِنِينَ إِذَا خَرَجْنَ مِنْ بُيُوتِـهِنَّ فِي حَاجَةٍ أَنْ يُغَطِّينَ وُجُوهَهُنَّ مِنْ فَوْقِ رُؤُوسِهِنَّ بِالْجَلَابِيبِ، وَيُبْدِينَ عَيْناً وَاحِدَةً“ މާނައީ: ”މުއުމިނު އަޅުތަކުންގެ އަންހެނުން އެކަނބަލުންގެ ގެއިން ކަމެއްގައި ނުކުމެއްޖެ ނަމަ، ޖިލްބާބުތަކުން އެކަނބަލުންގެ ބޯތައް މަތިން ފެށިގެން އެކަނބަލުންގެ މޫނުތައް ފޮރުވުމަށާއި، އެންމެ ލޮލެއް ފާޅުކުރުމަށް، އެކަނބަލުންނަށް الله އަމުރުފުޅުކުރެއްވި އެވެ.“ (މިއީ ދަލީލު 4 އެވެ.)

އަދި مُحَمَّد بن سِيرِين ވިދާޅުވި އެވެ: ”الله عز وجل ގެ ވަޙީބަސްފުޅު: دْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ (މި އާޔަތާއި) ބެހޭގޮތުން އަޅުގަނޑު عَبِيدَةُ السَّلْمَانِي އާ ސުވާލުކުރީމެވެ. ފަހެ އެބޭފުޅާގެ މޫނުފުޅާއި އިސްތަށިފުޅު ފޮރުއްވެވި އެވެ. އަދި އެބޭފުޅާގެ ވައަތު ލޯފުޅު ފާޅުކުރެއްވި އެވެ.“ ދެން އެއަށްފަހު (އާޔަތުގެ ފަހުކޮޅުގައި)، الله سبحانه ގެ ޙަޟްރަތުން ނަހީއާއި އިންޒާރު އައުމުގެ ކުރިން އެކަމުގައި ހިނގައިދިޔަ ފަރުވާކުޑަވުމުގެ މައްޗަށް އެއިލާހީ غفورވަންތަ رحيمވަންތަ އިލާހުކަން އެއިލާހު سبحانه ޚަބަރުފުޅު ދެއްވެވި އެވެ.“ التبرج و خطره.

شَيخُ الإِسْلَامِ ابنُ تَيْمِيَّةَ އާއި އެނޫން ވެސް ތަޙްޤީޤާއި ޢިލްމުގެ އަހުލުވެރިން އެކަމަށް އަލިއަޅުއްވާލެއްވި އެވެ. (އެބަހީ ابنُ عَبَّاسގެ މި ތަފާތު ދެ ރިވާޔަތް ޖަމާކުރާނީ ކިހިނަކުން ކަމެވެ.) އަދި އެއީ އެކަމުގެ އެއްވެސް ޝައްކެއް ނުވާ ޙައްޤުވެގެންވާ ގޮތެވެ.

އަދި މޫނާއި ދެ އަތްތިލަ ފާޅުކުރުމުގެ މައްޗަށް ބިނާވާ ފަސާދަ އާއި ފިތުނައަކީ އެނގިގެންވާ ޙަޤީޤަތެކެވެ. އަދި ހަމަކަށަވަރުން الله عز وجل ގެ އާޔަތް: ﴿ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِنْ وَرَاءِ حِجَابٍ ذَلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ﴾ ވޭތުވެ ހިނގައްޖެ އެވެ. އަދި އެއްވެސް ކަމެއް (ޙާލަތެއް) އެ އާޔަތުގައި އިސްތިސްނާ ކުރެވިފައެއް ނުވެ އެވެ. އަދި އެ އާޔަތަކީ مُحْكَم އާޔަތެކެވެ. ފަހެ އެ އާޔަތުގައި ހިފުމަށާއި، އެ އާޔަތުގެ މައްޗަށް ބަރޯސާވުމަށާއި، އެނޫން އާޔަތްތައް އެ އާޔަތުގެ (މާނައާ) އެއްގޮތަށް އުފުލުން ވާޖިބުވެގެންވެ އެވެ. އަދި އެ އާޔަތުގައިވާ ޙުކުމަކީ ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުންނަށާއި އެނޫން މުއުމިނުންގެ އަނބީންނަށް ޢާންމުވެގެންވާ ޙުކުމެކެވެ. އަދި النور ސޫރަތުގައި އެކަމަށް އަލިއަޅުވާފައިވާ އާޔަތް ވޭތުވެ ހިނގައްޖެ އެވެ. އެ އާޔަތަކީ މުސްކުޅި އަންހެނުންނާއި އެކަނބަލުންގެ މައްޗަށް ދެ ޝަރުޠަކާ ލައިގެން މެނުވީ ހެދުން ނެގުން (އެބަހީ މޫނާއި ދެ އަތްތިލަ ކަޝްފުކުރުން) ޙަރާމްކުރެއްވިކަމާ ބެހޭގޮތުން الله عز وجل ޛިކުރުކުރެއްވި އާޔަތެވެ.

އެ ދެ ޝަރުޠުން ކުރެ އެއް ޝަރުޠަކީ: އެކަނބަލުން ކައިވެންޏަށް އުންމީދު ނުކުރާ ބައެއްގެ ގޮތުގައި ވުމެވެ.

ދެވަނަ ޝަރުޠަކީ: ޒީނަތްތެރިކަން ފާޅުކުރާ ބައެއްގެ ގޮތުގައި ނުވުމެވެ. އެކަމާ ބެހޭގޮތުން ދެކެވުނު ވާހަކަ ވޭތުވެ ހިނގައްޖެ އެވެ. އަދި ހަމަކަށަވަރުން (މި) ޛިކުރުކުރެވުނު އާޔަތަކީ، އަންހެނުން މޫނު ދެއްކުމަށާއި، އެމީހުންގެ ޒީނަތްތެރިކަން ފާޅުކުރުން ޙަރާމްކުރެވިގެންވާ ކަމުގެ މައްޗަށް އޮތް ފާޅުވެގެންވާ ޙުއްޖަތެކެވެ. ޔަޤީން ކަށަވަރުކޮށްދޭ ބުރުހާނެކެވެ (ދަލީލެކެވެ).

ދަލީލު 5 : އަދި އިފްކުގެ ޙާދިޘާގައި عَائِشَة رضي الله عنها ގެ އަރިއަހުން ރިވާވެގެންވާ ރިވާޔަތްތައް ވެސް އެކަމުގެ މައްޗަށް (އެބަހީ މޫނު ދެއްކުމާއި ޒީނަތްތެރިކަން ފާޅުކުރުމަކީ ޙަރާމްކަމެއް ކަމަށް) ދަލީލުކޮށްދެ އެވެ. صَفْوَان بْنُ المُعَطَّل السُّلَمِي ގެ އަޑުފުޅު އިވިވަޑައިގަތުމުން އެކަމަނާ މޫނުގައި ޚިމާރު އެޅުއްވި އެވެ. އަދި ވިދާޅުވި އެވެ: ”ހަމަކަށަވަރުން ޙިޖާބު އެޅުމުގެ ކުރިން އެ ޞަޙާބީއަށް ތިމަން ކަމަނާ އެނގިވަޑައިގެންފައިވި އެވެ.“ ފަހެ މީގެން ދަލީލުކޮށްދެނީ: ޙިޖާބުގެ އާޔަތް ބާވައިލެއްވުނު ފަހުން، އަންހެނުންގެ މޫނުތަކުގައި ޚިމާރު އެޅުމުގެ ސަބަބުން އެކަނބަލުންނަކީ ކޮން ބައެއްކަން އެނގިގެން ނުވާކަމެވެ. އަދި މިއަދު ޒީނަތްތެރިކަން ފާޅުކުރުމާއި ރީތިކަން ދެއްކުމުގެ ތެރެއަށް އަންހެނުން ވެއްޓިފައިވާކަމާއި އެކަން ގިނަވެފައިވުމަކީ ފޮރުވިގެންވާ ކަމެއް ނޫނެވެ. ފަހެ ނުބައިކަމަށް ފޯރުކޮށްދޭ ސަބަބުތައް މަނާކުރުމާއި، ފަސާދަތަކަށާއި ފާޙިޝް ކަންތައް ފެތުރިގެންދިއުމަށް މެދުވެރިކުރުވާ ވަޞީލަތްތައް ނެތިކޮށްލުން ވާޖިބުވެގެންވެ އެވެ.“ التبرج و خطره.

ދަލީލު 6 : އަންހެން މީހާގެ މުޅި ހަށިގަނޑަކީ ޢަވްރައެއް ކަމުގައި ދަލީލުގައި ބަޔާންވެގެން ވުމެވެ. الإمام الترمذي ސުނަނުގައި އަދި އެހެން ސުންނަތުގެ އިމާމުން ރިވާކޮށްފައިވާ ޙަދީޘްއެއްގައިވެ އެވެ. މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (المرأةُ عورةٌ, فإذا خَرَجَتْ اسْتَشْرَفَها الشيطانُ) މާނައީ : ”އަންހެނާގެ މުޅި ހަށިގަނޑަކީ ޢަޥްރަ އެކެވެ. އަންހެނަކު ގެއިން ނުކުންނަހިނދު ޝައިޠާނާ އެ އަންހެނަކު ހެއްލުންތެރި ކުރުވާ އެމީހުން ފިތުނަވެރި ކުރުވަ އެވެ.“ ވަރަށްވެސް ގިނަ ސުންނަތުގެ އިމާމުން މި ޙަދީޘް ޞައްޙަ ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި تخريج مشكاة المصابيح ގައި އަލް-އިމާމް الألباني ވިދާޅުވެފައިވެ އެވެ. إسناده صحيح މިޙަދީޘްގެ މައްޗަށް ޢިލްމުވެރިން ދެ ގޮތަކަށް ތަފްޞީލުކޮށްފައިވެ އެވެ. ފިރިހެނުންގެ ލޯތަކަށް އަންހެން މީހާ ޒީނަތްތެރި ކުރުވުމެވެ. ފަހެ، ޝައިޠާނާ އެ އަންހެން މީހާ ފިރިހެނުންގެ މައްޗަށް ޒީނަތްތެރި ކުރުވުމެވެ. އަނެއް މާނައަކީ، އަންހެން މީހާއަށް ވަސްވާސްދީ، އަންހެން މީހާގެ މައްޗަށް ވެރިވެގަނެ އަންހެން މީހާ ހެއްލުންތެރި ކުރުވުމެވެ. ”ކަައިރިން އެދިޔަ ފިރިހެނުންތައް ތިކަނބުލޭގެ ރީތި ކަމުގެ މައްޗަށް ވަނީ ޢަޖައިބުވެފަ އެވެ.“ ”އެފިރިހެނުން ވަނީ ކަނބުލޭގެ އަވައިގައި ޖެހިފަ އެވެ.“ ފަހެ، އެހިނދު އަނެހުން އަވައިގައި ޖައްސުވައި ފަހަރަކަށްވުރެ ފަހަރަކު އެކަން ބޮޑުކޮށް އެތައް މުންކަރާތްތެރި ނުބައިވެގެންވާ ޢަމަލުތަކުގެ ތެރެއަށް ވެއްޓިގެން ދެ އެވެ. ސުވާލަކީ : މިހުރިހައި ފިތުނައެއްގެ ތެރެއަށް ދިއުމަށް އޮތް ސަބަބަކީ ޒީނަތް ފާޅުކުރުން ނޫން ހެއްޔެވެ؟ ފަހެ، ހުރިހައި ޒީނަތެއް ޖަމަޢަވެގެންވާ މޫނު ހާމަކޮށް އެހެން ގުނަވަންތައް ފާޅުކުރުމުން އެއީ ޒީނަތް ނިވާވުން ކަމުގައި ބުނެވޭނެ ހެއްޔެވެ؟

މުޅި ހަށިގަނޑު ޢަޥްރައަށްވުމުން މުޅި ހަށިގަނޑު ނިވާ ކުރުމުގެ މުހިންމުކަން ބަޔާންވެ އެވެ. އޭގެ އިތުރަށް މުޅި ހަށިގަނޑުގައިވާ އެންމެހައި ރިވެތިކަމެއް ޖަމަޢަވެފައިވާ ގުނަވަން ހާމަކޮށް އެހެން ގުނަވަންތައް ދެއްކުން އެއީ ކިހިނަކުން ޒީނަތް ނިވާކުރުން ކަމުގައި ބުނެވޭނެ ހެއްޔެވެ؟

عبد الله بن مسعود رضي الله عنه ވިދާޅުވެފައިވެ އެވެ. ”(ޙާޖަތެއްނެތި) ގެއިން ބޭރަށް ދިޔަނުދީ އަންހެނުން ގޭގައި ހިފަހަށްޓާށެވެ. އެހެނީ އެކަނަބަލުންވާކަން ކަށަވަރީ ޢައުރައެއް ކަމުގަ އެވެ. އަންހެނުން ގެއިން ނުކުމެއްޖެނަމަ ޝައިޠާނާ އަންހެނުނާ ދިމާލަށް ބަލާ ފިރިހެނުންގެ ލޯތަކުގެ މައްޗަށް އެ އަންހެނަކު ޒީނަތްތެރި ކުރުވަ އެވެ. އަދި ބުނެ އެވެ. ކަނބުލޭގެ ކައިރިން ލާފަދާ ކޮންމެ މީހަކީ ކަނބުލޭގެއާމެދު ޢަަޖައިބުވާ މީހެއް ކަމުގައި މެނުވީ ނުވެ އެވެ.“ ابن أبي شيبة١٨٠٠٦

އަޚާ އެވެ! ހެޔޮބަސް އަހައި ހެޔޮބަސް ޤަބޫލުކުރާ ފަރާތަކަށް ދީނުގައި ޤުރުއާނުގައި އާޔަތްތައް، ޙަދީޘްތައް ޞަޙާބީންގެ ތަފްސީރުތައް ފާޅުވެ ބަޔާން ވެއްޖެ އެވެ. މިކަމުގެ ޙުކުމް މިވަނީ ވަރަށް ސާފުކޮށް ފާޅުވެ ބަޔާންވެގެންނެވެ. މިއަދު މުޖްތަމަޢުތަކުގައި ލަދުވެތިކަން ގެއްލި، ޢިއްފަތެއްނެތް، ހަށިގަނޑުގެ ވަނާތަކާއި ލަދުވެތި ގުނަވަންތައް ހާމަކޮށްފައިވާ މި ޢާންމު ވެގެންވާ މުޞީބާތް ފާޅުވެފައި ވުމުން މިއީ ކުޑަ ކަމެއް ކަމުގައި އަހަރެެމެންގެ ލޮލަށް ފެންނަނީ އެވެ. މިއީ ކުރީގެ ދުވަސްތަކުގައި މީސްތަކުން އުޅެމުންއައިފައިވާ ގޮތްތަކެއް ނޫނެވެ.

މިއަދު މިފެންނަ ބާރު ހެދުން ލުމާއި ޒީނަތްތައް ފާޅުކުރުމުގެ ކުރިން އަންހެނުން ޤާއިމްވެތިބި ގޮތް : الحَافظ ابن حَجَر -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެންމެ ކުރީންސުރެން ފަށައިގެން މެދުކެނޑުމެއްނެތި ފަހުގެ ދުވަސްތަކާ ޖެހެންދެން ވެސް އަންހެނުންގެ ޢާދަ ކަމުގައިވެފައިވަނީ ހިލޭ ފިރިހެނުންގެ ކިބައިން އެކަނބަލުންގެ މޫނު ނިވާކޮށްފައިވުމެވެ.“ فتح الباري٣٢٤/٩

އަޚާ އެވެ! މިއީ މިއަދު މިފެންނަ ޙާލަތްތައް ނާންނަނީސް އިސްލާމް ދީނުގައި މީސްތަކުން ޤާއިމްވެފައިތިބި ގޮތެވެ. މިކަން ދަންނަ މީހަކު، މުސްލިމަކު، އަންހެނަކު، ފިރިހެނަކު ”މޫނު ނިވާކުރުމުގެ ޙުކުމްއަކީ ކޮބާ“ ބުނެ ސުވާލެއްވެސް ކުރާނެ ހެއްޔެވެ؟

އަޚުންނޭޥެ! މިއީ 852 ވަނަ އަހަރުގައި ދުނިޔެ ދޫކުރެއްވި ޝާފިޢީ މަޛްހަބުގެ ނުހަނު މަޝްހޫރު އިމާމް ވިދާޅުވެފައިވާ ބަސްފުޅެވެ. އަންހެނުންނަކީ އެންމެ ކުރިންސުރެންވެސް މޫނު ނިވާކޮށްފައިވާ ބައެކެވެ. އެހެނަސް މިއަދު އެކަން ބީރައްޓެހި، ޙުކުމް ނޭނގޭވަރު ކަމެއްގެ ގޮތުގައި މިވަނީ ވެފަ އެވެ. ކީއްވެ ހެއްޔެވެ؟ އިސްލާމީ ގިއުގަނޑުގެ ތެރެއިން އެއްކިބާވެފައިވާ ބޮޑުކަމުންނެވެ. އަދިވެސް އެފަދަ މިޘާލެކެވެ.

ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ބަސްފުޅުތައް : އަންހެނުން ނިޤާބް ވުމަށާއި މޫނު ނިވާކުރުމަށް ދަލީލުތައް ބަޔާންކޮށް ޝާފީ މަޛްހަބުގެ އެންމެ ބޮޑެތި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ إِمَامُ الحَرَمَيْن الجُوَيْنِي الشَّافعي رحمه الله ވިދާޅުވެފައިވެ އެވެ. ”އަންހެނުން ޒީނަތްތެރިކަން ފާޅުކުރުމާއި، މޫނު ކަޝްފުކުރުން އަދި ނިޤާބު ދޫކޮށްލުން ދީނުގައި މަނާވެގެންވާކަމުގެ މައްޗަށް އެންމެހައި މުސްލިމުން އިއްތިފާޤުވެވަޑައިގެންފައިވެ އެވެ.“ نهاية المطلب (12/ 31 -32)

މިއަދު އެ ދަޢުވާ ކުރާ ޝާފިއީ މަޛްހަބު ކޮބައިބާވަ އެވެ! ހިތާމައިގެ ކޮޅެއް ނެތެވެ.

އެއަށްފަހު ބުނަމެވެ.

ޙިކްމަތް އެނގުނަސް އަދި ނޭނގުނު ކަމުގައިވީނަވެސް ﷲ ގެ އާޔަތްތަކާއި، ޙަދީޘްފުޅުތަކާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތައް ދޫކުރެވޭނެ އެއްވެސް ޙުއްޖަތެއް ނޯންނާނެ އެވެ. މިއީ ކުރެވޭނެ ކަމެއް ނޫނެވެ.

ފަހެ، ވިސްނައި ލުމުގެ ނިޔަތުގައި ބުނަމެވެ. އަންހެނުން ނިވާވަނީ އެކަނބަލުންގެ ޒީނަތްތެރިކަން ފާޅު ނުކުރުމަށެވެ. އެ ޒީނަތުގައި ޖެހި، އަވައިގައި ޖެހި މީސްތަކުން ފިތުނަވެރި ވެދާނެކަމުގެ ނުރައްކަލުން ސަމާލަތްވުމަށެވެ. އަތާއި ފަޔާއި ބޮލުގެ އިސްތަށިގަނޑު ނިވާ ކުރަނީ އެފަދައިން ކަމުގައިވާހިނދު، ހުރިހައި ޒީނަތެއް، ރީތިކަމެއް ޖަމަޢަވެފައިވަނީ މޫނުގައި ނޫން ހެއްޔެވެ؟ ރީތި އަންހެނެއް ކަން ބުނާނީ އަތަށް ފަޔަށް އިސްތަށިގަނޑަށް ބަލާފަ ނުވަތަ މޫނަށް ބަލާފައި ހެއްޔެވެ؟ އަދިވެސް ބުނަމެވެ. އަންހެނުން އެކަނބަލުންގެ ފައިން ބިންމަތީގައި ނުޖެހުމަށާއި، ފައިގައި އަޅާފައި އޮންނަ (ކެވެލި ފަދަ އެތީގެ އަޑު ޖެހި) ފިރިހެނާގެ ނަޟަރު ހުއްޓި ފިތުނަވެރި ޙާލަތުގެ މައްޗަށް އެކަން ވަނީ މަނާވެފަ އެވެ. ފައިތިލައި ފެނުމުން ފިތުނަވެރި ވެދާނެ ނުވަތަ އަތްފެނި ފިތުނަވެރި ވެދާނެ ކަމަށް ވާނަމަ، ފިތުނަވެރިވުން އަޥްލާއީ މޫނު ފެނުމުން ނޫން ހެއްޔެވެ؟ ފަހެ، މޫނު ނިވާކުރުން އަޥްލާ ނޫން ހެއްޔެވެ؟ ރައްކާތެރިކަމާއި، ފިތުނަވެ، ފަސާދަވުމުން އެއްކިބާ ކުރާނަމަ، އަޥްލާއީ ވަސް ދުވުން މަނާކުރުންތޯ ނުވަތަ ހަށިގަނޑުގެ ރީތިކަން ދެއްކުން މަނާ ކުރުން ހެއްޔެވެ؟ ޙަދީޘްގައިވެ އެވެ. ހަދީޘްގެ ރާވީ ވިދާޅުވެފައިވެ އެވެ.

އަހަރެން أَبُوْ هُرَيْرَة އެކުގައި ޟުޙާގެ ވަޤުތުގައި މިސްކިތުން ނުކުތީމެވެ. ދުވަހަކުވެސް ނޭފަތަށް އެފަދަ މީރު ސެންޓުވަހެއް ނުދުވާ އަތަރެއް ބޭނުންކޮށްފައިވީ އަންހެނަކާ ބައްދަލުވި އެވެ. އެހިނދު أَبُوْ هُرَيْرَة އެ އަންހެން މީހާއާ މުޚާޠަބުކޮށް ވިދާޅުވި އެވެ. ”السلام عليك“ އަދި އެ އަންހެންމީހާ ބުންޏެވެ. ”وعليك“ އަދި أَبُوْ هُرَيْرَة ވިދާޅުވި އެވެ. ތި ކަނބުލޭގެ ދާން ބޭނުންވަނީ ކޮންތާކަށް ތޯ އެވެ! އަންހެން މީހާ ބުންޏެވެ. މިސްކިތަށެވެ. أَبُوْ هُرَيْرَة ވިދާޅުވި އެވެ. ތިޔަ ސެންޓު ޖަހައިފައި ތިވަނީ ކޮން ބޭނުމަކަށްތޯ އެވެ. އަންހެން މީހާ ބުންޏެވެ. މިސްކިތަށް ދިއުމަށެވެ. أَبُوْ هُرَيْرَة ވިދާޅުވި އެވެ. ﷲ އަށްޓައިތޯ އެވެ؟ އަންހެންމީހާ ބުންޏެވެ. ﷲ އަށްޓަކަ އެވެ. أَبُوْ هُرَيْرَة ވިދާޅުވި އެވެ. ﷲ އަށްޓައިތޯ އެވެ؟ އަންހެންމީހާ ބުންޏެވެ. ﷲ އަށްޓަކަ އެވެ. أَبُوْ هُرَيْرَة ވިދާޅުވި އެވެ. ހަމަކަށަވަރުން އަހަރެން އެންމެ ލޯބިވާ ނަބިއްޔާ أبا القاسم صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (أنه لا تقبل لإمرأة صلاة تطيبت بطيب لغير زوجها حتى تغتسل منه غسلها من الجنابة) ”އަންހެނަކު އޭނާގެ ފިރިމީހާއަށްޓަކައި ނޫންގޮތަކަށް ސެންޓު ޖަހައިފި ހިނދުގައި، އެ ސެންޓު އޭނާ ޖުނުބު ހިނައިގަތުމުން ހިނައިގަނެ، ސެންޓު ހަށިގަނޑުން ފިލުވައިފުމަށް ދާންދެން އެ އަންހެނާގެ ނަމާދެއް ﷲ ޤަބޫލުވޮޑިއެއް ނުގަންނަވާނެ އެވެ.“ السلسة الصحيحة 1031

މިއަދު ސަޢުދީ ޢަރަބިއްޔާގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރ الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”އަންހެނާ އޭނާގެ ގެއިން ބޭރަށް ނުކުންނަ ހިނދުގައި ޒީނަތްތެރިކަން ފާޅުކޮށް ނުކުމެގެން ނުވާނެ އެވެ. ޒީނަތްތެރިކަން ފާޅުކޮށްގެން ނުވާނެ އެވެ. މީރުވަސްދުވާ އެއްޗެހި ބޭނުން ކޮށްގެން ނުވާނެ އެވެ. އެއީ މިސްކިތަށް ނިކުންނަ ކަމުގައިވިޔަސްމެ އެވެ. މިއީ މިސްކިތަށް ނުކުންނަ އިރު ކަމުގައިވާހިނދު އެހެން ޙާޖަތަކަށް ޒީނަތްތެރިކަން ފާޅުކުރެވޭނީ ކިހިނަކުން ހެއްޔެވެ. ފަހެ އަންހެނާ ފުރިހަމައަށް ނިވާވެ، މީރުވަސްދުވާ ތަކެތިން ދުރުވެ، ޒީނަތްތެރިކަން ފޮރުވިގެންވާ ޙާލުގައި ނިކުތުން ހުއްޓެވެ. މިއީ މުސްލިމް އަންހެނުންނަށް ވާޖިބުވެގެންވާ ގޮތެވެ.“

މީރުވަސް ދުވާތަކެތި އޭގެ ވަސް ހިލޭ ފިރިހެނުންނަށް ދުވާނަމަ ބޭނުން ކުރުން ޙަރާމްވެގެންވާ ހިނދު، އެކަމުގައި ފިތުނަވެރި ވެދާނެ ކަމުގެ ސަބަބަކަށްޓަކައި އެ ދޮރު ދީނުގައި ބަންދުކޮށްފައިވުމުން، ފިރިހެނުން އެ ޝަހުވަތުގައި ޖެހުން އަޥްލާވަނީ އަންހެނާގެ ރީތިކަން ފެނުމުން ތޯ ނުވަތަ ސެންޓްއިންތޯ އެވެ؟ ފަހެ، އެންމެހައި ޒީނަތެއް ޖަމަޢަވެެފައިވާ ގުނަވަން ދެއްކުން ހުއްދައޭ ބުނާނެ ހެއްޔެވެ؟

މިއަދު ޒިނޭ ގިނަވުމާއި، ޝަހުވަތުގެ ފިތުނައިގައި އެތައްއެތައް ބަޔަކު ފިތުނަވެރިވެ، އެތައް ޙަރާމް ގުޅުމެއް ހިންގުމާއި، ނަޙަލާލަށް ވިހެއުމާއި، ބަނޑުގައިވާ ދަރިން ނަޙަލާލުވުމުން މެރުމާއި، އަދި ވިހާފައި މެރުމާއި، ބައްޕަނެތް ކުދިންގެ ގޮތުގައިވާ ކުދިންނަށް ވުމުން އަނިޔާލިބި މަރުވުމުން، މި ހުރިހައި ޖަރީމާތަކެއްގައި، ޖިނާއަތްތަކުގެ އަސްލަކީ ކޮބައި ހެއްޔެވެ؟ އަންހެނުންނާއި ފިރިހެނުންގެ ޝަހުވަތް އޭގޭ ޙައްދުން ނެއްޓިގެން ދިއުމެވެ. އަންހެނުންގެ ޒީނަތްތެރިކން ފާޅުކޮށްފައި ވުން ނޫން ކޮން ކަމެއް ހެއްޔެވެ؟ ފަހެ، މިއީ ފުދޭނެ މިންވަރެއް ކަމުގައި ދެކެމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts