ޚުޠުބާ ކިޔާ އިމާމް ނޫން އެހެން މީހަކު ހުކުރު ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޚުޠުބާ ކިޔާ އިމާމް ނޫން އެހެން މީހަކު ހުކުރު ނަމާދު ކުރުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ އަދި ދެކެވަޑައިގަންނަވަނީ، ޚުޠުބާ ދޭ މީހާ ހުކުރު ނަމާދު އިމާމްވެ ކުރުން އެއީ ސުންނަތްވެގެންވާ ގޮތެވެ. ސަބަބަކީ، އެ ގޮތަކީ އެއީ ނަބިއްޔާ صلى الله عليه وسلم އަރިހުން ޘާބިތުވެގެންވާ ގޮތެވެ.

އަދި އެއީ ނަބިއްޔާއަށް ފަހުގައި ވަޑައިގެންނެވި އެންމެހައި ޚުލަފާއުއް ރާޝިދޫންގެ ޢަމަލުފުޅަކީވެސް އެފަދަ އެވެ. ވުމުން މިފަދައިން މުސްތަޙައްބުވެގެންވެ އެވެ.

المالكية ދެކެވަޑައިގަންނަވަނީ އުޛުވެރި ޙާލަތެއް މެދުވެރި ނުވާ ހިނދެއްގައި ޚުތުބާ ދޭ މީހާ ހުކުރު ނަމާދު ޤާއިމްކުރުން ވާޖިބުވެގެންވެ އެވެ.

الإمام العلامة ابن بَاز-رحمه الله- ވިދާޅުވެފައިވެ އެވެ. ”ހެޔޮކަން ބޮޑުވެގެންވާ ގޮތަކީ، ޚުޠުބާދޭ ފަރާތް ނަމާދު އިމާމްވެ ކުރުމެވެ. މިއީ އެގޮތަށް ކުރުމަށް ދަތި ކަމެއް ކަމުގައި ނުވާނަމަ އެންމެ ފުރިހަމަ ވެގެންވާ ގޮތެވެ. އެއީ ނަބިއްޔާ صلى الله عليه وسلم އަދި އޭގެ ފަހުން ވަޑައިގެންނެވި ޚުލަފާއުއް ރާޝިދޫން އެފަދައިން ޢަމަލުފުޅު ކުރައްވާފައިވުމުންނެވެ.“

މި މައްސަލައިގައި މިއަދު މަދީނާގައި ތިއްބެވި ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ޑރ. الشيخ عَرَفَات بن حَسن المحمدي -حفظه الله- އަރިހުގައި ސުވާލު ކުރީމެވެ.

ޝެއިޚް އެވެ. މިއީ އަލަށް ފެނުނު ކަމެކެވެ. އެއީ ހުކުރު ޚުޠުބާ ދިން ފަރާތް ނޫން މީހަކު ހުކުރު ނަމާދު ޤާއިމް ކުރުމެވެ. މި ޢަމަލުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބުގައި ވިދާޅުވި އެވެ. ”ޚުޠުބާ ދޭ ފަރާތް ނޫން ފަރާތެއް ހުކުރު ނަމާދު ޤާއިމް ކުރި ކަމުގައިވީނަމަވެސް އެބައިމީހުންގެ ހުކުރު ނަމާދު ޞައްޙަވާނެ އެވެ. އެހެނަސް އަޥްލާވެގެންވާ އަދި ފުރިހަމަ ވެގެންވާ ގޮތް އެހިނދު އެވަނީ ދޫކޮށްލެވިފަ އެވެ. ހުކުރު ނަމާދު ޤާއިމްކުރުން އޮތީ ޚުޠުބާ ދޭ ފަރާތުންނެވެ.“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts