ވަރި ކުރުމަށްފަހު ކައިވެނި ރުޖޫޢަ ކުރާނެ ގޮތަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ނުކުތާތަކެއް ފާހަގަކުރަން ޖެހެ އެވެ.
ޞަރީޙަ ބަހަކުން ނުވަތަ ނުވަތަ ވަރި ކުރުމުގެ ނިޔަތުގައި ޞަރީޙަ ނޫން ބަހަކުން ވިޔަސް ދުލުން ބުނާ ބަހަކުން އަންހެން މީހާ ވަރި ވާނެ އެވެ. މާނައީ، އެފަދަ ބަހެއް ބޭރުކޮށްފިހިނދު އަންހެން މީހާ ވަރި ވާނެ އެވެ.
އެހިނދު އަންހެން މީހާ ހުންނާނީ ވަރިވެފަ އެވެ.
ވަރިކުރުމުގެ ސެޓުފުކެޓް ނުވަތަ ވަރިވުން ކޯޓްގައި ރެޖިސްޓްރީކުރުމަކީ އެއީ އެކައިވެންޏެއް ވަރިވިކަން ނުވަތަ ވަރި ނުވާކަން ކަނޑައެޅުމުގެ މައްޗަށް އަޘަރުކުރުވާނެ ކަމެއް ނޫނެވެ.
މާނައީ : އެފަދައިން ވަރިކޮށްފިހިނދު، ކޯޓަށް ދިޔަސް ނުވަތަ ނުދިޔަސް އަންހެން މީހާ ހުންނާނީ ވަރިވެފަ އެވެ.
އެހެނަސް އެއީ ވެރިޔާ (ވަލިއްޔުލް-އަމްރު) އަށް ކިޔަމަންވުމުގެ ތެރޭގައި ކުރަންޖެހޭނެ ކަމެއް އަދި ޙައްޤުތައް ރައްކާތެރި ކަމާއެކު ޙިމާޔަތްކޮށް ދިނުން ކަށަވަރު ކުރުމުގެ އިތުރުން، ﷲ ކަނޑައަޅުއްވާފައިވާ ޙުދޫދްތައް ފަހަނައަޅައިގޮސް އެކަންތައްތައް ކުޅިވަރެއް ކަމުގައި ހެދުން މަނާކުރާނެ ކަމެއް ކަމުގައިވެ އެވެ.
ކޮންމެ ގޮތެއްވިޔަސް، އެއްގޮތަކީ ޛިކުރު ކުރެވިފައިވާ ފަދައިން ކުރެވުނު ވަރިއަކީ ރުޖޫޢަކުރެވޭ ވަރިއެއްގެ ގޮތުގައި ވުމެވެ.
އެއީ، މިޘާލަކަށް އެއްފަހަރު ނުވަތަ ދެފަހަރަށް ވަރި ކުރުމެވެ.
އެބަހީ، އެހިނދު ޢިއްދައިގެ މުއްދަތުގެ ތެރޭގައި އެވަރިވި އަނބިމީހާ އަނބުރައި ރުޖޫޢަ ކުރުމުގެ ފުރިހަމަ އިޚްތިޔާރު ފިރިމީހާއަށް ޢިއްދައިގެ ތެރޭގައި ލިބިގެންވާ ވަރިއެއް ކަމުގައި ވެ އެވެ.
ވަރިކޮށްފައިވާ އަދި ޢިއްދައިގެ ތެރޭގައިވާ އަންހެން މީހާ އޭނާގެ ޢިއްދައިގެ މުއްދަތު ނިމެންދެން ހުންނާނީ ވަރިކުރި ފިރިހެން މީހާގެ އަތްބެއްގެ ގޮތުގަ އެވެ.
ފިރިމީހާގެ ގެއިން ނުކުތުން އަންހެން މީހާއަށް ހުއްދަވެގެން ނުވެ އެވެ. މިގޮތަށް ފިރިމީހާގެ ގޭގައި އަންހެން މީހާ ހުރުން ވާނީ އަންހެން މީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްގެ ގޮތުގަ އެވެ.
ދަންނަ އެވެ! ހައްޤު ތަކާއި، ޙުކުމްތަކާއި އަދި ޝަރުޢު ކުރައްވާފައިވާ އިންތައް ފަހަނައަޅައި ދިއުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ވަރިކޮށްފައިވާ އަންހެން މީހާ، ފިރިމީހާ އެކުގައި އުޅޭ ގެއިން އެ އަންހެން މިހާ ހުތުރުކަން ބޮޑުވެގެންވާ ފާޙިޝް ޢަމަލަކަށް އަރައިގަނެފުމަށް ދާންދެން ގެއިން ނެރެގެން ނުވާނެ އެވެ.
ﷲ ވަޙީޚުރެއްވި އެވެ. (يا أيها النبي إذا طلقتم النساء فطلقوهن لعدتهن وأحصوا العدة واتقوا الله ربكم لا تخرجوهن من بيوتهن ولا يخرجن إلا أن يأتين بفاحشة مبينة وتلك حدود الله ومن يتعد حدود الله فقد ظلم نفسه لا تدري لعل الله يحدث بعد ذلك أمرا)
އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّة ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި اللَّه އަށް، ތިޔަބައިމީހުން تقوى ވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި اللَّه ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ نفس އަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) اللَّه އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެތެވެ.“ [ އައްތަލާޤް – 1 ]
ވުމާއެކު، އަންހެން މީހާގެ ޢާއިލާގެ މީހުންވެސް ފިރިހެން މީހާގެ ގެއިން އަންހެން މީހާ ނެރެގެން ނުވާނެ އެވެ. އަދި އެކަމަށް ބާރު އަޅައިގެންވެސް ނުވާނެ އެވެ.
އަދި ބަޔާންވެގެންވަނީ، ވަރިކޮށް ޢިއްދަ ފުރިހަމަ ކުރާ އަންހެނާ ފިރިހެން މީހާގެ ގޭގައި އުޅެމުންދާނީ ޢަވްރަ ފޮރުވައިގެންވެސް ނޫނެވެ.
އޭގެ ބަދަދުލައި ފިރިހެން މީހާ ޝަޢުޤުވެރިވާނެ، ޝައުޤުވެރި ކުރާނެ ފަދައިން ޒީނަތްތެރިކަން ފާޅު ކުރުމަކީ އެދެވިގެންވާ ކަމެކެވެ.
އެއީ، އެ މީހުންގެ މެދުގައި ވާ ރުޅިވެރިކަން ނެތި ގޮސް އަބުރައި ކައިވެންޏަށް ރުޖޫޢުވުމަށްޓަކަ އެވެ.
ޢިއްދައިގެ ތެރޭގައި ފިރިމީހާ އަނބިމީހާއާ އެކު ޖިމާޢުވެއްޖެނަމަ އެއީ ޒިނޭ ކުރުން ކަމުގައި ނުވާނެ އެވެ.
އެހެނަސް އެއީ އޭގެ ސަބަބުން ކައިވެނި އަނބުރައި ރުޖޫޢަވާނެ ޢަމަލެއް ކަމުގައި ވާނެ އެވެ.
ދަންނަންޖެހެ އެވެ. މިގޮތަށް އެކުގައި އުޅެވޭނީ ޢިއްދައިގެ ތެރޭގަ އެވެ.
ޢިއްދަ ނިމުމަށްފަހު، އަނބިމީހާ ވާނީ އާ އަޤުދަކުން ކައިވެނިކޮށްފުމަށް ދާންދެން ހިލޭ އަންހެނެއްގެ ގޮތުގަ އެވެ.
މާނައަކީ : ޢިއްދަ ނިމުމާއެކު އަންހެން މީހާ ބަދަލުވާނީ އެ ވަރިކުރި ފިރހެން މީހާއަށް ހިލޭ އަންހެނަކަށެވެ. އެއްވެސް ގުޅުމެއް، ވާހަކަ ދެއްކުން އެއްވެސް ޒީނަތެއް ފާޅުކުރުން، އެއީ އެކްސް-ވައިފް އޭ ކިޔައި މެސެޖްކުރުން.. މިފަދަ އެންމެހައި ޢަމަލުތަކަކީ، ޝައްކެތްވެސް ނުވާ ގޮތުގައި ހުއްދަވެގެންނުވާނެ ކަންތައްތަކެވެ.
އަދި ބޮޑުވެގެންވާ ބާއިން ވަރިއަކުން ވަރިވެއްޖެހިނދު، މިޘާލަކަށް 3ފަށް ވަރިއަކުން ވަރިކޮށްފިނަމަ، ފިރހެން މީހާގެ މައްޗަށް އަންހެން މީހާ ހަރާމްވާނެ އެވެ. މިފަދަ ވަރިއަކީ، އެވަރިކުރުމުގެ ވަޤުތުން ފަށައިގެން އަންހެން މީހާ ވަރިކުރި ފިރިހެން މީހާއަށް ހިލޭ އަންހެނަކަށް ބަދަލުވާނެ ސިފައެއް ކަމުގައިވެ އެވެ.
ފަށްކެނޑުމުގެ ޤަޞްދެއްނެތި، އެހެން ފިރިއަކާއި ކައިވެނީ ކުރުމަށް، ދިރިއުޅުމެއް އުޅުމުގެ ޤަޞްދުގައި ކައިވެނި ކުރުމަށްފަހު، އެ ކައިވެނި ރޫޅި، އަދި އެ ފިރިހެން މީހާގެ ޢިއްދަ ނިމުމުން، މެނުވީ ފަށްވި ފިރިހެން މީހާއާއި އެއަންހެން މީހާއަށް ކައިވެންޏެއް ނުކުރެވޭނެ އެވެ.
ވުމުން، ރުޖޫޢަކުރެވޭ ވަރިއެއްގައި ވަރިވެފައިވާ އަންހެނާ، ރުޖޫޢު ކުރެވޭނެ ދެ ސިފައެއްވެ އެވެ.
އެއްގޮތަކީ ވަރިކޮށްފައިވާ އަނބިމީހާއާ ޖިމާޢުވީ އެވެ.
ނުވަތަ ފިރިހެން މީހާ އޭނާ ވަރިކުރި އަނބިމީހާ ރުޖޫޢުކޮށްފި ކަމުގައި ބުނުމެވެ.
މި ދެސިފައިގައި ރުޖޫޢު ކުރެވޭނެކަން ބަޔާން ކުރައްވާ ޢިލްމުވެރިން ދެއްވާފައިވާ ފަތުވާތަކުގެ ތެރެއިން ފަތުވާއެއް މިތަނުގައި ބަޔާން ކުރަމެވެ.
ކައިވެނި ކޮށް ރަޖުޢީ ވަރިއަކުން ވަރިކޮށްފައިވާ އަންހެނާއާ (ޢިއްދައިގެ މުއްދަތުގައި) އެއްދާންކޮށްފިނަމަ -ޖިމާޢު- ވެއްޖެނަމަ ކައިވެނި ރުޖޫޢުވުމުގެ މައްޗަށް ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަލް-އިމާމް އަލް-ޢައްލާމާ عبد العَزِيز بن باز -رحمه الله- – ވިދާޅުވެފައިވެ އެވެ.
ސުވާލު : މީހަކު ސުވާލުކޮށް ބުނެ އެވެ. އޭނާގެ އަނބިމީހާ ވަރިކޮށް، އަދި ވަރިކުރިކަން އަނބިމީހާއަށް ނާންގަ އެވެ. އަދި ވަރިކުރުމަށްފަހު، ވަރިކުރި އަނބިމީހާއާ ޖިމާޢުވި އެވެ. އެއަށްފަހު ވަރިކުރިއަންހެނުން އަންހެނުންގެ ބައްޕަގެ ގެއަށް ފޮނުވާލި އެވެ. އެއަށްފަހު (ފިރިމީހާ) އޭނާ ވަޒީފާ އަދާކުރާތަނަށް ފުރައިގެން ދިޔައީ އެވެ. އަދި އެއަށްފަހު ވަރިކުރި އަންހެނުންނަށް ފޯނުން ގުޅައި ކައިވެނި ރުޖޫޢަ ކުރި އެވެ. އެހެނަސް މިއަދާ ހަމައަށްވެސް ރުޖޫޢަ ކުރިކަން ލިޔުމުން ފެންނާކަށްނެތެވެ. އެ އަންހެންމީހާ އުޅެނީ ފިރިމީހާގެ ގޭގަ އެވެ. މިހާލަތުގައި ވަރިކުރި އަނބިމީހާ ގާތަށް އައުމަށްފަހު އެ އަންހެންމީހާއާ ޖިމާޢުވުން ހުއްދަވާނެ ހެއްޔެވެ؟ އެއީ އޭގެ ކުރިން ރުޖޫޢަކުރިކަން ލިޔެފައި ނެތީމަ އެވެ.
ޖަވާބު : ފަހެ، އެ އަންހެންމީހާ ވަރިކުރީ އެއް ވަރިން (ފުރަތަމަ ވަރި) ކަމުގައިވުމުން، އަދި އޭގެ ކުރިން ވަރިކޮށްފައިނުވާތީވެ، ތިބާއަށް އެ އަންހެންމީހާ ރުޖޫޢަކުރުން ހުއްދަވާނެ އެވެ. އަދި އެ އަންހެނުންނާ ޖިމާޢު ވުމަކީ، އަންހެން މީހާ ރުޖޫޢަ ކުރުން ކަމަށް ފުދޭނެ އެވެ. އެހެނަސް އޭގައި އެންމެ ހެޔޮވެގެންވާ ގޮތަކީ ޖިމާޢުވާހިނދު، ރުޖޫޢަ ކުރުމުގެ ނިޔަތުގައި ޖިމާޢު ވުމެވެ. އެ އަންހެނާއަކީ މިހާރު ތިބާގެ އަތްބެކެވެ. އަދި ތިބާ ރުޖޫޢު ކުރިކަން ހެކިކޮށްފި ހިނދު (ހެކިވެރިން ގޮތުގައި ބަޔަކު ތިއްބައި އެބައިމީހުން ހެކިކޮށް) ރުޖޫޢަކޮށްފިނަމަ އެއީ އެއަށްވުރެ ހެޔޮވެގެންވާ ގޮތެކެވެ. އެހެނަސް އިންސާނަކު ރުޖޫޢަ ކުރުމުގެ ނިޔަތުގައި ވަރިކޮށްފައިވާ އަންހެނުންނާ ޖިމާޢުވެއްޖެހިނދު އެއީ ރުޖޫޢަކުރުން ކަމުގައިވާނެ އެވެ. އަދި އެއީ ރުޖޫޢަކުރުން ކަމަށް ފުދޭނެ އެވެ. الحمد لله އެވެ. އެއީ މިހާރު ތިބާގެ އަތްބެވެ. އެއްފަހަރު ވަރިކުރުމުން އަދި ބާކީ ދެވަރި އޮންނާނެ އެވެ. އެހެނަސް ކުރިން ދެފަހަރަށް ވަރިކޮށްފައިވެ، މިއީ ތިންވަނަ ފަހަކު ކަމުގައިވި ހިނދު، އެ އަންހެން މީހާ ރުޖޫޢައެއް ނުކުރެވޭނެ އެވެ. އެހެން ފިރިހެނަކާ ޝަރުޢީ ކައިވެންޏެއް ކޮށް ވަރިވުމަށްފަހުގަ އެވެ.
ފަތުވާ ނަގާފައިވަނީ : فتاوى نور على الدرب 3-1794
މައުޟޫ ސާފުކޮށް އޮޅުން ފިލައިފި ކަމަށް އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.