ޤުރުއާނުގެ ތަރުޖަމާ ބަލައިގެން އެ ފޮތް ކިޔެވުމުން، މުސްޙަފުން ބަލައިގެން ކިޔެވުމުގެ އަޖުރު ޙާޞިލްވާނެ ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޤުރުއާން ކިޔަވާ މީހާއަށް ލިބޭ އަޖުރު ޙަދީޘްގައި ބަޔާން ވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. (من قرأ حرفًا من كتابِ اللهِ فله به حسنةٌ ، و الحسنةُ بعشرِ أمثالِها ، لا أقول الم حرفٌ و لكن : ألِفٌ حرفٌ ، و لامٌ حرفٌ ، و ميمٌ حرفٌ) ” ﷲގެ ފޮތުން އަކުރެއް ކިޔަވައިފި މީހާއަށް ހެޔޮކަމެއް ހުއްޓެވެ. އަދި ކޮންމެ ހެޔޮކަމަކަށް އޭގެ ދިހަ ހެޔޮކަން ހުއްޓެވެ. (ދިހަ އަޖުރު ލިބޭނެތެވެ.) الم އެއީ (އެއް) އަކުރު ކަމުގައި ވިދާޅުނުވަމެވެ. އެހެނަސް އަލިފު އަކީ އަކުރެކެވެ. އަދި ލާމް އަކީ އަކުރެކެވެ. އަދި މީމު އަކީ އަކުރެކެވެ”. عبدالله بن مسعود ރިވާކޮށްފައިވާ މި ޙަދީޘްއިން ބަޔާން ވެގެންވަނީ ޤުރުއާން ކިޔަވައިފި މީހާއަށް ލިބޭނެ އަޖުރެވެ. اللهُ أَكْبَر އެވެ! މިއީ ކޮންފަދަ ބޮޑު ފަޟްލެއް، އަޖުރެއް ހެއްްޔެވެ؟

ابن كَثير -رحمه الله- ތަފްސީރުގެ މުޤައްދިމާގައި ވިދާޅުވެފައިވާ ފަދައިން، “ހަމަކަށަވަރުން ޤުރުއާނުގެ އަކުރުތަކުގެ ޢަދަދަކީ 361180 އެވެ. އަދި 323015 ކަމުގައި ވެސް ބުނެވެއެވެ. ހަމައެހެންމެ މި އަކުރުތަކުގެ ޢަދަދަކީ 34040 ކަމުގައި ވެސް ބުނެވެއެވެ”. ابن مَسعُود ގެ ޙަދީޘްގައި ބަޔާން ވެގެންވާ ފަދައިން، ޤުރުއާނުގެ އެންމެ އަކުރެއް ކިޔަވައިފި މީހަކަށް 10 ހެޔޮކަން ލިބޭކަމުގައިވާނަމަ، ޤުރުއާން އެކުއެކީގައި ކިޔަވައިފި މީހަކަށް ކޮންފަދަ އަޖުރެއް ލިބޭނެ ހެއްޔެވެ؟.

ދަންނާށެވެ! ޤުރުއާން ކިޔެވުމެއްނެތި، ހަމަ އެކަނި ޤުރުއާން ތަރުޖަމާ ކިޔަވައިފި މީހަކަށް މި އަޖުރު ލިބޭނެ ކަމުގެ ދަލިލެއް ވާރިދުވެފައި ނުވެއެވެ. މި ޘަވާބާއި އަޖުރަކީ ﷲ ގެ ފޮތް، އެ އިލާހުގެ ކަލާމްފުޅު ކިޔަވާ މީހާއަށް ލިބޭ ޘަވާބާއި އަޖުރެވެ. އެކަން ދެނެގަތުން ހުއްޓެވެ.

ފަހެ، ތަރުޖަމާއަކީ، ޤުރުއާނުގެ މާނަ އެ މީހަކަށް އެނގި އޮޅުންފިލައި، ޤުރުއާނުގެ މާނަ އަދި ޤުރުއާނަށް ތަދައްބުރު ކުރުމުގެ ތެރެއިން ހިމެނިގެންވާ ޢަމަލެކެވެ. ހަމަކަށަވަރުން ޤުރުއާން ކިޔަވާހިނދު އޭގެ މާނައާމެދު ވިސްނައި ފިކުރުކުރާޙާލުގައި، އެބަހީ ތަދައްބުރު ކުރުމަކީ، ޤުރުއާނު ކިޔެވުމާއެކު ނުހަނު ބާރުއެޅިފައިވާ ކަމެކެވެ. އަދި ކިޔެއްތަ! މިއީ ޤުރުއާން ބާވައިލެއްވުނު ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. ﷲ عزوجل ވަޙީ ކުރައްވާފައިވެއެވެ. (كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ) ص 29 ، ”މިއީ އިބަ ނަބިއްޔާއަށް ތިމަން އިލާހު ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. އެއީ އެ ބައިމީހުން އެ ފޮތުގެ އާޔަތްތަކުގެ މައްޗަށް ތަދައްބުރު ކުރުމަށްޓަކައިއެވެ“.

الإمام ابن القيم -رحمه الله- ލިޔުއްވިފޮތް مفتاح دار السعادة ގައި، އިޝާރަތް ކުރައްވާފައިވާ (އިސްވެ ބަޔާން ކުރެވުނު) ނުކުތާތަކުގެ އަލީގައި ތި ސުވާލުގެ ޖަވާބު ލިބިގެން ދާނެކަމުގައި އުއްމީދު ކުރަމެވެ.

ޤުރުއާން ތަދައްބުރުކޮށް ކިޔެވުމުގެ މައްޗަށް ނުހަނު ގިނަ ބަސްފުޅުތަކާއި އަދި އެކަމަށް ބާރުއަޅައި ހިތްވަރު ދީފައިވާ ޤައުލުތަކުގެ ގިނަ ކަމާއިއެވެ. الإمام شيخ الإسلام ابن تيمية رحمه الله ވިދާޅު ވެފައިވެއެވެ. ”ފަހެ، އިންސާނަކު ތަދަައްބުރުކޮށް ޤުރުއާން ކިޔަވައިފި ހިނދުގައި، އެއީ ފާފަތަކުން އޭނާ މަނާކޮށްދޭނެ އެންމެ ބާރުގަދަ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައިވެ އެވެ “ (مجموع الفتاوى 123/20).

الإِمَامُ اِبْن القَيِّم ވިދާޅު ވެފައިވެއެވެ. ”ޤުރުއާނަށް ތަދައްބުރު ކުރުމުން ލިބޭ ފައިދާ މީސްތަކުންނަށް އިނގޭ ނަމަ، އެހެން ހުރިހައި ކަންކަން އެ ބައިމީހުން ދޫކޮށް ޤުރުއާނުގައި އެ ބައިމީހުން މަޝްޣޫލުވާނެއެވެ“ (مفتاح دار السعادة 1-187).

الإمام ابن باز ވިދާޅު ވެފައިވެއެވެ. ”އެންމެހައި މުސްލިމުންނޭވެ! ﷲ ގެ ފޮތް ތަދައްބުރު ކުރުން ހުއްޓެވެ. އެ ފޮތް ކިޔެވުން ގިނަކުރާށެވެ. އެ ފޮތުގައިވާ އެންމެހައި އަމުރުފުޅުތަކުގެ މަތީގައި ދެމިހުރެ އަދި އެ ފޮތުގައިވާ އެންމެހައި ނަޙީތަކުން ދުރުވުންހުއްޓެވެ“ (الفتاوى ١٥٦/٢).

الإِمام ابن العثيمين ވިދާޅު ވެފައިވެއެވެ. ”ޙައްޤުމަގުގައި އަދި ސަލާމަތްކަމުގައި ހިތް އޮތުމުގެ އެންމެބޮޑު ސަބަބެއް ކަމުގައިވަނީ ކީރިތި ޤުރުއާން ގިނަގިނައިން ކިޔެވުމެވެ. ފަހެ، ހަމަކަށަވަރުން އެއީ ހިތް މަޑުމޮޅި ކޮށްދޭނެ އަދި ޘާބިތުކަން އިތުރުކޮށްދޭނެ ކަމެކެވެ. އަދި ޚާއްޞަކޮށް އިންސާނަކު ތަދައްބުރުކޮށް ޤުރުއާންކިޔަވައިފި ހިނދުއެވެ“ (نور على الدرب 12-20).

ފަހެ، މިއީ އެކަމަށް ބާރު އެޅިފައިވާ ޢަމަލެއް ކަމުގައި ވުމުން، ﷲ ގެ ހަޟުރަތުން އެ ނިޔަތުގައި ކިޔަވާ ފަރާތަށް ﷲ އެ ޢަމަލަށް އަޖުރު ދެއްވާނެއެވެ. ﷲ ގެ ފަޟްލުވަންތަކަން ތަނަވަސް ވެގެންވެއެވެ. އެހެނަސް އިސްވެ ބަޔާން ކުރިގޮތަށް ޤުރުއާން ކިޔެވުމުން ލިބޭ އަޖުރު ލިބޭނެ ކަމުގައި ބުނުމަށް އެއްވެސް ދަލީލެއް ނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply