ނަމާދުގެ ސަޖިދައިގައި ދުޢާ ކުރުމާއި، ޢަރަބި ނޫން ބަހުން ދުޢާ ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ޖަވާބު : “ފުރަތަމައީ : ޢަރަބިބަސް ރަނގަޅަށް ދަންނަ ޢަރަބިން ކިޔުމަށް ކުޅަދާނަވެގެންވާ މީހާއަށް، އެމީހެއްގެ ޙައްޤުގައި އޮތީ ނަމާދުގައި ޢަރަބި ބަހުން ދުޢާކުރުން ކަމުގައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެ އެވެ.

އެހެނަސް ޢަރަބިބަސް ނުދަންނަ، ވާހަކަ ނުދެއްކޭ މީހާ، ކުޅަދާނަ ނުވާ މީހާ މި ޙުކުމުން ބޭރުވާނެ އެވެ.

ދެވަނައީ : މިފަދަ ޙާލުގައިވާ މީހުން ޢަރަބި ބަސް ނޫން ބަހަކުން ދުޢާ ކުރުމާއި މެދުގައި ޢިލްމުވެރިންވަނީ ޚިލާފްވެފަ އެވެ.

ބައެއް ޢިލްމުވެރިން ޙަރާމް ކުރައްވާ ޢަމަލެކެވެ.

ބައެއް ޢިލްމުވެރިން އެއީ ކަރާހަތްތެރި ކަމެއް ކަމުގައި ވިދާޅުވާހިނދު އެހެނިހެން ޢިލްމުވެރިން ކުޅަދާނަވެގެން ނުވާ މީހާއަށް ހުއްދަ ކުރައްވަ އެވެ.

ފުރަތަމައީ : الحَنَفِية ދެކެވަޑައިގަންނަވާ ޢަރަބި ނޫން ބަސްތަކުން ދުޢާ ކުރުމަކީ ކަރާހަތްތެރި ވެގެންވާ ކަމެކެވެ. އެކަމުގެ ސަބަބަކީ ޞަޙާބީ عُمر -رضي الله عنه- ޢަރަބި ނޫންބަސްތައް ކަރާހަތްތެރި ކުރެއްވި ކަމެވެ. (އެހެނަސް ޞަޙާބީގެ ބަސްފުޅުގެ) މުރާދަކީ، އެންމެ އަޥްލާ ވެގެންވާ ގޮތާއި ޚިލާފް ކަމެވެ.

ދެވަނައީ : ޢަރަބި ނޫން ބަހުން ދުޢާކުރުން ޙަރާމް ކަމުގައި ބުނެވިފައިވާ ބުނުމެވެ.

ތިންވަނައީ : ހުއްދަވެގެންވާ ކަމުގައި ބުނެފައިވާ ބަސްފުޅެވެ. މިއީ މި ޤައުލުތަކުން އެންމެ ހެޔޮ ޞައްޙަވެގެންވާ ޤައުލުކަމުގައިވެ އެވެ.

އެހެނަސް ދަންނަ އެވެ. ނަމާދުގައި ކިޔުމަށް ވާޖިބު ޛިކުރުތައް ކަމުގައިވާ ރުކޫޢުގައި ކިޔާ سبحان ربي العظيم އިޢުތިދާލުގައި ކިޔާ سمع الله لمن حمده ސަޖިދައިގައި ކިޔާ سبحان ربي الأعلى މި ވާޖިބު ޛިކުރުތަކާއި މި ނޫން ޛިކުރުތައް އެއްވެސް ޝައްކެތް ނުވާގޮތުގައި ކިޔަންޖެހޭނީ ޢަރަބި ބަހުންނެވެ.

އަދި ހަމައެފަދައިން ފަރުޟު ނަމާދުތަކުގައި ވާރިދުވެގެންވާ ޛިކުރުތައް ވާރިދުވެގެންވާ ޖުމްލަތަކުން ޢަރަބި ބަހުން ކިޔުމަކީ އެއީ ބަޔާންވެގެންވާ އަދި ޚިލާފުންވެސް ނުކުތުމަށް ޢަމަލުކުރުން އޮތް ގޮތެވެ.

އެހެނަސް ކުޅަދާނަނުވެ، ދުޢާ ޢަރަބި ބަހުން ކިޔުމަށް ނުކުޅެދިފައިވާ މީހެއްކަމުގައިވެ، އެއީ ކޮންމެ އަޅަކީވެސް ދުޢާ ކުރުމަށް ޙާޖަތްޖެހިފައިވާ މީހެއް ކަމުގައި ވުމުން، މިފަދަ މީހާ ޢަރަބި ނޫން ބަހަކުން ކުރި ކަމުގައިވިޔަސް އެކަމުގައި މައްސަލައެއް ނެތް ކަމުގައި އުއްމީދު ކުރެވެ އެވެ.

