ޑިއުޓީކުރާ ވަޤުތު ތަކުގައި ނަމާދު ވަޤުތު ދިމާވާ ފަރާތްތައް ޢަމަލުކުރާނީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޑިއުޓީކުރާ ވަޤުތު ތަކުގައި ނަމާދު ވަޤުތު ދިމާވާ ފަރާތްތައް ޢަމަލު ކުރާނެ ގޮތާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
މިކަމުގައި ތަފްޞީލުތަކެއްވެ އެވެ. އަދި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކެއްވެސް ވެ އެވެ.
އެގޮތުން، ކޮންމެހެންވެސް އެތަންތަނުގައި ޑިއުޓީ ބެލެހެއްޓުމަށް ނުވަތަ ފާރަވެރިވެރިންގެ ގޮތުގައި ބަޔަކު ތިބެން ޟަރޫރީވެގެންވާ ތަންތަންވެ އެވެ.
ސަބަބަކީ، އެބަޔަކު އެތަނުގައި ނުތިބެ އަދި ކަމެއް ހިނގައިފިހިނދު، އޭގެ ނުރައްކާ އެތައްގުނަތަކަށް އަދި އެތައް ބަޔަކަށް ފޯރާނެ ކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ.
އޭގެ ތެރޭގައި ޢިމާރަތްތަކާއި މުދަލާއި، ހަށި ފާރަވެރިންގެ ގޮތުގައި ޑިއުޓީ އަދާ ކުރާ ފަރާތްތަކެވެ.
މިތަނުގައި މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عبد العَزِيز بن عبد الله بن بَاز -رحمه الله- ވިދާޅުވެފައިވާ ފަތުވާއެއް ބަޔާން ކުރަމެވެ.
ސުވާލު : ސިފައިންގެ މީހަކު މަސައްކަތުގެ ވަގުތުގައި ހުކުރު އަދި ޖަމާޢަތްވޭތޯ އެވެ؟
ޖަވާބު : ”މީގައި ތަފްސީލްވެއެވެ. ސިފައިންގެ މީހާއަކީ ދަވްލަތުގެ އެއްޗެއްގެ ބެލެހެއްޓުންތެރިއެއް (އެއްޗެއް ބެލެހެއްޓުމުގައި ފާރައަށް ހުންނަ ފަރާތެއްކަމުގައިވެ)، އެގޮތުން ޖަލު ބެލެހެއްޓުންތެރިއެއް ނުވަތަ އެ މުދަލެއްގެ މައްޗަށް ބަޔަކު އަރައިގަނެފާނެ ކަމުގެ މައްޗަށް ބިރުހީވޭ މުދާތަކެއް، ނުވަތަ އެ ބިނާއަކަށް ގެއްލުންދީފާނެ ކަމުގެ މައްޗަށް ބިރުއޮތް ބިނާތަކުގެ ތެރެއިން ބިނާއެއް ބެލެހެއްޓުމުގައި ފާރަވެރިއެއްގެ ގޮތުގައި ހުންނަފަރާތަށް ޖަމާޢަތެއް އަދި ހުކުރެއް ނުވެ އެވެ. އެހެނަސް އެކަނި ނަމާދު ކުރުންހުއްޓެެވެ.
އެއާއި ޚިލާފަށް ސިފައިންގެ މިހަކީ އެއްވެސް ގޮތަކަށް ފާރަވެރިއެއްގެ ޙާލުގައިހުންނަ ފަރާތެއް ކަމުގައިނުވެ އެވެ. ނުވަތަ ބަލި މީހެއް ކަމުގައި ނުވާނަމަ އޭނާއަށްވެސް އޮތީ އެހެން މީސްތަކުންނަށް ބަޔާންވެގެންވާ ޙުކުމެވެ. (ހުކުރު އަދި ޖަމާޢަތުގައި ނަމާދު ކުރުމެވެ.) ސިފައިންގެ މީހަކަށްވީތީ (އެ ސަބަބަކީ އެއީ ޖަމާޢަތް ދޫކުރުމަށް އޮތް ސަބަބެއް ނޫނެވެ.)
ސިފައިންގެ މީހާ އެހެންމީސްތަކުންނާއި އެއްފަދައެވެ. ހަމައެކަނި ޝަރުޢީ ޢުޒުރާ ލައިގެން މެނުވީއެވެ. ބަލިޙާލުގައިވުމެވެ. ނުވަތަ ހުކުރަށް އަދި ޖަމާޢަތުގައި ނަމާދުކުރުމަށް ނުކުމެއްޖެހިނދު ބިރުވެރިކަމެއް އޮތުމެވެ. ނުވަތަ ޖަމާޢަތަށް ނުވަތަ ހުކުރަށް ދިއުމުން، ގެއްލުމެއް ލިބިދާނެ މުދަލެއްގެ ބެލެހެއްޓުމަށް ފާރަވެރިއެއްގެ ގޮތުގައިވާ މީހެކެވެ. އެގޮތުން ޖަލުގެ ދޮރު ފާރަވެރިޔާ، ނުވަތަ އެނާގެ ބެލުމުގެދަށުގައި ހުރި މުދާ، އެއަށް ގެއްލުމެއްލިބިދާނެކަމަށް ބިރުވެތިވާ ތަކެތި ބެލެހެއްޓުމުގައި ވުމެވެ. ނުވަތަ މިނޫންވެސް މިފަދަ އެއްގޮތްކަންތަކަކީ ޢުޒުރެވެ.“ (ފަތުވާ ނިމުނީ އެވެ.)
އިސްވެ ބަޔާން ކުރެވުނު ފަތުވާއިން އަދި އެހެނިހެން ޢިލްމުވެރިންނާއި އިމާމުންގެ ބަސްފުޅުން ނުކުތާ ތަކެއް ނެގެ އެވެ.
ފުރަތަމައީ : އެ ފަރާތެއް ޑިއުޓީ އަދާކުރުމުގައިވާ ތަނަކީ ނުވަތަ މުދަލަކީ އެފަދަ ބިރުވެރި ކަމެއް އޮތް ތަނެއްގެ ގޮތުގައ ވުމެވެ. މިޘާލަކަށް އިންޖީނުގެ، ފެން އުފައްދާ ތަން ފަދަ ތަންތަނެވެ. ނުވަތަ ހުއްޓުމެއްނެތި ޢާންމު ޚޮދުމަތްދޭ ތަންތަން ކަމުގައިވުމެވެ.
ދެވަނައީ : ނަމާދުގެ ވަޤުތު ކޮންމެހެންވެސް ބޭނުންވާ މިންވަރަށް ޑިއުޓީގައި ތިބުމަށްފަހު އެހެން ފަރާތްތަކުން ނަމާދަށް ޙާޟިރުވުމެވެ. މިޘާލަކަށް 10 މުޥައްޒފެއް އެ ވަޤުތުގައި ތިބެ އެވެ. އެހެނަސް 4 މީހަކު ތިބެއްޖެހިނދު ޝަރޫރީ މިންވަރު އަދާކުރުމަށް ފުދެ އެވެ. ވުމުން، ތިބެން ލާޒިމް ކުރުވާނެ އެންމެ މަދު ޢަދަދެއް ނަމާދުގެ އެ ކުޑަ ވަޤުތަށް މިސްކިތައް ޙާޟިރުވެ ޟަރޫރީކޮށް ބޭނުން ޖެހޭ މިންވަރަށް ޑިއުޓީ އަދާ ކުރާނީ އެވެ.
ތިންވަނައީ : ފިރިހެނުންގެ ޙައްޤުގައި ފަރުޟު ނަމާދު ކުރުންވަނީ ޖަމާޢަތުގަ އެވެ. ފަހެ، ޢުޛުރުވެރި ޙާލަތުގައިވާ ފަރާތްތައް، އެބަހީ އެތަނުގައި 4 މީހަކު ޚިދުމަތް ދިނުމަށްތިބީ އެވެ. ފަހެ، މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރި މީހުން އަނބުރައި އައުމުން، ޑިއުޓީ އަދާކުރުމުގައިވި 4 މީހުން ޑިއުޓީގެ މަސައްކަތް އަނބުރައި އައި މީހުންނާ ޙަވާލުކޮށް އެ 4 މީހުން ޖަމާޢަތުގައި ނަމާދު ކުރާނީ އެވެ. ފަހެ، ޖަމާޢަތުގައި ނަމާދު ކުރުމަށް ބާރުއަޅަންޖެހޭނެ އެވެ.
ތިންވަނައީ : ޑިއުޓީ ތައްޔާރު ކުރުމުގައި އަބަދު އެއްބަޔަކު ޖަމާޢަތް ދޫކުރާ ގޮތަށް ނުހެދުމެވެ. އޭގެ ބަދަލުގައި ޖަމާޢަތް އަބަދު އެއްބަޔަކަށް ފާއިތު ނުވާގޮތަށް ޢަމަލު ކުރުމެވެ.
އަދި އެއީ ހުކުރު ނަމާދު ކަމުގައިވާނަމަ އެއް ހަފްތާގައި ތިބެންޖެހޭ ފަރާތްތައް ފިޔަފައި އެހެން ބަޔަކު އަނެއް ހުކުރުގައި ތިބުމެވެ. މިފަދައިން އިންތިޒާމު ކުރުންވެ އެވެ. ސަބަބަކީ، ހުކުރު ނަމާދު ދޫކޮށްލުން އެއީ ކުޑަ ޢަމަލެއް ކަމުގައިނުވެ، ޟަރޫރީ ޙާލަތުގައި މެނުވީ ދޫކޮށްލައިގެން ނުވުމެވެ. ޑިއުޓީގައި ހުރުމަށް ޟަރޫރީވާ ތަންތަނުގައިވެސް އެއްބަޔަކު ތަކުރާރުކޮށް ހުކުރު ދޫކޮށްލަން ޖެހޭނަމަ ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވަނީ އެ ވަޒީފާތައް ދޫކޮށްލުމަށް ނަޞޭޙަތްތެރިވެފައިވާ ތަނެވެ. ސަބަބަކީ އެކަމުގެ ނުރައްކާ ބޮޑުވެފައި ވުމެވެ.
މި މައުޟޫގެ މައްޗަށް ގިނަ ޙަދީޘްތަކެއް ވާރިދުވެގެންވެ އެވެ. އޭގެ ތެރޭގައި ޞަޙާބީ أبي الْجَعْدِ الضَّمْرِيِّ -رضي الله عنه- ގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. ( مَنْ تَرَكَ ثَلَاثَ جُمَعٍ تَهَاوُنًا بِهَا طَبَعَ اللَّهُ عَلَى قَلْبِهِ ) ”އެމީހެއްގެ ފަރުވާކުޑަ ކުރުމާއިއެކު 3 ހުކުރު އަޅައިފިމީހާގެ ހިތުގައި ﷲ ސިއްކަޖެއްސެވެވެ.“ މި ޙަދީޘް ގިނަ މުޙައްދިޘުންތަކެއް ރިވާ ކޮށްފައިވެ އެވެ. أبو داود (1052) الترمذي (500) النسائي (1369) އަދި މި ޙަދީޘްއަކީ ޞައްޙަ ޙަދީޘެއްގެ ގޮތުގައި އިމާމް الألباني ، صحيح الجامع ގައި ޛިކުރު ކުރެއްވި އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.