އަޚާ އެވެ! ފަރުޟު ނަމާދުތަކުގައި، އިތުރު ގޮތެއް ނެތިގެން ނޫނީ ޢަރަބި ބަހުން ނޫން ބަހަކުން ދުޢާ ކުރުމަކީ އެއްގޮތަކަށްވެސް އެދެވިގެންވާނެ ކަމެއް ނޫނެވެ.

މައްސަލައަކީ ޚިލާފް މަޝްހޫރު މައްސަލައެއްކަމުގައި ވުމާއެކުވެސް، ޚިލާފުން ނުކުތުމަށް އެންމެ އަޥްލާ އެންމެ ރައްކާތެރި ގޮތަކީވެސް ޢަރަބިބަހުން ކުރުމެވެ. އަދި ފަރުޟު ނަމާދުތަކުގައި އެދެވިގެންވަނީ މާތް ނަބިއްޔާ صلى الله عليه وسلم ވާރިދުވެގެން އައިސްފައިވާ ދުޢާތައް އެގޮތުގައި ކިޔުންކަންވެސް ދަންނަ އެވެ. އެގޮތުގައި ހިފެހެއްޓުމެވެ.

އެހެނަސް އެމީހަކަށްވާ ޙާޖަތަކަށްޓަކައި އިތުރު އެނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ ޢަރަބި ނޫން ބަހަކުން ދުޢާކުރުމުން މައްސަލައެއްނުވާނެ ކަމުގައި އުއްމީދު ކުރެވެ އެވެ.

މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ މިއަދު ތިއްބެވި އެންމެ ބޮޑެތި ޢީލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު العلامة الشيخ صالح الفَوزَان – حفظه الله- އަރިހުގައި ސުވާލު ކުރެވުނުހިނދު ވިދާޅުވި އެވެ. “ޢަރަބިބަސް ދަންނަ މީހާއަށް ޢަރަބިން ނޫން ބަހަކުން ދުޢާ ކުރުން ހުއްދައެއް ނުވާނެ އެވެ. ދެންފަހެ، ޢަރަބިބަސް ނުދަންނަ މީހާ (އެމީހާވެސް ދުޢާ ކުރުމުގެ ޙާޖަތްޖެހިފައިވުމުން) އެފަދަ މީހާއަށް ހުއްދަވެގެންވެ އެވެ. …”

އަޚާ އެވެ. ޞަރީޙަ ދަލީލުތަކުންވެސް ބަޔާންވެގެންވަނީ އިންސާނާއަށް ނުއުފުލޭ ތަކުލީފުގެ މައްޗަށް އިންސާނާ ނުހިއްޕެވޭނެ ކަމުގަ އެވެ. ﷲ ވަޙީކުރއެއްވި އެވެ. لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا “އެއްވެސް ނަފްސަކަށް އެނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވަ އެވެ.”

އަދި ޢާންމު ފިޤުހީ ޤަވާޢިދުގައިވަނީ މިފަދައިންނެވެ. لا تَكلِيف إلا بمقدور ކުޅަދާނަވެގެންވާ ކަމެއްގެ މައްޗަށް މެނުވީ ތަކްލީފެއް ނުވެ އެވެ.

މިތަނުގައި އަހަރެން މަދީނާގައި ކިޔަވަމުން ދިޔަ ދުވަސްތަކުގައި އެއްފަހަރަކު، އަޚަކު ސުންނަތް ނަމާދުގައި އަމިއްލަ ބަހުން ދުޢާ ކުރުމަށް ހުއްދަތޯ ސުވާލު ކުރުމަށް އެދުމުން العَلاَّمَة الشَّيخ العَباد -حفظه الله- އަރިހުގައި އެފަދައިން ސުވާލު ކުރީމެވެ. އެހިނދު ޝެއިޚް އެމީހަކަށް އެއްވެސް ގޮތަކަށް ޢަރަބި ނޭނގޭތޯ، އެ ބުނަން ބޭނުންވާ ބަސްތައް ޢަރަބިން ދަސް ނުކުރެވޭނެތޯ ޢަރަބި ދަސްކުރުމަށް ކުޅަދާނަ ނޫންތޯ މި އެންމެހައި ސުވާލުތަކެއް ކުރިމަތި ކުރެއްވި އެވެ.

ހުރިހައި ސުވާލުތަކަށް އެމީހަކަށް ކުޅަދާނަ ނޫން ކަމުގައި ދެންނެވުމުން، އެހިނދު އެމީހަކު ދުޢާ ކުރުން އެހިނދު މައްސަލައެއް ނޫން ކަމުގައި ޖަވާބު ދެއްވި އެވެ.

އަޚުންނޭވެ! އެހިނދު ފަރުޟު ނަމާދާއި މެދުގައި ބުނާނީ ކީކޭ ހެއްޔެވެ؟

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply